އެޗް.ބީ.އޯ އިން އާންމުކޮށްފައިވާ ‘ބެހައިންޑް ދަ ސީންސް’ މަންޒަރުތަކުން އެނގޭ ގޮތުގައި، ސީޒަން 3 ގެ މި ބޮޑު ހަނގުރާމަ ފިލްމުކުރުމަށްޓަކައި ލީވްސްޑަން ސްޓޫޑިއޯގައި އަސްލު ސައިޒުގެ ދެ އުޅަނދާއި، ހާއްސަކޮށް ފަރުމާކޮށްފައިވާ ދެ ފެންގަނޑު (ޓޭންކް) ވަނީ ތައްޔާރުކޮށްފައެވެ. މި މަސައްކަތުގެ ފުޅާ ދާއިރާއަކީ އާދަޔާ ހިލާފު ކަމެކެވެ.
މީގެ ކުރިން ދެއްކި ‘ގޭމް އޮފް ތްރޯންސް’ އެކޭ އެއްފަދައިން، ‘ހައުސް އޮފް ދަ ޑްރެގަން’ ގައި ވެސް ބައެއް ކަންކަން ފުރިހަމަ ނުވި ނަމަވެސް، ބޮޑު ހަނގުރާމައެއްގެ މަންޒަރުތައް ކުޅޭއިރު އެއީ އެންމެ ފުރިހަމަ އަދި ކާމިޔާބު މަންޒަރުތަކަށް ވެގެންދެއެވެ. ސީޒަން 3ގެ ފުރަތަމަ އެޕިސޯޑުގެ ބޮޑު ބައެއް ހިއްސާކުރާ ‘ބެޓްލް އޮފް ދަ ގަލެޓް’ އަކީ ‘ގޭމް އޮފް ތްރޯންސް’ ގެ ‘ދަ ލޯންގް ނައިޓް’ އަށް ފަހު ޓީވީ ސްކްރީނުން ފެނިގެންދާ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ހަނގުރާމައެވެ.
މި ހަނގުރާމައިގެ މަންޒަރުތައް ފިލްމުކޮށްފައިވަނީ ދުވާލުގެ އަލީގައެވެ. ނަމަވެސް، މީގައި ހުރި ގޮންޖެހުމަކީ ހަނގުރާމަ ކަނޑުމަތީގައި ހިނގުމެވެ. މި މަންޒަރުތައް ނެގުމަށް ކުރި ބުރަ މަސައްކަތުގެ ވީޑިއޯ އެޗް.ބީ.އޯ އިން މިހާރު ވަނީ އާންމުކޮށްފައެވެ.
ވީ.އެފް.އެކްސް އާއި މަންޒަރުތައް ތަރުތީބުކުރުން
މި ހަނގުރާމަ ބެހިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ޖަކޭރިސް، ބައޭލާ އަދި ރައޭނާ ޑްރެގަންތަކުގެ މަތީގައި އުޅޭ މަންޒަރުތަކާއި، ކަނޑުމަތީގައި އޭލިން އާއި ކޯލިސް އެއްފަރާތުން އަދި ޓްރައިއާކީގެ ލޯހާރާއި ޓައިލެންޑް އަނެއް ފަރާތުން ކުރިމަތިލާ މަންޒަރުތަކެވެ. ވީ.އެފް.އެކްސް ޕްރޮޑިއުސަރު ތޯމަސް ހޯޓަން ބުނި ގޮތުގައި، މި ތަފާތު މަންޒަރުތައް އެކުލަވާލުމަށްޓަކައި ފިލްމުކުރުމުގެ މާ ކުރިން ޑްރެގަންތަކާއި އުޅަނދުތަކުގެ ހަރަކާތްތައް ވަނީ އެޑިޓަރުންނާ އެކު ރާވާފައެވެ.

އަމަލީ ގޮތުން ކުރެވުނު ބޮޑެތި މަސައްކަތްތައް
މި މަންޒަރުތަކުގައި ހަމައެކަނި ވީ.އެފް.އެކްސް ބޭނުންކުރުމުގެ ބަދަލުގައި، އަސްލު އުޅަނދުތަކާއި ސެޓުތައް ބޭނުންކޮށްގެން ކުރި މަސައްކަތް ބޮޑެވެ. ޕްރޮޑަކްޝަން ޑިޒައިނަރު ކެވިން ޑި ލާ ނޯއީ ވަނީ ޖޭމްސް ކެމަރަންގެ ‘ޓައިޓޭނިކް’ ފިލްމުގައި މަސައްކަތްކުރި ތަޖުރިބާގެ ބޭނުން ހިފާފައެވެ. އޭނާ ހުށަހެޅީ އިނގިރޭސިވިލާތުގެ ލީވްސްޑަން ސްޓޫޑިއޯގައި ދެ ބޮޑު ފެންގަނޑު ނުވަތަ ޓޭންކް ހެދުމަށެވެ.
އެޕިސޯޑުގެ ޑައިރެކްޓަރު ލޯނީ ޕެރިސްޓޭރީ ފުރަތަމަ މިކަމާ ސުވާލު އުފެއްދި ނަމަވެސް، ކެވިންގެ ތަޖުރިބާއަށް އިތުބާރުކޮށް އެކަން ކުރިއަށް ގެންދިޔައެވެ. މި މަސައްކަތުގެ ބިންގާ އެޅުނީ ސީޒަން 2 ނިމުނު ހިސާބުންނެވެ. ތިން މިލިއަން ލީޓަރުގެ ފެން އެޅޭ ވަރުގެ ބޮޑު ވަޅެއް ކޮނެ، އުޅަނދުތައް ހަރަކާތްކުރާނެ ހާއްސަ މެޝިނަރީތައް އޭގައި ހަރުކުރެވުނެވެ.
ދެ ޓޭންކެއްގެ ބޭނުން

މި މަސައްކަތަށް ދެ ވައްތަރެއްގެ ޓޭންކް ބޭނުންކުރެވުނެވެ. އެއީ ހިކި ޓޭންކަކާއި ފެން އެޅި ޓޭންކެކެވެ. ހިކި ޓޭންކުގައި ހުރި އުޅަނދަކީ 38 މީޓަރު (125 ފޫޓު) ދިގު ‘ދަ ކުއީން ދެޓް ނެވަރ ވޯޒް’ އެވެ. މި އުޅަނދު މެޝިނެއްގެ އެހީގައި ކަނޑުމަތީގައި އުޅަނދެއް ތަޅުވާލާ ފަދައިން ހަރަކާތްކުރެއެވެ. މި އުޅަނދު މަތީގައި އެއްފަހަރާ 115 އެކްޓަރުންނާއި ކުރޫއިން ތިބެގެން މަންޒަރުތައް ނަގާފައިވެއެވެ.
މީގެ އިތުރުން، މި ޓޭންކުގައި ވަނީ ވަރަށް ނުރައްކާތެރި ސްޓަންޓެއް ވެސް ޖައްސާފައެވެ. އެއީ އުޅަނދުގެ ޑެކް މަތީގައި އެއްފަހަރާ 10 މީހުންގެ ގައިގައި އަލިފާން ރޯކޮށްލައިގެން ނެގި މަންޒަރެކެވެ.
އެކްޓަރުން ފެނުގެ ތެރޭގައި އުޅެންޖެހޭ މަންޒަރުތަކަށް ދެވަނަ ޓޭންކް ބޭނުންކުރެވުނެވެ. މި ޓޭންކަށް ފެން އެޅުމަށް ދެ ގަޑިއިރާއި ބައި ހޭދަވާއިރު، ދުވާލަކު ދެ ފަހަރު ފެން ބަދަލުކުރެއެވެ. އެއީ ގާތްގަނޑަކަށް އޮލިމްޕިކް ސައިޒުގެ 2.5 ފަތާ ފެންގަނޑުގެ ފެނެވެ.
މި ފެންގަނޑު ތެރޭގައި ދެ އުޅަނދެއް ބޭނުންކުރެވުނެވެ. އެއީ ‘ދަ ކުއީން ދެޓް ނެވަރ ވޯޒް’ (މީގެ ދެބައިކުޅަ އެއްބައި) އަދި ޓްރައިއާކީގެ އުޅަނދު ‘ދަ ބިޗްފިސްޓް’ އެވެ. މި ދެ އުޅަނދު އެކަތި އަނެކައްޗާ މުޑިއެރުމުގެ މަންޒަރުތައް ފެންނަނީ މި ދެ އުޅަނދު ވަކިވަކިން ހަރަކާތްކުރާ ގޮތަށް ފަރުމާކޮށްފައި ހުރުމުންނެވެ.
ޖަކޭރިސް ވެލޭރިއަން މަރުވާ މަންޒަރު ފިލްމުކުރުމަށްޓަކައި ހާއްސަ ތިންވަނަ އާލާތެއް ބޭނުންކުރެވުނެވެ. އެކްޓަރު ހެރީ ކޮލެޓް ޑްރެގަންގެ މަތީގައި އިންދާ ފެނުގެ އަޑިއަށް ދާ މަންޒަރު ނެގުމަށް އޭނާ ހަ ފަހަރަށް ފެނު އަޑިއަށް ފެއްތި ކަމަށް ޑައިރެކްޓަރު ބުންޏެވެ. ހެރީގެ މި ހިތްވަރަށް ޑައިރެކްޓަރު ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ވެސްޓަރޯސްގައި ގިނަ މަރުތަކެއް ފެނިގެންދާއިރު، މިއީ އެންމެ ފާހަގަކޮށްލެވޭ އެއް މަރު ކަމަށް އޭނާ ބުންޏެވެ.
