ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ފަސްވަނަ މެޗުން ލިއޯ އެފްސީ މޮޅުވިއިރު، ހަވަނަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން އެރީނާ މޯލްޑިވްސް ބަލިވެއްޖެ އެވެ. މި މުބާރާތުގެ ހަ މެޗު ރޭގައި ވަނީ ކުޅެފަ އެވެ. ރޭގައި ކުޅެވުނު މެޗުތަކުގެ ތެރެއިން ފަސްވަނަ މެޗާއި ހަވަނަ މެޗަށް ބަލާލާއިރު:
މެޗު 5
ފަސްވަނަ މެޗުގައި ބައްދަލުކުރީ އެސްބީއައި އާއި ލިއޯ އެފްސީ އެވެ. މިއީ ގުރޫޕް ސީގެ މެޗެކެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އެސްބީއައި ނަމަވެސް، މަޑުމަޑުން ކުޅުން ރަނގަޅުކޮށް ލިއޯ އެފްސީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ގިނަ ވަގުތު މޮޅަށް ކުޅުނީ ލިއޯ އެފްސީ އެވެ. ލަނޑު ޖަހަން ދެ ޓީމަށް ވެސް ފުރުސަތުތައް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ލިއޯ އެފްސީ އެވެ. މެޗުގެ ހަތްވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ޔަފާއު އެވެ. އޭރިޔާ ބޭރުން ޔަފާއު ފޮނުވާލި ބޯޅަ އެސްބީއައިގެ ގޯލުގެ ތެރެއަށް ވަނީ ލިއޯ އެފްސީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އެސްބީއައިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތުތައް އެ ޓީމަށް ވަނީ ލިބިފަ އެވެ.
ދެވަނަ ހާފުގައި ރަނގަޅަށް ކުޅުނީ ލިއޯ އެފްސީ އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އެސްބީއައިއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް، މުޙައްމަދު ޔަފާއު ވަނީ ލިއޯ އެފްސީގެ ލީޑު ފުޅާކޮށްދީފަ އެވެ. ޔަފާއު މި ލަނޑު ޖެހީ ލިއޯ އެފްސީގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި އެސްބީއައި ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅަ ހޯދައި ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. ލިއޯ އެފްސީން އުފެއްދި ހަމަލާއެއް ހުއްޓުވައި ކައުންޓާރ އެޓޭކަށް އަރައި އެސްބީއައިއިން ނަތީޖާގެ ފަރަގު ކުޑަކުރީ 27 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަބްދުﷲ ތަހުސީން އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިއޯ އެފްސީން ހޯދި މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އަނޫފް އެވެ.
3-1 އިން ލިއޯ އެފްސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމަށް ދެ ލަނޑު ޖަހައިދިން މުޙައްމަދު ޔަފާއު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ޔަފާއު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މެޗު 6
ހަވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ކ. މާފުށީ އެރީނާ ހޮޓެލް އާއި ސިލްވަރ ސޭންޑްސް އެވެ. މިއީ ގުރޫފް ޑީގެ ފުރަތަމަ މެޗެވެ.
ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެންނާނެކަމަށް ބެލެވުނު މި މެޗު ވެގެން ދިޔައީ ގުރޫޕް ސްޓޭޖްގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެއް މެޗަށެވެ. ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން ނުކުތް އެރީނާގެ ފަރާތުން މި މެޗުގައި ފެނުނީ އެންމެ ފަހުގެ މުބާރާތުގައި ވެސް އެ ޓީމުގެ ފަރާތުން ފެނުނު މޮޅު ކުޅުމެވެ. އެރީނާގެ މޮޅު ކުޅުމަށް ސަމާލުކަންދީ ފަހަތަށް ބޮޑު އިސްކަމެއް ދީގެން ކުޅެމުންދިޔަ ސިލްވަރ ސޭންޑްގެ ފަރާތުން ވެސް މި މެޗުގައި ފެނުނީ މޮޅު ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ފަނަރަ މިނިޓް ދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.
މިދިޔަ އަހަރަށްވުރެ ރަނގަޅު ސްކޮޑަކާއިއެކު މިއަހަރު މުބާރާތަށް ނުކުތް ސިލްވަރ ސޭންޑްސްއިން މެޗުގެ ލީޑު ނެގީ 16 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ނާއިސް އަޙްމަދު ވަހީދެވެ. ނާއިސް މި ލަނޑު ކާމިޔާބުކޮށްދިނީ ކައުންޓާރ އެޓޭކެއްގައި އޭނާއަށް ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް އަރައި އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނީ އެރީނާ އަށެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފު ވެސް ނިމުނީ ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުކުރެވި އެވެ.
1-0 އިން ސިލްވަރ ސޭންޑްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ސަމޫޚް ރާމިޒެވެ.
