ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާއެނބޫދޫ ޗެމްޕިއަންކަން ހޯދައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ދ. އަތޮޅުގެ ޗެމްޕިއަންކަން މާއެނބޫދޫ ހޯދައިފި އެވެ.

ދ. އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައި ވަނީ ކުޑަހުވަދޫ އާއި މާއެނބޫދޫ އެކަންޏެވެ. ދެ ރަށުން ބައިވެރިވެފައި ވާތީ މި އަތޮޅު މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. އެއީ އަތޮޅުގެ ޗެމްޕިއަނުން ކަނޑައެޅުމަށް ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗު އެކަންޏެވެ.

މި މެޗު ކުޅުނީ ކުޑަހުވަދޫގަ އެވެ. އަތޮޅު ފުޓްބޯޅައިގައި ވިދުންގަދަ ކުޑަހުވަދޫ އާއި މާއެނބޫދޫ ބައްދަލުކުރި މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ މާއެނބޫދޫން ނެވެ. މެޗުގެ ކުރީކޮޅު ކުޑަހުވަދޫން ރަނގަޅު ދެ ފުރުސަތެއް ހޯދި ނަމަވެސް، އެއިން އެއްވެސް ފުރުސަތެއް ގޯލާއި އަމާޒުކޮށްލެވޭ ގޮތެއް ނުވި އެވެ. ދޭތެރެއަކުން ކުޅުން ރަނގަޅުކުރި މާއެނބޫދޫން މެޗުގެ ކޮންޓްރޯލް ހޯދީ ހާފުގެ މެދަކާއި ހިސާބުން ނެވެ.

ލަނޑު ޖަހާނެ ފުރުސަތު މެޗުގެ ކުރީކޮޅު ދެ ޓީމަށް ވެސް ލިބުނެވެ. ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން ހިފައި މާއެނބޫދޫން ވަނީ 14 ވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. އަޙްމަދު ލަޔާން މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ހުސްކޮށްހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ކުޑަހުވަދޫއަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް މި ހާފު ނިމުނީ، ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މިވެސް ކިޔާލަން:  ހަބޭސްގެ މަދަހަ އަލްބަމް "ހަސްތީ" މިފަހަރު ސްކޫލްތަކާއި ގުޅިގެން!

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ މާއެނބޫދޫ އެވެ. ހާފުގެ ކުރީކޮޅު އެ ޓީމުން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ޝައިހާން އެވެ. ޝައިހާން މި ލަނޑު ޖަހާފައިވަނީ މާއެނބޫދޫ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން އެ ޓީމުގެ ކުޅުންތެރިއަކު ކުރިޔަށް އަރައި ހުސްކޮށް ހުރި ޝައިހާންއަށް ޖައްސާލި ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެން ނެވެ. މާއެނބޫދޫގެ މި ލަނޑަށްފަހު ވެސް ކުޑަހުވަދޫން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ.

ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އިސްކަންދިން މާއެނބޫދޫން ވަނީ ކުޑަހުވަދޫގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފަ އެވެ. ހާފުގެ ފަހުކޮޅު ކުޑަހުވަދޫ ޓީމުގެ ކީޕަރު ވަނީ ކުރިޔަށްޖެހި ހަމަލާތަކުގައި ބައިވެރިވެފަ އެވެ. މާއެނބޫދޫން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ފަހުކޮޅު އެވެ. އަކްރަމް އަޙްމަދު މި ލަނޑު ޖެހީ އެޓޭކްގައި ބައިވެރިވުމަށް ކުޑަހުވަދޫ ޓީމުގެ ކީޕަރު ކުރިޔަށް އަރައި ހުރި ވަގުތެއްގައި މާއެނބޫދޫ ހާފު ތެރެއިން ލިބުނު ބޯޅައެއް މުޅިން ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ލަނޑަށްފަހު ވެސް މި ކަހަލަ ދެ ފުރުސަތެއް މާއެނބޫދޫއަށް ލިބި ގޯލާއި އަމާޒުކޮށް ނުލެވި ދިޔަ އެވެ.

3-0 އިން މޮޅުވެ ދ. އަތޮޅުގެ ޗެމްޕިއަންކަން މާއެނބޫދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާއެނބޫދޫ ޓީމުގެ އަޙްމަދު ޝައިހާން އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top