ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަޙްމަދު ޚާން، ސުޕަސްޓާ އަކްޝޭ ކުމާރާއެކު އިތުރު ފިލްމެއްގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަން ކަށަވަރުކޮށްދީފިއެވެ. މި ނިންމުން ނިންމާފައިވަނީ މި ދެ ފަންނާނުން އެންމެ ފަހުން އެކުގައި މަސައްކަތްކުރި “ވެލްކަމް ޓު ދަ ޖަންގަލް” އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހުގައެވެ.
މިކަމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެމުން އަޙްމަދު ޚާން ބުނީ، “ވެލްކަމް ޓު ދަ ޖަންގަލް” ކާމިޔާބުވުމުން އަނެއްކާވެސް އަކްޝޭއާއެކު މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި މިހާރު ދެމީހުންގެ މެދުގައި ތަފާތު ޚިޔާލުތަކަކަށް މަޝްވަރާ ކުރެވެމުންދާ ކަމަށް އޭނާ ހާމަކުރިއެވެ. މީގެ ތެރޭގައި އެކްޝަން ކޮމެޑީ، ރޮމޭންޓިކް އެކްޝަން ޑްރާމާ، އަދި ފުލް އެކްޝަން ފިލްމެއްގެ ޚިޔާލު ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
“އަކްޝޭގެ އަތުގައިވެސް ސްކްރިޕްޓެއް އެބައޮތް. އަހަރެމެން މި ބަލަނީ މީގެ ތެރެއިން އެންމެ ރަނގަޅު ޚިޔާލެއް ފައިނަލް ކުރަން.” އަޙްމަދު ޚާން ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އަކްޝޭ އަކީ މަސައްކަތަށް ވަރަށް ފަރުވާތެރި، ޕްރޮފެޝަނަލް އެކްޓަރެއް ކަމުން އޭނާއާއެކު މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
މި އާ ފިލްމު އުފެއްދުމުގައި މަޝްހޫރު ޕްރޮޑިއުސަރުން ކަމަށްވާ ފިރޯޒް އޭ ނަދިއަދްވާލާ ނުވަތަ ސާޖިދު ނަދިއަދްވާލާ ބައިވެރިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަޙްމަދު ޚާން ބުނި ގޮތުގައި މި ދެ ޕްރޮޑިއުސަރުންނާވެސް އޭނާއާ އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.
އަޙްމަދު ޚާންގެ ކުރިއަށް އޮތް ޕްރޮޖެކްޓާ ގުޅޭގޮތުން ފެތުރެމުންދާ ބައެއް އަޑުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. އެގޮތުން ޓައިގާ ޝްރޮފް އަދި ޝަނާޔާ ކަޕޫރާއެކު ޒޮމްބީ ކޮމެޑީއެއް ނުވަތަ “ވެލްކަމް” ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމެއް އުފައްދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، އަޙްމަދު ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ ފިލްމު “ބާޕް” މި އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް އޭނާ ބުންޏެވެ. މި ފިލްމުގައި ފެނިގެންދާނީ މިތުން ޗަކްރަބޯޓީ، ސަނީ ޑިއޯލް، ސަންޖޭ ދަތު އަދި ޖެކީ ޝްރޮފް ފަދަ ތަޖުރިބާކާރު ތަރިންނެވެ. މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ފައިނަލް ކުރަމުންދަނީ ފިލްމު ކޯ-ޕްރޮޑިއުސްކުރާ ޒީ ސްޓޫޑިއޯސްއިންނެވެ.
