އެއަރކޮންޑިޝަނެއްގެ ބޭނުމަކީ ގޭތެރެ ފިނިކޮށް، ތާޒާކޮށް އަދި އަރާމުކޮށް ބެހެއްޓުމެވެ. ނަމަވެސް، އޭސީން ސާފުވައިގެ ބަދަލުގައި ނުބައި ވަސްދުވަން ފަށައިފިނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ގިނަ މީހުންނަށް މި މައްސަލަ ދިމާވުމުން، މިއީ ވަރަށް ބޮޑު މައްސަލައެއްގެ ފެށުން ކަމަށް ހީކޮށް ކަންބޮޑުވެއެވެ. އޭސީން ނުބައި ވަސްދުވާނަމަ ކަންކުރަންވީ ގޮތް ދެނެގަތުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ އެއީ ހަމައެކަނި އުނދަގޫވާ ކަމަކަށް ވުމުގެ އިތުރުން، އޭސީގެ އެތެރޭގައި ހުރި އެހެން މައްސަލަތަކެއްގެ ނިޝާނަކަށް ވެސް ވެދާނެތީއެވެ.
ކުނިވަސް، އެއްޗެއް އަނދާ ވަސް ނުވަތަ ބާ އިސްޓާކީނު ވަސް ފަދަ ތަފާތު ވަސްތައް ދުވާ ސަބަބު ދެނެގަތުމަކީ މައްސަލަ ހައްލުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. މި ލިޔުމުގައި އޭސީން ނުބައި ވަސްދުވަން މެދުވެރިވާ ސަބަބުތަކާއި، އޭސީ ސާފުކުރާނެ ގޮތާއި، މިފަދަ ކަމެއް ދިމާވުމުން އަމަލުކުރަންވީ ގޮތްތައް ތަފްސީލުކޮށްދޭނަމެވެ.
އޭސީން ނުބައި ވަސްދުވަން މެދުވެރިވާ ސަބަބަކީ ކޮބައި؟
އޭސީން ނުބައި ވަސްދުވަން ފަށަނީ ގިނަފަހަރަށް އޭގެ ތެރޭގައި ތެތްކަން ހިފެހެއްޓިފައި ހުރުމުން ނުވަތަ ފިލްޓަރުތައް ބެދިފައި ހުރުމުންނެވެ. އޭސީ ޖެއްސުމުން ނުބައި ވަސްދުވާ އެންމެ އާންމު ސަބަބަކީ، އޭސީގެ އެތެރޭގައި ހުންނަ ތެތްކަމުގެ ސަބަބުން ފޫ (ފަންގަސް) ޖަހައި ކުނިވުމެވެ. ދުވަސްވުމުން އޭސީގެ ތެރެއަށް ހިރަފުހާއި ކުނި ޖަމާވެ، ތެތްކަމާ އެކުވުމުން ބެކްޓީރިއާ އާއި ފަންގަސް އާލާވުމަށް މަގުފަހިވެއެވެ.
މީގެ އިތުރުން، ފިލްޓަރުތައް ހަޑިވުމުގެ ސަބަބުން ވައި ދައުރުވުމަށް ހުރަސްއެޅުމާއި، ފެން ބޭރުވާ ހޮޅި ބެދިގެން ފެން ހަރުލާފައި ހުރުމާއި، އަދި ގޭސް ލީކުވުން ފަދަ ކަންކަމަކީ ވެސް ނުބައި ވަސްދުވަން މެދުވެރިވާ ސަބަބުތަކެވެ. އޭސީން “ބާ އިސްޓާކީނު ވަސް” ދުވާނަމަ، އޭގެ މާނައަކީ އޭސީގެ އެތެރޭގެ ކޮއިލްތަކުގައި ބެކްޓީރިއާ އުފެދިފައިވުމެވެ. މި ސަބަބުތައް ދެނެގަތުމަކީ މައްސަލަ އިތުރަށް ގޯސްވިޔަނުދީ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އޭސީން ދުވާ ތަފާތު ވަސްތަކާއި އޭގެ ސަބަބުތައް
އޭސީން ދުވާ ކޮންމެ ތަފާތު ވަހަކުން އަންގައިދެނީ ތަފާތު މައްސަލައެކެވެ.
𖣘 ކުނިވަސް ނުވަތަ ފޫވަސް: މިއީ އާންމުކޮށް އޭސީގެ ތެރޭގައި ފޫޖަހާފައި ހުރުމުން ދުވާ ވަހެކެވެ.
𖣘 އެއްޗެއް އަނދާ ވަސް: މިއީ ކަރަންޓު ވަޔަރިންގްގައި މައްސަލައެއް އުޅޭކަމުގެ ނުވަތަ ބައެއް ގޯސްވެގެން މާބޮޑަށް ހޫނުވާކަމުގެ ނިޝާނެކެވެ.
𖣘 ކެމިކަލް ވަސް: މިއީ ގިނަފަހަރަށް އޭސީގެ ގޭސް ލީކުވުމާ ގުޅުންހުރި ކަމެކެވެ.
𖣘 ކުނި ބިސް ވަސް: މިއީ އޭސީގެ މައްސަލައަކަށް ވުމަށްވުރެ ބޮޑަށް، އޭސީ ކައިރިން ގޭސް ލީކުވުން ފަދަ ބޭރުގެ ނުރައްކާތެރި މައްސަލައަކަށް ވުން ގާތެވެ. މިއީ ވަގުތުން ސަމާލުކަން ދޭންޖެހޭ ކަމެކެވެ.
𖣘 އިސްޓާކީނު ވަސް: މިއީ އޭސީގެ ކޮއިލްތަކުގައި ބެކްޓީރިއާ ނުވަތަ ފަންގަސް އަށަގަތުމުން ދުވާ ވަހެކެވެ.
މިފަދަ ވަހެއް ދުވާނަމަ، އެކަމަށް ފަރުވާކުޑަނުކޮށް އަވަހަށް ފިޔަވަޅު އެޅުމަކީ އޭސީ ހަލާކުވުމުން ސަލާމަތްކޮށް، ވައިގެ ފެންވަރު ރަނގަޅުކޮށްދޭނެ ކަމެކެވެ.
ނުބައި ވަސް ކަނޑުވާލުމަށް އޭސީ ސާފުކުރާނީ ކިހިނެއް؟
އޭސީން ދުވާ ނުބައި ވަސް ކަނޑުވާލުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ގަވާއިދުން ސާފުކުރުމެވެ. އެންމެ ފުރަތަމަ އޭސީ ނިއްވާލުމަށްފަހު ފިލްޓަރުތައް ނަގާށެވެ. ފިލްޓަރުގައި ހިރަފުހާއި ކުނި ހަރުލާފައި ހުރުމަކީ ވަސްދުވާ މައިގަނޑު ސަބަބު ކަމަށްވާތީ، ފިލްޓަރު ދޮވެލުމުން ނުވަތަ ބަދަލުކުރުމުން ބޮޑު ތަފާތެއް ފެންނާނެއެވެ.
އޭގެ ފަހުން، އޭސީގެ އިވެޕޮރޭޓަރ ކޮއިލްތައް ސާފުކުރުމަށް ސަމާލުކަން ދޭންވާނެއެވެ. މިއީ އާންމުކޮށް ބެކްޓީރިއާ އާއި ފަންގަސް ފަދަ ތަކެތި އަށަގަންނަ ތަނެކެވެ. ކޮއިލްތަކުގައި ހުންނަ ކުނިތަކާއި ނުބައިވަސް ދުއްވާ ޖަރާސީމުތައް ނައްތާލުމަށްޓަކައި، އޭސީ ކޮއިލް ސާފުކުރަން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކްލީނަރެއް ބޭނުންކުރެވިދާނެއެވެ.
މީގެ އިތުރުން، ފެން ބޭރުވާ ހޮޅި (ޑްރެއިން ޕައިޕް) ބެދިފައިވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހޮޅި ބެދި، ފެން ހަރުލާފައި ހުރުމަކީ އޭސީން ނުބައިވަސް ދުވަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. މި ހޮޅި ސާފުކޮށް ބެލެހެއްޓުމުން ފަސޭހައިން ފެން ބޭރުވެ، އޭސީން ދުވާ ނުބައިވަސްތަކުން ސަލާމަތްވެވޭނެއެވެ.
އޭސީން ދުވާ ނުބައިވަސް ކެނޑިގެން ނުދާނަމަ، ފަންނީ މާހިރެއްގެ އެހީގައި އޭސީ ސާފުކޮށް ސާވިސްކުރުން މުހިންމެވެ. ތަމްރީނުލިބިފައިވާ ޓެކްނީޝަނަކަށް އޭސީގެ އެންމެހައި ބައިތައް ފުރިހަމައަށް ސާފުކޮށް، ރެފްރިޖަރަންޓް (ގޭސް) ހުރި މިންވަރު ބަލައި، ގޭސް ލީކުވުން ފަދަ މައްސަލަތައް ދެނެގަނެ ހައްލުކޮށްދެވޭނެއެވެ. ކުރިމަގުގައި ދިމާވެދާނެ މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު އޭސީ ސާވިސްކުރުމަށް އާދަކުރާށެވެ. އޭސީން ނުބައިވަސް ދުވާ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތްތައް ދެނެގަތުމަކީ، ލިބިދޭ އަރާމު އިތުރުވުމުގެ އިތުރުން އޭސީގެ ބޭނުންކުރެވޭ މުއްދަތު ނުވަތަ އުމުރު ދިގުކޮށްދޭނެ ކަމެކެވެ.
ނިންމުން
އެއަރކޮންޑިޝަނުން ނުބައިވަސް ދުވުމަކީ އުނދަގޫވާ ކަމެކެވެ. ނަމަވެސް، މިފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތް އެނގިއްޖެނަމަ، މިއީ ވަރަށް ފަސޭހައިން ހައްލުކުރެވިދާނެ މައްސަލައެކެވެ. ގަވާއިދުން ފިލްޓަރުތަކާއި، ކޮއިލްތަކުގެ އިތުރުން ފެންބޭރުކުރާ ހޮޅިތައް ސާފުކުރުމަކީ ވައި ތާޒާކޮށް ބެހެއްޓުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، ޒަމާނީ ފިލްޓަރުތަކާއި ބެކްޓީރިއާއާ ދެކޮޅަށް މަސައްކަތްކުރާ ޓެކްނޮލޮޖީ ހިމެނޭ އެއަރކޮންޑިޝަނެއް އިޚްތިޔާރު ކުރުމަކީވެސް ނުބައިވަސް ދުވުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެކެވެ.
އާންމުކޮށް ކުރެވޭ ސުވާލުތައް
𖣘 އޭސީން ދުވާ ނުބައި ވަހަކީ ނުރައްކާތެރި އެއްޗެއްތަ؟
އާނއެކެވެ. ޚާއްޞަކޮށް ފޫޖަހައިގެން ދުވާ ވަހަކީ ނޭވާލާ ނިޒާމަށް އުނދަގޫވެދާނެ ކަމެކެވެ.
𖣘 އޭސީން ދުވާ ނުބައި ވަސް އަމިއްލައަށް ކެނޑިދާނެތަ؟
މި ވަސް ވަގުތީ ގޮތުން ކުޑަވެދާނެއެވެ. ނަމަވެސް މުޅިން ކަނޑުވާލެވޭނީ ރަނގަޅަށް ސާފުކޮށްގެންނެވެ.
𖣘 އޭސީން ބާ އިސްޓާކީނު ވަސް ދުވަނީ ކީއްވެ؟
މިއީ އޭސީގެ އެތެރޭގައި ބެކްޓީރިއާ ނުވަތަ ފަންގަސް އުފެދިފައި ހުރުމުން ދުވާ ވަހެކެވެ.
𖣘 ނުބައި ވަސް ކަނޑުވާލާނީ ކިހިނެއް؟
ފިލްޓަރު ސާފުކޮށް، ފެން ހޮޅި ސާފުކޮށް އަދި އޭސީގެ އެތެރޭގެ ކޮއިލްތައް ރަނގަޅަށް ސާފުކޮށްގެންނެވެ.
