ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާރުސީސީ އާއި މީޑިއާނެޓް ވެސް ފުރަތަމަ މެޗު ކާމިޔާބުކޮށްފި
މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ސަމީހް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ނުވަވަނަ މެޗުން އާރުސީސީ އަދި ދިހަވަނަ މެޗުން މީޑިއާނެޓް މޮޅުވެއްޖެއެވެ. މި މުބާރާތުގެ ހަ މެޗު ރޭގައި ކުޅެފައިވާއިރު، މިއީ ރޭގައި ކުޅެވުނު ފަހު ދެ މެޗެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 9

ނުވަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އީގައި ހިމެނޭ އާރުސީސީ އާއި ވިލާ އެވެ. މި ދެ ޓީމަކީ ވެސް މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި ދެ ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ދެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު އާރުސީސީ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅެފައިވާ ޓީމެކެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އާރުއާރުސީ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ޓީމުން ހޯދިއިރު، އެ ޓީމުން އުފެއްދި ހަމަލާތައް ދިފާއު ކުރުމުގައި ވިލާއިން ވަނީ 13 ވަނަ މިނިޓާއި ހަމައަށް ރަނގަޅު ކާމިޔާބެއް ހޯދާފައެވެ. އާރުސީސީން މެޗުގެ ލީޑު ނެގީ 14 ވަނަ މިނިޓްގައި މުޙައްމަދު އާހިލް ޖަހައިދިން ލަނޑުންނެވެ. އާހިލް މި ލަނޑު ޖަހާފައިވަނީ ޒިޔާން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނި ދިޔައިރު، ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އާރުސީސީ އެވެ. ފުޓްސަލްގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހިމް ސިނާހްގެ އެހީތެރިކަމާއިއެކު މޮޅު ކުޅުމެއް ދެއްކި އާރުސީސީން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 29 ވަނަ މިނިޓްގައެވެ. އާރުސީސީގެ ދެވަނަ ލަނޑު މުޙައްމަދު އާހިލް ކާމިޔާބުކޮށްދިނީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބޯޅައަކުންނެވެ.

މިވެސް ކިޔާލަން:  ރޮބިންސަން ނޫނު ބަލިކޮށް ސޮނެވާ ޖާނީ ފައިނަލަށް ދަތުރު ކޮށްފި

2-0 އިން އާރުއާރުސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ދެ ލަނޑު ޖަހައިދިން މުޙައްމަދު އާހިލް ނަޒީރު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އާހިލް ނަޒީރު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 10

ދިހަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އީގައި ހިމެނޭ މެޑްޓެކް އާއި މީޑިއާނެޓް އެވެ. މިއީ ވާދަވެރިކަން ބޮޑު ހަމަހަމަ ކުޅުމެއް ފެނުނު މެޗެކެވެ.

މެޗް ފަށައިގެން ރަނގަޅު ކުޅުނު މެޑްޓެކްއިން ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތް 6 ވަނަ މިނިޓްގައި ކާމިޔާބު ކުރިއެވެ. ސުދެއިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަޒްދާން އިބްރާހިމް އެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމުނުއިރު، ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ މީޑިއާނެޓަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.

ދެވަނަ ހާފުގައި މީޑިއާނެޓުން ވަނީ ފުރަތަމަ ހާފަށްވުރެ ކުޅުން ރަނގަޅުކޮށްފައެވެ. އަދި މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ވެސް ކޮށްފައެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އެ ޓީމުން ކުރަމުންދިޔަ މަސައްކަތް އެ ޓީމަށް ކާމިޔާބުވީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މުޙައްމަދު ސަމީހް އެވެ. ސަމީހް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމު ކުޅުންތެރިއަކު މަތިމަތިން ގޯލުގެ އޭރިޔާ އަރިމައްޗަށް ނަގައިދިން ހުރަސް، މަތީގައި އޮއްވައި އެއް ފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މޮޅުވުމަށް ދެ ޓީމުން ވެސް މަސައްކަތް ކުރަމުންދިޔަ މި މެޗުގެ ފަހުކޮޅު މީޑިއާނެޓް މޮޅުކޮށްދިނީ އަޙްމަދު ރިޒުވާން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ސައްދާމް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މިވެސް ކިޔާލަން:  ލިއޯ އެފްސީ މޮޅަކުން ފެށިއިރު، އެންމެ ފަހުގެ ޗެމްޕިއަން ބަލިވެއްޖެ

1-2 އިން މީޑިއާނެޓް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ސަމީހް އެވެ.

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ 1 އޮގަސްޓް 2026 ދުވަހުގެ ރެއެވެ. އެރޭ ކުޅުމަށް ހަމަޖެހިފައިވާ ހަ މެޗަށް ބަލާލާއިރު:

20:10 – އެމްއައިބީ އާއި ވެލިގާ އަދި ހޯކްސް އާއި ހެޕީމާކެޓް
21:25 – އެމްއޭޑަބްލިޔުސީ އާއި ބިއޯންޑް އަދި ލޯކަލްޗާރ އާއި އެމްއާރުސީ
22:45 – އެސްބީއައި އާއި ބަރޮސް މޯލްޑިވްސް އަދި އެރީނާ އާއި ޔޫރޯ މާކެޓް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top