ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި އަހަރު ވެސް އޮޅުވެލި ޗެމްޕިއަންކަން ހޯދައިފި
ރިސޯޓް ލީގު - އެފްބީ

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯންގެ ޗެމްޕިއަންކަން، މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ސަން ސިޔާމް އޮޅުވެލި ރިސޯޓް ހޯދައިފި އެވެ. އޯގަސްޓް 20 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސަން ސިޔާމް އޮޅުވެލީގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ ސަން ސިޔާމް އޮޅުވެލި އާއި ހާރޑް ރޮކް ހޮޓެލް މޯލްޑިވްސް އެވެ.

ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފެށުމާއިއެކު ލީޑު ނެގުމަށްޓަކައި ދެ ޓީމުން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅުނީ ހާރޑް ރޮކް އެވެ. ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް އެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔައިރު، އޮޅުވެއްޔަށް ލިބުނު ފުރުސަތުގެ ބޭނުން ވެސް އެ ޓީމަށް ކުރެވިފައެއް ނުވެ އެވެ. ހާރޑް ރޮކްގެ ގިނަ ހަމަލާތަކެއް މި ހާފުގައި އޮޅުވެލީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފު ފެށުމާއިއެކު ހާރޑް ރޮކްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ހާރޑް ރޮކްއަށް މި ލަނޑު ޖަހައިދިނީ ހުސައިން އައްފާޝް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޮޅުވެލީގެ ގޯލް ކުރިމައްޗަށް އަޝްރަފް ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އޮޅުވެލިން މަސައްކަތް ކުރަމުން ދަނިކޮށް ހާރޑް ރޮކްއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ތަސްމީން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޮޅުވެލީ އޭރިޔާ ކައިރިން ލިބުނު ފްރީކިކް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  ސެމީފައިނަލްގެ ފުރަތަމަ ޖާގަ ނިއުރޭޑިއަންޓަށް

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އޮޅުވެލިން ވަނީ 25 ވަނަ މިނިޓްގައި ލަނޑެއް ޖަހައި އުންމީދު އާކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ޝިއާއު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެދު ރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި އޭރިޔާ ކައިރިން ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. އޮޅުވެލީގެ މި ލަނޑާއިއެކު އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ހޯދާފަ އެވެ.

އޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން، ހާފުގެ ފަހުކޮޅު ހާރޑް ރޮކްގެ ކީޕަރަށް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ. މި ރަތް ކާޑާއިއެކު ލިބުނު ފްރީކިކްގެ ބޭނުންކޮށް އޮޅުވެލިން ވަނީ ދެވަނަ ލަނޑު ޖަހާފަ އެވެ. ޒައިން ޖައްސާލި ބޯޅަ ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައި އޮޅުވެއްޔަށް ނަތީޖާ ހަމަހަމަކޮށްދިނީ ޢަބްދުﷲ ސިނާން އެވެ. މި ލަނޑަށްފަހު ވެސް ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ވަނީ ބޭނުން ނުކުރެވިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް އޮޅުވެލި ކާމިޔާބުކުރީ 3-2 އިން ނެވެ. 5-4 އިން މެޗު ކާމިޔާބުކޮށް ސައުތު މާލޭ ޒޯންގެ ޗެމްޕިއަންކަން އޮޅުވެލި ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޅުވެލީގެ ކީޕަރ ޢަބްދުﷲ ސުމައިދު ސޯލިހް އެވެ.

މިވެސް ކިޔާލަން:  މަތިވެރި ޗެމްޕިއަންކަން ހޯދައިފި  

މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އޯޒެން ލައިފް މާދޫގެ މުޙައްމަދު މުސަފް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، މުޙައްމަދު ތަސްމީން (ހާރޑް ރޮކް)، އަޙްމަދު އަޝްރަފް (ހާރޑް ރޮކް)، މުޙައްމަދު ވިގާމް (ސަން ސިޔާމް އޮޅުވެލި)، އަޙްމަދު މަޝީދު (ހާރޑް ރޮކް) އަދި ޢަބްދުﷲ ސުމައިދު (ސަން ސިޔާމް އޮޅުވެލި) އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ސަން ސިޔާމް އޮޅުވެލީގެ ކޯޗު އަޙްމަދު ތޯހާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސަން ސިޔާމް އޮޅުވެލީގެ ޢަލީ ޝިއާއު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top