އައު ސްމާޓް އަނގޮޓިއެއްގެ އެހީގައި، މީހަކު ނިދާފައިވާ މިންވަރާއި ހިތުގެ ވިންދު ހުރި މިންވަރަށްވުރެ މާ ފުން އަދި މުހިންމު މައުލޫމާތުތަކެއް ދެނެގަނެވިދާނެއެވެ. ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ސެން ޑިއޭގޯގެ އިންޖިނިއަރުން ވަނީ އިނގިލީގެ ދަލުން މެޓަބޮލިޒަމް، ކާނާގެ ބާވަތްތައް، ކަސްރަތު އަދި ރާ ބޭނުންކޮށްފައިވާ މިންވަރާ ގުޅުންހުރި މޮލިކިއުލްތައް މެދުނުކެނޑި ދެނެގަނެވޭނެ ސްމާޓް އަނގޮޓިއެއް އީޖާދުކޮށްފައެވެ.
މި އީޖާދުގެ ޕްރޮޓޯޓައިޕް ބޭނުންކޮށްގެން އެއްފަހަރާ ހަތަރު ބަޔޯމާކަރެއް ބެލޭނެއެވެ. މީގެ ތެރޭގައި ހަކުރު، ކީޓޯންސް، ވިޓަމިން ސީ، ޔޫރިކް އެސިޑް، ލެކްޓޭޓް އަދި އަލްކަހޯލް ހިމެނެއެވެ.
މިއީ މިހާރު ބޭނުންކުރާ ގިނަ ސްމާޓް ޑިވައިސްތަކާ ތަފާތު ޓެކްނޮލޮޖީއެކެވެ. އާންމުކޮށް ބޭނުންކުރާ ސްމާޓް އަނގޮޓިތަކުން ބަލަނީ ހިތުގެ ވިންދާއި، ހަރަކާތްތެރިވާ މިންވަރާއި ހަށިގަނޑުގެ ހޫނުމިން ފަދަ ބޭރުފުށުގެ މައުލޫމާތުތަކެވެ. ނަމަވެސް، މި އައު އަނގޮޓިއަކީ ހަށިގަނޑުގެ އެތެރޭގައި ހިނގާ ކެމިކަލް ބަދަލުތައް ދެނެގަތުމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.
މި ދިރާސާގެ އިސް އެއް މުސައްނިފު ތަމޯގްނާ ސާހާ ވިދާޅުވި ގޮތުގައި، މިހާރު ބާޒާރުގައި ހުރި އަނގޮޓިތަކުން ލިބެނީ ހަމައެކަނި ހަށިގަނޑުގެ ބޭރުފުށުގެ މައުލޫމާތެވެ. ނަމަވެސް މީހެއްގެ ސިއްޙީ ހާލަތު ފުންކޮށް ދެނެގަތުމަށް ބޭނުންވާ ބަޔޯކެމިކަލް މައުލޫމާތު އެ ތަކެތިން ނުލިބެއެވެ.
ކަސްރަތު ނުކޮށް ދަލުން މައުލޫމާތު އެއްކުރުން
މި އަނގޮޓީގެ އެންމެ ޚާއްސަ އެއް ސިފައަކީ، މައުލޫމާތު އެއްކުރުމަށްޓަކައި ކަސްރަތުކޮށް ދާހިއްލަން ނުޖެހުމެވެ. އިންސާނާ އަރާމުކުރަން އޮންނަ އިރުވެސް އިނގިލިތަކުން ކޮންމެވެސް މިންވަރަކަށް ތެތްކަން ބޭރުވެއެވެ. މި ރިންގުން އެ ތެތްމިން އެއްކުރަނީ “އޮސްމޯސިސް” ކިޔާ އުސޫލެއް ބޭނުންކޮށްގެންނެވެ.
މީގައި ބޭނުންކޮށްފައިވާ މަޑު މާއްދާއެއް ކަމަށްވާ “އޮސްމޮޓިކް ހައިޑްރޯޖެލް” މެދުވެރިކޮށް، ހަމުގެ ތެރެއިން ދާ ދަމައިގަނެ، އަނގޮޓީގެ ތެރޭގައިވާ ހިމަ ކޮޅުތަކަކަށް ފޮނުވައިދެއެވެ. މިއީ އެއްވެސް ތަދެއްވާ ކަމެއް ނޫނެވެ.
މެޓަބޮލިޒަމް ވަގުތުން ވަގުތަށް ބެލުން
އެއްފަހަރާ ގިނަ މޮލިކިއުލްތަކެއް ބެލުމުގެ ސަބަބުން، ހަށިގަނޑުގެ ހަކަތަ ބޭނުންކުރާ ގޮތް ވަރަށް ރަނގަޅަށް ދެނެގަނެވޭނެއެވެ. މިސާލަކަށް ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރާ ވަގުތު ހަކުރާއި ކީޓޯންސްގެ މިންވަރަށް އަންނަ ބަދަލުތައް މީގެން ބަލާލެވޭނެއެވެ. މިއީ ހަކުރު ބަލި ހުންނަ މީހުންނަށް އިންސިއުލިން ބޭނުންކުރަންޖެހޭ މިންވަރު ކަނޑައެޅުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.
ޓައިޕް 1 ޑައިބެޓީސް ހުންނަ މީހުން ބޭނުންކޮށްގެން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި، މި އަނގޮޓިން ލިބުނު ނަތީޖާތަކަކީ މިހާރު ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު ގްލޫކޯޒް މޮނިޓަރުތަކާ އެއްވަރުގެ ސައްޙަ ނަތީޖާތަކެކެވެ.
އިނގިލީގައި އޮންނަ ފުރިހަމަ ލެބޯޓްރީއެއް
މި އަނގޮޓިއަކީ މައުލޫމާތު އެއްކުރުމަށް އިތުރު އެހެން އެއްޗެއް ބޭނުންވާ އެއްޗެއް ނޫނެވެ. މީގެ އެއް ފަޅީގައި ދާ އެއްކުރާ ނިޒާމާއި ސެންސަރުތައް ހުންނައިރު، އަނެއް ފަޅީގައި ހުންނަނީ ބެޓެރީއާއި ސާކިޓް ބޯޑެވެ. ލިބޭ މައުލޫމާތުތައް ވަގުތުން ފޯނު އެޕްލިކޭޝަނަކަށް ފޮނުވައިދެއެވެ.
މީގައި ބޭނުންކޮށްފައިވާ ބެޓެރީ ޗާޖުކުރުމަށްފަހު 12 ގަޑިއިރު ވަންދެން ބޭނުންކުރެވެއެވެ. އަނގޮޓީގެ ބޭރު ފަށަލަ ތައްޔާރުކޮށްފައިވަނީ 3ޑީ ޕްރިންޓިންގް ބޭނުންކޮށްގެންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިހާ ކުޑަ އަނގޮޓިއެއްގެ ތެރޭގައި މިފަދަ ފުރިހަމަ ނިޒާމެއް ހިމެނުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
