ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗެރިޓީ ޝީލްޑް މެޗު މާޒިޔާއިން ކާމިޔާބުކޮށްފި
ފޮޓޯ: އެފްއޭއެމް

2026/2027 ގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗު މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަނުން ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ރޭ ކުޅެވުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ، ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ ހަމަހަމަވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެންނެވެ.

މި މެޗު ފަށައިގެން މޮޅަށް ކުޅުނީ ނިއުރޭޑިއަންޓެވެ. ގާތްގާތުގައި ފުރުސަތުތައް ތަނަވަސްކުރި ނިއުރޭޑިއަންޓުން ވަނީ ތިންވަނަ މިނިޓްގައި މެޗުގެ ލީޑު ނަގާފައެވެ. ޑަސިލްވާރ މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ، މި ސީޒަންގައި ނިއުރޭޑިއަންޓާއި ގުޅުނު ޑޮރިއެލްޓޮން ގޯމޭޒް ނަޝިމެންޓޯއެވެ. ނިއުރޭޑިއަންޓުން ލީޑު ނެގިތާ އިރުކޮޅެއް ފަހުން މާޒިޔާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މާޒިޔާގެ ކުޅުންތެރިއަކު ނިއުރޭޑިއަންޓްގެ އޭރިޔާ އަރިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިޔައީ ބޯޅަ ޖަހަން މަސައްކަތް އިބްރާހިމް މަހުދީގެ ފައިގައި ލައްވާ ނުލައެވެ. އޭގެ ފަހުން މާޒިޔާއިން ގާތްގާތުގައި އުފެއްދި ދެ ހަމަލާއެއް ނިއުރޭޑިއަންޓްގެ ކީޕަރު ސަމީރު ވަނީ ދިފާއުކޮށްފައެވެ.

ނިއުރޭޑިއަންޓުން އެ ޓީމުގެ ލީޑު ފުޅާކުރީ 36 ވަނަ މިނިޓްގައި އަލީ ފާސިރު ޖަހައިދިން ލަނޑުންނެވެ. އަލީ ފާސިރު މި ލަނޑު ޖަހާފައިވަނީ އީތަން އިބްރާހިމް ޒަކީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ޒުވާން ސްކޮޑަކާއިއެކު ނުކުމެ ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ މާޒިޔާއިން ނަތީޖާގެ ފަރަގު ކުޑަކޮށް އުންމީދު އާކުރީ ފުރަތަމަ ހާފުގެ ފަހުކޮޅުގައެވެ. މާޒިޔާ ކުޅުންތެރިއަކު އޭރިޔާތެރެއަށް ޖައްސާލި ބޯޅަ، ނިއުރޭޑިއަންޓްގެ ޑިފެންޑަރުން ތެރެއިން ދެމިގަނެ ކޮންޓްރޯލް ކޮށްލުމަށްފަހު ކީޕަރު ކައިރިން ގޯލުގެތެރެއަށް ފޮނުވާލައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު އިލާން އިމްރާނެވެ.

މިވެސް ކިޔާލަން:  އަސަދުﷲ އާއި ދާދު ބާކީކޮށް ގައުމީ ފުޓްބޯޅަ ޓީމު އެކުލަވާލައިފި

މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމިދާނެކަމަށް ހީވި ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، އަނެއްކާ ވެސް ނިއުރޭޑިއަންޓުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޑޮރިއެލްޓޮން ގޯމޭޒް ނަޝިމެންޓޯއެވެ.

ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ކުރީ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޑިފެންޑަރުންގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނިއުރޭޑިއަންޓްގެ ފަހަތަށް މާޒިޔާއިން ބާރުބޮޑުކޮށްފައިވަނީ ފަސޭހަކަމާއިއެކުއެވެ. ހާފު ފެށިގޮތަށް ލަނޑެއް ޖެހުމަށް މާޒިޔާއިން ފެށި މަސައްކަތް 50 ވަނަ މިނިޓްގައި ކާމިޔާބުކުރިއެވެ. މާޒިޔާގެ ދެވަނަ ލަނޑު ޖަހައިދީ އަނެއްކާ ވެސް އުންމީދު އާކޮށްދިނީ އިބްރާހިމް މަހުދީ ހަސަނެވެ. މި ލަނޑަކީ ނިއުރޭޑިއަންޓްގެ ކީޕަރާއި ޑިފެންޑަރުންނަށް ސާފުކޮށް ނުލެވުނު ބޯޅައެއް ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މަހުދީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މަހުދީއަކީ މި ސީޒަނަށް މާޒިޔާއާ ގުޅިފައިވާ ކުޅުންތެރިއެކެވެ.

ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ނިއުރޭޑިއަންޓަށް ވެސް ލިބުނު މި މެޗުގައި ފަހުން ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ކުރެވިފައެއް ނުވެއެވެ.

ޒުވާން ޖޯޝާއި ފޯރީގައި ޓީމެއްގެ ގޮތުގައި ތަފާތު ދެއްކި މާޒިޔާއިން ނަތީޖާ ހަމަހަމަކުރީ 63 ވަނަ މިނިޓްގައެވެ. ނިއުރޭޑިއަންޓްގެ އޭރިޔާތެރެއިން މާޒިޔާ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ދިފާއުކުރަން މަސައްކަތްކުރި ނިއުރޭޑިއަންޓްގެ ކީޕަރަށް ލިބުމުގެ ކުރިން ގޯލުގެ ތެރެއަށް ވައްދާލައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު އިލާން އިމްރާނެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ މާޒިޔާއަށެވެ.

މިވެސް ކިޔާލަން:  "ކާކު؟" މި އަހަރު އޯގަސްޓަށް 01 ގައި ރިލީޒްކުރަން ނިންމައިފި

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 3-3 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް މާޒިޔާއިން ކާމިޔާބުކުރީ 5-3 އިންނެއެވެ.

6-8 އިން މާޒިޔާ މޮޅުވެ ޗެރިޓީ ޝީލްޑް އުފުލާލި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ މުޙައްމަދު އިލާން އިމްރާނެވެ. މާޒިޔާއަކީ ވޭތުވެދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ވެސް ކާމިޔާބުކުރި ޓީމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top