ކައުންސިލިންގާއި ނަފްސާނީ ފަރުވާ ފޯރުކޮށްދޭ މީހުން ހޯދުމަށް ހުރި ދަތިތަކާއެކު، އެތައް މިލިއަން ބަޔަކު މިހާރު ދަނީ ނަފްސާނީ އެހީތެރިކަން ހޯދުމަށް އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޗެޓްބޮޓްތަކުގެ އެހީތެރިކަން ހޯދަމުންނެވެ. ނަމަވެސް، މިފަދަ ވަސީލަތްތަކަށް އޮންނަ އިތުބާރު ބޮޑުވަމުންދާއިރު، އޭގެ ރައްކާތެރިކަމާއި، ބެލެހެއްޓުމާއި، އަދި ސިއްހީ ނިޒާމުގެ ތެރޭގައި އެ ތަކެތީގެ ދައުރާ މެދު ކަންބޮޑުވާންޖެހޭ ސުވާލުތަކެއް ވަނީ އުފެދިފައެވެ. މިއަދު މީހަކު ހާސްވެގެން ނުވަތަ ނިދަން އުނދަގޫވެގެން އެހީއަކަށް އެދެނީ ރަހުމަތްތެރިއަކަށް ނުވަތަ ޑޮކްޓަރަކަށް ގުޅުމުގެ ބަދަލުގައި، އޭއައި ޗެޓްބޮޓަކާއެވެ.
މިއަހަރުގެ ކުރީކޮޅު އޭއެކްސްއޭ އަދި އިޕްސޯސް ގުޅިގެން 18 ގައުމެއްގެ 19،000 މީހުންގެ މެދުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި، ސާވޭގައި ބައިވެރިވި މީހުންގެ 61 އިންސައްތަ މީހުން ނަފްސާނީ އެހީތެރިކަން ހޯދުމަށް އޭއައި ބޭނުންކުރެއެވެ. އޭޝިއާގެ ބައެއް ގައުމުތަކުގައި މި އަދަދު 80 އިންސައްތައަށްވުރެ މައްޗަށް އަރައެވެ. މިއީ ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް އޭއައި އަކީ ނަފްސާނީ އެހީތެރިކަން ހޯދާ މުހިންމު ވަސީލަތަކަށް ވެފައިވާކަމުގެ ހެއްކެކެވެ.
ނަފްސާނީ މައްސަލަތަކަށް ޗެޓްބޮޓްތައް ބޭނުންކުރާ މިންވަރު އިތުރުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ސާވޭގައި ބައިވެރިވި މީހުންގެ 26 އިންސައްތަ މީހުންގެ ކިބައިން މާޔޫސްކަމާއި (ޑިޕްރެޝަން)، ހާސްކަން ނުވަތަ ސްޓްރެސްގެ ނުރައްކާތެރި އަލާމާތްތައް ފެނިފައިވުމެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު ތިން އިންސައްތައިގެ އިތުރުވުމެކެވެ.
މި “ހިމޭން ބަލިމަޑުކަން” ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މާލީ ނުތަނަވަސްކަމާއި، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އަންނަމުންދާ ހަލުވި ބަދަލުތަކެވެ.
މީގެ އިތުރުން، އަބަދު އިންޓަނެޓާ ގުޅިފައި އޮންނަ ޓެކްނޮލޮޖީގެ ސަބަބުންވެސް ނަފްސާނީ ދުޅަހެޔޮކަން ވަނީ ދަށަށް ގޮސްފައެވެ. ގިނަ ޒުވާނުން ބުނާގޮތުގައި ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރެއެވެ. މަސައްކަތުން ބޭރުގައިވެސް އެވްރެޖްކޮށް ދުވާލަކު ފަސް ގަޑިއިރަށްވުރެ ގިނަ ވަގުތު އެމީހުން ސްކްރީންތަކަށް ހުސްކުރެއެވެ.
މިއީ ޒަމާނީ ޑިޖިޓަލް ދިރިއުޅުމުގެ ފުށުއެރުމެކެވެ. އަމިއްލަ އާދަކާދަތަކުގެ ސަބަބުން ލިބޭ ގެއްލުން އިހުސާސްވީ ނަމަވެސް، އިޖުތިމާއީ އަދި ވަޒީފާގެ މަޖުބޫރުތަކުގެ ސަބަބުން އެ އާދަތަކާ ދުރުހެލިވުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ކަންބޮޑުވާންޖެހޭ ކަމަކީ، ނަފްސާނީ މައްސަލަތައް އިތުރުވުމަށް ބައެއް ފަހަރު މެދުވެރިވާ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި، އެ މައްސަލަތަކުން އަރައިގަތުމަށް މީހުން މަސައްކަތް ކުރަމުންދާ ކަމެވެ. އަދި އެއަށްވުރެ ބޮޑަށް ބިރުގަންނަންޖެހޭ ކަމަކީ، ޗެޓްބޮޓް ބޭނުންކުރާ މީހުންގެ ތެރެއިން 42 އިންސައްތަ މީހުން އެ ޗެޓްބޮޓްތަކުން ދޭ އިރުޝާދުތަކަށް ކަނުލައި ތަބާވާ ކަމަށް ބުނާތީއެވެ.
ނަފްސާނީ ދާއިރާގެ ތަޖުރިބާކާރުންނަށްވުރެ ބޮޑަށް މިފަދަ ޕްލެޓްފޯމްތަކަށް އިތުބާރުކުރާ ކަމަށް 38 އިންސައްތަ މީހުން ބުނާއިރު، ޗެޓްބޮޓްގެ ލަފާގެ މަތިން އަމަލުކުރުމުގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުންވާ ފަދަ ކަންކަން ކުރެވިފައިވާ ކަމަށް 28 އިންސައްތަ މީހުން އިއުތިރާފުވެފައިވެއެވެ.
މިއީ މަދު ބަޔަކު ކުރާ ކަމެއް ނޫނެވެ. ސާވޭއިން ހާމަވާ ގޮތުގައި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި މި ވަސީލަތް ބޭނުންކުރަނީ، އެއިން ލިބޭ މައުލޫމާތުގެ ރަނގަޅު ގޯސް ދެނެގަތުމުގެ ގާބިލުކަން އެންމެ ކުޑަ މީހުންނެވެ. އެއީ އެމީހުންގެ އުމުރުން ހަގުވުމުން ނުވަތަ ބަލިހާލަތުގެ ސަބަބުން ނުވަތަ ތަޖުރިބާކާރު ފަރުވާދޭނެ މީހަކު ނެތުމުގެ ސަބަބުންނެވެ.
ވޭތުވެދިޔަ އަހަރު ނަފްސާނީ އެހީތެރިކަން ބޭނުންވި މީހުންގެ ތެރެއިން ތަޖުރިބާކާރު ޑޮކްޓަރަކަށް ދެއްކުނީ އެންމެ 40 އިންސައްތަ މީހުންނަށެވެ. ފަރުވާ ހޯދުމަށް ހުރި ހުރަސްތަކުގެ ތެރޭގައި ފަރުވާގެ އަގު ބޮޑުވުމާއި، ވަގުތު ނެތުމާއި، އަދި ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދުމުން މުޖުތަމައުން ކުރާ މަލާމާތަށް ބިރުގަތުން ހިމެނެއެވެ.
މީހުންގެ ދިރިއުޅުމުގެ ތެރެއަށް އޭއައި މި ވަދެގެންދަނީ ހަރުދަނާ ސިއްހީ ނިޒާމެއްގެ އިތުރު ބައެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އޭއައި އަކީ ގިނަ ބަޔަކަށް އަތްނުފޯރާ ފަށުގައި ހުރި ފަރުވާގެ ނިޒާމަށް ވަދެވެން އޮތް ފަސޭހަ ދޮރަކަށެވެ.
އުފެދޭ ސުވާލަކީ ނަފްސާނީ ފަރުވާގެ ތެރޭގައި އޭއައި އޮންނަންޖެހޭތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އޭއައި މިހާރުވެސް އެ ދާއިރާގައި ދަނީ އެއްވެސް ބެލެހެއްޓުމެއް ނެތި ބޭނުންކުރެވެމުންނެވެ. ސުވާލަކީ ސިއްހީ ދާއިރާގެ އިސްވެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، އަދި އޭއައި އުފައްދާ ފަރާތްތަކުން މިކަމުގެ ޒިންމާ ނަގައި، އޭގެ ދައުރު ކަނޑައަޅާނެތޯއެވެ.
ޑޭޓާތަކުން ފެންނަ ކަންކަމަށާއި ކްލިނިކަލް ތަޖުރިބާއަށް ބަލާއިރު، މި ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް އުންމީދު ކުރެވޭ ތިން ސަބަބެއް ފާހަގަކުރެވެއެވެ.
ފުރަތަމަ ކަމަކީ، ނަފްސާނީ އެހީތެރިކަން ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް އޭއައި ބޭނުންކުރެވިދާނެއެވެ. އެހީއަށް ބޭނުންވެފައިވާ މީހާއާއި އުނދަގޫ ސިއްހީ ނިޒާމާ ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި އޭއައި މަސައްކަތް ކުރެވިދާނެއެވެ. ފަރުވާއަށް ފައިސާ ނެތް މީހަކަށް ނުވަތަ އެހީއަށް އެދެން ބިރުގަންނަ މީހަކަށް، ރަނގަޅަށް ފަރުމާކުރެވިފައިވާ އޭއައި ވަސީލަތެއްގެ އެހީގައި އޭނާގެ އިހުސާސްތައް ދެނެގަނެ، އެކަށީގެންވާ ފަރުވާ ހޯދާނެ ގޮތް ބުނެދެވިދާނެއެވެ.
މިފަދަ ވަސީލަތަކަށް އޮތް ބޭނުންތެރިކަން ބޮޑެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ރަހުމަތްތެރިންނާއި އާއިލާގެ މީހުންނަށް އިތުބާރު ކުރަނީ އެންމެ 60 އިންސައްތަ މީހުންނެވެ. އަދި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބުނާގޮތުގައި އެމީހުންގެ ނަފްސާނީ މައްސަލަތަކުގެ ވާހަކަ ވަޒީފާދޭ ފަރާތާ ހިއްސާކުރާކަށް ބޭނުމެއް ނޫނެވެ.
ޗެޓްބޮޓަކާއެކު ދެކެވޭ ސިއްރުވެރި އަދި އެއްވެސް މަލާމާތެއް ނެތް ފުރަތަމަ ވާހަކަކޮޅަކީ، ހިމޭނުން ހުރުމުގެ ބަދަލުގައި އެހީތެރިކަން ހޯދުމަށް މީހަކު އަޅާ ފުރަތަމަ ފިޔަވަޅަށް ވެދާނެއެވެ.
ދެވަނަ ކަމަކީ، އޭއައިގެ ސަބަބުން ސިއްހީ ޚިދުމަތްތެރިންގެ ވަގުތު ސަލާމަތް ކުރެވިދާނެއެވެ. ސިއްހީ ދާއިރާގެ މުވައްޒަފުން ވަރުބަލިވެ، މަސައްކަތަށް ފޫހިވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އިދާރީ މަސައްކަތްތައް ގިނަވުމެވެ.
މިފަދަ “ބާންއައުޓް”ގެ ސަބަބުން ބަލިމީހުންނަށް ދޭ ޚިދުމަތުގެ ފެންވަރު ދަށަށް ދެއެވެ. ލިޔެކިޔުންތައް ތައްޔާރުކުރުން ފަދަ އިދާރީ ކަންކަމުގައި ޒިންމާދާރު އޭއައި ވަސީލަތްތަކެއް ބޭނުންކުރުމުން، ކްލިނިޝަނުންނަށް ބަލިމީހުންނާ އޮންނަ އިންސާނީ ގުޅުމަށް އިތުރު ވަގުތު ދެވޭނެއެވެ. މިއީ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އޮތް އެންމެ ވަރުގަދަ އެއް ބަހާއެވެ.
ފަހު ކަމަކީ، މައްސަލަތަކުގެ އަސްލު ދެނެގަތުމަށް (ޕެޓަން ފައިންޑަރ) އޭއައި ބޭނުންކުރެވިދާނެއެވެ. ސާވޭއިން ދައްކާ ގޮތުގައި، ގިނަ މީހުންނަށް އިހުސާސް ކުރެވެނީ އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތާއި، މާލީ ހާލަތާއި، އެކަނިވެރިކަމާއި، ސްކްރީން ވަގުތާއި އަދި ނިދި ފަދަ ގިނަ ކަންތައްތަކެއް އެކުއެކީގައި އަސަރުކުރާ ކަމެވެ. އޭއައި ނިޒާމުތަކުގެ އެހީގައި، މި ކަންކަން ދެނެގަނެ، އެކަށީގެންވާ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް މަގުފަހިކުރެވިދާނެއެވެ.
އެހެންނަމަވެސް، ނަފްސާނީ ފަރުވާގައި އޭއައި ބޭނުންކުރުމުގައި ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހުންނަންޖެހެއެވެ. އޭއައި ވަސީލަތްތަކުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ސާފުކޮށް ބުނެދޭންޖެހޭނެއެވެ. އަދި ބަލިމީހާގެ ފަރާތުން އެއްވެސް ނުރައްކަލެއް ފާހަގަވެއްޖެ ނަމަ، ވަގުތުން ތަޖުރިބާކާރު ޑޮކްޓަރަކަށް ރިފަރ ކުރެވޭނެ ނިޒާމެއް އޮންނަންޖެހޭނެއެވެ.
މީގެ އިތުރުން، މިފަދަ ވަސީލަތްތައް ފަރުމާކުރަން ފަށާ ހިސާބުން ފެށިގެން ޑޮކްޓަރުންނާއި ބަލިމީހުންގެ ބައިވެރިވުން އޮންނަންޖެހެއެވެ. ހަމައެކަނި އުފައްދާ ނިމުމުން ހިޔާލު ހޯދުމަކުން ނުފުދެއެވެ. މިކަންކަން މިގޮތަށް ނުކުރެވިއްޖެ ނަމަ، މިހާރު އޮތް ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ.
ސިއްހީ އިދާރާތަކުން މިކަމަށް ތައްޔާރުވަންދެން އޭއައި މަޑެއް ނުކުރާނެއެވެ. ނަފްސާނީ މައްސަލަތައް ހުންނަ މީހުން ޑޮކްޓަރަކަށް ގުޅުމުގެ ބަދަލުގައި ޗެޓްބޮޓްތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާއިރު، އެމީހުން ބޭނުންކުރާ ވަސީލަތްތަކަކީ ގެއްލުމަށްވުރެ ބޮޑަށް ފައިދާކުރާނެ ވަސީލަތްތަކަކަށް ހެދުން މިއަދު ވަނީ ނުހަނު މުހިންމުވެފައެވެ.
