ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އެއް އަހަރަށްފަހު ނިދާ ގަޑީގައި ބުއްފުޅި ދިނުމުން ދަތްފަނިކެއުމާއި ބަރުދަން އިތުރުވޭ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ކުޑަކުދިން ނިންދެވުމަށް ފަސޭހައަކަށް ބައެއް ބެލެނިވެރިން ނިދާ ގަޑީގައި ބުއްފުޅި ބޯން ދިން ނަމަވެސް، އޮސްޓްރޭލިއާގެ އާ ދިރާސާއަކުން ދައްކާގޮތުގައި ކުއްޖާއަށް 12 މަސް ފުރުމަށްފަހު ވެސް މި އާދަ ދަމަހައްޓާނަމަ، ދަތްފަނިކެއުމާއި ކުއްޖާގެ ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުމުގެ ފުރުސަތު ބޮޑުވެއެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ “ހެލްތީ ސްމައިލްސް ހެލްތީ ކިޑްސް” ދިރާސާގެ މައުލޫމާތުތަކަށް ބިނާކޮށް، ހައިލޮކް ޗެންގް އާއި އޭނާގެ ޓީމުން ތައްޔާރުކުރި މި ރިޕޯޓް ޝާއިޢުކޮށްފައިވަނީ “އޮސްޓްރޭލިއަން އެންޑް ނިއުޒީލަންޑް ޖާނަލް އޮފް ޕަބްލިކް ހެލްތު” ގެ 2025 އޭޕްރީލް މަހުގެ އަދަދުގައެވެ. މި ދިރާސާއިން ހާމަވިގޮތުގައި، ފުރަތަމަ އުފަންދުވަހަށްފަހު ނިދަން އޮށޯންނަމުން ބުއްފުޅި ބޯ ކުދިންގެ ދަތްތައް ހަލާކުވުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން، އެ ކުދިންގެ އުމުރުން 3 ނުވަތަ 4 އަހަރުގައި ބަރުދަން އިތުރުވުމުގެ ފުރުސަތު ވެސް ބޮޑެވެ.

މާހިރުން މީގެ ސަބަބު ތަފްސީލުކޮށްދެއްވަމުން ވިދާޅުވަނީ، ނިދާފައި އޮންނައިރު އަނގައިގައި ކުޅު އުފައްދާ މިންވަރު މަދުވާ ކަމަށެވެ. މީގެ ސަބަބުން ކިރު ނުވަތަ ފޮނި ބުއިންތަކުގައި ހުންނަ ހަކުރު، ދަތްތަކުގައި ހަރުލާފައި ހުންނަ ވަގުތު އިތުރުވެ، އަނގައިގައި އުފެދޭ ބެކްޓީރިއާތަކުން އެ ހަކުރު ބޭނުންކޮށްގެން އުފައްދާ އެސިޑްގެ ސަބަބުން ދަތްތައް ހަލާކުވަނީއެވެ.

މި ދިރާސާގައި އިތުރަށް ބާރުއަޅާފައިވަނީ، ކުއްޖާގެ ހަށިގަނޑަށް ބޭނުންވާ މުހިންމު ކާނާ ދިނުން މެދުނުކެނޑި ކުރިއަށް ގެންދިއުމާއެކު، ތުއްތުއިރުގެ މަރުހަލާ ނިމުމުން މަޑުމަޑުން ނިދާ ގަޑީގައި ބުއްފުޅި ދިނުން ހުއްޓާލުމަށެވެ.

އެގޮތުން، ނިދާ ގަޑީގައި ކިރު ނުވަތަ ފޮނި ބުއިންތަކުގެ ބަދަލުގައި ފެން ދިނުމަށާއި، ކުއްޖާގެ ފުރަތަމަ ދަތް ފަޅަން ފެށީއްސުރެ ނިދުމުގެ ކުރިން ދަތް އުނގުޅައިދިނުމަށް އިރުޝާދު ދީފައިވެއެވެ. މިފަދަ ކުދި ބަދަލުތަކުގެ ސަބަބުން ކުއްޖާގެ ދަތްތަކާއި މުޅި ސިއްޙަތަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.

މިވެސް ކިޔާލަން:  ދަތް ފަނިކެއުން ހުއްޓުވޭނެ ފަސޭހަ ގޮތެއް ސައިންސްވެރިން ހޯދައިފި
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top