ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފުރަބަންދު ތެރޭގައި އުފަންވި ކުދިންގެ ކިބައިގައި ސަމާލުކަންދިނުމުގެ ދަތިތަކެއް ހުރެދާނެ – ދިރާސާ

ކޮވިޑް-19ގެ ފުރަބަންދު ތެރޭގައި އުފަންވި ކުދިންގެ ކިބައިގައި ކަންކަމަށް ސަމާލުކަން ދިނުމުގެ ދަތިތަކެއް ހުރެދާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ފުރަތަމަ ފުރަބަންދު ތެރޭގައި އުފަންވި ކުދިންނަށް މިހާރު ހަތަރު އަހަރު ފުރިފައިވާއިރު، އާ ދިރާސާއަކުން ހާމަވާ ގޮތުގައި އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިންނަށް ކަންކަމަށް ފޯކަސް ކުރުމާއި، އިރުޝާދުތަކަށް ތަބާވުމާއި، އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. ނަމަވެސް، މި ކުދިންގެ ބަހަވީ ހުނަރާއި ވިސްނުމުގެ ގާބިލުކަން ހުރީ ބަލިމަޑުމަޑުކަމުގެ ކުރިން އުންމީދުކުރި މިންވަރަށް ވުރެ މަތީގައެވެ.

މި ކުދިން މިހާރު ސްކޫލަށް ދާން ފަށާފައިވާއިރު، ދިރާސާގެ ނަތީޖާއިން ދައްކަނީ ކްލާސްތަކުގައި އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ކުދިންނަށް މަޑުން ތިބުމާއި، ހަވާލުކުރެވޭ މަސައްކަތްތަކުގައި ދެމިތިބުމާއި، އަދި ކުއްލިއަކަށް އަންނަ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމުގައި އުނދަގޫތަކެއް ހުރިކަމެވެ.

ދިރާސާ ކުރިއަށްގެންދިޔަ ގޮތް

މި ނަތީޖާތަކަކީ “ބައިސިކަލް” ޕްރޮޖެކްޓުން ހޯދި ހޯދުންތަކެކެވެ. މިއީ 23 މާޗް 2020 އާއި 23 ޖޫން 2020 އާ ދެމެދު އުފަންވި ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ދިރާސާއެކެވެ. މި ކުދިން އުފަންވީ އިނގިރޭސިވިލާތުގެ އެންމެ ހަރުކަށި ފުރަބަންދުގެ ތެރޭގައެވެ.

މި ކުދިންގެ ފުރަތަމަ ދޮޅު އަހަރު ހޭދަކުރީ އެކި މިންވަރުގެ ހުރަސްތަކުގެ ތެރޭގައެވެ. ކުޑަކުދިންގެ ގްރޫޕްތަކާއި ކުޅޭ ބިންތައް ބަންދުކޮށްފައި އޮތުމުގެ އިތުރުން، އާއިލީ ބައްދަލުވުންތައް މަނާކޮށް، ސިއްހީ ގަވާއިދުން ބެލުންތައް ވެސް ވަނީ މަދުވެފައެވެ.

ހަތަރު އަހަރުގައި ހުރި ހާލަތު

ލަންޑަނުގެ ސިޓީ ސެއިންޓް ޖޯޖަސްގެ ޕްރޮފެސަރު ނިކޮލާ ބޮޓިން އިސްވެ ހުންނަވައި، އިނގިރޭސިވިލާތުގެ އިތުރު ހަ ޔުނިވަރސިޓީއަކާ ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި 205 ކުދިން ބައިވެރިކުރިއެވެ. މެއި 2024 އާއި ޖޫން 2025 އާ ދެމެދު، ޓެބްލެޓް މެދުވެރިކޮށް ވީޑިއޯ ކޯލްގެ އެހީގައި ކުޅިވަރުގެ ސިފައިގައި އެކި ޓެސްޓުތައް މި ކުދިންނަށް ދެވުނެވެ. މީގެ އިތުރުން، ބެލެނިވެރިންގެ ފަރާތުން ކުދިންގެ ދުވަހީ އުޅުމާ ގުޅޭ ތަފްސީލީ މައުލޫމާތު އެއްކުރެވުނެވެ.

ބަހަވީ ހުނަރާއި އަމިއްލަ ނަފްސު ކޮންޓްރޯލްކުރުން

ދިރާސާގައި ބައިވެރިވި ކުދިން ތަސްވީރުތަކަށް ނަން ދިނުމާއި، ބަސްތައް ދެނެގަތުމުގައި ވަރަށް ރަނގަޅު ނަތީޖާއެއް ދެއްކިއެވެ. ނަމަވެސް، “އެގްޒެކެޓިވް ފަންކްޝަން” ނުވަތަ ކަންކަން ރޭވުމާއި، އިރުޝާދު ހަނދާން ބެހެއްޓުމާއި، އަދި އިހުސާސްތައް ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ނަފްސާނީ ނިޒާމުގެ ބައިގައި މި ކުދިންގެ ނަތީޖާ ހުރީ ދަށުގައެވެ. ތިންބައިކުޅަ އެއްބައި ކުދިންނަށް މި ދާއިރާއިން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވުނެވެ.

ބަލިކަށި ދާއިރާތައް

މި ކުދިންގެ މޮޓޯ ސްކިލްސް (ހަށިގަނޑުގެ ހަރަކާތްތެރިކަން) އަދި ބަސް ބޭނުންކޮށްގެން މުއާމަލާތްކުރުމުގެ ހުނަރު ހުރީ އެކުދިންގެ އާންމު ގާބިލުކަމަށްވުރެ ދަށުގައެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ދަށްވުމެއް ފެނުނީ އަމިއްލަ ނަފްސު މެނޭޖްކުރުމުގެ ހުނަރުގައެވެ.

ޕްރޮފެސަރު ބޮޓިން ގަބޫލުކުރައްވާ ގޮތުގައި، މި ހުނަރުތަކަކީ ތުއްތުއިރު އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން ދަސްވާ ކަންކަމެވެ. ނަމަވެސް ފުރަބަންދުގެ ސަބަބުން މި ކުދިންނަށް އެ ފުރުސަތުތައް ގެއްލި، ބޭރުތެރެއިން މީހުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު މަދުވުމީ މިކަމުގެ ސަބަބު ކަމަށް ބެލެވެއެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު ސަމާލުވާންޖެހޭ ކަންކަން

ކެނެޑާގައި ކުރެވުނު ކުޑަ ދިރާސާއަކުން ވެސް މިފަދަ ނަތީޖާތަކެއް ފެނިފައިވެއެވެ. ނަމަވެސް މި ދިރާސާއަކީ ހަމައެކަނި ބެލެނިވެރިންގެ ފަރާތުން ލިބުނު މައުލޫމާތަށް ބިނާކޮށްފައިވާ ދިރާސާއަކަށް ވުމާއި، ބައިވެރިވި އާއިލާތަކަކީ ނިސްބަތުން ތައުލީމީ ފެންވަރު މަތީ އާއިލާތަކެއް ކަމުން، މުޅި މުޖުތަމައުގެ ހަގީގީ މަންޒަރު މިއަށްވުރެ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

ސްކޫލްތަކަށް އޮތް އިރުޝާދު

ކަންކަމަށް ސަމާލުކަން ދިނުމާއި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަކީ ސްކޫލަށް ތައްޔާރުވުމުގެ އެންމެ މުހިންމު ބައިތަކެވެ. އެހެންކަމުން، މި ދަތިތަކަކީ ގިނަ ކުދިންގެ ކިބައިން ފެންނަ ކަމަކަށްވާތީ، ވަކިވަކި ކުދިންނަށް އެހީތެރިވުމުގެ ބަދަލުގައި، މުޅި ކްލާސްރޫމްގެ އުނގަންނައިދިނުމުގެ ނިޒާމުގެ ތެރެއިން މިކަމަށް ހައްލު ހޯދައިދިނުމަށް ދިރާސާވެރިން ލަފާދެއެވެ. މީގެ ތެރޭގައި ކުދިންގެ އުޅުމަށް އިތުރު އެހީތެރިކަން ދިނުމާއި، މުއާމަލާތްކުރުމުގެ ހުނަރު ތަރައްގީކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުން ހިމެނެއެވެ.

ކޮވިޑް ފުރަބަންދުގެ އަސަރުތައް ދެނެގަތުމަށް ކުރިއަށްގެންދާ މި ދިރާސާގެ ފުރިހަމަ ނަތީޖާ ލިބޭނީ 2027 ވަނަ އަހަރުގައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގެނީ، މި ކުދިންގެ ވިސްނުމާއި ބަހަވީ ހުނަރު ރަނގަޅުވި ނަމަވެސް، އުޅުމާއި ހިތްހަމަޖެއްސުމުގެ ހުނަރުތައް ކުރިއެރުވުމަށް ސްކޫލްތަކުގެ އެހީތެރިކަން ބޭނުންވާ ކަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top