އާންމުކޮށް މަސްދަޅު ލިބެން ހުންނަނީ ފެނުގައި ނުވަތަ ތެލުގައި ބަންދުކޮށްފައެވެ. ކާނާ ތައްޔާރުކުރާއިރު މީގެ ތެރެއިން ބޭނުންކުރާ ބާވަތެއްގެ ސަބަބުން ކެއުމުގެ ރަހައަށް ބޮޑު ބަދަލެއް އާދެއެވެ.
ގިނަ މީހުން މަސްދަޅު ގަންނައިރު، އެއީ ފެން މަސްދަޅެއްތޯ ނުވަތަ ތެޔޮ މަސްދަޅެއްތޯ ބެލުމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް ދިވެހީންގެ ތެރެއިން ގިނަ މީހުން އިހުތިޔާރުކުރަނީ ތެޔޮ މަސްދަޅު ގަތުމަށް ކަަމަށް އެނގެން އެބަ އޮތެވެ. ކަން މިހެން އޮތް ނަމަވެސް، ގަންނަ މަސްދަޅުގެ ބާވަތުން މަހުގެ ރަހައަށާއި، އޭގެ މަޑުމިނަށާއި، އަދި އެހެނިހެން ބާވަތްތަކާ އެކުލަވާލުމުން ނުކުންނަ ނަތީޖާއަށް މީގެ ސަބަބުން ފާހަގަކުރެވޭ ފަދަ ބަދަލެއް އާދެއެވެ.
މަހުގެ ރަހަ ހުންނަ ގޮތް:
ފެން މަސްދަޅުގައި ހުންނަ މަހުގެ ރަހަ ނިސްބަތުން މަޑެވެ. އަދި އޭގެ މަސްގަނޑު ހުންނާނީ ތަންކޮޅެއް ހަރުކޮށެވެ. ‘ސިމްޕްލީ ރެސިޕީސް’ އާ ހަވާލާދީ ‘އެލް އެސްޕެކްޓޭޑާ’ އިން ބުނާ ގޮތުގައި، މެޔޮނައިޒް ނުވަތަ ތަރުކާރީ ފަދަ ތަކެއްޗާ އެއްކޮށްގެން ތައްޔާރުކުރާ ކާނާގެ ބާވަތްތަކަށް ފެން މަސްދަޅު މާ ބޮޑަށްވެސް ރަނގަޅެވެ.
ތެޔޮ މަސްދަޅުގައި ހުންނަ މަސް މާ ބޮޑަށްވެސް ތެތްކަން ހުރެފައި ރަހަ މީރެވެ. ތެލުގެ ސަބަބުން މަސްގަނޑު ހިކުނަނުދީ ހިފަހައްޓައިދީ، މުޅި ކެއުމުގެ ރަހަ މުއްސަނދިކޮށްދެއެވެ. ‘ސިމްޕްލީ ރެސިޕީސް’ އިން ފާހަގަކުރާ ގޮތުގައި މިއީ މި ދެ ބާވަތުގެ ދެމެދުގައި ހުރި އެންމެ ބޮޑު ތަފާތެވެ.
ރަނގަޅު ބާވަތް އިޚްތިޔާރުކުރުން:
ކައްކާ ކެއުމެއްގައި އެންމެ މުހިންމު ބަޔަކީ މަސް ކަމުގައިވާ ނަމަ، ތެޔޮ މަސްދަޅު ބޭނުންކުރުން ބުއްދިވެރިއެވެ. ޚާއްޞަކޮށް ޕާސްތާ، ސަލަޑް އަދި ފާރޮށި ނުވަތަ ޓޯސްޓް ފަދަ ތަކެއްޗާއެކު ތެޔޮ މަސްދަޅު ވަރަށް ގުޅެއެވެ.
‘ސީރިއަސް އީޓްސް’ އިން ފާހަގަކުރާ ގޮތުގައި، މަސްދަޅުގައި ހުންނަ ތެޔޮ ބޭނުންކޮށްގެން ޕާސްތާ ނުވަތަ ތޮޅީގެ ބާވަތްތައް ކައްކާއިރު އިތުރު ރަހައެއް ގެނެވިދާނެއެވެ.
އަނެއްކޮޅުން، ގިނަ ބާވަތްތަކެއް އެއްކޮށްގެން ތައްޔާރުކުރާ ކެއުމެއް ނަމަ، ފެން މަސްދަޅު ބޭނުންކުރުން މާ ރަނގަޅެވެ. އޭރުން އެހެން ބާވަތްތަކުގެ ރަހަ ފޮރުވާނުލައި، މަހުގެ ރަހަ އެކުލެވިގެންދާނެއެވެ.
ފެނާއި ތެލުގެ އިތުރުން ސަމާލުވާންޖެހޭ ކަންކަން:
މަސްދަޅެއްގެ ފެންވަރު ވަޒަންކުރުމުގައި އޭގައި ހުންނަ ފެނަށް ނުވަތަ ތެލަށް އެކަނި ބަލައިގެން ނުވާނެއެވެ. ‘އެޕިކިއުރިއަސް’ އިން ކުރި ދިރާސާއަކަށް ފަހު ބުނެފައިވަނީ، މަހުގެ ރަހައާއި، މަޑުމިނާއި، އަދި ލޮނު ހުންނަ މިންވަރަކީ ވެސް ވަރަށް މުހިންމު ކަންތައްތަކެއް ކަމަށެވެ.
ޚުލާސާއަކީ، ކޮންމެ ހާލަތަކަށްވެސް އެންމެ ރަނގަޅީ ވަކި ބާވަތެއްގެ މަސްދަޅެކޭ ބުނެވެން ނެތް ކަމެވެ. އެހެން ބާވަތްތަކާ އެއްކޮށްލަން ފެން މަސްދަޅު ރަނގަޅު އިރު، މަހުގެ އަސްލު ރަހަ ބޭނުންވާ ނަމަ އެންމެ ރަނގަޅީ ތެޔޮ މަސްދަޅެވެ.
