ނުފެންނަ އޮއިވަރު
އެ ސިޓީއެއް މިހާރަކު ނެތެވެ. މެންދުރު ވީއިރު، އެ ސިޓީ އޮތީ ޑިޓެކްޓިވް އިސްމާޢީލްގެ މޭޒުމަތީގައި، ހެކީގެ ގޮތުގައި ބަންދުކޮށްފައެވެ. ކިޔާރާ ހުރީ ފުލުހުންގެ ސުވާލުކުރާ ކޮޓަރިން ބޭރުގައެވެ. ކުއްލިގޮތަކަށް އިތުރު ރަސްމީ ތަހުޤީޤަށް މަޢުލޫމާތު ދިނުމަށް އެ އިދާރާއަށް ހާޒިރުކުރެވިފައެވެ. ހޮސްޕިޓަލުގެ ވަސް ހިފާފައި ހުރި އޭނާގެ ކާޑިގަންގައި އަތް ހާކާލަމުން، ވަރުބަލިވެފައިވާ ދެލޯ އޭނާ ފޮހެލިއެވެ.
ޑިޓެކްޓިވް އިސްމާޢީލްގެ އަމަލުތައް ހުރީ ވަރަށް އަދަބުވެރިކޮށެވެ. އޭނާ ސުވާލުކުރަމުން ދިޔައީ ކިޔާރާ ބިރުނުގަންނާނޭ ފަދަ އުސޫލަކުންނެވެ.
“އެއްވެސް މީހަކު ކިޔާރާގެ ފަހަތުން އައިތަ؟”
“އަޅުގަނޑަށް ފާހަގައެއް ނުކުރެވޭ.”
“އެއްވެސް މީހަކާ މައްސަލައެއް ޖެހުނުތަ؟ އިންޒާރެއް ލިބުނުތަ؟ ނޫނީ ވަޒީފާގައި އެއްވެސް ދަތިކަމެއް އުޅޭތަ؟”
ކިޔާރާ ބޯ ހޫރާލިއެވެ. “ނޫން.”
ޑިޓެކްޓިވް އިސްމާޢީލް ކުޑަ ވަގުތުކޮޅަކަށް ކިޔާރާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ފޮތް ލައްޕާލިއެވެ.
“މިސް ކިޔާރާ، އެ ސިޓީއަކީ ބިރުދައްކަން ފޮނުވި އެއްޗެއްކަމެއް ނުވަތަ ހަމައެކަނި ނުތަނަވަސްކޮށްލަން ފޮނުވި އެއްޗެއްކަމެއް އަދި ނޭނގޭ. ކޮންމެ ގޮތެއްވިޔަސް އަމިއްލަ ހިތަށް ފެންނަ ގޮތަށް އިސްކަންދީ. ކަމެއް ގޯސްކޮށް އުޅޭހެން ހީވާނަމަ އަވަހަށް ގުޅާލާ.” ކިޔާރާ ޝުކުރު އަދާކުރުމަށްފަހު އެނބުރި ވަޒީފާއަށް ދިޔައީ، އަތުން ލިޔެފައިވާ ތިން ލަފުޒެއްގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވިޔަ ނުދިނުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
**********
މެންދުރުވުމުގެ ކުރިން އިމަޖެންސީ ޑިޕާޓްމަންޓް އޮތީ މީހުންނާއިގެން ފުރިފައެވެ. ގަދަ ހުން އައިސްފައިވާ ތުއްތު ކުއްޖަކު އޭނާގެ ވަރުބަލިވެފައިވާ މަންމަގެ ގައިގައި ބައްދާލައިގެން އޮތެވެ. ބަރު މެޝިނެއް ބޭނުންކުރަނިކޮށް ހިނގި ހާދިސާއެއްގައި ދެއަތް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްތެރިއަކު ގެނެވުނެވެ. އުމުރުން ދުވަސްވީ އަންހެނަކު، ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ކޮންމެ ނަރުހަކަށް ވަކިވަކިން ޝުކުރު އަދާކުރުމުގައި ދެމިހުއްޓެވެ.
އިމަޖެންސީގައި މަސައްކަތްކުރާ ހަލުވި ދުވެލީގެ ސަބަބުން، ކިޔާރާގެ ހާސްކަން މަޑުމަޑުން ފިލައިގެން ދިޔައެވެ. މިއީ އޭނާއަށް އެނގޭ، އޭނާގެ ދުނިޔެއެވެ. މިއީ ކަންކަން ކުރަންވީ ގޮތް އޭނާއަށް އެންމެ ރަނގަޅަށް އެނގޭ މާހައުލެވެ. ވޭނަށް ފަރުވާދޭނެ ގޮތްތަކެއް ހުރެއެވެ. ލޭ މަނާކުރާނެ އުސޫލުތަކެއް އޮވެއެވެ. ބިންދައިގެންދާ ކަށިތައް އަލުން ގުޅުވާލެވެއެވެ. ނަމަވެސް، އިންސާނުންނަކީ.. އިންސާނުންނަކީ މާ އޮޅުންބޮޅުން ބޮޑު ބައެކެވެ.
މެންދުރުގެ ހުސްވަގުތުކޮޅުގައި، ކިޔާރާ އެކަނި އިށީނދެލައިގެން އިންދާ ސަމީހާއަށް އޭނާ ފެނުނެވެ.
“މިއަދު މާ މަޑުމަޑުން ތިޔަ އިންނަނީ ކީއްވެ؟ ކަމެއް ގޯސްވީތަ؟”
“ހަމައެކަނި ވިސްނާލަނީ. މާ ބޮޑު ކަމެއް ނުވޭ”
“ވިސްނުމަކީ ނުރައްކާތެރި ކަމެއް. އަވަހަށް މުސްކުޅިވާނެ.”
ކިޔާރާ ކުޑަކޮށް ހިނިތުންވެލިއެވެ. “ތިޔަ ވާހަކަ ދައްކަނީ ހަމަ ޑރ. މަހްމޫދުހެން.”
“އޭނާއާއެކު މަސައްކަތްކުރާތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ.” ހޮސްޕިޓަލުގެ ކެފޭއިން ގަނެގެން ގެނައި ހޫނު މަސްރޮށިކޮޅެއް ސަމީހާ ދިއްކޮށްލިއެވެ. “މިއަދުވެސް ހެނދުނު ސައި ނުބޮމެއްނު؟”
“ބަނޑުހައެއް ނުވޭ.”
“ދުވަހަކުވެސް ބަނޑުހައެއް ނުވޭތާ.” ކިޔާރާ އެ ބަލައިގަތީ ޝުކުރުވެރި ހިނިތުންވުމަކާއެކުގައެވެ. “ޝުކުރިއްޔާ.” ސަމީހާ ކުޑައިރުކޮޅަކު އޭނާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އަލުން ވާހަކަ ދައްކަން ފެށިއެވެ.
“އެނގޭތަ؟”
“ކީކޭ؟”
“ކޮންމެ ދުވަހަކުވެސް ކިޔާރާ ތިޔަ އުޅެނީ ނުދަންނަ މީހުންގެ ކަންކަން ބަލައި، އެމީހުންނަށް އެހީވުމުގައި.”
“އެއީ އަހަރެންގެ ވަޒީފާގެ ގޮތުން ކުރަންޖެހޭ ކަމެއް.”
“އެކަމަކު، ކިޔާރާގެ ކަންކަން ބަލަނީ ކާކު؟” މި ސުވާލުން ކިޔާރާ ހައިރާންވިއެވެ. އޭނާ ކުޑަކޮށް ހީނލިއެވެ.
“އަހަރެން އަމިއްލައަށް އުޅެވިދާނެ.”
“އެނގޭ އުޅެވޭނެކަން.” ސަމީހާ އޯގާތެރިކަމާއެކު ހިނިތުންވެލިއެވެ. “އަހަރެން އެދެނީ ކޮންމެ ކަމެއް އަމިއްލައަށް ކުރަން ނުޖެހޭނެކަން ކިޔާރާއަށް އެނގޭނެ ދުވަހެއް އައުން.”
މި ދެކެވުނު ވާހަކަތައް ކިޔާރާގެ ހިތުގައި ބިންވަޅު ނެގިފައި ހުއްޓެވެ.
**********
މުޅި މާލޭގެ މައްޗަށް ވާރޭވިލާތައް ބޯވަމުން ދިޔައެވެ. ޒިމާން ހުރީ ހުޅުވާފައިވާ ކުޑަދޮރެއްގެ ކައިރީގައެވެ. ޖެހެމުންދިޔަ ރޯޅިތަކުން ފަރުދާތައް ހޫރެމުން ދިޔައިރު، އޭނާ މަޑުމަޑުން އޭނާގެ ކޮނޑު ހަރަކާތްކޮށްލިއެވެ. މިހާރު އެ ކޮނޑު ވަނީ ރަނގަޅުވާން ފަށާފައެވެ. އޭނާގެ ޑޮކްޓަރު ވަނީ ލުއި މަސައްކަތްތަކަށް އެނބުރި ދިއުމުގެ ހުއްދަ ދީފައެވެ. އެންޒޯ ކޮޓަރިއަށް ވަނީ ފައިލެއް ހިފައިގެންނެވެ. “އެމީހުން ވަނީ އޭނާ ދިރިއުޅޭ އިމާރާތް ކައިރި ބަލަހައްޓަން ފަށާފައި.” ޒިމާން ބޯ ޖަހާލިއެވެ. “ދެން؟” “އިތުރު ކަމެއް އަދި ފާހަގައެއް ނުވޭ.” ކުޑަ ވަގުތުކޮޅަކަށް ދެމީހުންގެ މެދުގައި ހިމޭންކަން އޮތެވެ. ދެން އެންޒޯ މޭޒުމަތީގައި އިތުރު ފޮޓޯއެއް ބޭއްވިއެވެ. އެއީ އައި.ޖީ.އެމް.އެޗްގެ ވަންނަ ދޮރެވެ. މަގުގެ އަނެއް ފަރާތުގައި ކަޅު ކެޕެއް އަޅައިގެން ހުރި މީހަކު ހުއްޓެވެ. އޭނާ ހުރީ ހޮސްޕިޓަލާ ދިމާއަށް ބަލަހައްޓައިގެން ކަމަށް ދައްކައެވެ. “އޭނާ އިއްޔެވެސް އެތާ ހުރި.” އެންޒޯ ބުންޏެވެ. “މިއަދުވެސް.”
“އޭނާއަކީ އަހަރެމެން ދަންނަ މީހެއްތަ؟”
“ނޫން.” ޒިމާން އެ ފޮޓޯއަށް ބަލަހައްޓައިގެން ހުރުމަށްފަހު މަޑުމަޑުން ބުންޏެވެ. “ފާރަވެރިވޭ.” އިތުރު އެއްވެސް އެއްޗެއް އޭނާ ނުބުނެއެވެ.
**********
އެދުވަހު ކިޔާރާ ވަޒީފާއިން ނުކުތީ ހީކުރި ވަރަށްވުރެ މާ އަވަހަށެވެ. ވާރޭ ހުއްޓާލާފައިވާއިރު، އުޑުމަތި އޮތީ އޮރެންޖާއި ދަނބުކުލައިގެ ރީތި މަންޒަރަކުން ފެވިފައެވެ. އޭނާ ނިންމީ ސީދާ ގެއަށް ދިއުމުގެ ބަދަލުގައި، ކަނޑު ފެންނަ ގޮތަށް ބޭރު މަގުގައި ހިނގާލުމަށެވެ. އާންމުކޮށް މިފަދަ ވަގުތުކޮޅެއް އޭނާއަށް ނުލިބެއެވެ. އާންމުކޮށް އޭނާގެ ދިރިއުޅުން ހުންނަނީ ހޮސްޕިޓަލުން ބަސް ހުއްޓިއަށް، ބަސް ހުއްޓިން އެޕާޓްމަންޓަށް، އަދި އަނެއްކާވެސް އެޕާޓްމަންޓުން ވަޒީފާއަށް ދިއުމުގެ އަވަސް ދިރިއުޅުމެއްގައެވެ. ނަމަވެސް މިއަދު.. އޭނާގެ ހިނގުން މަޑުޖައްސާލިއެވެ.
ކުޑަކުދިން ހީނލަމުން މަގުގައި ހެދިފައިހުރި ފެންގަނޑުތަކު ތެރެއިން ފުންމަމުން ދުވަމުން ދިޔައެވެ. ކުނި އުފުލާ ލޮރީ އެމީހުންގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ކަނޑުގެ ރާޅުތަކަށް އިރުގެ އަލި އެޅިފައިވާއިރު، ރިހިކުލައިގެ ފަރުދާއެއް ފަދައެވެ.
މަދު ދުވަސްކޮޅަކަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އެއްވެސް އަވަސްއަރުވާލުމެއް ނެތި ހަމައެކަނި އުޅެލުމަކީ ކިހާ މުހިންމު ކަމެއްކަން އޭނާއަށް އިޙުސާސްވިއެވެ. ކަނެއްގައި ހުރި ކުޑަ ފޮތް ފިހާރައެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އެތަނަށް ވަދެލިއެވެ.
ކަރުދާހާއި ކޮފީގެ މީރުވަސް މުޅި ތަނުގައި ހިފާލާފައި ހުއްޓެވެ. އޭނާ ފޮތްތައް ބަލަން ހުއްޓާ، އުމުރުން ދުވަސްވީ މީހަކު އޭނާގެ ކައިރިއަށް އައެވެ. “ވަކި ކަހަލަ ފޮތެއް ހޯދަނީތަ؟” ކިޔާރާ ހިނިތުންވެލިއެވެ.
“ހިތަށް ހަމަޖެހުން ލިބޭނެ ކަހަލަ އެއްޗެއް.”
އެ މީހާ ހީނލިއެވެ. “އެފަދަ ފޮތްތައް ވަރަށް އަވަހަށް ހުސްވޭ.”
މަދު މިނެޓުކޮޅެއްގެ ތެރޭގައި، އޭނާ ޅެން ފޮތެއް އިޚްތިޔާރު ކުރިއެވެ. އޭނާ ފައިސާ ދައްކާ ކައުންޓަރަށް ދިއުމުން، ފިހާރައިގެ ސާހިބު މީހާ ކުޑަކޮށް މޫނު ހަދާލިއެވެ.
“މިއީ ވަރަށް އާދަޔާ ޚިލާފު ކަމެއް.”
“ކިހިނެއްވީ؟”
އޭނާ ފައިސާ ދެއްކި ރަސީދު މެޝިނަށް ބަލާލިއެވެ. “މި ފޮތަށް ވަނީ ފައިސާ ދައްކާފައި.”
ކިޔާރާ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. “ކީކޭ؟”
“މީގެ ދިހަވަރަކަށް މިނެޓު ކުރިން ބޭފުޅަކު މި ފޮތަށް ފައިސާ ދެއްކި. އޭނާ ބުނި ނޫކުލައިގެ ކާޑިގަނެއް ލައިގެން ހުރި ނަރުހަކު އައިސް މި ފޮތް ނަގައިފިނަމަ، އެ ފޮތް އޭނާއަށް ދޭށޭ.”
ކިޔާރާގެ ހަށިގަނޑުން ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ.
“އޭނާގެ ނަމެއް ބުނިތަ؟”
ފިހާރައިގެ ވެރިމީހާ ބޯ ހޫރާލިއެވެ. “ނޫން.”
އޭނާ ފޮތުގެ ތެރެއަށް ލާފައި އޮތް ކުޑަ ބުކްމާކެއް ކިޔާރާއަށް ދިއްކޮށްލިއެވެ. އޭގައި ވަރަށް ރީތިކޮށް ލިޔެފައިވަނީ އެންމެ ތިން ލަފުޒެވެ. “ހިތްހެޔޮކަން އިޚްތިޔާރުކުރުންމަތީ ދެމިހުރޭ.”
އޭނާ ވަގުތުން ބޭރަށް ބަލާލިއެވެ. މަގުމަތި އޮތީ މީހުންނާއިގެން ފުރިފައެވެ. އޮފީސްތަކުން ނިމިގެންދާ މީހުންނާއި، ކިޔަވާ ކުދިންނާއި، އާއިލާތަކެވެ. ނަމަވެސް އޭނާއަށް ފާރަލާ އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
އޭނާ އެ ބުކްމާކް އަލުން ފޮތުގެ ތެރެއަށް ލިއެވެ. ބަޔާންކުރަން ނޭނގޭ ސަބަބަކާ ހުރެ، މި މެސެޖު ކުރިން ލިބުނު މެސެޖާ މުޅިން ތަފާތެވެ. މިއީ އިންޒާރެއް ނޫނެވެ. ބިރުދެއްކުމެއްވެސް ނޫނެވެ. މިއީ.. ހިތްވަރު ދިނުމެއް ކަހަލަ ކަމެކެވެ.
އޭނާ އަލުން މަގުމައްޗަށް ނުކުތްއިރު، އިރުއޮއްސެމުންދިޔަ ވަގުތުގެ ފިނި ރޯޅިތަކުން އޭނާގެ އިސްތަށިގަނޑު ހޫރެމުން ދިޔައެވެ. އިރުގެ ރަންދޯދިތައް ކަނޑުގެ ރާޅުތަކަށް އެޅިފައިވާއިރު، މުޅި މާހައުލު އޮތީ ރިހިކުލައިން ވިދާލާފައެވެ. އޭނާ މަޑުމަޑުން އެ މަންޒަރަށް ބަލަހައްޓައިގެން ހުއްޓެވެ.
އަމިއްލައަށް ނޭނގި ހުރެ، ކިޔާރާގެ ތުންފަތަށް ހިނިތުންވުމެއް އައެވެ. އޭނާއަށް ނޭނގުނު ކަމަކީ، އެއްވެސް މީހަކަށް ނުފެންނަ ހިސާބެއްގައި ހުރި މީހަކުވެސް، އޭނާއާއެކު ހިނިތުންވެލި ކަމެވެ. އެއީ އޭނާ އެ ހަދިޔާ ޤަބޫލުކުރުމުންނެއް ނޫނެވެ.
ނަމަވެސް، ދިިމާވި ހުރިހާ ކަމަކަށް ފަހުވެސް.. އޭނާގެ އަސްލު ސިފަ ބަދަލުކުރުމަށް ބިރުވެރިކަމަށް ފުރުސަތު ނުދިނުމުންނެވެ.
(ނުނިމޭ)
