ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިވްރިޝާ – އެޕިސޯޑް 15

ފަގީރުކަމަކީ އަހަރެން ފޫހިވާ އެއްޗެކެވެ. ހަދީޖާގެ އެހީތެރިކަން ނެތްނަމަ، އަހަރެން ހުންނާނީ މަގުމަތިވެފައެވެ. އޭނާ އަހަރެންނަށް އެޕާޓްމަންޓަކާއި ކާރެއް ގަނެދިނެވެ. ކޮންމެ ދުވަހަކު ކާނާ ފޯރުކޮށްދެއެވެ. އެހެންކަމުން، މީގެ ހަތަރު އަހަރު ކުރިން އަދުނާނާއި އިވްރިޝާގެ ކައިވެންޏާ ދެކޮޅު ހަދަން އޭނާ ބުނުމުން، އަހަރެން އުފަލުން އެކަން ކުރީމެވެ. އެއީ ވަރަށް ކުޑަ ކަމެކެވެ. އެކަމާ މެދު އަހަރެން ދެރައެއް ނުވަމެވެ.

“ހިނގާ ފޭކް ވަކީލުންނާ ބައްދަލުކުރަން ދާން،” އަހަރެން ބުނީމެވެ.

އުމުރުން 54 އަހަރުވީ ނަމަވެސް، އަހަރެންގެ ހަށިގަނޑުގައި އަދިވެސް ވަރަށް ހަކަތަ އެބަހުއްޓެވެ.

“އަހަރެމެން ބުނާ ގޮތަށް އެމީހުން އެއްބަސްވާން ޖެހޭނެ. އެހެން ނޫންނަމަ ހަދަންޖެހޭ ގޮތް އެނގެއެއްނު؟” ނުބައި ހިނިތުންވުމަކާއެކު ހަދީޖާ އެހިއެވެ.

“އާނ، އެނގޭ،” އަހަރެން ބޯޖަހާލަމުން އޭނާގެ ބެންޓްލީ ކާރަށް އެރީމެވެ.

“އަހަރެމެން އެމީހުން މަރާލާނީ.”

****

އިވްރިޝާގެ ނަޒަރިއްޔާތުން

ލަންކާއިން އަހަރެން އެނބުރި އައި ފަހުން ދިމާވި އެންމެ ހިތްދަތި ކަމަކީ މުޙައްމަދު އަހަރެމެންގެ ގެއަށް އައި އައުމެވެ. ޚަލީލާ ދެމެދު ހިނގި ޒުވާބުތަކަށް ވުރެ ވެސް އޭނާގެ އެ ޒިޔާރަތުން މާ ބޮޑަށް އަހަންނަށް އަސަރުކުރިއެވެ.

އޭނާ ކުއްލިއަކަށް އައުމުން އެންމެންގެ މޫނުމަތިން އުފާވެރިކަން ގެއްލިއްޖެއެވެ. އޭނާ އައި ފަހުން މަންމަ ހުރީ ވަރަށް ބޮޑު ފިކުރެއްގެ ތެރޭގައި ހިމޭނުންނެވެ. ތަސްނީމް އިނީ ސަބީނާގެ ކޮޓަރީގައި ރޯށެވެ.

ޙަމްޒާ ގެއިން ބޭރަށް ދިޔަ ނަމަވެސް، އޭނާ ވެސް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައިކަން އަހަންނަށް ޔަގީނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ތިމާ ލާމަސީލު މިސާލެއްގެ ގޮތުގައި ބަލައި، އެމީހަކަށްޓަކައި ފަޚުރުވެރިވެ، ލޯބިވާ މީހަކު، ތިމާގެ މަންމައަށް ބޭވަފާތެރިވިކަމަށް އަމިއްލައަށް އެއްބަސްވުމުން ކުރާނެ އަސަރު ކިހާ ބޮޑުވާނެ ހެއްޔެވެ؟

އެކަމުގެ ސަބަބުން އެމީހުންނަށް ކުރި އަސަރު އަހަންނަށް އިހުސާސް ކުރެވެއެވެ. އަދި އަހަންނަށް ވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ތަދުވެއެވެ. އެ ހިތާމަ މަޑުމަޑުން ނަފުރަތަށް ބަދަލުވަމުންދެއެވެ. އަހަރެންގެ ބަފާ ނުވަތަ މުޙައްމަދާ މެދު އަހަރެންގެ ހިތުގައި އުފެދެމުންދަނީ ނުހަނު ފުން ނަފުރަތެކެވެ.

“އިވްރިޝާ، މާ ބޮޑަށް ފިކުރުނުކޮށް ހިނގާ ދާން، އަޒީޒާ އަތުވެއްޖެ،” އަޚީރާގެ އަޑަށް އަހަރެންގެ ޚިޔާލީ ދުނިޔެއިން ބޭރުވެވުނެވެ.

އަހަރެމެން ތިބީ އަހަރެންގެ ކޮޓަރީގައެވެ. އޭނާ އައީ މުޙައްމަދު ދިޔަ ފަހުން މާ ގިނަ އިރުތަކެއް ނުވަނީހެވެ. އަހަރެންގެ ހިތުގައި ހުރި އުދާސްތައް ކޮންމެވެސް މީހަކާ ހިއްސާކުރަން ބޭނުންވެފައި ހުރުމުން، އަޚީރާ އާއި ޝިރާނީ ގާތު ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ރާއްޖޭގައި އަހަރެންގެ ތިބި ހަމައެކަނި އެކުވެރިންނަކީ އެއީއެވެ. ހިތުގެ ތެރޭގައި ކަންކަން ފޮރުވައިގެން ހުރުމަށްވުރެ އެމީހުންނަށް ކިޔައިދިނުން މާ ރަނގަޅު ކަމަށް އަހަންނަށް ފެނުނެވެ.

“އޭނާ މި ގެއަށް އައީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެ. އޭނާ އަލުން އައިސްގެން ނުވާނެ! ކައިވެންޏަށް ބާކީ މިއޮތީ އެންމެ މަހެއް. އެކަހަލަ މީހެއްގެ ސަބަބުން މަންމަ ނުވަތަ ތަސްނީމް ދެރަވާކަށް އަހަރެން ބޭނުމެއް ނޫން،” އެނދުން ތެދުވަމުން ފުން ނޭވާއެއް ދޫކޮށްލާފައި، އަޚީރާއަށް ބަލަހައްޓައިގެން ހުރެ އަހަރެން ބުނީމެވެ.

އޭނާ ހިނިތުންވެލަމުން އަހަރެންގެ ގައިގައި ބައްދާލިއެވެ. “އޭނާގެ ކަންތަކާ މާ ބޮޑަށް ނުތަނަވަސް ނުވޭ. ފަހަރުގައި އޭނާ ބޭނުންވަނީ ވެސް އެއީ ކަމަށް ވެދާނެ. އެހެންވެ އޭނާ އެ އެނބުރި އައީ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބުއްދި އިސްކުރޭ، އެންމެންނަށްޓަކައި ވެސް ހިތްވަރުގަދަވާންވާނެ.” ބައްދާލައިގެން ހުރުމަށްފަހު ދުރަށް ޖެހިލަމުން އަހަރެން އަޚީރާގެ އަތުގައި ބާރަށް ހިފާލީމެވެ. އޭނާއަކީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު އެކުވެރިއެކެވެ. އެކަހަލަ ރަހުމަތްތެރިއަކު ލިބުނީތީ އަހަރެން އުފާކުރަމެވެ.

މިވެސް ކިޔާލަން:  ރިހިރަންފުށި - ޗެޕްޓަރ 14

އޭނާ އަނެއްކާވެސް ހިނިތުންވެލުމަށްފަހު، އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ހިނގައިގަތެވެ. އޭނާ ހުރީ މުށިކުލައިގެ އަބާޔާއަކާއި ކަޅުކުލައިގެ ޝޯލްއެއް އަޅައިގެންނެވެ.

“އަހަރެމެން ތިރިއަށް ދާ ވާހަކަ ޝިރާނީ ގާތު ނުބުނަމެއްނު،” އަހަރެން ހުއްޓެމުން ބުނީމެވެ. އަހަރެމެން ނުކުތްއިރު ޝިރާނީ އިނީ ފާޚާނާގައެވެ. އޭނާ ނުކުންނައިރު އަހަރެމެން ވީތަނެއް ނޭނގިއްޖެނަމަ ވަރަށް ރުޅިއަންނާނެއެވެ.

އަޚީރާ ފޫހި ގޮތަކަށް އަޑެއް ލައްވާލުމަށްފަހު އަނބުރާ ކޮޓަރިއަށް ދިޔައެވެ. އަހަރެމެން ކޮޓަރިއަށް ވަން ވަގުތަކީ ޝިރާނީ ފާޚާނާއިން ނުކުތް ވަގުތެވެ.

“ތިޔަދަނީ ކޮންތާކަށް؟” އޭނާގެ ކަޅު ދިގު އިސްތަށިގަނޑު އައްސަމުން އަހާލިއެވެ. އޭނާ ހުރީ ޖީންސަކާއި ތިރިން ވީދިފައި ހުރި ކަޅު ކުލައިގެ ގަމީހެއްގައެވެ. އޭނާގެ މޫނުގެ އެކި ތަންތަން ހުރީ ތޮރުފައިފައެވެ. ދާދި ފަހުން އޭނާ ވަނީ އަނގަ ތެރެއާއި ނޭފަތުގެ އެތެރެ ވެސް ތޮރުފާފައެވެ.

އޭނާގެ އެ ތަފާތު “ސްޓައިލް” އަހަންނަށް ކިތަންމެ ކަމުދިޔަ ނަމަވެސް، ކަށްޓަށް ބިރުގަންނާތީ އަހަރެން އެކަހަލަ ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ.

“ވެޑިންގ ޕްލޭނަރ އަތުވެއްޖެ، އަހަރެމެން މިދަނީ އޭނާއާ ބައްދަލުކުރަން. އަދި ޚަލީލް ވެސް އެބަ އާދޭ. އަހަރެންގެ އެކުވެރިންގެ ތެރެއިން އޭނާއާ ބައްދަލުނުވަނީ ހަމައެކަނި ކަލެއާ، އެހެންވެ ތިޔަ ދެމީހުން ބައްދަލުކުރުވަން އަހަރެން ބޭނުން،” ހިނިތުންވެލަމުން އަހަރެން އޭނާގެ އަތުގައި ހިފައިގެން ތިރިއަށް ދާން ހިނގައިގަތީމެވެ.

އޭނާ އަހަރެންގެ އަތުން ދޫކޮށްލަމުން ބުންޏެވެ، “އަހަރެންގެ އަތުގައި ދެން ނުހިފާތި، މީހުން އަހަރެންގެ ގައިގައި އަތްލުމަކީ އަހަރެން ވަރަށް ފޫހިވާ ކަމެއް. އަދި ޚަލީލާ ބައްދަލުކުރުން އެއީ މާ މުހިންމު ކަމެއް ނޫން، ތިޔަ ދެމީހުންނަކީ ވަރަށް ގުޅޭ ޖޯޑެއްކަން އަހަންނަށް އެނގޭ!” އޭނާ މިހެން ބުނީ ތަފާތު އަޑަކުންނެވެ. އޭނާގެ މޫނުމަތީގައި ހުރި ހިނިތުންވުމަކީ މަޖުބޫރުން ގެނެސްފައިވާ ހިނިތުންވުމެއްހެން ހީވެއެވެ.

“އެންމެ ރަނގަޅު، ހިނގާ އަޒީޒާއާ ބައްދަލުކުރަން،” އަހަރެން ބުނީމެވެ.

އަހަރެމެން ތިރިއަށް ދިޔައިރު، މޭކަޕް އާޓިސްޓެއް ކަމަށްވާ އަޒީޒާ ސިޓިންގ ރޫމުގައި މަޑުކޮށްލައިގެން އިނެވެ. އޭނާ ހުރީ ވަރަށް ފުރިހަމަ ބިޒްނަސް ސޫޓެއްގައެވެ. މީގެ ދުވަސްކޮޅެއް ކުރިން އިންސްޓަގްރާމުން އޭނާގެ މަސައްކަތްތައް ފެނުމުން، އަހަރެމެންނަށް އެ މަސައްކަތްތައް ވަރަށް ކަމުދިޔައެވެ.

“އަހަރެންގެ ސްޓޫޑިއޯގައި ވަރަށް ގިނަ ޑިޒައިންތައް ހުންނާނެ، އެކަމަކު އިވްރިޝާއަށް ސްޓޫޑިއޯއަށް ނާދެވޭތީ އޭގެ ތެރެއިން އެންމެ ރީތި ޑިޒައިންތައް މި ގެނައީ،” އޭނާގެ ކަޅު ފައިލަށް އިޝާރާތް ކުރަމުން އަޒީޒާ ބުންޏެވެ.

އަހަރެން އުފަލާއެކު އެ ފައިލް ބަލަން ފެށީމެވެ. ހުރިހާ ޑިޒައިންތަކެއް ވެސް އެހާ ފުރިހަމައެވެ. ވެވޭނެ ނަމަ ހުރިހާ ޑިޒައިނެއް ވެސް އަހަރެންގެ ކައިވެނީގައި ބޭނުންކުރީމުހެވެ.

“އަހަންނަށް ފެންނަނީ ތަންކޮޅެއް އަނދިރި އަދި ބިރުވެރި ގޮތަކަށް މިކަން ކުރަން،” ޝިރާނީ ޚިޔާލު ދިނެވެ. އަހަރެމެން ދެމީހުން ވެސް ހައިރާންވެފައި އޭނާއަށް ބަލާލީމެވެ.

“ޝިރާނީ، އެންމެންނަކީ ކަލޭ ކަހަލަ މީހުންނެއް ނޫން. ތިޔަ ޚިޔާލު ބާއްވާ ކަލޭގެ ކައިވެންޏާ ހަމައަށް،” އަޚީރާ ސަމާސާ ރާގަކަށް ބުންޏެވެ.

“ބަދަލެއް ގެނައުމަކީ ރަނގަޅު ކަމެއް! ގިނަ މީހުން މިހާރު ބޭނުންކުރަނީ ހަމަ އެއްކަހަލަ އުޖާލާ ކުލަތަކެއް،” ޝިރާނީ ބުންޏެވެ.

އަހަރެން ހިނިގަނޑެއް ޖަހާލަމުން ބުނީމެވެ، “މިއީ ކައިވެނީގެ އުފާ ފާޅުކުރުމެއް، ކަށުނަމާދެއް ނޫން.”

މިވެސް ކިޔާލަން:  ދިވެހިން ކިޔައިއުޅޭ ބައެއް ފުލޯކު ވާހަކަތަކަށް ނަޒަރެއް

“ކޮންމެއަކަސް، އަހަރެންގެ ކައިވެނީގައި ބޭނުންކުރާނީ އަނދިރި ކުލަތައް، މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ވަރިހަމަ،” މިހެން ބުނެ ކުއްލިއަކަށް އޭނާ ސިޓިންގ ރޫމުން ނުކުމެގެން ހިނގައްޖެއެވެ. އޭނާގެ އުޅުން ހުންނަ ގޮތުން ބައެއް ފަހަރު އަހަރެން ހައިރާންވެއެވެ.

“ކައިވެނީގެ ހަފުލާއަކަށް އޮތީ ހަމައެކަނި ޑިނަރއެއް ކަމަށްވާތީ، ވަރަށް ވިސްނުންތެރިކަމާއެކު ގޮތެއް ނިންމަންވާނެ،” އަޒީޒާ ލަފާދިނެވެ.

އަހަރެން ބޯޖަހާލަމުން ފުން ނޭވާއެއް ދޫކޮށްލީމެވެ. މިއީ ހަގީގަތުގައި ވެސް ވަރަށް އުނދަގޫ އަދި އޮޅުންބޮޅުން ބޮޑު ކަމެކެވެ. އަހަރެންގެ ހިތް އެދެނީ އެ ހުރިހާ ރީތި ޑިޒައިންތަކެއް ކައިވެނީގައި ބޭނުންކުރާށެވެ. އަނެއްކޮޅުން، ކޮންމެ ކަމެއް ނިންމުމުގެ ކުރިން ޚަލީލާ މަޝްވަރާކުރަން އަހަރެން ބޭނުންވިއެވެ. މިއީ އަހަރެމެން ދެމީހުންގެ ކައިވެނި ކަމަށްވާތީ، ހުރިހާ ކަމަކުން ވެސް އަހަރެމެން ދެމީހުންގެ ގުޅުން ފެންނަން އަހަރެން ބޭނުންވެއެވެ.

ޚަލީލަށް އެންމެ ކަމުދާ ކުލައަކީ ގަދަ ނޫކުލައެވެ. އަހަރެންގެ އެންމެ ފޭވަރިޓް ކުލައަކީ ރަތްކުލައެވެ. ނޫކުލައާއި ރަތްކުލަ އެއްކޮށްލުމުން އެހާ ރީތިވާނެހެން އަހަންނަކަށް ހީއެއް ނުވެއެވެ. އެކަމަކު މިއީ އަހަރެމެންގެ ކައިވެންޏެވެ. އަހަރެމެން ބޭނުން ކޮންމެ ގޮތަކަށް ވެސް ކަންކަން ކުރެވިދާނެއެވެ.

“އައްސަލާމް އަލައިކުމް،” އެތެރެއަށް ވަދެގެން އަންނަމުން ޚަލީލް ސަލާމް ގޮވާލިއެވެ.

އޭނާ ފެނުމާއެކު އަހަރެންގެ ހިތް އަވަސްވެ، މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. ހުދުކުލައިގެ ޓީޝާޓަކާއި މުށިކުލައިގެ ތޮއްޕެއް އަޅައިގެން ހުރިއިރު އޭނާ ފެންނަނީ ނުހަނު ފުރިހަމަކޮށެވެ.

އަހަރެންގެ ކުރިމަތީގައި ހުރި ސޯފާގައި އިށީންނަމުން އޭނާ ހިނިތުންވެލިއެވެ. “ހޭއި ކުދިންނޭ، ހައި އިވްރިޝާ.”

“ހޭއި،” އަހަރެން ލަދުން އިނދެ ޖަވާބު ދިނީމެވެ. އޭނާގެ ލޮލާ އަހަރެންގެ ލޮލާ ސީދާވި ވަގުތު އަހަރެން ރަކިވެ، ދެއަތުން މޫނު ފޮރުވާލީމެވެ.

އަހަރެންގެ ކައިރީގައި އިން އަޚީރާ ބުންޏެވެ، “ޚަލީލް، ކަލޭ އައިމަ ދެން އިވްރިޝާއަކަށް އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވޭނެ!”

ޚަލީލް ހީލާފައި ބުންޏެވެ، “އޯހް، އަހަންނަކީ އެހާ ބޮޑު އުނދަގުލަކަށް ވެދާނެ ކަމެއް ނޭނގޭ. އަހަރެން ފަހުން އަތުވެދާނަން.”

އޭނާ ސަމާސާ ގޮތަކަށް ތެދުވަން އުޅުނެވެ.

“ނޫން!” އަހަރެން އަވަހަށް ތެދުވެ އޭނާގެ ގާތަށް ގޮސް، އޭނާ އަލުން ސޯފާގައި ބޭންދީމެވެ. އަދި އޭނާގެ ކައިރީގައި އަހަރެން އިށީނީމެވެ.

“ކައިވެނިކުރާ ގްރޫމް އަށް ބައެއް ޑިޒައިންތައް ބަލާލަން ކަމުދާނެތަ؟” އަޒީޒާ ވަރަށް ރަސްމީ ރާގަކަށް އަހާލިއެވެ.

“އާނ، އޭރުން ގޮތެއް ނިންމަން މާ ފަސޭހަވާނެ،” ފައިލް އަތުލަމުން އަހަރެން ބުނީމެވެ.

އަޚީރާ ތެދުވަމުން ބުންޏެވެ، “މިހާރު ‘ޕްރިންސް ޗާމިންގް’ އައުމުން އަހަރެން ބާކީވެއްޖެ، އެހެންވީމާ އަހަރެން މިދަނީ މަތީގައި ހުރި ޝިރާނީ ގާތަށް.”

އަހަރެން އޭނާއަށް އަތުން އިޝާރާތް ކޮށްލީމެވެ. އޭނާ ރުޅިނާންނާނެކަން އަހަންނަށް އެނގެއެވެ. އަޚީރާއަކީ ވަރަށް ހިތްހެޔޮ، ރުޅިމަދު ކުއްޖެކެވެ. ޝިރާނީ ވެސް އޭނާ ކަހަލަ ކުއްޖަކަށް ވިނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.

“ކޮބާ ޝިރާނީ؟” ޚަލީލް އަހަރެންގެ މޫނަށް ބަލާލަމުން އަހާލިއެވެ. “އަހަރެން އަދި އޭނާއާ ދުވަހަކުވެސް ބައްދަލެއް ނުވޭ. އިވްރީގެ އެކުވެރިންގެ ތެރެއިން އަހަންނަށް ނުފެންނަ ހަމައެކަނި މީހަކީ އެއީ.”

“އަހަރެން ވެސް އޭނާ ގާތު ތިހެން ބުނިން!” އަހަރެން ބުނީމެވެ. “ޚަލީލް އަންނަ ކޮންމެ ފަހަރަކު އޭނާ ކުއްލިއަކަށް ގެއްލިދާނެ!”

“ފަހަރުގައި އޭނާ އެއުޅެނީ އަހަންނަށް ފިލައިގެން ކަމަށް ވެދާނެ،” ފައިލް ހުޅުވާލަމުން އޭނާ ހީލާފައި ބުންޏެވެ.

އަހަރެން ވެސް ހީލަމުން ބުނީމެވެ، “އާނ، ޝިރާނީ މީހަކަށް ފިލައިގެން އުޅޭނެއެއްނު.”

މިވެސް ކިޔާލަން:  އަލިމަގު

އޭނާ ބައެއް ސަފުހާތައް އުކާލަމުން، ބައެއް ޑިޒައިންތަކަށް ތައުރީފުކޮށް، އަނެއްބައި ޑިޒައިންތަކަށް އެއްޗެއް ނުބުނެ ހުއްޓެވެ.

“ބައި ދަ ވޭޒް. އަހަރެން ދުވަހަކުވެސް ބުނިންތަ؟ އަހަރެންގެ ކުރީގެ ލޯބިވެރިޔާގެ ނަމަކީ ވެސް ޝިރާނީ އޭ. އަހަރެން ލަންކާއަށް ބަދަލުވާން ޖެހުމުން އަހަރެމެން ޖެހުނީ ވަކިވާން،” ފައިލްގެ ތެރެއަށް ބަލަހައްޓައިގެން އިނދެ އޭނާ މި ޚަބަރު ދިނެވެ.

އަހަރެންގެ ބޯ ގޮވައިގެން ދިޔަ ކަހަލައެވެ. ޝިރާނީއަކީ އާންމު ނަމެއް ނޫނެވެ. އަހަރެން ދަންނަ ހަމައެކަނި ޝިރާނީއަކީ ޝިރާނީ ބިންތު ރަބާޙްއެވެ. އޭނާއަކީ ޚަލީލްގެ ކުރީގެ ލޯބިވެރިޔާ ހެއްޔެވެ؟

އެކަމަކު… އެއީ އޭނާ ކަމުގައި ވާނަމަ، އަހަރެން އޭނާއަށް ޚަލީލްގެ ފޮޓޯ ދެއްކީމެވެ. އެހެންވީމާ އޭނާއަށް އެނގެން ޖެހޭނެއެވެ. އަދި އޭނާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާތީ، އޭނާ އެވާހަކަ އަހަރެން ގާތު ބުނާނެ ނޫން ހެއްޔެވެ؟

ނޫނީ އޭނާ ބުނަން ބޭނުން ނުވީ ހެއްޔެވެ؟ އެންގޭޖްމަންޓް ޕާޓީގައި އޭނާ އުޅުނު އާދަޔާ ހިލާފު ގޮތް އަހަރެން ހަނދާންވިއެވެ. އެތައް އަހަރަކަށްފަހު އޭނާ ދެކުނު ވާހަކަ ބުނި ހަނދާންވިއެވެ.

އޭނާ އެބުނީ ޚަލީލްގެ ވާހަކަ ހެއްޔެވެ؟ އަހަރެންގެ ޚަލީލްގެ ވާހަކަ ހެއްޔެވެ؟ ނޫނެކެވެ! އެހެނެއް ނުވާނެއެވެ! ޝިރާނީއަކީ އާންމު ނަމަކަށް ނުވިޔަސް، ޚަލީލްއަކީ ވަރަށް އާންމު ނަމެކެވެ. އެހެންވީމާ އޭނާ އެބުނީ އެހެން ޚަލީލެއްގެ ވާހަކަ ކަމަށް ވެދާނެއެވެ.

އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އަހަރެންގެ ލޯބިވެރިޔާއާ އެހެން އަންހެނަކު ގާތްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނާއަކީ ހަމައެކަނި އަހަރެންގެ މީހެކެވެ.

“ބޭބީ، އަހަންނަށް ހީވަނީ މި ހުދުކުލައާއި ފިޔާތޮށިކުލަ ވަރަށް ރީތިހެން،” ޚަލީލް ޑިޒައިނަކަށް އިޝާރާތް ކުރިއެވެ.

އަހަރެން މޫނު ހަދާލަމުން ބުނީމެވެ، “ނޫން. އެއީ މާ އަންހެން ކުލައެއް. އަދި އަހަރެންގެ ހެދުމަކީ ރަންކުލައިގެ މަސައްކަތް ހުރި ގަދަ ނޫކުލައިގެ ހެދުމެއް.” ޑިޒައިނަރ ޖުމާނާއާ ހަވާލުކުރި އަހަރެންގެ ހެދުން މިހާރު އޮންނާނީ ނިމެން ކައިރިވެފައެވެ. ވަރަށް އަވަހަށް ހެދުން ގަޔަށް ހެޔޮވަރުތޯ ބަލަން ދާން ޖެހޭނެއެވެ.

“އޯކޭ، އެހެންވީމާ ހުދުކުލައާއި ކްރީމް ކުލަ ކިހިނެއްވާނެ؟”

“ކަމަކު ނުދޭ،” އަހަރެން އިންކާރު ކުރީމެވެ. “އެއަކާ ނުގުޅޭ.”

އަހަރެމެން ދެމީހުންނަށް ކަމުދާ އެއްޗެއް ފެނޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އެކަމަކު އެކަހަލަ އެއްވެސް އެއްޗެއް ނުފެނުނެވެ!

“އެނިމުނީ! އަހަރެންގެ ކައިވެނި ވާނީ އެންމެ ފޫހި ކައިވެންޏަށް،” މާޔޫސްވެފައި އަހަރެން ބުނީމެވެ.

“ނޫން ބޭބީ ތިހެން ނުބުނޭ، އަހަރެމެންނަށް ކޮންމެވެސް ރީތި ގޮތެއް ފެންނާނެ،” ޚަލީލް އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ހިތްވަރު ދިނެވެ.

“ނޫނީ އަހަރެން އިތުރު ޑިޒައިންތަކެއް ގެންނަންވީތަ؟” ހާސްވެފައި ހުރެ އަޒީޒާ އަހާލިއެވެ.

އަހަރެމެން ވާނީ އޭނާގެ އެންމެ މޮޅު ޑިޒައިންތަކުން ވެސް ހިތްހަމަނުޖެހުނު ފުރަތަމަ ކަސްޓަމަރުންނަށެވެ.

އަހަރެން ބޭނުންވަނީ ކްރީމް ކުލައާއި ނޫކުލައާ ގުޅުވޭނެ އެހެން ކުލައެއް. އެއީ ކޮން ކުލައެއް؟” އަހަރެން އުނދަގޫވެފައި އިނދެ ބުނީމެވެ.

“ރަންކުލަ އިވްރިޝާ. އެ ކުލައިން އިވްރިޝާގެ މުށިކުލައިގެ ދެލޯ އެ ރޭ މާ ބޮޑަށް ވިދާލާނެ،” ޚަލީލަށްވުރެ ބާރު، އެކަމަކު ހިމޭން އަޑަކުން މީހަކު ބުންޏެވެ.

އަހަރެމެން އެންމެން އެ ދިމާއަށް ބަލާލީމެވެ. ދޮރުމަތީގައި ވަރަށް އިތުބާރާއެކު ހުރީ ކަޅު ޖީންސަކާއި ހުދު ގަމީހެއް ލައިގެން ހުރި މިސްޓަރ އަލް ރަބާޙް އެވެ.

އަދުނާން އެވެ.

— ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top