ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަނބިމީހާ ދައްކާ ވާހަކަތައް ކަނުލައި އަޑުއަހަންތަ؟
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ލޯބިވާ ފިރިންނޭވެ! މިއީ އަމިއްލަ ނަފުސާ ކޮށްލުން މުހިންމު ސުވާލެކެވެ. ތިބާ ހަޤީޤަތުގައިވެސް އަނބިމީހާ ދައްކާ ވާހަކަތައް ކަނުލައި އަޑުއަހަންތަ؟

މި ސުވާލަށް ސަމާސާ ޖަވާބެއް ދިނުމުގެ ކުރިން، ދިރާސާތަކުން ދައްކާ ނަތީޖާއަށް ބަލާލަމާ ހިނގާށެވެ. އަނބިމީހާގެ ވާހަކަތަކަށް ސަމާލުކަން ދިނުމަކީ ހަމައެކަނި ކައިވެނީގެ ގުޅުން ބަދަހިވާ ކަމެއް ނޫނެވެ. އެއީ މަސައްކަތުގެ މާހައުލުގައާއި އާންމު ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށް ބޭނުންވާ ސިފަތައް އަށަގަންނުވައިދޭ ކަމެއްވެސް މެއެވެ.

ގުޅުންތަކާބެހޭ މަޝްހޫރު ނަފުސާނީ ޢިލްމުވެރިޔާ ޑރ. ޖޯން ގޮޓްމަން އަދި “ގޮޓްމަން އިންސްޓިޓިއުޓް” އިން ހާމަކުރާ ގޮތުގައި، ދުޅަހެޔޮ ކައިވެންޏެއްގެ ބިންގަލަކީ އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި، އަޅާލުމާއި، އަދި އިޚުލާސްތެރިކަމާއެކު އެކަކު އަނެކެއްގެ ވާހަކަ އަޑުއެހުމެވެ. މުއާމަލާތް ކުރުމުގެ މި ހުނަރުތަކުގެ ސަބަބުން، އޮފީސް މާހައުލުގައި ވަރުގަދަ ލީޑަރަކަށް ވުމަށާއި، މަސައްކަތުގެ ގުޅުންތައް ރަނގަޅު ކުރުމަށް މަގުފަހިވެއެވެ.

އަނެކާގެ ވާހަކަ ރަނގަޅަށް އަޑުއެހުމުގެ ސަބަބުން އެހެން މީހުންގެ އިޙުސާސްތައް ދެނެގަތުމުގެ ޤާބިލުކަން އިތުރުވެ، ހާސްކަން ބޮޑުވާ ވަގުތުތަކުގައި އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. އަދި ކަންކަމުގައި ގޮތް ނިންމުމުގައި ކެތްތެރިކަމާއި ދޫދިނުން އިތުރުވެ، ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރާއި މަޝްވަރާ ކުރުމުގެ ޤާބިލުކަން ތަރައްޤީވެއެވެ. ނަފުސާނީ މާހިރުން ދެކޭގޮތުގައި މިއީ ކާމިޔާބު ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ “އިމޯޝަނަލް އިންޓެލިޖެންސް” ނުވަތަ ޖަޒުބާތީ ޤާބިލުކަމުގެ ވަރަށް މުހިންމު ބައިތަކެކެވެ.

މީގެ މާނައަކީ އަބަދުވެސް އަނބިމީހާ ބުނާ ގޮތް ރަނގަޅުވުން ނުވަތަ ފިރިމީހާ ދުވަހަކުވެސް ދެބަސްވެގެން ނުވާނެއެކޭ ނޫނެވެ. ދުޅަހެޔޮ ކައިވެންޏެއް ދެމިއޮންނަނީ ދެމަފިރިންވެސް އެކަކު އަނެކެއްގެ ރައުޔަށް އިޙުތިރާމްކޮށް، ހުޅުވާލެވިފައިވާ މާހައުލެއްގައި މަޝްވަރާކޮށްގެންނެވެ.

މިވެސް ކިޔާލަން:  ފޮޓޯގެ ފަހަތުގައިވާ ވާހަކަ: ނަމޫނާ ވޭޓަރު

އިސްލާމްދީނުގައިވެސް ބާރުއަޅަނީ އަނބިމީހާއަށް އޯގާތެރިކޮށް ހިތުމަށާއި އިޙުތިރާމް ކުރުމަށެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ މިފަދައިން އަމުރުކުރައްވާފައެވެ. “އަދި އޯގާތެރިކަމާއެކު އެކަނބަލުންނާއެކު އުޅޭށެވެ.” (ސޫރަތުއް ނިސާ: 19)

ރަސޫލާ ﷺ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ވާހަކަފުޅުތައް އަޑުއައްސަވައި މަޝްވަރާ ކުރެއްވިއެވެ. ހުދައިބިއްޔާގެ ސުލްޙައިގެ ވަގުތުގައި އުއްމުލް މުއުމިނީން އުއްމު ސަލަމާ (ރަޟިޔަﷲ އަންހާ) ދެއްވި ބުއްދިވެރި ލަފާފުޅުގެ ސަބަބުން އުނދަގޫ ހާލަތަކަށް ހައްލު ލިބިގެންދިޔައެވެ. މިއިން އެނގެނީ އަނބިމީހާގެ ލަފާ ހޯދުމަކީ ބުއްދިވެރިކަމުގެ އަދި ހެޔޮލަފާ އަޚްލާޤުގެ ސިފައެއް ކަމެވެ.

ވީމާ، ދެން ފަހަރަކުން “އަހަރެމެން ވާހަކައެއް ދައްކާލެވިދާނެތަ؟” އޭ އަނބިމީހާ ބުނުމުން، އެއީ ހަމައެކަނި ކައިވެނީގެ ގުޅުން ބަދަހިކޮށްދޭނެ ކަމެއް ނޫންކަން ހަނދާންކުރާށެވެ. އެއީ ތިބާއަކީ މުއާމަލާތް ކުރުމުގެ ހުނަރުވެރި، ހަރުދަނާ ލީޑަރަކަށް ހަދައިދޭނެ ކަމެކެވެ. އަދި ފަހަރެއްގައި، އެ ރޭ ސޯފާގައި ނިދަން ޖެހުމުންވެސް ތިބާ ސަލާމަތްކޮށްދީފާނެ ކަމެކެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top