ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދަރިންނަށް ކުރެވޭ ކުށްތަކަށް އިތުބާރުގެ ބަދަލުގައި ބިރުވެރިކަން
ފޮޓޯ: ކިޔޯރ ޖޯއީ މަމްސް - އެފްބީ

“މި ވާހަކަ އަހަރެން ގާތު ކުރިން ނުބުނީ ކީއްވެ؟”

މިއީ ދަރިއަކަށް ކުށެއް ކުރެވިފައިވާކަން އެނގުމުން، ގިނަ މައިންބަފައިން ކުރާ ސުވާލެކެވެ. ނަމަވެސް، މިއަށްވުރެ މުހިންމު ސުވާލަކީ “އެ ވާހަކަ ބުނުމަށް ބޭނުންވާ ފަދަ ރައްކާތެރި މާހައުލެއް އަހަރެން ދަރިފުޅަށް ގާއިމުކޮށްދިނިން ހެއްޔެވެ؟”

ދަރިންނަށް ކުށެއް ކުރެވުމުން ބާރަށް ހަޅޭއްލަވައި، ރުޅި އިސްކޮށް، ހަރުކަށި އަދަބު ދިނުމަކީ އެކުދިން ޒިންމާދާރު ކުރެވޭނެ ގޮތް ކަމަށް ގިނަ މައިންބަފައިން ޤަބޫލުކުރެއެވެ. ނަމަވެސް، ނަފުސާނީ އިލްމުވެރިންގެ ދިރާސާތަކުން ދައްކަނީ މީގެ އިދިކޮޅެވެ. މައިންބަފައިންގެ ފަރާތުން ފެނިދާނެ ހަރުކަށި އަމަލަކަށް ބިރުގަންނަ ކުދިން، އެކުދިންނަށް ކުރެވޭ ކުށްތައް ސިއްރުކުރުމަށާއި، އެހީތެރިކަމަށް އެދުމަށް ފަސްޖެހެއެވެ. މިއީ އެކުދިންގެ ކިބައިގައި ތެދުވެރިކަން ނެތުމަކުން ވާކަމެއް ނޫނެވެ. އެހެނެއްކަމަކު، އެއީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުން ވާކަމެކެވެ. މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ އިޙުސާސީ ގުޅުންތަކާ ބެހޭ ދިރާސާތަކުން ސާބިތުވާ ގޮތުގައި، ކަންކަމުގައި މަޑުމައިތިރިކަމާއި އޯގާތެރިކަން އިސްކުރުމަކީ، ދަރިންގެ ކިބައިގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ހުޅުވާލެވިފައިވާ މުއާމަލާތަކަށް މަގުފަހިވާ ކަމެކެވެ.

މިއީ މިއަދުގެ މުޖުތަމައުގައި ނުހަނު ބޮޑުވެފައިވާ ކަންބޮޑުވުމެކެވެ. ސްކޫލާއި، މީސްމީޑިއާ އަދި އެކުވެރިންގެ ފަރާތުން ކުދިންނަށް ނުހަނު ބޮޑެތި ފިއްތުންތަކާ ކުރިމަތިވެއެވެ. މިފަދަ ހާލަތެއްގައި، ގޭތެރެއަކީ ހިތްހަމަޖެހުމުގެ ބަދަލުގައި ބިރުވެރި ތަނަކަށް ވެއްޖެނަމަ، އެކުދިންގެ ދިރިއުޅުން ހަނުހިމޭންކަމުގެ ތެރެއަށް ގެނބިގެންދެއެވެ. ކަމެއް ހަލާކުވުން، އިމްތިހާނުން ދަށްވުން، ގަނާގެ ޝިކާރައަކަށްވުން ނުވަތަ ނަފުސާނީ ބޮޑު މައްސަލައެއް ކުރިމަތިވީ ނަމަވެސް، މައިންބަފައިންގެ ފަރާތުން ލިބިދާނެ މަލާމާތަކަށް ނުވަތަ ރުޅިވެރިކަމަށް ބިރުން އެކަންކަން ސިއްރުކުރެއެވެ.

މިވެސް ކިޔާލަން:  ދޮންފުތު ސިންޑްރޯމް ދަންނަންތަ؟

2024 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި، ކަންކަމުގައި މައިންބަފައިން އަމަލުކުރާ ގޮތަކީ ކުދިންގެ ކެރުމާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބިނާވާ އަސާސެވެ. ކުދިންނަށް ކުށެއް ކުރެވުމުން، ލަދުގަންނުވާލުމުގެ ބަދަލުގައި އޯގާތެރިކަމާއެކު އިރުޝާދުދީ، ކަންކަން ރަނގަޅުކުރުމަށް މަގުދައްކައިދޭނަމަ، އެ ކުށުން އިބުރަތް ހާސިލުކުރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

މީގެ މާނައަކީ ދަރިން ކުރާ ނުބައި ކަންތައްތަކަށް ފަރުވާކުޑަކުރުމެއް ނޫނެވެ. ކުދިން ތަރުބިއްޔަތު ކުރުމުގައި ހިފަހައްޓަންޖެހޭ އުސޫލުތަކާއި ހުދޫދުތަކެއް ހުންނަންޖެހެއެވެ. ނަމަވެސް، އަދަބު ދިނުމަކީ ބިރުގަންނުވާލުމެއް ނޫނެވެ. އެއީ އުނގަންނައިދިނުމެވެ. ރުޅިވެރިކަމުގައި ހަޅޭއްލެވުމަށްވުރެ، މަސްލަހަތު ފިނިވުމުން ކުރެވޭ މަޑުމައިތިރި ވާހަކައަކުން ދަރިންގެ ހިތުގައި ބިންގާ އެޅޭ ފިލާވަޅު މާ މުހިންމުވެފައި ދެމިގެންދެއެވެ.

މުސްލިމް އާއިލާތަކަށް ބަލާއިރު، މި އުސޫލަކީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މާތް ނަބިއްޔާ ﷺ އަކީ މީސްތަކުންނަށް ނުހަނު އޯގާތެރި އަދި ރަޙުމްވެރި ބޭކަލެއްގެ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ސިފަކުރައްވާފައެވެ. ކީރިތި ޤުރުއާނުގައި ވަނީ “ފަހެ، އެއުރެންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ، ﷲ ގެ ހަޟުރަތުން އައި ރަޙުމަތެއްގެ ސަބަބުންނެވެ. ކަލޭގެފާނަކީ ހަރުކަށި، ހިތްހަރު ބޭކަލަކު ކަމުގައިވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖެއީހެވެ.”

ހަމައެފަދައިން، ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެއެވެ. “އެއްވެސް ކަމެއްގައި އޯގާތެރިކަން ވެއްޖެނަމަ، އެކަމެއް އެ ރީތިކޮށްދެއެވެ. އަދި އެއްވެސް ކަމަކުން އޯގާތެރިކަން އުނިވެއްޖެނަމަ، އެކަމެއް އެ ހުތުރުކޮށްދެއެވެ.”

މި މަތިވެރި އުސޫލުތަކުން އެނގިގެންދަނީ، ހަޤީޤީ ބާރަކީ ބާރަށް ހަޅޭއްލެވުން ނޫންކަމާއި، އެއީ އަމިއްލަ ނަފުސު ކޮންޓްރޯލްކުރުން ކަމެވެ. ތަރުބިއްޔަތަކީ ހަމައެކަނި އަދަބަށް ބިރުގަންނަ ބަޔަކު އުފެއްދުމެއް ނޫނެވެ. އެއީ ދަރިންނަށް ކަމެއް ދިމާވާހިނދު، މައިންބަފައިންގެ އެހީތެރިކަމާއި އިރުޝާދަށް އެދި ފަސްނުޖެހި އަންނާނެ ފަދަ އިތުބާރެއް ގާއިމުކުރުމެވެ.

މިވެސް ކިޔާލަން:  ކެއުމުގެ ވައްޓަފާޅި ބަދަލުވުމުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް

ފުރިހަމަ މައިންބަފައިންނެއް ނުތިބޭނެއެވެ. ކޮންމެ މީހަކީވެސް ކެތްތެރިކަން ކޮޅުންލާ ވަގުތުތައް އަންނާނެ މީހެކެވެ. ނަމަވެސް، ދަރިން ބޭނުންވަނީ ކުށެއް ނުކުރާ މައިންބަފައިންނެއް ނޫނެވެ. އެކުދިން ބޭނުންވަނީ، މައިންބަފައިންނަށް ކަމެއް ނުބައިކޮށް ކުރެވުމުން އެކަމަށް މާފަށް އެދޭ، ގޮތް ނިންމުމުގެ ކުރިން ދަރިންގެ ވާހަކަ އަޑުއަހާ، އަދި ކޮންމެ ކުށަކީވެސް ﷲ އާ ކުއްތަންވުމަށާއި، ދިރިއުޅުމުގެ ތަޖުރިބާ ހޯދުމަށް ލިބޭ ފުރުސަތެއްކަން އަންގައިދޭނެ މައިންބަފައިންނެވެ.

އަޅުގަނޑުމެން ދަރިންނަށް ދޭ ކޮންމެ ނަސޭހަތެއް އެކުދިންގެ ހަނދާނުގައި ނުހުރެދާނެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ގާތުގައި ތިބޭއިރު އެކުދިންނަށް އިޙުސާސްކުރެވުނު ރައްކާތެރިކަން ނުވަތަ ބިރުވެރިކަން، އެކުދިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ދަރިންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ، ތެދުވެރިކަމަށް މަރުޙަބާ ކިޔާ، ކުށްތަކަކީ ފިލާވަޅުތަކަކަށް ހަދާ، އަދި ބިރުވެރިކަމަށްވުރެ ލޯބި ވަރުގަދަ މާހައުލެއް ހޯދައިދިނުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top