ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބިދޭސީ ތިން ކުޅުންތެރިންނާއި ކޯޗެއް މާޒިޔާއާ ގުޅިއްޖެ
މާޒިޔާއާ އަލަށް ގުޅުނު ކޯޗު ޓޮމާސް ޓްރޫޗް / ފޮޓޯ: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ފޭސްބުކް

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއިން ބިދޭސީ ކޯޗަކާއި ތިން ކުޅުންތެރިން ގެނެސްފިއެވެ. ދިވެހި މުބާރާތްތަކުގެ އިތުރުން އޭއެފްސީ ކަޕަށް ވެސް ތައްޔާރުވަމުންދާ މާޒިޔާއިން ބިދޭސީ ތިން ކުޅުންތެރިންނާއި ކޯޗެއް ގެނެސްފައި ވާއިރު، ނިމުނު ސީޒަންގައި އެ ޓީމަށް ކުޅުނު މުހިންމު ކުޅުންތެރިންތަކެއް ވަނީ ޓީމު ދޫކޮށްލާފައެވެ.

މިއަހަރު މާޒިޔާ ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމުގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރަމުންދާ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) ގެ އިތުރުން ޤައުމީ ޓީމުގެ ޑިފެންޑަރ ހުސައިން ޝިފާއު ޔޫސުފް (ކުރޯ) ހިމެނެއެވެ. އަދި ހަސަން ނަޒީމް އާއި ދެވަނަ ކީޕަރ އިޔާން އަބްދުލް ޢަލީމް ވެސް ވަނީ މާޒިޔާ ދޫކޮށްލާފައެވެ.

މި އަހަރު މާޒިޔާއާ އަލަށް ގުޅުނު ކޯޗަކީ ޗެކް ރިޕަބްލިކަށް ނިސްބަތްވާ ޓޮމާސް ޓްރޫޗް އެވެ. ޔޫއެފާ ޕްރޯ ލައިސަންސް އޮތް މި ކޯޗަކީ މީގެ ކުރިން ޔޫރަޕާއި އެފްރިކާ އަދި އޭސިއާ ސަރަހައްދުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ މަސައްކަތް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޗެކް ރިޕަބްލިކްގެ އިތުރުން ދެކުނު އެފްރިކާ އާއި ބޮޓްސްވާނާ، އަދި ކެންޔާ އާއި މެލޭސިޔާ ހިމެނެއެވެ. ޓްރޫޗް އެންމެ ފަހުން ކޯޗު ކޮށްދީފައި ވަނީ އިންޑޮނޭޝިޔާގެ ކުލަބްތަކަށެވެ.

މާޒިޔާއާ އަލަށް ގުޅުނު ބިދޭސީ ތިން ކުޅުންތެރިން / ފޮޓޯ: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ފޭސްބުކް

މާޒިޔާ ޓީމާއި ކުޅުނު ކުޅުންތެރިންގެ ތެރެއިން ބެންޖަމިން ކުކޫ އަކީ، ނައިޖީރިޔާއަށް ނިސްބަތްވާ ފޯވާޑެކެވެ. އުމުރުން 31 އަހަރުގެ މި ފޯވާޑް މީގެ ކުރިން ރޫމޭނިޔާ އާއި ވިއެޓްނާމް އަދި އިންޑިއާ އާއި ސާބިއާގެ ޓީމުތަކަށް ކުޅެފައި ވެއެވެ.

މިވެސް ކިޔާލަން:  "ރޮކް ފިފްޓީ" އިވެންޓްގެ ޓިކެޓް ވިއްކަން ފަށައިފި

މާޒިޔާއާ ގުޅުނު ދެވަނަ ކުޅުންތެރިއަކީ ސާބިއާއަށް ނިސްބަތްވާ ސެންޓަރ ބެކް ނޭމަންޖާ ޒްޑްރަވްކޮވިކް އެވެ. ބައިނަލްއަޤުވާމީ ތަޖުރިބާ ގިނަ މި ކުޅުންތެރިޔާ ކުރިން ކުޅެފައިވާ ޤައުމުތަކުގެ ތެރޭގައި ސާބިއާގެ އިތުރުން ލިތުއޭނިޔާގެ ކުލަބްތަކާއި މެސެޑޯނިއާގެ ކުލަބްތައް ހިމެނެއެވެ.

މާޒިޔާއާ ގުޅުނު ތިންވަނަ ކުޅުންތެރިއަކީ ސާބިއާއަށް ނިސްބަތްވާ ޑިފެންސިވް މިޑްފީލްޑާރ ނިކޮލާ ވުޖިޗިޗް އެވެ. ސާބިއާގެ އެކި ކުލަބްތަކަށް ކުޅެފައިވާ ނިކޮލާއަކި ޑިފެންސިވް މިޑްފީލްޑަރެއްގެ އިތުރުން، ސެންޓަރ ބެކްއަށް ވެސް ކުޅެފައިވާ ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ.

މާޒިޔާއާ މި އަހަރު އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިންގެ އިތުރުން، ޤައުމީ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ކުރިން ޤައުމީ ޓީމަށް ކުޅުނު ނިޝާމް މުޙައްމަދު ރަޝީދު (ޕޮގް) ގެ އިތުރުން ނިމުނު ސީޒަންގައި އޮޑި ސްޕޯރޓްސްގައި ރަނގަޅު ކުޅުމެއް ދެއްކި ޢަބްދުﷲ ލޫތު އިބްރާހީމް ހިމެނެ އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗު، ޒުވާން ސްކޮޑަކާއިއެކު ނުކުމެ މާޒިޔާއިން ވަނީ ކާމިޔާބު ކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ މުބާރާތް ކަމުގައިވާ ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ އޮޑިއާ ދެކޮޅަށް މާޒިޔާއިން ނުކުންނައިރު، މިމަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި އެ ޓީމު ކުޅޭނެއެވެ. މި މެޗުގައި މާޒިޔާއާ ބައްދަލުކުރާނީ ތަޖިކިސްތާން ކަޕްގެ ޗެމްޕިއަން އެފްސީ ރެގާރުއާ އާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top