ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ހިމޭންކަން – 2
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“ބުރަކަށީގައި ރިއްސަނީތަ؟”

ލިޔާނާ ހުއްޓުން އެރިއެވެ. ކުޑަ ވަގުތުކޮޅަކަށް ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ.

“ނޫން.” އޭނާ ވަރަށް އަވަހަށް ޖަވާބު ދިނެވެ.

ޝިހާމް އޭނާއާ އިތުރަށް ސުވާލެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާގެ ދަބަސް ހުޅުވަން ފެށިއެވެ. “ބައްޕަ އެއްޗެއް ގެނައިން.”

ލިޔާނާގެ ލޮލުން ކޮންމެވެސް ވަރެއްގެ އުއްމީދެއް ފެނުނެވެ. ޝިހާމް އޭނާއަށް ކުޑަ އަނބު މެޓާ ޕެކެޓެއް ދިނެވެ. “އަދި މިއީވެސް.” ކުލަކުލައިގެ މަސްތައް ކުރަހާފައިވާ ނޯޓުފޮތެކެވެ.

“އަދި..” އޭނާ ދަބަހުގެ އަޑީގައި އޮތް އެއްޗެއް ނެގިއެވެ. “ކަނޑުމަހެއްގެ ބައްޓަމަށް އިން ބުކްމާރކް.”

މިފަހަރު އޭނާ ހަޤީޤަތުގައިވެސް ހިނިތުންވެލިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، ޝިހާމް ދަންނަ އެ ކުޑަކުޑަ އަންހެން ކުއްޖާ އެނބުރި އަތުވެއްޖެއެވެ. އޭނާ އެ ހަދިޔާތައް މޭގައި ޖައްސާ ބާރުކޮށްލިއެވެ. “ޝުކުރިއްޔާ ބައްޕާ.”

“ތިއީ ލިޔާނާއަށް ޙައްޤު އެއްޗެއް.”

ދެން އެމީހުން ސްކޫލްގެ ވާހަކަ ދައްކަން ތިއްބެވެ. އޭނާގެ އެންމެ ކަމުދާ ޓީޗަރާއި، ލައިބްރަރީއަށް އަލަށް ގެނައި ފޮތްތަކާއި، ކުދިން މޫދަށް ދޫކޮށްލި ކުޑަ ވެލާގެ ވާހަކައެވެ. އާދައިގެ ވާހަކަތަކެވެ. ނަމަވެސް ކޮންމެ ދެތިން މިނެޓަކުން އޭނާ އެނދުމަތީގައި އިށީނދެގެން އިން ގޮތް ބަދަލުކޮށްލައެވެ. ކޮންމެ ހަރަކާތެއްވެސް ކުރަނީ ވަރަށް ބަލައިގެންނެވެ. ހީވަނީ ތަނެއްގައި ރިއްސާތީ އެކަން އިތުރަށް ގޯސްވެދާނެތީ އުޅޭހެންނެވެ.

ފަހުން ޝިހާމް މަޑުމަޑުން އަހާލިއެވެ. “ބައްޕަ ނެތް ދުވަސްކޮޅު އެއްވެސް ކަމެއް ހިނގިތަ؟”

އޭނާ ފޮތުގައިވާ ނިޝާނަށް ބަލަން އިނެވެ. “ނޫން.”

“ލިޔާނާއަށް އެނގެއެއްނު ބައްޕަ ގާތު ކޮންމެ ވާހަކައެއްވެސް ބުނެވިދާނެކަން.”

“އެނގޭ.”

“ބައްޕަ އަބަދުވެސް އަޑުއަހާނަން.”

“އެނގޭ.”

އޭނާގެ އިނގިލިތަކުން ނޯޓުފޮތުގެ ކަނުގައި ބާރަށް ހިފަހައްޓާލިއެވެ. ބޭރުން މަގުމަތީގައި މީހަކު ހިނގާފައިދާ އަޑު އިވުނެވެ. އޭނާ އަމިއްލައަށް ގޭގެ މައިދޮރާ ދިމާލަށް ބަލާލިއެވެ. އެއީ ބިރެއް ނޫނެވެ. ނަމަވެސް ބިރާ ގާތްކުރާ ކަމެކެވެ. ކުޑަކުދިން އުފުލަންޖެހޭ ފަދަ ބުރައެއް ނޫނެވެ. ޝިހާމަށް އެކަން ފާހަގަވިއެވެ. އެކަމަކު އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ބައެއް ފަހަރު، ހިމޭންކަމަކީ ސުވާލުތަކުން ނުލިބޭ ހަޤީޤަތްތައް ހާމަކޮށްދޭ އެއްޗެކެވެ.

މިވެސް ކިޔާލަން:  މާރވޭމްޕްސް -  ބާބު 06

ކުޑަ ވަގުތުކޮޅެއް ފާއިތުވިއެވެ. ދެން ލިޔާނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. “ބައްޕާ…”

“ލައްބަ؟”

“މީހަކަށް ކުށެއް ކުރެވިއްޖެނަމަ.. ﷲ އަދިވެސް އެމީހަކުދެކެ ލޯބިވެވޮޑިގަންނަވާނެތަ؟”

އެ ސުވާލުން ޝިހާމްގެ ހިތަށް ބަރުކަމެއް އިޙުސާސްވިއެވެ. އޭނާ ވަގުތުން ޖަވާބު ދިނެވެ. “ﷲ ގެ ރަޙުމަތްފުޅަކީ އަހަރެމެންނަށް އުއްމީދުވެސް ނުކުރެވޭހާ ތަނަވަސް އެއްޗެއް.”

އޭނާ ބޯޖަހާލިއެވެ.

“ދެން.. މީހަކު ރުޅިއަތުވެއްޖެއްޔާ؟”

“ކޮންމެ މީހަކުވެސް ބައެއް ފަހަރު ރުޅިއަންނާނެ.”

“ދެން އެމީހުން ބޭނުން ނޫން ވާހަކައެއް ބުނެވިއްޖެއްޔާ؟”

“އެމީހުން މަޢާފަށް އެދެންވާނެ.”

އޭނާ ތިރިއަށް ބަލާލިއެވެ. “އެމީހުން މަޢާފަށް ނޭދެނީސް؟”

ޝިހާމްގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނާ އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. ކުޑަކުދިންގެ ވާހަކަ މެދުނުކަނޑާނަމަ، އެމީހުން އިތުރަށް ވާހަކަ ދައްކާނެއެވެ.

އެންމެ ފަހުން އޭނާ ސިއްރުސިއްރުން ބުންޏެވެ.

“ބައެއް ފަހަރު ބޮޑެތި މީހުންވެސް ދެރަވޭ..”

“އެއީ ތެދެއް.”

“ދެން އެމީހުން ދެރަވުމުން..” އޭނާ ފަސްޖެހުނެވެ. “އެމީހުން ހަނދާން ނެތެނީ ކުޑަކުދިންވެސް ދެރަވާނެކަން.”

އެ ބަސްތައް ޝިހާމްގެ ހިތަށް ހެރުނު ކަށިތަކެއް ފަދައެވެ. އަށް އަހަރުގެ ކުއްޖަކަށް އެކަނިވެރިކަމަކީ ކޮބައިކަން އެގޮތަށް އެނގިގެން ނުވާނެއެވެ. އޭނާ މަޑުމަޑުން ލިޔާނާގެ އަތުގައި ހިފާލިއެވެ. “ދަރިފުޅު ތި ވާހަކަ ބައްޕަ ގާތު ބުނީތީ ބައްޕަ ވަރަށް އުފާވެއްޖެ.”

ލިޔާނާ އޭނާއަށް ބަލާލީ އޭނާގެ އުމުރަށްވުރެ މާ ބޮޑު މީހެއް ފަދަ ގޮތަކަށެވެ.

*****

ޝިހާމް ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން މޫނުމަތިން ފާޅުވިޔަ ނުދީ ހިފެހެއްޓޭތޯ އޭނާ މަސައްކަތް ކުރިއެވެ. ކުޑަ ރަށެއްގައި އުޅުމުގެ ތަޖުރިބާއިން އޭނާއަށް އެނގިފައިވަނީ، ދުލުން ބޭރުނުކުރާ އެތައް ކަމެއް މީހުންގެ ލޯތަކަށް ފާހަގަވާނެ ކަމެވެ. ބާރަށް ބުނެވޭ އެންމެ ބަހެއް، ނުވަތަ ރުޅިވެރި ބަލާލުމެއްގެ ވާހަކަ، މާދަމާ ހެނދުނު ނިކަގަސް ދަށުގައި ނުވަތަ ފިހާރަ ކައިރީގައި މުޅި ރަށަށް ފެތުރިދާނެއެވެ. އެއަށްވުރެ މުހިންމު ކަމަކީ، ލިޔާނާގެ ކުޑަކުޑަ ހިތަށް އެއްވެސް ބުރަކަމެއް އިޙުސާސްވަމުންދާނަމަ، އޭނާގެ ކުރިމަތީގައި އިތުރު ޒުވާބެއް ހިނގުމަކީ އެކުއްޖާއަށް ދެވޭނެ އެންމެ ބޮޑު ބިރުވެރިކަމެވެ.

ގޭގެ ދޮރު ހުޅުވާލުމަށްފަހު ފަޒީނާ އެތެރެއަށް ވަނެވެ. އޭނާގެ އަތުގައި ތަރުކާރީއާއި، ކޮޕީ ފަތާއި އަދި އަވަށްޓެރިއަކު ދިން ތެލުލި ފަތް ހުރި ކޮތަޅެއް އޮތެވެ. މެންދުރުގެ ގަދަ އަވީގައި ހިނގާފައި އައުމުން އޭނާގެ ނިތްކުރިމަތިން ދާތިިކިތައް ފާޅުވާން ހުއްޓެވެ. ފަޒީނާ ފެންނަނީ ޝިހާމް ހަނދާން ހުންނަވަރަށްވުރެ މާ ބޮޑަށް ވަރުބަލިވެފައިވާހެންނެވެ.

މިވެސް ކިޔާލަން:  ހަނދާނީ ކުރެހުން - ކުރު ވާހަކަ

ޝިހާމް ފެނުމާއެކު އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. “ހާދަ އަވަހަކަށް ތިއައީ؟” ފަޒީނާ އަހާލިއެވެ.

“ލޯންޗު ލަހެއް ނުވޭ.” ޝިހާމް ޖަވާބުދިނެވެ.

ފަޒީނާ ހިނިތުންވުމަކާއެކު ކޮތަޅު ބަދިގެ ކައުންޓަރު މަތީގައި ބެހެއްޓިއެވެ. “ގުޅާލިނަމަ.”

ޝިހާމް ބުންޏެވެ. “އަހަރެން ބޭނުންވީ ތިޔަ ދެމީހުންނަށް ސަޕްރައިޒެއް ދޭން.”

ވަގުތުކޮޅަކަށް ފަޒީނާ ހުރީ ވަރަށް އުފާވެފައެވެ. ނަމަވެސް އޭނާގެ ނަޒަރު ލިޔާނާއަށް ހުއްޓުމާއެކު، އެ ކުޑަ އަންހެން ކުއްޖާ ވަގުތުން އިސްޖަހާލިއެވެ. އެއީ ހިނދުކޮޅެއްގެ ކަމެއް ނަމަވެސް، ޝިހާމަށް އެ ބަދަލު ފާހަގަކުރެވުނެވެ. އާންމުކޮށް ކުދިން މައިންބަފައިންނަށް ބަލަނީ ހިތްހަމަޖެހުމާއެކުގައެވެ. އެކަމަކު ލިޔާނާ އޭނާގެ މަންމައަށް ބަލާލީ، މަންމަ ހުރީ ކޮން ކަހަލަ މިޒާޖެއްގައިތޯ ބަލައިލަން އުޅޭ ފަދަ ގޮތަކަށެވެ.

އެރޭގެ ބާކީ ބައިގައި އޭނާ ބިރުގަންނަ ކަހަލަ އެއްވެސް ކަމެއް ނުހިނގައެވެ. ހަޅޭއްލެވުމެއް، ހަރުކަށި ބަހެއް، ނުވަތަ ކުރިމަތިލުމެއް ނެތެވެ. ނަމަވެސް ކެއުމުގެ ވަގުތުގައި މުޅި މާހައުލުގައި އޮތީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. އެމީހުން ކެއީ ފިހުނު މަހާއި، ބަތާއި، ރިހާކުރާއި އަދި  ފިޔާ ތަރުކާރީ ސަލަޑެވެ. އެމީހުން ދެއްކީ އާދައިގެ ވާހަކަތަކެވެ. އަވަށްޓެރިންގެ ވާހަކައާއި، ސްކޫލްގެ ކަންކަމާއި، މޫސުމާއި އަދި މަހުގެ އަގުތަކުގެ ވާހަކައެވެ. ނަމަވެސް ބައެއްފަހަރު އާދައިގެ ވާހަކަތަކުން އާދަޔާ ޚިލާފު ހަޤީޤަތްތަކެއް ހާމަވެގެންދެއެވެ.

މޭޒުމަތީގައި ހުރި އެއްޗަކަށް އަތްފޯރުވާ ކޮންމެ ފަހަރަކު، ލިޔާނާ ހަރަކާތްތެރިވަނީ ވަރަށް ބަލައިގެންނެވެ. ގޮނޑީގައި ހަށިގަނޑު ހަމަޖައްސާލާއިރުވެސް އޭނާ އެކަން ކުރަނީ ވަރަށް މަޑުމަޑުންނެވެ. ކެވުނީ ތަށީގައި ހުރި އެއްޗެހީގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު މިންވަރެކެވެ.

އާންމުކޮށްވެސް ކުރާ އުސޫލުން، މަޣްރިބް ނަމާދަށްފަހު ބަނދަރުމައްޗަށް ހިނގާލަން ދާން ޝިހާމް ބުނުމުން، ލިޔާނާ މަޑުމަޑުން ޖަވާބުދިނެވެ. “އެހެން ދުވަހަކުން ދާނީ.”

އެހެން ދުވަހަކުން. އެ ތިން ބަސް ޝިހާމްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކައި ނިމިގެން ތަށިތައް ދޮވެ، އިޝާ ނަމާދުކޮށް ނިމުނުއިރުވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

މިވެސް ކިޔާލަން:  ޗާލޭ ކަލާ ހާދަ ޗާލޭ - 08

އެރޭ ރަށް އޮތީ އޭގެ އާންމު ހަމަހިމޭންކަމުގެ ތެރޭގައެވެ. ފަރުމައްޗަށް ބިންދާލާ ރާޅުތަކުގެ އަޑާއި، މަދުމަދުން ދުއްވާފައިދާ ސައިކަލެއްގެ އަޑު އިވެމުންދިޔައެވެ. ދުރުން ކުޑަކުދިން ކުޅޭ އަޑު އިވުމަށްފަހު، ގޭގެއަށް ވަންނަން ގޮވާލުމާއެކު އެ އަޑުތައްވެސް ކެނޑިއްޖެއެވެ. ކައިރި ގެއަކުން ޤުރުއާން ކިޔަވާ އަޑު މަޑުމަޑުން އިވެމުންދިޔައެވެ.

ޝިހާމަށް ނިދޭގޮތެއް ނުވިއެވެ. މަތީގައި އެނބުރެމުންދިޔަ ފަންކާއަށް ބަލަން އޮތްއިރު، އޭނާގެ ހިތުގައި ނުވަނަވަސްކަން އުފެދެމުންދިޔައެވެ. ރަށުން ފުރުމުގެ ކުރިން ކަމެއް ފާހަގަނުކުރެވުނީ ބާވައެވެ؟ ވަޒީފާގެ ކަންކަމަށް މާ ބޮޑަށް ސަމާލުކަން ދެވުނީ ހެއްޔެވެ؟ ބޭރުފުށުން ގޭތެރެ އަމާންކޮށް ފެންނާތީ، އެތެރޭގައިވެސް ކަންތައްތައް ހުރީ އެގޮތަށް ކަމަށް އޭނާއަށް ހީކުރެވުނީ ހެއްޔެވެ؟ އޭނާ އަބަދުވެސް ޤަބޫލުކުރީ އާއިލާއަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަކީ ބުރަކޮށް މަސައްކަތްކުރުން ކަމަށެވެ. ނަމަވެސް، ބައެއް ފަހަރު އާއިލާއާއެކު ވަގުތު ހޭދަކުރުމަކީ މާ ބޮޑު މަސްއޫލިއްޔަތެއްކަން އޭނާއަށް މިހާރު އިޙުސާސް ކުރެވެން ފަށައިފިއެވެ.

*****

މަޑުމަޑުން މީހަކު ހިނގާލި އަޑު އިވުނެވެ. ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު ކުޑަ މޫނެއް ފެނިލިއެވެ.

“ބައްޕާ؟”

ޝިހާމް ވަގުތުން ތެދުވެ އިށީނެވެ. “ކިހިނެއްވީ ދަރިފުޅާ؟”

“ނުނިދިގެން.”

ޝިހާމް އޭނާގެ ކައިރީގައި އޮށޯންނަން ބުންޏެވެ. ލިޔާނާ މަޑުމަޑުން އެނދަށް އަރައި ބައްޕަގެ ގައިގައި ލެނގިލިއެވެ. އިރުކޮޅެއް ވަންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ބައެއް ފަހަރު ކުޑަކުދިން ބޭނުންވާ ކަންކަން ބުނެދޭނެ ބަސްތައް ހޯދަން އުނދަގޫވެއެވެ. އަނެއްބައި ފަހަރު އެކުދިން އެދެނީ ހަމައެކަނި ރައްކާތެރިކަމަށެވެ.

އެންމެ ފަހުން ލިޔާނާ މަޑުމަޑުން ބުންޏެވެ. “ބައްޕާ..”

“އާނ، ދަރިފުޅާ.”

“ބައްޕަ އަނެއްކާވެސް ދާން ޖެހޭނެތަ؟”

ޝިހާމް ދެރަވެފައި ހުރެ ހިނިތުންވެލިއެވެ. “ބައެއް ފަހަރު ދާން ޖެހޭނެ.”

ލިޔާނާ، ބައްޕައާ ދިމާލަށް ބަލާލުމެއް ނެތި ބޯ ޖަހާލިއެވެ.

“އަޅުގަނޑު ބޭނުމެއް ނޫން ބައްޕަ ދާކަށް.”

“ބައްޕައަށް އެނގޭ.”

“އަޅުގަނޑު އުޅެނީ ވަރަށް ހިތްވަރުގަދަ ކަމަށް ހެދިގެން.”

“އެކަންވެސް ބައްޕައަށް އެނގޭ.”

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top