ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮތް ކިޔުމަކީ ނަފުސާނީ ބުރަ ކުޑަކޮށްދީ، އުމުރު ދިގުވުމަށް އެހީތެރިވެދޭ ކަމެއް
ފޮޓޯ: ހެލްތީ މައިންޑް

ޑިޖިޓަލް ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ ތެރޭގައި އިންސާނާގެ ސަމާލުކަން ގެއްލިފައިވާ މި ޒަމާނުގައި، ފޮތެއް ކިޔުމަކީ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށް، ދިގު މުއްދަތަކަށް ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ އެންމެ ފަސޭހަ އެއް ކަންތައް ކަމަށް ސައިންޓިފިކް ދިރާސާތަކުން ދައްކައިފިއެވެ.

ޔުނިވަރސިޓީ އޮފް ސަސެކްސް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ދުވާލަކު އެންމެ ހަ މިނެޓު ފޮތް ކިޔުމަށް ހޭދަކުރުމުން ސްޓްރެސް ނުވަތަ ނަފުސާނީ ބުރަ 68 އިންސައްތައަށް ކުޑަކޮށްދެއެވެ. މިއީ މިއުޒިކް އަޑު އެހުމާއި، ސައި ބުއިމާއި ނުވަތަ ހިނގާލަން ދިއުމަށްވުރެ ވެސް ބޮޑަށް ނަފުސާނީ ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ފޮތް ކިޔުމުގެ ސަބަބުން ހިތުގެ ވިންދު މަޑުޖެހި، މަސްތަކަށް ލުއިލިބި، ސިކުނޑި ހަމަޖެހުމަށް މަގުފަހިވެއެވެ.

ފޮތް ކިޔުމުގެ ފައިދާތައް ހަމައެކަނި ސްޓްރެސް ކުޑަކުރުމަކުން ނުނިމެއެވެ. އެމެރިކާގެ ޖޯޖިއާގެ އެމޯރީ ޔުނިވަރސިޓީން 2013 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ވާހަކަ ފޮތް ކިޔުމަކީ ބަސްކޮށާރާއި، ހަނދާން ގަދަކުރުމާއި، އަދި އަނެކުންގެ އިޙުސާސްތައް ދެނެގަތުމާ ގުޅުންހުރި ސިކުނޑީގެ ބައިތައް ވަރުގަދަކޮށްދޭ ކަމެކެވެ. އަދި ފޮތް ކިޔާ ނިންމާލުމަށްފަހު ވެސް ދުވަސްތަކަކަށް މި ހެޔޮ ބަދަލުތައް ސިކުނޑީގައި ދެމިހުރެއެވެ.

ޔޭލް ޔުނިވަރސިޓީން 12 އަހަރު ވަންދެން ކުރި ދިރާސާއެއް 2016 ވަނަ އަހަރު “ސޯޝަލް ސައިންސް އެންޑް މެޑިސިން” މަޖައްލާގައި ޝާއިޢުކޮށްފައިވެއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ހަފުތާއަކު 3.5 ގަޑިއިރަށްވުރެ ގިނައިން ފޮތް ކިޔާ މީހުން، ފޮތް ނުކިޔާ މީހުންނާ އަޅާބަލާއިރު މަރުވުމުގެ ފުރުސަތު 23 އިންސައްތަ ކުޑައެވެ. މިއީ އުމުރާއި، ތަޢުލީމާއި، އާމްދަނީ އަދި ސިއްޙީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ހޯދާފައިވާ ނަތީޖާއެކެވެ. ފޮތް ކިޔުމަކީ ސީދާ އުމުރު ދިގުކޮށްދޭ ކަމެއް ކަމަށް ކަނޑައެޅޭނެ ސާފު ހެއްކެއް ނެތް ނަމަވެސް، ޤަވާއިދުން ފޮތް ކިޔުމާއި ދިގު އުމުރަކާ ދެމެދު ވަރުގަދަ ގުޅުމެއް އޮތްކަން މި ދިރާސާއިން ސާބިތުވެއެވެ.

މިވެސް ކިޔާލަން:  އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ރުހުމާ ނުލައި ލޯބި ދެމިއޮވެދާނެތަ؟

ދިރާސާވެރިން އިތުރަށް ފާހަގަކުރާ ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރުމާ ޚިލާފަށް، ފޮތް ކިޔުމުގެ ސަބަބުން ސިކުނޑީގެ އެކި ހިއްސުތަކާއި ފުންކޮށް ވިސްނުމާ ގުޅޭ ބައިތައް ހަރަކާތްތެރިވެއެވެ. ދުވާލަކު އެންމެ 20 މިނެޓު ފޮތް ކިޔުމަކީ ވެސް ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުވެ، ހަނދާން ގަދަވެ، ނަފުސާނީ ހަމަޖެހުން ލިބުމުގެ އިތުރުން، ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ސިކުނޑިއަށް ލިބޭ ވަރުބަލިކަމުން އަރައިގަތުމަށް އެހީތެރިވެދޭ ކަމެކެވެ.

ޢިލްމު ހޯދުމުގެ މުހިންމުކަން ކީރިތި ރަސޫލާ ﷺ އަށް އެންމެ ފުރަތަމަ ބާވައިލެއްވި ވަޙީގެ ބަސްފުޅުން ވެސް އެނގެއެވެ. އެއީ “އިޤްރައު” (ކިޔަވާށެވެ!) އެވެ. މިއީ ހުރިހާ ޒަމާނަކަށް ވެސް އޮތް މެސެޖެކެވެ. އުމުރުގެ ހުރިހާ މަރުހަލާއެއްގައި ވެސް ފައިދާހުރި ޢިލްމު ހޯދުމަށް މި ބަސްފުޅު ބާރުއަޅައެވެ.

ނަފުސާނީ ބަލިތަކާއި ގޮންޖެހުންތައް އިތުރުވަމުންދާ މި ދުވަސްވަރު، ސްކްރީންތަކުގެ ބަދަލުގައި ފޮތެއް ޚިޔާރުކުރުމަކީ ދުވާލަކު މަދު ވަގުތުކޮޅަކަށް ނަމަވެސް ސިކުނޑިއާއި، ހިތާއި އަދި މުޅި އިންސާނާގެ ދުޅަހެޔޮކަމަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމަށް މާހިރުން ލަފާދެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top