ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ނިދިޖެހޭ ވަގުތު ކުއްލިއަކަށް ސިއްސައިގެން ދަނީ ކީއްވެ؟
ފޮޓޯ: އިންޖިނިއަރިންގް އެންޑް ސައިންސް - އެފްބީ

ނިދިޖެހި، ފުން ނިންޖަކަށް ދާން އުޅޭ ވަގުތު ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ތަޖުރިބާ ކުރެވޭ ކަމެކެވެ. މިގޮތަށް ސިއްސައިގެންދާއިރު އުސްތަނަކުން ވެއްޓޭ ފަދަ ނުވަތަ ތަނަކުން އަރިއަޅާލާ ފަދަ އިޙުސާސެއް ކުރެވުން ގާތެވެ. އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން އާއި ކްލީވްލޭންޑް ކްލިނިކް އަދި ސްލީޕް ފައުންޑޭޝަނުން ހާމަކުރާ ގޮތުގައި، “ހިޕްނިކް ޖާކް” ނުވަތަ “ސްލީޕް ސްޓާޓް” ގެ ނަމުން ނަންދެވިފައިވާ މި ހަރަކާތަކީ ހޭލާ ހުރުމުން ނިދުމުގެ މަރުހަލާއަށް ބަދަލުވާއިރު ހިނގާ އާދައިގެ، ނުރައްކަލެއް ނެތް ކަމެކެވެ.

ހިޕްނިކް ޖާކްއަކީ އިންސާނާގެ އިޚުތިޔާރުން ބޭރުގައި މަސްތަކަށް އަންނަ ކުއްލި ލޮޅުމެކެވެ. މީގެ ސަބަބުން މުޅި ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް ހަރަކާތެއް އައިސް، ވަގުތުން ހޭލެވޭގޮތް ދިމާވެއެވެ. އަދި މިކަމާ ގުޅިގެން ހިތުގެ ތެޅުން އަވަސްވުމާއި، ނޭވާލާ މިންވަރު އަވަސްވުމާއި، ދާހިއްލުމުގެ އިތުރުން ތަނަކުން ވެއްޓޭ ކަހަލަ ހުވަފެނެއް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަށް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި މި ތަޖުރިބާ ކުރެވިފައިވެއެވެ. މިއީ ސިއްސައިގެންދާ ފަދަ ކަމެއް ނަމަވެސް، މިއީ ބައްޔެއްގެ ގޮތުގައި ބަލައެއް ނުގަނެވެއެވެ. އަދި މީގެ ސަބަބުން ސިއްޙީ ގޮތުން ދިގު މުއްދަތުގެ ގެއްލުމެއް ލިބޭކަމަކަށްވެސް ނުބެލެވެއެވެ.

މިކަން މެދުވެރިވާ ސީދާ ސަބަބެއް ސައިންސްވެރިންނަށް އަދި ހޯދިފައި ނުވި ނަމަވެސް، ބައެއް ކަންކަމުގެ ސަބަބުން މިކަން މެދުވެރިވުމުގެ ފުރުސަތު ބޮޑުވެއެވެ. އޭގެ ތެރޭގައި ނަފުސާނީ ބުރަ ބޮޑުވުމާއި، ހާސްވުމާއި، ވަރުބަލިކަމާއި، ނިދި މަދުވުމާއި، ނިދުމުގެ ވަގުތުތައް ބަދަލުވުމާއި، ކެފެއިން ނުވަތަ ނިކޮޓިން ފަދަ މާއްދާތައް ގިނައިން ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ނިދުމުގެ ކުޑަ އިރުކޮޅެއް ކުރިން ބުރަ ކަސްރަތު ކުރުން އަދި ބައެއް ކަހަލަ ނަފުސާނީ ބަލިތަކަށް ބޭނުންކުރާ ބޭސްތައް ހިމެނެއެވެ.

މިވެސް ކިޔާލަން:  ފަސޭހަ އަރާމު ނިންޖަކަށް އިސްޓާކީނު!

މިކަމާ ގުޅޭގޮތުން ސައިންސްވެރިން ތަފާތު ތިއަރީތަކެއް ހުށަހަޅާފައިވެއެވެ. އެއް ތިއަރީއެއް ބުނާގޮތުން، ނިދިޖެހޭ ވަގުތު ހަށިގަނޑުގެ މަސްތައް މާބޮޑަށް ދޫވެގެންދާއިރު، އެއީ ވެއްޓެނީ ކަމަށް ސިކުނޑިއަށް ކުށްހީ ކުރެވި، އެކަމުން ސަލާމަތްވުމަށްޓަކައި ސިކުނޑިން މަސްތަކަށް ކުއްލި ސިގްނަލެއް ފޮނުވަނީއެވެ. އަނެއް ތިއަރީއަކީ މިއީ އިހުގެ އިންސާނުން ގަސްގަހާގެހީގައި ނިދާ އުޅުނުއިރު، ނިދީގައި ވެއްޓުނަ ނުދީ ހިފެހެއްޓުމަށްޓަކައި ހަށިގަނޑުގައި އުފެދިފައިވާ ދިފާއީ ނިޒާމެއް ކަމަށެވެ. ނަމަވެސް، މިހާތަނަށް މިއިން އެއްވެސް ވާހަކައެއް ސައިންޓިފިކް ގޮތުން ކަށަވަރުކުރެވިފައެއް ނުވެއެވެ.

ގިނަ ހާލަތްތަކުގައި ހިޕްނިކް ޖާކްސްއަށް ވަކި ފަރުވާއެއް ބޭނުން ނުވެއެވެ. ނިދުމުގެ އާދަކާދަތައް ރަނގަޅުކުރުމާއި، ނަފުސާނީ ބުރަކަން ކުޑަކުރުމާއި، ކެފެއިން ފަދަ ތަކެތި ބޭނުންކުރުން މަދުކުރުމުގެ އިތުރުން، ނިދުމުގެ ކުރިން ބުރަ ކަސްރަތު ނުކުރުމަކީ މިކަން މަދުކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. އެހެންނަމަވެސް، ނިދީގެ ތެރޭގައި މާ ގިނައިން ނުވަތަ ބާރަށް ހަށިގަނޑަށް ލޮޅުން އަރާނަމަ، ނުވަތަ އެހެން ސިއްޙީ މައްސަލައެއް ހުރިކަމަށް ޝައްކުވާނަމަ، ސިއްޙީ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

މި މައުޟޫޢާ ގުޅޭގޮތުން ސައިންސްވެރިންގެ ތަފާތު ބަސްތައް ހުރި ނަމަވެސް، ސީދާ ވަކި ސަބަބެއް ކަށަވަރުކުރެވިފައެއް ނުވެއެވެ. ދާއިމީކޮށް މިފަދަ އުނދަގޫތަކެއް ކުރިމަތިވާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯއްދަވާށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top