ނެޓްފްލިކްސްގެ ކާމިޔާބު ސީރީޒް “މުސާފިރް ކެފޭ” ގެ ފުރަތަމަ ސީޒަނަށް ލިބުނު ބޮޑު ތަރުހީބަށްފަހު، އެ ސީރީޒްގެ ދެވަނަ ސީޒަން އުފައްދާނެކަން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
މި ސީޒަނުގައިވެސް ފުރަތަމަ ސީޒަނުގެ މައިގަނޑު ތަރިން ކަމަށްވާ ވިކްރާންތު މަސީ (ޗަންދަރު)، ވޭދިކާ ޕިންޓޯ (ސުދާ) އަދި މަހީމާ މަކްވާނާ (ޕްރީތީ) ގެ ރޯލުތަކުން ފެނިގެންދާނެއެވެ. ދެވަނަ ސީޒަނުގައި މި ތިން ޝަޚްސިއްޔަތުގެ ދިރިއުޅުމުގެ އަސަރުގަދަ ދަތުރާއި، ލޯތްބާއި، ތަޤުދީރުގެ ނިންމުންތަކުގެ އިތުރުން ދެވަނަ ފުރުސަތެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
ނެޓްފްލިކްސް އިންޑިއާގެ ސީރީޒް ހެޑް، ތާނިޔާ ބާމީ ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، “މުސާފިރް ކެފޭ” އަކީ ގިނަ ބައެއްގެ ހިތްތަކާ ކުޅެލި ސީރީޒެއް ކަމަށެވެ. އަދި އިންޓަނެޓުގައި މި ސީރީޒްގެ ނިމުމާމެދު ގިނަ ބަހުސްތަކެއް ކުރެވެމުންދާ ކަމަށާއި، ރޮމޭންސް ޖޯންރާގެ އުފެއްދުންތަކަށް އޮތް ޑިމާންޑް ބޮޑުކަމުން ދެވަނަ ސީޒަނަކަށް ވަރަށް ބޮޑަށް އުންމީދު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
މި ސީރީޒްގެ ކްރިއޭޓަރ އަދި ރައިޓަރ ޝަރަންޔާ ރާޖްގޯޕާލް ބުނިގޮތުގައި، ބެލުންތެރިންގެ ފަރާތުން ލިބުނު ލޯތްބަކީ އޭނާ ހީކުރި ވަރަށްވުރެ މާ ބޮޑު ލޯތްބެކެވެ. “އަހަރެންނަށް އިޙުސާސް ކުރެވުނީ ބެލުންތެރިން މި ކެރެކްޓަރުންނާ ވަކިވާން ބޭނުންނުވާކަން. އަދި އަހަރެންވެސް މި ވާހަކަ ނިންމާލާކަށް ބޭނުމެއް ނޫން. ދެވަނަ ސީޒަނަކީ މި ސީރީޒަށް ލޯބިކުރި ހުރިހާ ފަރާތްތަކަށް އަހަރެމެން ދޭ ލޯބީގެ ސިޓީއެއް.” ޝަރަންޔާ ބުންޏެވެ.
ދިވްޔާ ޕްރަކާޝް ދުބޭގެ ނޮވެލްގެ ކެރެކްޓަރުންގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒް ޑައިރެކްޓްކުރަނީ ރުޗިރު އަރުންއެވެ. މި ސީރީޒްގެ މައިގަނޑު ތަރިންގެ އިތުރުން އާދިލް ހުސައިން، ރަޖީވް ސިދާތު އަދި ސާދިޔާ ސިއްދީޤީ ފަދަ ތަރިން ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެއެވެ.
“މުސާފިރް ކެފޭ” ސީޒަން 2 ނެޓްފްލިކްސް އިން ދައްކަން ފަށާނެ ވަކި ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.
