މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ދެވަނަ މެޗުން މޮޅުވެ ލީގު ބުރުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މިއަދު ހަވީރު ކުޅެވުނު މި މެޗަކީ މުބާރާތުގެ ތިންވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯޓްސް ކްލަބެވެ. މިއީ މި މުބާރާތުގައި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. މި މެޗާއި ބުރުން ކުރިމަތިލީއިރު އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އަދި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.
މި މެޗު ފަށައިގެން މާޒިޔާއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ދޭތެރެއަކުން ކުޅުން ރަނގަޅުކޮށް ބުރުން ވެސް ވަނީ މެޗު ލީޑު ކޮށްފައެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.
މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށްޓަކައި މޮޅެއް ހޯދުން ދެ ޓީމަށް ވެސް މުހިންމުވި މި މެޗުގެ ލީޑު ނެގީ ބުރުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބުރަށް މި ލަނޑު ޖަހައިދިނީ އަރީން ޢަބްދުﷲ އެވެ. އަރީން މި ލަނޑު ޖަހާފައިވަނީ މާޒިޔާގެ އޭރިއާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާ ކައިރިއަށް ޖެހިލުމަށްފަހު، މަތިމަތިން ކީޕަރުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާއިން މެޗުގެ ކޮންޓްރޯލް ހޯދައި މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. މާޒިޔާގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދަމުން ދިޔަ ބުރުގެ ޑިފެންސް ފޫ އަޅުވާލުމުގައި، ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާއިން ވަނީ ކާމިޔާބު ހޯދާފައެވެ. 47 ވަނަ މިނެޓުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހިމް އައިސަމް އެވެ. އައިސަމް މި ލަނޑު ޖަހާފައިވަނީ މާޒިޔާ ކުޅުންތެރިއަކު މަތިމަތިން އޭނާއަށް ޖައްސާލި ބޯޅަ، ޑީ އޭރިޔާ ތެރޭގައި ހުރެ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ނަތީޖާ ހަމަހަމަކުރިތާ މާ ގިނައިރެއްނުވެ މާޒިޔާއިން ވަނީ ފަހަތުން އަރައި ލީޑު ވެސް ނަގާފައެވެ. 52 ވަނަ މިނެޓުގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ ބެންޖަމިން ތޯމަސް އެވެ.
ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރުމަށް ބުރުން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ.
މެޗުގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އިތުރަށް ނުކުރެވުނު މި މެޗު ނިމުނީ މި ނަތީޖާއާ އެކުއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އިބްރާހީމް އައިސަމް އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަ ޕޮއިންޓް ހަމަކޮށް މާޒިޔާ ވަނީ ލީގު ބުރުގެ އެއްވަނައަށް ޖެހިލާފައެވެ.
މި މުބާރާތުގައި މިރޭ ކުޅުނު މެޗުގައި އޮޑިއާ ބައްދަލުކޮށް މެޗު ކާމިޔާބުކުރީ ނިއުރޭޑިއަންޓެވެ.
