އަހަރެން އޭނާއަށް ބަލާކަން އޭނާއަށް އިހުސާސްވީ ކަންނޭނގެއެވެ؛ އޭނާ އަހަންނާ ދިމާލަށް އެނބުރިލިއެވެ. ފުރަތަމަ އޭނާ ހައިރާންވީ އަހަރެމެންގެ ދެލޯ ބައްދަލުވުމުންނެވެ. ނަމަވެސް ދެން އޭނާ ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް އަހަންނަށް އެނގުނެވެ.
‘އަހަންނަށް ބެލުން ހުއްޓާލާ، ކުޑަކުއްޖާ.’
އަހަރެން ފޫހިވެފައި މޫނު އަނބުރާލުމަށްފަހު ފިލްމަށް ސަމާލުކަން ދިނީމެވެ.
ފައުޒާ އަހަންނާ ދިމާލަށް އާދަޔާ ޚިލާފު ގޮތަކަށް ބަލައިލިއެވެ. ނަމަވެސް އޭގެ ފަހުން އަހަރެން ހަމަޖެހިލައިގެން އިނީމެވެ.
ލިޔާމްގެ ނަޒަރުން….
އަހަރެން އަނެއްކާވެސް އިނީ އަޒްމާރާއާއެކު ޖަންގަލީގެ ތެރޭގައެވެ. ހަނދުވަރުގެ އަލީގައި އޭނާގެ ހުދު އިސްތަށިގަނޑު ވިދަމުންދިޔައިރު، ހީނުކުރާހާ ރީއްޗެވެ. އޭނާ ލައިގެން ހުރި ކުރު ނިދާހެދުން ހުރީ އޭނާގެ ހަމުގެ ކުލައާ ވަރަށް ގާތްކޮށް ކަމުން، މީހާ ކޮންޓްރޯލުން ނައްޓާހާވެއެވެ. މިކަމާ ބެހޭގޮތުން ފައުޒާއާ ވާހަކަދެއްކި ކަމަށް އަހަރެން ހީކުރީމެވެ! އަހަރެން ހިތާހިތުން ކިޔައިލީމެވެ.
އޭނާ ހަނދުވަރުގެ އަލީގައި ވަރަށް އޮމާންކަމާއެކު ނަށަމުން އެނބުރެމުން ދިޔައެވެ. އޭނާގެ މަޑުމަޑު ހިނިތުންވުމުގެ އަޑު މުޅި ފަޒާގައި ހިފާލާފައިވެއެވެ. އޭނާ އެ ހެނީ އަހަރެންނާ ދިމާލަށް ކަމަށްވެސް ވެދާނެއެވެ… އެކަމަކު އަހަރެން ފަރުވާލެއް ނެތެވެ. އެ ހުނުމުގެ އަޑަކީ ހިތަށް ފިނިކަން ގެނެސްދޭ އަޑެކެވެ. މުޅި އުމުރަށްވެސް އެ އަޑު އަހަން އަހަރެން ތައްޔާރެވެ.
‘މަޑުކޮށްބަލަ ލިޔާމް! އަމިއްލަ ނަފްސު ކޮންޓްރޯލް ކުރޭ! ކަލޭ ތިވަނީ ކަނޑުރެއްސިކަށްޓަކައި ޖަޒުބާތުގައި ޖެހި ހުސްވެފަ!’ އަހަރެން އަމިއްލަ ނަފްސަށް ބުނެލީމެވެ.
“ލިޔާމް،” އަޒްމާރާ އެނބުރުން ހުއްޓާލުމަށްފަހު ހިނިތުންވެލިއެވެ. އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާގެ ލޮލަށް ބަލައިލީމެވެ.
“ކިހިނެއްވީ؟” އެއްވެސް އަސަރެއް ނެތް ގޮތަކަށް އަހަރެން އެހީމެވެ.
“ކަލޭ ތިއީ ވަރަށް ފިނި މީހެއް…” އޭނާ މަޑުމަޑުން އަހަރެންނާ ދިމާލަށް ފިޔަވަޅެއް އަޅަމުން ބުންޏެވެ.
“ތިކަން ކަލެއަށް މިހާރުވެސް އެނގޭނެ،” އަހަރެން ހަރުކަށިކަމާއެކު ބުނީމެވެ.
“އަހަރެންނާ ދުރަށް ދާން ލިޔާމްއަށް ފުރުސަތެއް ނުދޭނަން،” މިއަދު ކުރިންވެސް އޭނާ ބުނި ބަސްތައް ތަކުރާރުކުރިއެވެ.
އަހަރެންގެ ހިތުގައި އޮތް ހުރިހާ ފިނިކަމެއް ވިރި، ނަފުރަތު ފިލައިގެން ދިޔައެވެ. އަހަރެން ބަލިގަބޫލުކުރީމެވެ. އޭނާގެ ހޫނުން އަހަރެންގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވިއެވެ. އެއީ ކީއްވެގެންވާ ކަމެއްކަން ބުނެދޭކަށް ނޭނގެއެވެ. އެކަމަކު އެއީ އެ އަންހެން ކުއްޖާގެ ފަރާތުން އަހަރެންނަށް ކުރާ އަސަރެކެވެ. އެކަމާ އަހަރެން ވަރަށް ބޮޑަށް ރުޅިވެސް އާދެއެވެ.
އަހަރެން އެތާ ކައިރީގައި ހުރި ގަހެއްގައި އޭނާ ލައްކޮށްލައި ބަންދުކޮށްލީމެވެ. އޭނާ ސިހިފައި ބަލައިލިއިރު، މޫނުމަތީގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައެވެ. “މަށަކަށް ކަލޭގެ ބޭނުމެއް ނެތް!” އަހަރެން ބާރަށް ބުނީމެވެ. އެއީ އޭނާއަށްވުރެ ބޮޑަށް އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދޭން ބުނި ބަހެކެވެ.
އޭނާއަށް އެކަން ފާހަގަވިއެވެ. އޭނާގެ މޫނުމައްޗަށް އަނެއްކާވެސް ހިނިތުންވުން އަތުވެއްޖެއެވެ. “އަމިއްލަ ނަފްސަށް އޮޅުވާލަނީ ކީއްކުރަން ލިޔާމް؟ ފައުޒާއަށްވެސް އެކަން އެނގޭ. އަހަރެން ބުނިހެން… ޔާމް، ކަލޭގެ ހިތުގައި އޮތް އެއްޗެއް ކިޔާލުމަކީ ހުޅުވާފައި އޮތް ފޮތެއް ކިޔާލުން ފަދަ ފަސޭހަކަމެއް،” އޭނާ އަހަރެންނާ ސަކަރާތްޖަހަމުން ބުންޏެވެ.
“ކީއްވެ…” އަހަރެން ބުނަން އުޅުނީ ‘ކަލޭ ޖަހަންނަމައަކަށް ނުގޮސް ތި ހުރީ ކީއްވެ؟’ ކަމަށެވެ. އެކަމަކު އަހަރެންގެ ދުލުން ނުކުތީ މުޅިން ތަފާތު ވާހަކައެކެވެ. “ކީއްވެ ކަލޭގެ ސަބަބުން އަހަރެންނަށް މިހާ ބޮޑު އަސަރެއް ކުރަނީ؟”
އޭނާގެ މޫނުމަތި ސީރިއަސްވިއެވެ. “ލިޔާމް،” އޭނާ އަހަރެންގެ ނަން ކިޔާލި ގޮތުން… އަހަރެން ބޭނުންނުވާ ފަދަ އަސަރެއް އަހަރެންގެ ހަށިގަނޑަށް ކުރިއެވެ.
އަހަރެން އޭނާގެ ގާތަށް ގުދުވެލީމެވެ. އޭނާގެ ހަށިގަނޑުން ދުވާ މީރު ވަސް އަހަރެން ވަށާލިއެވެ. އަހަރެންގެ ހިތުގައި އޮތް ލޭގެ ކެއުމަށް އޮތް ބަނޑުހައިހޫނުކަން ހިތުގެ އެންމެ ފަހަތަށް ކޮއްޕާލީމެވެ. އެއީ ހީނުކުރާހާ ފަސޭހައިން ވީ ކަމެކެވެ. އޭނާގެ ލޭ ބޯން އޮތް ބަނޑުހައިހޫނުކަމަށްވުރެ، އޭނާގެ މައްޗަށް އޮތް ލޯތްބާއި ކުލުނު މާ ބޮޑަށް ގަދަވެގަތެވެ. އޭނާގެ ތުންފަތާއި، ކަރުދޮށާއި، ހަށިގަނޑާއި، އޭނާގެ އަތުގެ ބީހުމަށް އަހަރެން އިންތިހާއަށް ބޭނުންވިއެވެ. އަހަރެން ހުރީ ހުސްގަޔާއެވެ. ތިރިން ލައިގެން ހުރީ ނިދާ ފަޓުލޫނެކެވެ. އޭނާގެ ނާޒުކު އުނަގަނޑުގައި ދެއަތުން ހިފާ އަހަރެންގެ ގާތަށް ދަމާލީމެވެ. އޭނާގެ ނޭވާ އަވަސްވިއެވެ. އަހަރެން އޭނާގެ ކަރުދޮށުގައި ތުންފަތް ޖައްސާލީމެވެ. އޭނާގެ ހަށިގަނޑުގެ ހޫނުކަން އަހަރެންގެ މުޅި ހަށިގަނޑަށް އިހުސާސް ކުރަން ބޭނުންވިއެވެ. އޭނާގެ ދެއަތް އަހަރެންގެ މޭމަތިން ނަގާ، އިސްތަށިގަނޑުގެ ތެރެއަށް މަހާލިއެވެ. އޭނާ އަހަރެންގެ ބޯ ފަހަތަށް ދަމާލުމުން އަހަރެންގެ ތުންފަތް އޭނާގެ ކަރުދޮށުން ނެއްޓުނެވެ. ދެން އޭނާ އޭނާގެ ތުންފަތް އަހަރެންގެ ތުންފަތާ ޖައްސާލިއެވެ. އަހަރެންގެ އެއް އަތް އޭނާގެ ބުރަކަށީގެ ތިރީގައި އަދި އަނެއް އަތް އޭނާގެ ކުރު ހެދުމުގެ ފަސްބައިގައި ބާއްވާލީމެވެ.
އޭނާ މަޑުމަޑުން އަޑެއް ލައްވާލިއެވެ. އަހަރެން އުފަލުން ފުން ނޭވާއެއް ދޫކޮށްލީމެވެ. އަހަރެން އޭނާގެ ކޯތާފަތާއި ކަތުރުކަށިގަނޑުގައި ބޮސްދިނީމެވެ. އޭނާގެ ބޯ އަހަރެންގެ ކަރުދޮށުގައި ލައްކޮށްލިއެވެ. އޭނާގެ ހޫނު ނޭވާ އަހަރެންގެ ހަމަށް އިހުސާސް ކުރެވެއެވެ… އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. މިއީ ހަގީގަތެއް ކަމަށް ގަބޫލުކުރަން ދަތިވާހާވެސް ފުރިހަމަ ވަގުތުކޮޅެކެވެ…
އެވަގުތު އަހަންނަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. އަހަރެން އިނީ ސީދާ ކޮޅަށެވެ. ގޮނޑިއެއްގައެވެ. ލޯ މަރާލާފައި ހުޅުވާލުމުން އެނގުނީ އަހަރެން އަދިވެސް އިނީ އަޒްމާރާގެ ކޮޓަރީގައި ކަމެވެ. އަހަރެން ބަލައިލީމެވެ. އަޒްމާރާ އޮތީ ވަރަށް އަރާމުގައި ނިދާފައެވެ. ފައުޒާ އޮތީ އަޒްމާރާގެ އެއްފަރާތުގައި ބައްދާލައިގެންނެވެ. އަޒްމާރާގެ ބޯ އޮތީ ލަޔިލްގެ މޭމަތީގައެވެ. ލަޔިލް އިނީ އެނދުގެ ބޯލާކޮޅުގައި ވަރަށް އުނދަގޫ ގޮތަކަށް ލެނގިލައިގެންނެވެ. ވެލީނާ އާއި ކިޔާމް ތިބީ އެނދުގެ ފައިލާކޮޅުގައި ބޮނޑިވެގެންނެވެ.
އެންމެން ތިބީ ވަރަށް އަމާންކަމާއެކު ނިދާފައެވެ.
ކިޔާމް އައީ ކޮން އިރަކު ހެއްޔެވެ؟ އަހަރެން ނިދި ފަހުން އޭނާ އައީ ކަމަށް ވެދާނެއެވެ. ނިދި… އެ ހުވަފެން. އަހަރެންގެ ހިތެއް އޮތް ނަމަ، އެ ހިތް މިހާރު ތަޅޭނީ ވަރަށް ބާރަށެވެ. އަޒްމާރާގެ ސަބަބުން އަހަރެންނަށް އެފަދަ އަސަރުތަކެއް ކުރެއެވެ.
އެއީ މޮޔަ ކަމެކެވެ… އެކަހަލަ ކަމެއް ދުވަހަކުވެސް ނުވާނެއެވެ. އަހަރެން ކަނޑުރެއްސިއަކާ ލޯބިވުމަކީ މައްސަލައެއް ނޫނެވެ… އެކަމަކު ކިތަންމެ ވަރަކަށް އޭނާއާ ދިމާކުރިޔަސް، އޭނާ އަހަރެންނާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާކަން އަހަރެންނަށް އެނގެއެވެ. އެންމެ ފަހަރަކު އޭނާގެ ދުލުން ބޭރުވި ބަސްތައް ފިޔަވައި… “ލިޔާމް، އަހަރެންނާ ދުރަށް ދާން ފުރުސަތެއް ނުދޭނަން.” އެ އެންމެ ޖުމްލައެއް އަހަރެންގެ ހިތުގައި ބަދަލުނުވެ އޮތީ ކީއްވެ ހެއްޔެވެ؟ އެއީ އަހަރެންނަށް ދެވޭ އަދަބެއް ހެއްޔެވެ؟ އޭނާ އެހެން ބުނީ ހަމައެކަނި އޭނާގެ ގޮތްދޫނުކުރާ ކަމުން ކަމަށް ވެދާނެއެވެ. އަދި އަހަރެން ދިން ޖަވާބަކީވެސް މުޅިން ދޮގެއް ނޫނެވެ. އޭނާ ކޮންމެވެސް ދުވަހަކުން ފުރައިގެން ދާނެއެވެ. އެންމެ އަންހެން ކުއްޖަކާ ގުޅުމަކީވެސް ނުރައްކާތެރި ކަމެކެވެ. އޭގެ އިތުރުން އެ ކުއްޖާއަކީ އަތްލެވޭނެ ކުއްޖަކަށް ނުވާއިރު، އެއީ ބޮޑު ރިސްކެކެވެ. އަހަރެންނަށް ލިބޭނީ ހަމައެކަނި އަނިޔާއެވެ. އަދި އަހަރެން ކަހަލަ ކުޅިވަރުކުޅޭ މީހުންނަށް، އަޒްމާރާ ކަހަލަ އަންހެން ކުދިންގެ ފަރާތުން ހިތާމައެއް ނުލިބޭނެއެވެ.
އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.
މިތަނުން ނުކުންނަން އެބަޖެހެއެވެ. އަހަރެން މަޑުމަޑުން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތީމެވެ. ދޮރުގެ އަތްގަނޑުގައި އަތްލި ވަގުތު، އެނދުމަތީގައި މީހަކު ހަރަކާތްކޮށްލި އަޑު އިވުނެވެ.
އަހަރެން ބަލައިލީމެވެ. އެއީ އަޒްމާރާއެވެ. ހަމަގައިމުވެސް އެއީ އަޒްމާރާއަށް ނޫނީ ނުވާނެއެވެ.
އޭނާގެ ބޯ މިހާރު އޮތީ އަހަރެން ކުރިން އިން ދިމާލަށެވެ. އެތަން ހުސްކޮށް އޮތްތަން ފެނުމުން އޭނާ ތެދުވެ އިށީނެވެ.
“ލިޔާމް؟” އޭނާ ވަށައިގެން ބަލައިލުމަށްފަހު ދޮރުމަތީގައި ހުރި އަހަރެން ދެކުނެވެ.
އަހަރެން ނެތުމުން އޭނާގެ މޫނުމަތިން ފެނުނު އަސަރުން އަހަރެން ހައިރާންވިއެވެ.
“ލިޔާމް،” އޭނާ ލޯ އަޅާލައިގެން ހުރިއިރު ވަރަށް ލޯތްބެވެ. “ކަލޭ ތިދަނީ ކޮންތާކަށް؟”
“ކީއްވީ؟ އަހަރެން މި ކޮޓަރިން ނުކުތުން މަނައީތަ؟” އޭނާއާ ދިމާކޮށްނުލާ އަހަރެންނަކަށް ނުހުރެވުނެވެ. އެއީ މިހާރު އަހަރެންގެ އާދައެކެވެ.
“ނޫން… އެހެންނެއް ނޫން،” އޭނާ ހައިރާންވެފައި ބުންޏެވެ. އަދި އަނެއްކާވެސް ލޯ އަޅާލިއެވެ. “ކަލޭ ތިއުޅެނީ ކޮންކަމެއް ކުރަން؟”
ނިދިމޫނަކާއެކު އޭނާ އިން ގޮތުން އަހަރެން ބޯހޫރާލީމެވެ. “އަނެއްކާވެސް ނިދާބަލަ، ކުޑަކުއްޖާ،” އަހަރެން ހިނިތުންވެލަމުން ބުނީމެވެ.
“ނޫން! ލިޔާމް!” އަހަރެން ދޮރުން ނުކުތް ވަގުތު އޭނާ މަޑުމަޑުން ގޮވާލިއެވެ.
އޭނާ އެނދުން ފޭބި އަޑާއި، އެނދުމަތީގައި ތިބި ބައެއް މީހުން އުނދަގޫވެގެން އަޑުލެއްވި އަޑު އިވުނެވެ.
އަހަރެން ފޫހިވެގެން ލޯ އަނބުރާލީމެވެ.
“އަޒްމާރާ، ގޮސް ނިދާ،” ހޯލް ތެރެއަށް ނުކުމެވުމުން އަހަރެން ސީރިއަސްކަމާއެކު އަމުރުކުރީމެވެ.
“ކީއްވެ؟” އޭނާ ދެއަތް މޭމަތީގައި ބަނދެލައިގެން ގޮތްދޫނުކޮށް ހުއްޓެވެ.
“ސަބަބަކީ ކަލޭ ތިއުޅެނީ ނިދީގަ ހިނގާފަ ކަމަށް އަހަރެންނަށް 90 އިންސައްތަ ޔަގީންވާތީ،” އަހަރެން ކުދިކިޔަމުން ކުރިއަށް ހިނގައިގަތީމެވެ.
“ލިޔާމް، މަޑުކުރޭ،” އޭނާ ކުއްލިއަކަށް އަހަރެންގެ އަތުކުރީގައި ހިފާ ހުއްޓުވިއެވެ.
“މިހިސާބުން ބަލާ، ކަލޭ އަހަރެންނާއެކު އަންނަން ބޭނުންނަމަ އާދޭ. އެކަމަކު އަހަރެން މި ދަނީ މަޑުމަޑުން ހިނގާލަން ދާން. އެހެންވީމާ އަހަރެންނާ އެއްވަރަކަށް ހިނގާ، އަދި އަނގަ މަޑުންލައިގެން ހުރޭ،” އަހަރެން އޭނާގެ އަތުގައި ހިފީމެވެ. އޭނާގެ ހަމުގެ ހޫނުކަން އަހަރެންގެ ހަށިގަނޑަށް ވަރަށް އަރާމެވެ.
“ލިޔާމް، ކަލޭ ދުވަަން ފަށައިފިއްޔާ…”
“ބާރަށް ހިފަހައްޓާ،” އަހަރެން އޭނާއަށް ހިނިތުންވެލީމެވެ.
“ކީއް…”
އޭނާ ހައިރާންކޮށްލުމަށްފަހު، އަހަރެން އޭނާގެ އަތުގައި ހިފާ އަހަރެންގެ ބުރަކަށިމައްޗަށް އުފުލާލީމެވެ. ވަގުތުން އޭނާގެ ފައި އަހަރެންގެ އުނަގަނޑުގައި ބާރުކޮށްލާ، އަތް އަހަރެންގެ ކަރުގައި ވަށާލިއެވެ.
“އަހަރެމެން މިދަނީ ކޮންތާކަށް؟” އޭނާ އެހިއެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެން ދުއްވައިގަތީމެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަހަރެމެންނަށް ޖަންގަލީގެ ތެރެއަށް ދެވުނެވެ. އަހަރެންގެ ބުރަކަށިމަތިން އޭނާ ބޭލުމަށްފަހު އޭނާއާ ދިމާލަށް ބަލައިލީމެވެ.
“އަހަރެމެން މިތިބީ ފެންގަނޑު ކައިރީގަ؟” އޭނާ ބުމަ އަރުވާލަމުން އަހަރެންނާ ސުވާލުކުރިއެވެ.
“ތެދަށް ބުނަންޏާ، ކަލޭ އަންނަން ނިންމުމުގެ ކުރިންވެސް އަހަރެން އަންނަން އުޅުނީ މިތަނަށް،” އޭނާގެ މޫނަށް ބަލަމުން އަހަރެން ބުނީމެވެ.
“އަހަރެން ގަބޫލުކޮށްފިން،” އޭނާ ހިނިތުންވެލަމުން ގަސްތަކުގެ ހިޔަލުން ނުކުމެ ހަނދުވަރުގެ އަލީގެ ތެރެއަށް ހިނގައިގަތެވެ.
އަހަރެން އޭނާ މިތަނަށް ގެނައީ ކީއްވެ ހެއްޔެވެ؟ އަހަރެން ކުރަން މިއުޅެނީ ކީއް ހެއްޔެވެ؟ އަމިއްލަ ނަފްސަށް އިތުރު އަދަބެއް ދެނީ ހެއްޔެވެ؟ ކަންތައްތައް ވަމުން ދަނީ ހަމަ އަހަރެން ދުށް ހުވަފެނާ އެއްގޮތަށެވެ. އެކަމަކު ނިމުން ތަފާތުވާނެކަން އަހަރެންނަށް އެނގެއެވެ. އެކަމާ އަހަރެން އޭނާދެކެ ނަފުރަތު ކުރަމެވެ. އޭނާގެ ކޮންމެ ހަރަކާތަކާއެކު ނަށަމުންދާ އިސްތަށިގަނޑަށް ބަލަން އަހަރެން ހުރީމެވެ. އޭނާގެ ހިތުގެ މަޑު ތެޅިލުމާއި، އޭނާގެ ހަމުގައި ޖެހިފައި ހުރި ތުނި ފޭރާން ހަރަކާތްވާ އަޑު އަހަރެންނަށް އިވެއެވެ. އޭނާ ހީވަނީ ހާއްސަ ނެށުމެއް ނަށަމުންދާ ހެންނެވެ.
ހަނދުވަރުގެ އަލި އޭނާގެ ހަމާއި އިސްތަށިގަނޑުން ބަބުޅަމުން ދިޔައެވެ. އޭނާގެ ލޮލަށް އަލިކަން އެޅުމުން، ފެހި ކުލައާއި، ނޫ ކުލައާއި، ދަނބު ކުލައިގެ ރީތި ކުލަތަކެއް ފެންނަމުން ދިޔައެވެ. އެ ލޮލުގެ ތެރޭގައި އެ އަލިކަން ހީވަނީ އަލިފާންގަނޑެއް ނަށަމުންދާ ހެންނެވެ.
އޭނާގެ ނެށުން ކުރިއަށް ގެންދިޔައެވެ. އެއީ ވަރަށް ލުއި، ފަސޭހަ ނެށުމެކެވެ. އޭނާގެ ފިޔަވަޅުތަކަކީ އިންސާނުންގެ ފިޔަވަޅުތަކެއް ފަދަ އެއްޗެއް ނޫނެވެ. އެކަމަކު އޭނާގެ އެ ހަރަކާތްތަކަކީ ލޭއިންސިއެއްގެ ހަރަކާތްތަކެއް ފަދަ އޮމާން އެއްޗެއްވެސް ނޫނެވެ. އޭނާއަކީ މުޅިން ތަފާތު އާލަމެކެވެ.
އެ ވަގުތުކޮޅު މިއަށްވުރެ ރީތި ނުވާނެއޭ އަހަރެންގެ ހިތަށް އެރި ވަގުތު، އޭނާ ހީނލިއެވެ.
އަހަރެންގެ ހުވަފެނުގައި އެ ހުނުމުގެ އަޑު އެހާ ފުރިހަމައެއް ނޫނެވެ. އެކަމަކު އޭގެ އަސަރު އަހަރެންނަށް ކުރީ ހަމަ އެއްގޮތަކަށެވެ. އަހަރެންގެ މޫނުމަތީގައި ހުރި ހަރުކަށިކަން ފިލައި، އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. އަހަރެން މާ ބޮޑަށް ޖަޒުބާތުގައި ނުޖެހި، ހިނިތުންވުން ކޮންޓްރޯލް ކުރީމެވެ.
އަހަރެން ބޭނުންވީ ހުރިހާ ކަމެއް ދޫކޮށްލާށެވެ. އެ ވަގުތުކޮޅުގެ ތެރެއަށް ގެނބިގެންދާށެވެ. އެކަމަކު އަހަރެންނަށް އެފަދަ ފުރުސަތެއް ނުދެވޭނެއެވެ.
އަހަރެންނަކީ އެހާ ބަލިކަށި މީހަކަށް ވެގެން ނުވާނެއެވެ. އޭނާގެ ލޯބީގައި ޖެހި، އޭނާގެ ފަރާތުން ހިތާމައެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނާ އަހަރެންނާ މެދު ކަންބޮޑުވިޔަސް ނުވިޔަސް އަހަރެންނަށް އެހެން ގޮތެއް ނެތެވެ. ހަގީގަތަކީ އޭނާ ފުރައިގެން ދާނެ ކަމެވެ. އެހެންވެ، އަހަރެން އޭނާއަށް ދޫ ނުދޭނަމެވެ.
ކުއްލިއަކަށް އޭނާ ހުއްޓިފައި އަހަރެންނާ ދިމާލަށް އެނބުރުނެވެ.
“ލިޔާމް،” އޭނާ އަހަރެންނާ ދިމާލަށް ހިނގައިގަންނަމުން ހިނިތުންވެލިއެވެ.
އަހަރެން ގަނޑުވި ކަހަލައެވެ. މިއީ ހަމަ އަހަރެންގެ ހުވަފެނާ މާ ބޮޑަށް އެއްގޮތް ކަމެކެވެ. އޭނާއަށް އެ ހުވަފެނުގެ ވާހަކަ އެނގެނީ ހެއްޔެވެ؟ އެއީ ވުން އެކަށީގެންވާ ކަމެއް ހެއްޔެވެ؟
އަހަރެން އެއްޗެއް ބުނުމުގެ ކުރިން އޭނާ ބުންޏެވެ. “އެނގޭތަ؟ ހުރިހާ ކަނޑުރެއްސިންގެ ވެސް ހަނދާ ގުޅުމެއް އޮވޭ. ހަނދަކީ ފެނުގެ މައްޗަށް ވަރަށް ބޮޑު ބާރެއް ފޯރުވާ އެއްޗެއް، އެހެންވީމާ އަހަރެމެންގެ މައްޗަށްވެސް އޭގެ އަސަރު ވަރަށް ބޮޑު،” އޭނާ ހަނދާ ދިމާލަށް ބަލަން ހުރެ ބުންޏެވެ.
އަހަރެން ކުއްލިއަކަށް ހަނދާމެދު ހަސަދަވެރިވީމެވެ. އޭނާ ދުވަހަކުވެސް އަހަރެންނާ ދިމާލަށް އެފަދަ ނަޒަރަކުން ނުބަލައެވެ.
“އަހަރެންނާއެކު ނަށާލަން އާދެބަލަ،” އޭނާ އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ. އަހަރެން އިނީ ހިލައެއްގެ މަތީގައި ކަމެއްވެސް އަހަރެންނަށް ނޭނގެއެވެ. އޭނާ އަހަރެންގެ އަތުގައި ހިފާ ދަމައިގަތުމުން އަހަރެން ތެދުވީމެވެ.
“މިތާކު މިއުޒިކެއް ނެތް،” އަހަރެން އޭނާއަށް ބަލައިލީ އޭނާއަކީ މޮޔައެއް ކަމަށް ދެކޭ ފަދަ ނަޒަރަކުންނެވެ. “ކަލޭ މާ ގިނައިންނޭ ކޫސަނި ފިލްމުތައް ބަލަނީ.” އަހަރެން އޭނާއާ ދުރަށް ދާން އެނބުރުނީމެވެ. އެކަމަކު އޭނާ އަހަރެންގެ އަތުކުރީގައި ހިފާ އޭނާގެ ގާތަށް ދަމާލިއެވެ.
“ލިޔާމް، ކަލޭ ހަމަ މިހާރު އަހަރެންނާއެކު ނަށަންވީ އެނގިއްޖެ،” އޭނާ އަމުރުވެރި ގޮތަކަށް ބުންޏެވެ. އަހަރެން އޭނާއަށް ބަލައިލާފައި ބުމަ އަރުވާލީމެވެ. “ތި ކުޅަދާނަ ކަންފަތުން އަޑުއެހުން ހުއްޓާލާ،” އޭނާ މަޑުމަޑުން އަހަރެންގެ ބޮލުގެ އެއްފަރާތުގައި ޖަހާލިއެވެ. “އެއްފަހަރު ނަމަވެސް ކަލޭގެ ސިކުނޑި ހަމަޖައްސާލަބަލަ، ލިޔާމް،” އޭނާ ހިނިތުންވެލިއެވެ.
“އަހަރެން މިހުރީ ވަރަށް ބޮޑަށް ހަމަޖެހިގެން…”
“ބަހުސް ނުކުރޭ،” އޭނާ އަމުރުކުރިއެވެ. “އެއީ ސިއްހަތަށް ރަނގަޅު ކަމެއް ނޫން. އޯކޭ، އަހަރެންނަށް އެނގޭ ކަލެއަށް މީގެ ބޭނުމެއް ނެތްކަން، އެކަމަކު ފުން ނޭވާއެއް ލާބަލަ.”
އަހަރެން އޭނާއަށް ބަލަން ހުރުމުން އޭނާ ލޯ އަޅާލިއެވެ. އޭނާ ބުނި ގޮތަށް އަހަރެން ކަންތައް ކުރީމެވެ.
“ލޯ މަރާލާ،” އޭނާގެ އަޑަކީ މަޑުމައިތިރި ނާނާއެއް ފަދަ އަޑެކެވެ. އަހަރެން އޭނާގެ ބަސް އަހައި ލޯ މަރާލީމެވެ. “މިހާރު މިއުޒިކްގެ އަޑު އަހަން މަސައްކަތް ކުރޭ.”
“މިތާކު…”
“ބަހުސް ނުކުރާށޭ،” އޭނާ އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ.
އަހަރެން އޭނާގެ ބަސް ގަބޫލުކުރީމެވެ. އަހަރެން ހަމަޖެހިލައިގެން އަޑުއަހަން ފެށީމެވެ. އަހަރެންގެ ކައިރީގައި ހުރި އޭނާގެ ހަށިގަނޑުގެ ހޫނުކަން އަހަރެންނަށް ވަރަށް ބޮޑަށް އިހުސާސް ކުރެވެއެވެ. އޭނާގެ ނޭވާގެ އަޑާއި ހިތުގެ ތެޅުމުގެ އަޑުން އަހަރެންގެ ސަމާލުކަން ގެއްލެއެވެ. އެ އަޑުތައް، އޮހެމުންދާ ކޯރުގެ އަޑާއި ގަސްތަކުގެ ތެރެއިން ޖެހެމުންދާ މަޑު ވައިރޯޅީގެ އަޑާ އެކުވެގެން ދިޔައެވެ. މި ހުރިހާ އަޑުތަކެއް އިވޭއިރު އޭނާ ހަމަޖެހިލަނީ ކިހިނެއް ހެއްޔެވެ؟ އެވަގުތު އަހަރެންނަށް އެ މިއުޒިކްގެ އަޑު އިވުނެވެ. އެއީ އެ ހުރިހާ އަޑުތަކެއް އެކުވެގެން އުފެދިފައިވާ މަޑުމައިތިރި ރީތި ރާގަކެވެ.
އަހަރެން މަޑުމަޑުން ލޯ ހުޅުވާލުމަށްފަހު އެއްޗެއް ބުނަން އަނގަ ހުޅުވާލީމެވެ. އޭނާ ހިނިތުންވުމަކާއެކު އަހަރެންގެ ވާހަކަ ހުއްޓުވިއެވެ. “ކަލޭގެ މިއުޒިކަކީ ކޮބައިކަން އަހަރެންނަށް ބުނެދޭކަށް ނުޖެހޭނެ،” އޭނާ ބުންޏެވެ.
“އަޅެ، އަހަރެންނަކީ ނަށާ މީހެއް ނޫން. މިއީ ވަރަށް އާ ކަމެއް، އެކަމަކު…”
“އަނގަ މަޑުންލާ، ލިޔާމް. ބަހުސް ކުރުމާ ބެހޭގޮތުން އަހަރެން ބުނީ ކީކޭ؟” އޭނާ ލޯ އަޅާލިއެވެ. އޭނާ ބައެއް ފަހަރު ވަރަށް ގޮތްދޫނުކުރެއެވެ. އަހަރެން ހިތަށް އެރިއެވެ. އޭނާ އެހެން އުޅޭއިރު ވަރަށް ކޫލްއެވެ. އަހަރެން މުޅިން މޮޔަވީ ހެއްޔެވެ! އަހަރެން އަމިއްލަ ނަފްސަށް ހަމަލާއެއް ދޭން ބޭނުންވިއެވެ. އެކަމަކު މިފަހަރު އަހަރެން ދުރަށް ދާން އުޅުމުން އޭނާ އަހަރެންގެ އަތުގައި ހިފާ، އޭނާގެ ނާޒުކު އުނަގަނޑުގައި އަހަރެންގެ އަތް ބޭއްވިއެވެ.
އޭނާގެ ހަމުގެ ހޫނުކަން އެ ފޭރާމުގެ ތެރެއިން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަހަރެންގެ އަތް ހީވަނީ އަލިފާންގަނޑެއްގެ ތެރޭގައި އޮތް ހެންނެވެ. އަނެއްކާވެސް، އަހަރެންގެ ހުވަފެނަކީ މި ހަގީގަތާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫންކަމަށް ޔަގީންކުރެވުނެވެ.
އަހަރެން ހައިރާންވެފައި އޭނާއަށް ބަލައިލީމެވެ.
އަހަރެންގެ ފިނި އަތުގެ ބީހުމުން އޭނާއަށް އެއްވެސް އަސަރެއް ކުރާހެންނެއް ހިއެއް ނުވެއެވެ. ކިޔާމްއާ ދުރަށް ދިޔަ ގޮތަށް އޭނާ ތުރުތުރެއް ނާޅައެވެ. ނުވަތަ ދުރަކަށް ނުދެއެވެ. އެހެންވެ އަހަރެންނަށް އެތާ މަޑުކުރުމުގެ ހިތްވަރު ލިބުނެވެ. އޭނާ އަހަރެންގެ ކުރިމަތީގައި މަގާމު ހަމަޖައްސާލުމަށްފަހު، އޭނާގެ އެއް އަތް އަހަރެންގެ ހުސް ކޮނޑުމަތީގައި ބާއްވާ، އަނެއް އަތުން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.
“މިއުޒިކް ހޯދާބަލަ، ލިޔާމް،” އޭނާ އަހަރެންނަށް ބަލާފައި ހިނިތުންވެލިއެވެ.
އަހަރެން އެ ރާގަށް ސަމާލުކަން ދިނުމުން، މަޑުމަޑުން އެއާ އެއްވަރަށް ހަރަކާތް ކުރެވެން ފެށުނެވެ. އަހަރެން އޭނާ ގޮވައިގެން ހަރަކާތް ކުރަން ފެށީމެވެ. އަހަރެމެންގެ ދެ ހަށިގަނޑު ވިނަގަނޑު މަތީގައި އެކުގައި ހަރަކާތްވަމުން ދިޔައެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަހަރެންގެ ހިތްނުތަނަވަސްކަން ފިލައިގެން ދިޔައެވެ. އަޒްމާރާ ހުރީ އަހަރެންގެ ހަށިގަނޑުގައި ލެނގިލައިގެންނެވެ. އޭނާގެ ބޯ އޮތީ އަހަރެންގެ މޭމަތީގައެވެ.
އަހަރެން އޭނާ އަހަރެންގެ ހަށިގަނޑާ ދުރަށް އަނބުރުވާލުމަށްފަހު އަނެއްކާވެސް ގާތަށް ގެނައީމެވެ. އޭނާ ހީނލިއެވެ. އެ ހުނުމުން އަހަރެންގެ ހިލަ ހިތުން ކުޑަ މިންވަރެއް ވިރިގެން ދިޔައެވެ.
“ކަލޭ ތިއީ ވަރަށް މޮޅަށް ނަށާ މީހެއް،” އޭނާ އަހަރެންގެ މޭމަތީގައި ލެނގިލައިގެން ހުރެ ހިތްހަމަޖެހުމާއެކު ބުންޏެވެ.
“އޭގެ މާނައަކީ އަހަރެން ނަށަން ބޭނުންވަނީއެކޭ ނޫން،” އަހަރެންގެ ދަތްދޮޅި އޭނާގެ ބޯމަތީގައި ބާއްވާލީމެވެ.
އަހަރެން އޭނާ ގަޔާލާ ބާރުކޮށްލުމަށްފަހު، ދެމީހުން އެކުގައި ވިނަގަނޑު މައްޗަށް ވެއްޓުނީމެވެ.
ވިނަގަނޑު މަތީގައި ފުރޮޅެމުން އޭނާ ހީނލިއެވެ. އަހަރެންނަށްވެސް ނުހީއެއް ނުހުރެވުނެވެ.
ކުއްލިއަކަށް އޭނާ ފުރޮޅިލާފައި އަހަރެންގެ މައްޗަށް އެރިއެވެ. އަހަރެންގެ ހިތަށް ލިބުނު އުފާވެރިކަން ފޮރުވަން އަހަރެން މަސައްކަތް ކުރީމެވެ.
ހަނދުވަރުގެ އަލި އޭނާގެ ހަމަށް އެޅިފައިވެއެވެ. އޭނާ ފުރޮޅިލި ގޮތުން އޭނާގެ އިސްތަށިގަނޑު އޮތީ އެއް ކޮނޑުމަތީގައެވެ.
އޭނާގެ ލޯ ހުރީ ވަރަށް އަލިކޮށް، ދަނބު ކުލައިގައެވެ. އޭނާގެ ކުލަގަދަ ހަމުގެ މަތިން އެ ލޯ ވަރަށް ބޮޑަށް ފާހަގަވެއެވެ.
އޭނާ އަހަރެންނަށް ބަލާފައި ހިނިތުންވެލިއެވެ. “ކަލޭ އަބަދު މިގޮތަށް ނުހުންނަނީ ކީއްވެ؟” އޭނާ އަހަރެންގެ މޫނުގައި މަޑުމަޑުން އަތްލަމުން އެހިއެވެ.
“އަހަރެން މިއުޅެނީ އަމިއްލަ ނަފްސު ރައްކާތެރިކުރަން… އަހަރެން ބުނީމެއްނު،” އޭނާގެ އިނގިލި އަހަރެންގެ ތުންފަތާ ހަމައަށް ފޯރުމުން އަހަރެން ބުނީމެވެ.
އޭނާގެ އިނގިލި އަހަރެންގެ ތިރީ ތުންފަތުގައި މަޑުޖެހުނެވެ. އޭނާގެ ދަނބު ކުލައިގެ ލޮލުން އަހަރެންގެ ތުންފަތަށް ބަލަމުން ދިޔައެވެ. އޭނާ އަހަރެންގެ ގާތަށް ގުދުވުމުން އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ.
ނަމަވެސް އޭނާ އަހަރެން ހައިރާންކޮށްލީ އަހަރެންގެ މޭމަތީގައި ބޯ ބާއްވާލުމުންނެވެ. “ދެން މިހާރު މިގޮތަށް ތިއުޅެނީ ކީއްވެ؟” އޭނާ އެހިއެވެ.
“ކަލޭގެ ފަރާތުން އަމިއްލަ ނަފްސު ރައްކާތެރިކުރަން ޖެހޭނެ ކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ،” އަހަރެން ފަސޭހަކަމާއެކު ޖަވާބު ދިނީމެވެ. އެއީ ތެދެކެވެ، އެކަމަކު އެއީ ދޮގެއްވެސް މެއެވެ. އޭނާގެ ސަބަބުން އަހަރެންނަށް ހަމަޖެހުން ލިބުނަސް، މިތަނުން ދުރަށް ދާންޖެހޭ ސަތޭކަ ސަބަބު އަހަރެންގެ ސިކުނޑީގައި އެބަހުއްޓެވެ.
އޭނާ ބޯ އުފުލާލާފައި އަހަރެންގެ ލޮލަށް ބަލައިލިއެވެ. “އެކަމަކު ކަލޭ ތިއޮތީ އުނދަގޫވެފަ،” އޭނާ ބުންޏެވެ. “ކަލޭގެ ވަށައިގެންވާ ފާރުތައް ވެއްޓެމުންދާކަން އިހުސާސްވުމަކީ ކަލެއަށް އާދަވެފައިވާ ކަމެއް ނޫން، އަދި އަހަރެންގެ ސަބަބުން އެހެންވުމުން ކަލެއަށް އުނދަގޫވަނީ.”
އޭނާއަށް އަހަރެންގެ ހިތް މިހާ ފަސޭހައިން ކިޔާލަން އެނގެނީ ކިހިނެއް ހެއްޔެވެ؟
“އަހަރެން ހުންނަ ގޮތް އަހަރެންނަށް އެނގޭ،” އަހަރެން ޖަވާބު ދިނީމެވެ. “އަހަރެންނަކީ ފިނި، ހިތްނުތަނަވަސް، އަދި މަލާމާތްކުރާ މީހެއްކަން އެނގޭ. އެކަމަކު އެއީ މިހާރު އަހަރެންގެ އަމިއްލަ ސިފައެއް. އެކަން ބަދަލެއް ނުކުރެވޭނެ.” އަހަރެން ފެންގަނޑާ ދިމާލަށް ބަލައިލީމެވެ. “އަދި އެކަން ބަދަލުކުރާކަށް ބޭނުމެއްވެސް ނޫން. އަހަރެންގެ ސަބަބުން މީހުންނަށް ދެރަވާކަން ގަބޫލުކުރަން، އެކަމަކު އަހަރެން މިގޮތަށް މިހުންނަނީ އަބަދުވެސް އަހަރެންނާ މެދު އިހާނެތިކޮށް ކަންތައް ކުރާތީ. ކިޔާމްއަކީ އަބަދުވެސް ‘ރަނގަޅު’ ކުއްޖާ، ‘ރަނގަޅު’ އެއްބަނޑު އެއްބަފާ ކުއްޖާ، ‘ހިތްހެޔޮ’ ކުއްޖާ.” އަހަރެން އަނެއްކާވެސް އަޒްމާރާގެ މާޔޫސްވެފައިވާ ލޮލަށް ބަލައިލީމެވެ. “އަހަރެން މިގޮތަށް މިހުރީ މުޅި އުމުރުގަ އެމީހުން އަހަރެން ސިފަކުރި ‘ނުބައި’ މީހާއަށް އަހަރެން ބަދަލުވުމުން. އެކަމާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެއީ އަހަރެންގެ ހަގީގަތަކީ. އެކަމާ އަހަރެން ދެރަވާންވީ ކީއްވެ؟” އަހަރެން ސީރިއަސްކަމާއެކު އެހީމެވެ.
“އޯ، ލިޔާމް، ލިޔާމް ހުންނަ ގޮތުން ދެރަވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބުނަން މިއުޅެނީ އެހެންނެއް ނޫން. ކޮންމެ މީހެއްގެ ވެސް އަމިއްލަ މައްސަލަތަކެއް ހުންނާނެ. އަހަރެން ހަމައެކަނި ބޭނުންވީ ލިޔާމްގެ މައްސަލައަކީ ކޮބައިތޯ ބަލަން. އަހަރެންނަކީ ވެސް ކޮންޓްރޯލް ނުކުރެވޭ ވަރަށް އުނދަގޫކުރާ އަދި އަމުރުވެރި މީހެއް،” އޭނާ ހިނިތުންވެލުމުން އަހަރެންނަށް ހީނލެވުނެވެ. “އެއީ އަހަރެންނަކީ އެންމެ ހަގު ކުއްޖާއަށް ވެފަ، އަބަދުވެސް ނާޒުކު ބުދެއް ފަދައިން އަހަރެންނާ މެދު ކަންތައް ކުރާތީ. ލިޔާމް، އަހަރެމެން އެންމެންގެ ވެސް އުނި ސިފަތަކެއް ހުންނާނެ. އެކަމަކު އަމިއްލަ ގޮތް ދައްކާލެވޭނެ މީހަކު ހުރުމަކީ މުހިންމު ކަމެއް. އެހެން ނޫންނަމަ ލިޔާމް މިއަށްވުރެ މާ ގޯސްވީސް،” އޭނާ ސީރިއަސްކަމާއެކު ބުންޏެވެ.
“މިއަށްވުރެ ގޯސްވާނީ ކިހިނެއް؟” އަހަރެން އަހާލީމެވެ.
“ލޯތްބަށް އޮތް އުންމީދު މުޅިން ގެއްލިފައިވާ މީހަކަށް ވުން،” އޭނާގެ ތުންފަތް އޭރު ވަނީ އަހަރެންގެ ތުންފަތާ ވަރަށް ގާތުގައެވެ. އޭނާގެ ހަށިގަނޑު އޮތީ އަހަރެންގެ ހަށިގަނޑާ ޖެހިފައެވެ. ޖެހޭ ވައިރޯޅިން އޭނާގެ އިސްތަށިގަނޑު އަހަރެންގެ ހުސް މޭމަތީގައި ބީހެމުން ދިޔައެވެ.
“ލޯބި ގެއްލިފައިވާކަން ކަލެއަށް އެނގެނީ ކިހިނެއް؟” އަހަރެން ހައިރާންވެފައި އެހީމެވެ. “ކަލޭ ކުރިން ބުނީމެއްނު އަހަރެން ލޯބި ގެއްލުވާލައިފި ކަމަށް… އެހެންވެޔޭ އަހަރެން ބޮސްދިނުމަށް ދަށް ނުވާނީ،” އަހަރެން ހިނިތުންވެލީމެވެ.
އޭނާ އަދިވެސް އިނީ ސީރިއަސްކޮށެވެ. “ފައުޒާ،” އަހަރެންގެ ކޮއްކޮގެ ވާހަކަ އެ ބުނީކަން އެނގެން އަހަރެންނަށް ސިކުންތުކޮޅެއް ނެގިއެވެ. “ކަލޭގެ ހިތް ދިރުވާފަ ބެހެއްޓީ އޭނާ. އަހަރެން ރުޅިއައިސްގެން ހުރެ ބުނީ ކަލޭގެ ލޯބި ގެއްލިއްޖެ ކަމަށް… ރުޅިއައީމާ އަހަރެންނަށް ބައެއް ފަހަރު މާނައެއް ނެތް ވާހަކަ ދެއްކޭ.” އޭނާ އަނެއްކާވެސް އަހަރެންގެ މޭމަތީގައި ބޯ ބާއްވާލިއެވެ. އޭނާ އޮތީ ވަރުބަލިވެފައިކަން އަހަރެންނަށް އެނގުނެވެ. އަހަރެންވެސް އޮތީ ވަރުބަލިވެފައެވެ.
“އެއީ އަހަރެންގެ ހުރި އިތުރު އުނި ސިފައެއް.” އަހަރެން ހީނލީމެވެ.
އަދި އަހަރެންގެ އުނި ސިފައަކީ އިހުސާސްތަކަށް ފުރުސަތު ނުދިނުމެވެ.
އަހަރެން އޭނާގެ މަޑު އިސްތަށިގަނޑާ ކުޅެލީމެވެ. އަހަރެން ބޭނުންވީ އޭނާއަށް އަހަރެންގެ މުޅި ނަފްސު ހަދިޔާކުރާށެވެ. އޭނާއަށް އަޅާލާށެވެ. އޭނާދެކެ ލޯބިވާށެވެ. އެކަމަކު އެއީ މާ ނުރައްކާތެރި ކަމެކެވެ.
“ލިޔާމް،” އޭނާ ކަންނެތް ގޮތަކަށް ބުންޏެވެ. “އަހަރެން ނިދާފަ އޮންނައިރު އަހަރެންގެ ފާރަވެރިއަކަށް ހުރެދޭނަންތަ؟” އޭނާގެ އަޑުގައި ހުރީ އިތުބާރެވެ. އަނެއްކާވެސް އޭނާއަށް ދޫ ނުދެވޭތީ އަހަރެން އަމިއްލަ ނަފްސަށް އަދަބު ދޭން ބޭނުންވިއެވެ.
“އަހަރެންނަކީ އެޑްވަރޑް ކަލެން އެއް ނޫން… އަހަރެން ނިދަން ބޭނުން،” އަހަރެން ސަމާސާކޮށްލީމެވެ. އަހަރެންނަށް ޖެހެނީ ކޮންމެ ކަމަކީ ޖޯކަކަށް ހަދާށެވެ.
އޭނާ މަޑުމަޑުން އަހަރެންގެ މޭގައި ޖަހާލިއެވެ. “އަހަރެން ބުނި އެއްޗެއް ކަލެއަށް އެނގޭނެ،” އޭނާ ހީނލިއެވެ.
“އާނ، އަޒްމާރާ،” އަހަރެން ފުން ނޭވާއެއްލާފައި އޭނާގެ ނިތްކުރީގައި ބޮސްދިނީމެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ނޭވާ ހަމައަކަށް އެޅި، އޭނާ ނިދިއްޖެކަން އަހަރެންނަށް އެނގުނެވެ.
“އަބަދުވެސް،” އަހަރެން ވައުދުވީމެވެ. “އަބަދުވެސް.”
“ލިޔާމް،” އޭނާ ނިދީގައި މަޑުމަޑުން ބުނެލާފައި އަހަރެންގެ ގައިގައި ބޮނޑިވެލިއެވެ.
އަހަރެން ހާސްވިއެވެ. އެކަމަކު އޭނާގެ ހިތުގެ ތެޅުން ހުރީ ހަމައަކަށް އެޅިފައެވެ. އޭނާ އޮތީ ނިދާފައެވެ.
އަހަރެން އަމިއްލައަށް ހިނިތުންވެލީމެވެ. އޭނާ ކިޔާލީ އަހަރެންގެ ނަމެވެ. އޭނާގެ އާއިލާގެ މީހެއްގެ ނަމެއް ނޫނެވެ. ކިޔާމްގެ ނަމެއްވެސް ނޫނެވެ. އަހަރެންގެ ނަމެވެ.
އަހަރެން ލޯ މަރާލީމެވެ. އަދި މާގިނަ އިރެއް ނުވެ އުފާވެރި ނިންޖެއްގެ ތެރެއަށް އަހަރެން ގެނބިގެން ދިޔައެވެ.
—
އަޒްމާރާގެ ނަޒަރުން….
އަހަރެންނަށް ހޭލެވުނުއިރު އޮވެވުނީ މީހެއްގެ މޭމަތީގައެވެ. ފުރަތަމަ ހިތަށް އެރީ އެއީ ލަޔިލް ކަމަށެވެ. އެކަމަކު ދެން ހަނދާންވިއެވެ؛ ހޭލުން، ލިޔާމް ފެނުން، ފެންގަނޑު ކައިރިއަށް ދިއުން، ނެށުން، ވާހަކަދެއްކުން އަދި ނިދުން.
ވިނަތައް ހަމުގައި ބީހެމުން ދިޔައިރު އަހަރެން ލިޔާމްގެ ގައިގައި ބޮނޑިވެލީމެވެ. ކަމަކުދާކަށް ނެތެވެ! އަހަރެމެން އަދިވެސް މިތިބީ ބޭރުގައެވެ!
އަހަރެން ތެދުވެ އިށީނދެ ވަށައިގެން ބަލައިލީމެވެ. ފިނި ފޭބުމުގެ ސަބަބުން އަހަރެންގެ ނިދާ ހެދުން އޮތީ ތެމިފައެވެ. ލިޔާމް އަދިވެސް އޮތީ ގަދަ ނިދީގައެވެ. އޭނާ ފެންނަނީ ވަރަށް އަމާންކޮށް، އުފާވެރިކޮށެވެ. އޭނާ ހޭލައްވަން ޖެހޭތީ އަހަރެން ދެރަވިއެވެ، އެކަމަކު އެކަން ކުރަން އެބަޖެހެއެވެ.
“ލިޔާމް،” އަހަރެން މަޑުމަޑުން އޭނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތީމެވެ. “ލިޔާމް، ތެދުވޭ،” އަހަރެން އަނެއްކާވެސް ބުނީމެވެ.
އޭނާ ކޮންމެވެސް އެއްޗެއް ބުނެލާފައި ކުއްލިއަކަށް ތެދުވެ އިށީނެވެ. އަހަރެންގެ ބޯ އޭނާގެ ބޮލުގައި ނުޖެހުނީ ހަމަ ކިރިޔާއެވެ.
“ލިޔާމް،” އަހަރެން އަނެއްކާވެސް ގޮވާލީމެވެ. އޭނާ ނިދިމޫނަކާއެކު ބަލައިލާފައި، ކުއްލިއަކަށް ސިހުނެވެ.
“މަޑުކުރޭ، ކިހިނެއްވީ؟ ނޫން… އެހެނެއް ނުވާނެ. އަހަރެމެން…” އޭނާ ހައިރާންވެފައި ވަށައިގެން ބަލައިލިއެވެ. “އަހަރެން އަދިވެސް މިއޮތީ ހުވަފެނެއްގަތަ؟”
އޭނާ އެ ބުނީ ކީކޭ ހެއްޔެވެ؟ އަހަރެންނަށް ހީނލެވުނެވެ. “ނޫން، ރޭގަ ނަށާފަ އަހަރެމެންނަށް މިތާ ނިދިފަ ތިބެވުނީ.”
“އޯ،” އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ދެން ހުރިހާ ކަމެއް އޭނާގެ ހަނދާނަށް އައި ކަހަލައެވެ. “އޯ،” އޭނާ ބުންޏެވެ. އަދި ކުއްލިއަކަށް އެހެން ކަމެއް ހަނދާންވެގެން ބުންޏެވެ، “އޯ، ޝިޓް! މިހާރު ގަޑިން ކިހާ އިރެއް؟” އޭނާ އަހަރެންނަށް ބަލައިލިއެވެ.
“އަހަރެން ފެންނަނީ ގަޑިއެއް ހިފައިގެން ހުރި މީހަކު ހެންތަ؟” އަހަރެން އަހަރެންގެ އަމިއްލަ ހަށިގަނޑަށް ބަލައިލާފައި އަނެއްކާވެސް އޭނާއަށް ބަލައިލީމެވެ.
އަހަރެން ބަލައިލި ދިމާލަށް އޭނާގެ ނަޒަރު ހުއްޓިފައި ހުރިކަން އަހަރެންނަށް ފާހަގަވިއެވެ.
“ހިނގާ ދާން،” އޭނާ ތެދުވަމުން ބޯ ހޫރުވާލިއެވެ. އޭނާ އަހަރެންނަށް އަތް ދިއްކޮށްލުމުން، އަހަރެން އޭގައި ހިފީމެވެ. އޭނާ އަހަރެން ކޮޅަށް ނެގުމަށްފަހު ބުރަކަށިމައްޗަށް އުފުލާލިއެވެ. އަހަރެން ލޯ މަރާލީމެވެ. ދެން ލޯ ހުޅުވާލިއިރު އޭނާ އަހަރެން ބިމުގައި ބަހައްޓަނީއެވެ.
އަހަރެން ލޯ ހުޅުވާލިއިރު އަހަރެމެން ތިބީ ގޭގެ ކުރިމަތީގައެވެ. އޭނާ އޭރު ހުރީ ސިޑިން އަރަން ތައްޔާރުވެގެންނެވެ.
އަހަރެން ވަރަށް އަވަހަށް އޭނާގެ ފަހަތުން ދިޔައީމެވެ. ސިޑިން އަރައިގެން ދިޔައިރު އޭނާ ހުރީ ހިމޭނުންނެވެ.
“މިހާރު ތިއުޅެނީ އަނެއްކާވެސް ކުރީގެ ގޮތަށް ބަދަލުވާންތަ؟” އަހަރެން ދެރަވެފައި އެހީމެވެ.
“އަހަރެން ބުނީމެއްނު އަޒްމާރާ، އަހަރެން ހުންނަން ޖެހޭނީ ރައްކާތެރިވެގެންނޭ،” ސިޑިން އަރާ ނިމުމުން އޭނާ އަހަރެންނާ ދިމާލަށް އެނބުރުނެވެ. “އެންމެ ރެއަކުން ކަލެއަކަށް އަހަރެން އެހާ ބޮޑަކަށް ބަދަލެއް ނުކުރެވޭނެ،” އޭނާ ހިނިތުންވެލާފައި ކުރިއަށް ހިނގައިގަތެވެ.
“އަހަރެން ރޭގަ ބުނީމެއްނު ކަލޭ ބަދަލުވާކަށް އަހަރެން ބޭނުމެއް ނޫނޭ. އަހަރެން ހަމައެކަނި…”
އޭނާ އަހަރެން ފާރުގައި ލައްކޮށްލުމަށްފަހު އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ. އަހަރެންގެ ނޭވާ އަވަސްވެ، ހިތުގެ ތެޅުން ބާރުވިއެވެ. އޭނާ އަހަރެންނަށް ބަލާފައި ހިނިތުންވެލިއެވެ. “ކަލެއަށް ކަމުދަނީ ‘ލޯބި-ލިޔާމް’ ދޯ. އަހަރެންނަށް އެނގޭ… ފައުޒާއަށްވެސް އެނގޭ. އެކަމަކު އެހެން މީހުންގެ ކުރިމަތީގައި އެފަދަ މީހަކު ނޫޅޭނެ. އެނގިއްޖެތަ؟”
“އާނ… އެނގިއްޖެ،” އޭނާ ދެއްކި ހުރިހާ ވާހަކައެއް އަހަރެންނަށް އަޑުއިވުނެވެ. އެކަމަކު އޭނާ އެގޮތަށް ހިނިތުންވެލައިގެން ހުންނައިރު އޭނާގެ ތުންފަތް ފެންނަނީ ވަރަށް ރީތިކޮށެވެ. ރޭގައި އަހަރެމެންގެ މެދުގައި ހިނގި ކަންތައްތަކަށްފަހު، އޭނާއާ މެދު އެގޮތަށް ނުވިސްނާ ހުރުމަކީ އުނދަގޫ ކަމެކެވެ. އޭނާގެ ހިތުގައިވެސް އެފަދަ އިހުސާސެއް އޮތްކަން ޔަގީނެވެ، ނޫން ހެއްޔެވެ؟ އެކަން ބަލަން އޮތީ އެންމެ ގޮތެކެވެ.
އަހަރެންގެ ދެއަތް އޭނާގެ ހުސް މޭމަތީގައި ބޭއްވުމަށްފަހު މަޑުމަޑުން އޭނާގެ ގާތަށް ޖެހިލީމެވެ.
އޭނާގެ މޫނުމަތީގެ އަސަރު މަޑުމައިތިރިވެ، އޭނާވެސް އަހަރެންގެ ގާތަށް ގުދުވެލިއެވެ. އަހަރެމެންގެ ތުންފަތް ބައްދަލުވާން އުޅުނު ވަގުތު، ހޯލް ތެރެއިން މީހަކު އަންނަ އަޑު އިވުނެވެ.
އަހަރެން އަވަހަށް މޫނު އަނބުރާލީމެވެ. އޭނާ މާޔޫސްވެފައި އޭނާގެ ނިތްކުރި އަހަރެންގެ ކޮނޑުމަތީގައި ބާއްވާލިއެވެ.
އޭނާ ފުން ނޭވާއެއްލުމަށްފަހު ދުރަށް ޖެހިލިއެވެ.
އޭނާ ހުރީ ރުޅިއައިސްފައެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. އޭނާގެ އާއިލާގެ މީހަކަށް އަހަރެމެން ފެނުނު ނަމަ، އޭނާގެ ‘ބޭޑް-ބޯއީ’ ސިފަ ގެއްލިދާނެތީ އޭނާ ކަންބޮޑުވަނީ ކަމަށް އަހަރެންނަށް ހީވިއެވެ.
އޭނާ އަހަރެންގެ އަތުގައި ބާރަށް ހިފިއެވެ. އަހަރެން ދުރަށް ދާން އުޅުނު ނަމަވެސް އޭނާ އަހަރެން ގޮވައިގެން ހޯލް ތެރެއިން ހިނގައިގަތެވެ.
“ލިޔާމް،” އަހަރެން ޝަކުވާ ކުރީމެވެ. އޭނާ ހިފަހައްޓާފައި ހުރި ބާރު ކުޑަކޮށްލި ނަމަވެސް، މޫނުމަތީގައި ހުރި ރުޅިވެރިކަމެއް ނުފިލައެވެ. އެއީ ކީއްވެގެންކަން އަހަރެންނަށް ދެންމެ އެނގިއްޖެއެވެ.
“އަޒްމާރާ؟” ކަނެއްގެ ތެރެއިން ކިޔާމް ފެނުނެވެ. އޭނާ ހުރީ ނިދިމޫނަކާއެކުގައެވެ.
ލިޔާމް އަހަރެން ގޮވައިގެން ކުރިއަށް ހިނގަމުން ގޮސް އަހަރެންގެ ކޮޓަރިއާ ހަމައަށް ދިޔައެވެ. އެންމެން އޭރު ތިބީ ހޭލައިގެންނެވެ.
“ހޭއި، ރޭގަ ކަލޭމެން ކޮންތާކަށް ދިޔައީ؟ އަޒްމާރާ، ކަލޭ އޯކޭތަ؟” އަހަރެންގެ ނިދިމޫނާއި ރުޅިވެރިކަން ފެނުމުން ކިޔާމް އެހިއެވެ.
އަހަރެން ހައިރާންވިއެވެ. އޭނާއަށް އަހަރެން ރަނގަޅުތޯ އެހުމުގެ ހައްގު އެބައޮތް ހެއްޔެވެ! އޭނާ މިހާ ބޮޑަށް އަހަރެންގެ ފާރަވެރިއަކަށްވީ ކޮން އިރަކު ހެއްޔެވެ؟
އޭނާ އަހަރެންގެ އަތުގައި ހިފާ ލިޔާމްއާ ދުރަށް ދަމައިގަތެވެ.
“ކިޔާމް!” އަހަރެން ބާރަށް ބުނެލާފައި އޭނާގެ އަތުން އަހަރެންގެ އަތް ފޮޅުވާލީމެވެ. އޭނާ ހައިރާންވެފައި އަހަރެންނަށް ބަލައިލިއެވެ.
ލިޔާމްވެސް ހުރީ ހައިރާންވެފައެވެ، އެކަމަކު އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. “ކިޔާމް، ކަލޭ ތިހެން ބުނާކަށް ލަދެއް ނުގަނޭތަ!” އޭނާ ލޯ އަޅާލިއެވެ. “ކަލޭގެ ކައިރީގައި ހުރުމުން އޭނާއަށް ލިބޭނެ ރައްކާތެރިކަމެއް ނެތް! އޭނާގެ ގައިގައި ދަތް އެޅީ ކަލޭ… އަހަރެންނެއް ނޫން!”
އަހަރެން ކުޑަކޮށް ދެރަވިއެވެ. އޭނާއާ ދިމާލަށް އެގޮތަށް ހަޅޭއްލަވަން ޖެހޭނެ ކަމަކަށް އަހަރެންނަށް ގަބޫލެއް ނުކުރެވެއެވެ.
“މިތާ ކީއްތަ މިވަނީ؟” ލަޔިލް ނިދިމޫނަކާއެކު އެނދުމަތީގައި އިނދެ އެހިއެވެ.
“ކިހިނެއްވީ؟” ވެލީނާ ތެދުވެ ހުއްޓުނެވެ.
“ކަލޭމެން ދެމީހުން އައީ ކޮން އިރަކު؟” ފައުޒާ ހައިރާންވެފައި އެހިއެވެ.
“އެންމެން މިތަނުން ނުކުމެދީފާނަންތަ؟” އަހަރެން އެދުނީމެވެ.
ލަޔިލް ފުރަތަމަ ނުކުތެވެ. އޭގެ ފަހަތުން ލިޔާމް ދިން ރުޅިވެރި ބަލައިލުމަކާއެކު ކިޔާމް ނުކުތެވެ. ވެލީނާވެސް ކިޔާމްގެ ފަހަތުން ނުކުތެވެ.
“އޯކޭ، ކަލޭމެން ދެމީހުންނަށް ކިހިނެއްވެގެން ތިއުޅެނީ؟” ފައުޒާ އެހިއެވެ.
އަހަރެން ލިޔާމްއާ ދިމާލަށް އެނބުރުނީމެވެ. “އެއީ ކުރަންވީ ކަމެއް ނޫން،” އަހަރެން ބުނީމެވެ. އެމީހުން ބޭރުގައި މަޑުކުރުވަން ބޭނުންވާކަން އަންގައިދެމުން އޭނާ ދޮރު ލެއްޕިއެވެ.
“އަހަރެން ކަންތައް ކުރީ…”
“ވަރަށް ގޯސްކޮށް… ވަރަށް ބޮޑަށް ގޯސްކޮށް،” އަހަރެން އޭނާގެ މޭގައި އިނގިލިން ޖައްސާލީމެވެ.
“ދެން ކަލޭ އަހަރެންނަށް އަދަބު ދޭނީތަ؟” އޭނާ ހިނިތުންވެލިއެވެ. “ފަތިގަނޑެއް ހިފައިގެން އައިސް އަހަރެންގެ ބުރަކަށީގަ ޖަހާނީތަ؟” އޭނާ ބުމަ އަރުވާލުމަށްފަހު އަނެއްކާވެސް އެ މަކަރުވެރި ހިނިތުންވުން ދައްކާލިއެވެ.
“ކަލޭ ތިއީ ވަރަށް ފޫހި މީހެއް،” އަހަރެން އޭނާއާ ދުރަށް ޖެހިލީމެވެ.
“އެންމެ ރަނގަޅު،” އޭނާ ލޯ އަނބުރާލިއެވެ. “ކަލޭ އޭނާއާ ދުރަށް ދިޔަ ގޮތް ފެނުނުތަ؟ އޭނާގެ ކިބުރުވެރިކަމަށް ކިހާ ބޮޑު އަސަރެއް ކުރާނެކަން އެނގޭތަ؟” ލިޔާމް މަލާމާތުގެ ރާގަކަށް ބުންޏެވެ.
“އަހަރެން ކަލޭގެ ކިބުރުވެރިކަމަށް ވެސް އަސަރު ފޯރުވާނަން…”
“ކަލެއަށް ކުރެވޭނީ ކޮން ކަމެއް؟”
“އުނހޫ!” އަހަރެން ދެއަތް އުފުލާލުމަށްފަހު އޭނާއާ ދުރަށް އެނބުރުނީމެވެ.
“ކަލޭމެން ދެމީހުންނަށް ކިހިނެއްވެގެންތަ ތިއުޅެނީ؟” ފައުޒާ ވާހަކަ ދެއްކިއެވެ. “ރޭގަ ކޮންތާކަށް ދިޔައީ؟ “ލިޔާމް ކީއްވެގެންތަ އެހާ ބޮޑަށް ހެވިފައި އެހުރީ؟”
“މަށެއް ނުހެން!” ލިޔާމްގެ މޫނުމަތީގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައެވެ.
“އަހަރެމެންގެ މެދުގައި ކަމެއް ނުވޭ. ލިޔާމް މިހާރު އެއުޅެނީ މާ ފޮނިވެގެން. އަހަރެމެން ދިޔައީ ފެންގަނޑު ކައިރިއަށް،” އަހަރެން ޖަވާބު ދިނީމެވެ. “ވާހަކަ ދެއްކީ… އިތުރު ކަމެއް ނުވޭ.” އަހަރެން އޭނާއަށް ލޯ އަޅާލީމެވެ.
ފައުޒާ ހުރީ ހައިރާންވެފައެވެ. “މަޑުކޮށްބަލަ، ކަލެއަށް އަހަރެންގެ ބޭބެއާއެކު އެއް ތަނެއްގަ ނިދިފަ، އެއްވެސް ކަމެއް ނުކޮށް ހުރެވުނޭތަ؟” އޭނާ ލިޔާމްއާ ދިމާލަށް އެނބުރުނެވެ. “ކަލެއަށް ކިހިނެއްވީ؟”
“މަޑުކުރޭ،” އޭނާ ފައުޒާއަށް ބަލައިލިއެވެ. “އަހަރެންގެ ފަރިކަމާ ކުޅަދާނަކަން އަދިވެސް އެބަހުރި. އަހަރެން ބޭނުން ކޮންމެ އަންހެން ކުއްޖަކު އަހަރެންނަށް ލިބޭނެ،” އޭނާ ފޮނިވެލާފައި ބުންޏެވެ.
“ނުލަފާ މީހާ!” އަހަރެން ބުނީމެވެ.
“ކަލެއަށްވެސް އެއީ ތެދެއްކަން އެނގޭނެ، ކުޑަކުއްޖާ،” އޭނާ ބުންޏެވެ.
“ނޫން، އަހަރެންނަކަށް ނޭނގޭ…”
“ހޯލް ތެރޭގައި ހިނގި ކަންތައް؟” އޭނާ އެހިއެވެ. “ނޫނީ އެއީވެސް ހަމަ އެއްވެސް ކަމެއް ނޫންތަ؟”
އަހަރެންގެ މޫނު ރަތްވެގެން ދިޔައެވެ. އަހަރެން އޭނާއާ ދުރަށް އެނބުރުނީމެވެ. “އެއީ އެއްވެސް ކަމެއް ނޫން،” އަހަރެން ކިޔާލީމެވެ.
“ކަލޭގެ އަޑުގައި ތިހުރީ މާޔޫސްކަންތަ؟” އޭނާ ހިނިތުންވެލަމުން އެހިއެވެ.
“ކޮން ކަމެއްތަ އެއްވެސް ކަމަކަށް ނުވީ؟ އޯ، މަށަށް މިޖެހުނީ ލަޔިލްގެ ގާތުގައި މިވާހަކަ ބުނަން،” ފައުޒާ އެތަނުން ދިޔައެވެ.
“ނޫން!” އަހަރެން އޭނާ ހުއްޓުވަން އެނބުރުނުއިރު އޭނާ ހިނގައްޖެއެވެ. ކޮޓަރީގައި އޭރު ތިބީ އަހަރެންނާއި ލިޔާމް އެކަންޏެވެ. “ދޭ އޭނާ ހުއްޓުވަން!” އަހަރެން އަމުރުކުރީމެވެ.
“ނޫން،” ލިޔާމް ހިނިތުންވެލިއެވެ.
“ކީއްވީ؟ ކަލެއެއް ނޫންތަ ރޭގަ ކަމެއް ނުވާ ކަމަށް ހެދިގެން އުޅެން ބޭނުންވީ؟” އަހަރެން އޭނާއަށް ލޯ އަޅާލީމެވެ.
“އެހެންވީމާ އެއީ އެއްވެސް ކަމެއް ނޫންތަ؟” އޭނާ ބުމަ އަރުވާލަމުން އަހަރެންގެ ގާތަށް ފިޔަވަޅެއް އެޅިއެވެ.
“ނޫން، އެއީ އަދިވެސް އެއްވެސް ކަމެއް ނޫން… އަހަރެން ހަމައެކަނި…”
“ހޯލް ތެރޭގައި، ކަލޭ ބޭނުންވީ އަހަރެންގެ ތުންފަތުގައި ކިސްކޮށްލަން،” އޭނާ އިތުރަށް ގާތަށް ޖެހިލިއެވެ.
“ނޫން، އަހަރެން ނޫޅެން…” އަހަރެން ފަހަތަށް ފިޔަވަޅެއް އެޅީމެވެ.
“ކިޔާމް އައިސް ދިމާނުވި ނަމަ ކަލޭ އެކަން ކުރީސް،” އޭނާ އަނެއްކާވެސް ގާތްވިއެވެ.
އަހަރެން ފަހަތަށް ޖެހެމުން ގޮސް އެނދުގެ ތަނބެއްގައި ލެނގުނީމެވެ. “ލިޔާމް، ކަލެއަށް އޮޅުނީ…”
“އޮޅުނީތަ؟” އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަޒްމާރާ، މިތާ މިތިބީ ހަމައެކަނި އަހަރެމެން ދެމީހުން… އަހަރެންނަށް ޔަގީންކަމާއެކު ބުނެވިދާނެ ފައުޒާ ދޮރުމަތީގަ އަޑުއަހާކަށް ނެތްކަން. ކިޔާމްވެސް ނެތް،” އޭނާ ހިނިތުންވެލިއެވެ.
“އެންމެ ރަނގަޅު!” އަހަރެން ބާރަށް ބުނީމެވެ. “އެއީ އެއްވެސް ކަމެއް ނޫނެކޭ ނުބުނާނަން، ހަމަގައިމުވެސް އަހަރެންނަކަށް. އަހަރެން ހީކުރީ ރޭގަ އަހަރެމެންގެ މެދުގަ ހިނގި ކަންތައްތަކަކީ މިއަދުވެސް މާނައެއް ހުރި ކަންތައްތަކެއް ކަމަށް، އެކަމަކު އެހެންނެއް ނުވި. އެކަން މިހާރު އަހަރެންނަށް އެނގިއްޖެ، އެހެންވީމާ އެކަން ހަނދާން ނައްތާލާ!” އަހަރެން ލޯ އަޅާލީމެވެ.
“ދެން ކިސްކުރުމުގެ ކަންތައް؟” އޭނާ އަހަރެންނާ ދިމާލަށް އައެވެ.
“ކޮން ކިސްކުރުމެއް؟” އަހަރެން ދެއަތް މޭމަތީގައި ބަނދެލީމެވެ. “އަހަރެމެން ކިސްއެއް ނުކުރަން.”
“އަނެއްކާވެސް،” އޭނާ އަހަރެންގެ އަތުގައި އަތްލިއެވެ. “އަހަރެންނަށް އިވެނީ މާޔޫސްކަމުގެ އަޑު.” އޭނާ އަހަރެންގެ ގާތަށް ގުދުވެލިއެވެ.
“ލިޔާމް،” އަހަރެން މަޑުމަޑުން ބުނެލީމެވެ. އޭނާގެ ނަން ކިޔާލުމުންވެސް ހިތަށް ބުނެދޭން ނޭނގޭ އަސަރެއް ކުރެއެވެ. އެއީ ވަރަށް އާދަޔާ ހިލާފު ކަމެކެވެ. އެއް ވަގުތެއްގައި އަހަރެން އޭނާދެކެ އިންތިހާއަށް ރުޅިއާދެއެވެ، އަދި އަނެއް ވަގުތު އޭނާގެ ހިތްގައިމުކަމާއި ގާތްކަމަށް ހިތް އެދެއެވެ.
އޭނާގެ ތުންފަތް ފެންނަނީ ވަރަށް މަޑުކޮށެވެ.
އަހަރެން މިހާރު ގޮތެއް ނިންމަން އެބަޖެހެއެވެ. އަހަރެން ލިޔާމް ބޭނުން ހެއްޔެވެ؟މި ބޮސްދިނުމަށްފަހު ހުރިހާ ކަމެއް ބަދަލުވާނެއެވެ. އަހަރެންގެ ހިތް ހަމަޖައްސަން އެބަޖެހެއެވެ.
“އަޒްމާރާ،” އޭނާ މަޑުމަޑުން ބުނެލިއެވެ. އަހަރެންގެ ލޯ މެރެން ފެށިއެވެ.
— ނުނިމޭ —
