ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭދަފުށްޓާއި ގޮއިދޫ ސެމީ ފައިނަލަށް ދަތުރުކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް - އެފްބީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް މުބާރާތުގެ ބ. އަތޮޅު މުބާރާތުގެ ސެމީ ފައިނަލަށް ގުރޫޕް އޭއިން އޭދަފުށްޓާއި ގޮއިދޫ ދަތުރުކޮށްފިއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ހަ ރަށް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ގުރޫޕް އޭގެ މެޗުތައް މިއަދު ވަނީ ނިމިފައެވެ. މި ގުރޫޕްގައި ހިމެނޭ އޭދަފުށްޓާއި ގޮއިދޫ އަދި މާޅޮސް ގުރޫޕް ސްޓޭޖްގައި ކުޅެން ޖެހޭ މެޗުތައް މިއަދު ނިމުނުއިރު ޕޮއިންޓްގެ ގޮތުން ތިން ޓީމު ވަނީ އެއްވަރުވެފައެވެ. އެއްވެސް ޓީމެއްގެ ފައިދާ ލަނޑެއް ނެތްއިރު، އޭދަފުށްޓާއި ގޮއިދޫއަށް ސެމީ ފައިނަލްގެ ފުރުސަތު ލިބުނީ ޖަހާފައިވާ ލަނޑު މާޅޮހަށްވުރެ އެ ދެ ޓީމުގެ އިތުރުވުމުންނެވެ.

ފޯރިގަދަ މެޗުތަކެއް ފެނުނު މި ގުރޫޕްގެ ފުރަތަމަ މެޗުން އޭދަފުށި މޮޅުވިއިރު، ދެވަނަ މެޗުން މޮޅުވީ މާޅޮހެވެ. އަދި މިއަދު ކުޅުނު ތިންވަނަ މެޗުން މޮޅުވީ ގޮއިދޫ އެވެ.

މި މެޗަށް ނުކުތްއިރު، ސެމީ ފައިނަލްގެ ފުރުސަތު މާޅޮހަށް އޮތީ ބޮޑުކޮށެވެ. ކުޑަ ތަފާތަކުން ބަލިވިޔަސް އެ ޓީމަށް ސެމީ ފައިނަލްގެ ފުރުސަތު ލިބެން އޮތްއިރު، ބޮޑު ތަފާތަކުން މޮޅުވެގެން ނޫން ގޮތަކަށް ސެމީ ފައިނަލްގެ ފުރުސަތު ގޮއިދޫއަށް ލިބޭކަށް ނެތެވެ.

މި މެޗު ފަށައިގެން މޮޅަށް ކުޅުނީ މާޅޮހުންނެވެ. އޭގެ އިރުކޮޅެއް ފަހުން ގޮއިދޫން ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދިއެވެ. ގޯލުގެ ކުރިމަތީ ހުސްކޮށް ހުއްޓާ ގޮއިދޫ ކުޅުންތެރިޔާއަށް ލިބުނު މި ފުރުސަތުގައި އޭނާ ބޮލުން ޖައްސާލި ބޯޅަ ދިޔައީ ގޯލާއި ދުރަށެވެ. ފުރަތަމަ ހާފުގެ މެދަކާއި ހަމައަށް ދިޔައިރު، ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މިވެސް ކިޔާލަން:  ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރުތަމަ ހާފުގެ ފަހުކޮޅުއެވެ. ގޮއިދޫ ޓީމަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮބައިދާ ކާދިމްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މާޅޮސް ހާފުގެ މެދަކާއި ހިސާބުގައި އޭނާ ހުއްޓާ ގޮއިދޫ ޓީމުގެ ކީޕަރު އޭނާއަށް ލައިދިން ބޯޅަ އޭނާ ކައިރީ ހުރި މާޅޮސް ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށްފަހު ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބި ވަނީ ބޭނުން ނުކުރެވިފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޙަސަން ޝާމް / ފޮޓޯ: ކުލަބް މޯލްޑިވްސް – އެފްބީ

ސެމީ ފައިނަލުން ޖާގަ ހޯދުމަށްޓަކައި ބޮޑު ތަފާތަކުން މޮޅުވާން މަޖުބޫރުވެފައި އޮތް ގޮއިދޫން ދެވަނަ ހާފުގައި ވަނީ ތަފާތު ހިތްވަރެއް ދައްކާފައެވެ. ނަތީޖާ ހަމަހަމަކުރުމަށް މާޅޮހުން މަސައްކަތް ކުރަމުން ދަނިކޮށް، އެ ޓީމުގެ ކުޅުންތެރިއަކަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑެއް ދައްކާފައެވެ. މި ހާފުގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގޮއިދޫއަށެވެ. އެ ޓީމުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ހުސްކޮށް ކުރިޔަށް އަރައި އޭރިޔާ ތެރެއަށް ވަންނަމުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ. އޭގެ ފަހުން އެ ޓީމުން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވިއެވެ.

ލަނޑެއް ޖެހުމަށްވުރެ ބޮޑަށް، ބައިކޮޅަށް ވަންނަ ލަނޑު މަދުކުރުމަށް މަސައްކަތް ކުރަމުންދިޔަ މާޅޮސް ކޮޅަށް ގޮއިދޫން ދެވަނަ ލަނޑު ޖެހީ 32 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަސަން ޝާމްއެވެ. ޝާމް މި ލަނޑު ޖަހާފައިވަނީ ގޮއިދޫ ޓީމުގެ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް އަރައި މާޅޮސް އޭރިޔާ ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ މާޅޮހުން ނެގި ކޯނަރަށް އެ ޓީމުގެ ތިން ކުޅުންތެރިން ކުރިޔަށް އަރައި ތިއްބައި ޝާމްއަށް ލިބުނު ބޯޅައެކެވެ.

މިވެސް ކިޔާލަން:  ކުލަބް މޯލްޑިވްސް ކްލެސިކް ފަށައިފި

މާޅޮހުން އިތުރު ހިތްވަރެއްކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ގޮއިދޫން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއެވެ. މާޅޮހުގެ އޭރިޔާ ބޭރުން އޮބައިދާ ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ދިފާއުކުރުމުން، އެ ބޯޅަ ހޯދައި ގޯލުގެތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝުއާއުއެވެ.

3-0 އިން މޮޅުވެ ގޮއިދޫން ސެމީ ފައިނަލްގެ ޖާގަ ޔަގީންކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ހަސަން ޝާމްއެވެ.

މި މުބާރާތުގެ މިރޭ ފެހެންދޫ އާއި ދޮންފަނު ބައްދަލުކުރި މެޗު ކާމިޔާބުކުރީ ދޮންފަނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top