މިހާރުކުރިއަށްދާ މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ރޭަގައި ކުޅުނު ފުރަތަމަ މެޗުން ޑްރެގަންސް އާއި ބައްދަލުކޮށް 1-2 ން ވޮލްވްސް ކުރިހޯދައިފިއެވެ. މެޗުގެ ސާދަވަނަ މިނިޓުގައި ވޮލްވްސްއަށް ގޯލުު ކާމިޔާބުކޮށްދިނީ އިރުފާން މުހައްމަދު (99) އެވެ.ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއަކުން ވޮލްވްސް ކުރީގައި އޮވެެގެންނެވެ. ދެވަނަ ހާފުގައި މެޗުގެ 37 ވަނަ މިނިޓުގައި ޑްރެގަންސްގެ އަލީ ޖަޒްލާން (9) ޖެހި ގޯލާއެކު ނަތީޖާ ހަމަހަމަ ކުރިއެވެ. އެހެން ނަމަވެސް މެޗުގެ ފަހު މިނިޓުގައި އަނެއްކާވެސް ނަތީޖާ ބަދަލުކޮށްލައި ވޮލްވްސް ކުރި ހޯދިއެވެ.
މި ގޯލުވެސް ޖަހައދިނީ މެޗުގެ އެއްމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނު އިރުފާން މުހައްމަދެވެ މި މެޗާއެކު ގްރޫޕް ބީގެ މެޗުތައް މިވަނީ ނިމިފައެވެ. ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު ކްލަބް ރޯޔަލް ފްރެންޑްސް އޮތީ އެއްވަނައިގައެވެ. އަދި އެއްމެޗުން މޮޅުވެ ތިން ޕޮއިންޓާއެކު ވޮލްވްސް އޮތީ ދެވަނައިގައެވެ. އަދި އެއްވެސް މެޗަކުން މޮޅު ނުވެވި ކްލަބް ޑްރެގަންސް ވަނީ ކަޓާފައެވެ.


ރޭގައި ކުޅުނު ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ޗެލެންޖާސް ސްޕޯޓްސް ކްލަބާއި ކިންގްސް ކްލަބް ބައްދަލުކުރި މެޗު 9-1 ން ކާމިޔާބުކުރީ ޗެލެންޖާސް ސްޕޯޓްސް ކްލަބެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އަލީ ޝައުފާން (4) ޖެހި ގޯލާއެކު ފުރަތަމަ ހާފުގައި އިތުރު ފަސް ގޯލު ޖަހައި ޗެލެންޖާސް އިން ވަނީ ފަރަޤު ބޮޑުކޮށްފައެވެ. އަދި ދެވަނަ ހާފުގައި އިތުރު ހަތަރު ގޯލު ޖަހައި ޗެލެންޖާސް އިން ވަނީ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ. ޝައުފާންގެ އިތުރުން ގޯލު ޖެހި ކުޅުންތެރިންނަކީ އަޙްމަދު ބައްސާމް (7)، ޢަލީ ޝިޔާހް (17)، މުޙައްމަދު ރީހާން (19)، އަހުމަދު ނިޒާމް (11)، މުހައްމަދު ސާދް (8) އަދި ޝިރުހާން އަލީ (18) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ތިން ގޯލު ޖަހައިދިން ޗެލެންޖާސްގެ ޖޯޒީ ނަންބަރު 7، އަޙްމަދު ބައްސާމެވެ.


ގްރޫޕް އޭގެ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ ޔަންގް ސްޓަރސް އަދި އެފް.ސީ ކަރާ އެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު ޗެލެންޖާރސް ސްޕޯރްޓްސް ކުލަބެވެ. ދެވަނަ ޓީމު އެގިގެންދާނީ މިރޭގެ މެޗުގެ ނަތީޖާއަށް ފަހުގައެވެ. މި ގްރޫޕުން ކިންގްސް ކްލަބް ހުރިހާ މެޗަކުން ބަލިވެ ރޭގައި ވަނީ ކަޓާފައެވެ.

މި މުބާރާތުގެ މެޗުތައް މިއަދު ހަވީރާ މިރޭވެސް ކުރިއަށްދާނެއެވެ. ހަވީރު ކުޅޭނީ އަންހެން ޑިވިޝަންގައި ފެހެންދޫ ޓީމާއި ކްއީންސް ބައްދަލު ކުރާ މެޗެވެ. ފިރިހެން ޑިވިޝަންގައި މިރޭ ކުޅޭނީ އެފް.ސީ ކަރާ އަދި ޔަންގްސްޓަރސްއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މާމޮރިސް، ކޯ ސްޕޮންސަރ އަކީ މަޖިލިސް މެމްބަރ ހިސާން ހުސައިންއެވެ. އޮންލައިން މީޑިއާ ޕާރޓްނަރަކީ މުނިއަވަސް ،ފޮޓޯގްރަފީ ޕާރޓްނަރ ޒީ ކްލިކްސް އަދި ލައިވް ޕާރޓްނަރަކީ ތޯ ނެކްސަސްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.