އިންޑިއާގެ މަޤުބޫލު ވެބް ސީރީޒް “މިރްޒާޕޫރު” ގެ ފުރިހަމަ ފީޗަރ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެ، އޭގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ. ތިން ސީޒަނަށްފަހު އުފައްދާ މި ފިލްމުގެ ޓްރެއިލާއާއެކު ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ފޯރިއެއް އުފެދިފައެވެ.
އެކްސެލް އެންޓަޓެއިންމަންޓުން ސޯޝަލް މީޑިއާގައި މި ޓްރެއިލާ ހިއްސާކުރަމުން ބުނެފައިވަނީ، ވެރިކަމުގެ ގޮނޑިއަކީ ތަރިކައަކުން ނުވަތަ ސިޔާސީ ކުޅިވަރަކުން ލިބޭ އެއްޗެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ހޯދޭ އެއްޗެއް ކަމަށެވެ. މި ފިލްމަކީ މިރްޒާޕޫރުގެ އާ ވާހަކައެއް ބޮޑު ސްކްރީނަށް ގެނެސްދޭނެ ފިލްމެއްކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.
ތިން މިނެޓުގެ މި ޓްރެއިލާއިން ފެނިގެންދަނީ މިރްޒާޕޫރުގެ އާންމު ސިފަތައް ކަމަށްވާ މާރާމާރީއާއި، ވަރުގަދަ ޑައިލޮގްތަކާއި، މަޖާ ކަންތައްތަކުގެ އިތުރުން ވެރިކަމުގެ ގޮނޑިއަށް ކުރާ ހަނގުރާމައެވެ. މި ފަހަރުގެ ފިލްމުގައިވެސް ޑައިލޮގްތަކަކީ ފާހަގަކޮށްލެވޭ ބައެކެވެ. ޚާއްސަކޮށް ރަވީ ކިޝަންގެ ކެރެކްޓާއަކީ ކަލީން ބައްޔާއަށް ކުރިމަތިވާނެ އާ ގޮންޖެހުމެއްކަން ޓްރެއިލާއިން ހާމަވެއެވެ. ފިލްމުގެ މައި ބަތަލު އަލީ ފަޒަލް ބުނެފައިވާ ގޮތުގައި، މި ފިލްމަކީ ފުރަތަމަ ސީޒަނުގެ މާހައުލުގައި ހިނގާ ކަންތައްތަކެއް ނަމަވެސް، މުޅިން އާ މިސްރާބަކަށް ވާހަކަ ގެންގޮސްދޭނެ ފިލްމެކެވެ.
މި ފިލްމުގައި އޮރިޖިނަލް ކާސްޓުގެ ހުރިހާ ތަރިން ކަމަށްވާ ޕަންކަޖް ތުރިޕާޓީ، އަލީ ފަޒަލް، ދިވްޔެންދޫ، ރަސިކާ ދުގާލް އަދި ޝްވޭތާ ތްރިޕާޓީ ފަދަ ތަރިން ފެނިގެންދާނެއެވެ. މީގެ އިތުރުން ރަވީ ކިޝަން، މޯހިތު މަލިކް އަދި ޖިތެންދްރަ ކުމާރު ފަދަ އާ މޫނުތަކެއްވެސް ފިލްމުން ފެންނާނެއެވެ.
ގުރްމީތު ސިންގް ޑައިރެކްޓްކޮށް، ފަރްހާން އަޚްތަރު އަދި ރިތޭޝް ސިދްވާނީ އުފައްދާ މި ފިލްމު ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 4 ސެޕްޓެމްބަރު 2026 ގައެވެ. މި ފިލްމު ކާމިޔާބުވެއްޖެނަމަ، މިއީ އޯޓީޓީ ސީރީޒްތައް ބޮޑު ސްކްރީނުގެ ފިލްމުތަކަށް ބަދަލުކުރުމުގެ އާ ދޮރެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
