އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ގޯރަވް ކަންނާ އާއި ޝްރައްދާ އާރްޔާ އާ ފިކްޝަން ސިލްސިލާއަކުން އެކުގައި ފެނިގެންދާން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ. ޓެލީ މަސާލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެ ތަރިންނަށް ހުށަހަޅާފައިވަނީ އާ ރޮމެންޓިކް ފެމިލީ ޑްރާމާއެއްގެ ލީޑް ރޯލެވެ.
މި މަޝްރޫޢު ކާމިޔާބުވެއްޖެ ނަމަ، މިއީ މި ދެ ތަރިންގެ ފާހަގަކޮށްލެވޭ ކާމިޔާބު މަސައްކަތްތަކަށްފަހު އަލުން ޑެއިލީ ސޯޕް ފޯމެޓަށް އެނބުރި އަންނާނެ ފުރަތަމަ ފަހަރެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ސިލްސިލާ އުފައްދަނީ އެކްތާ ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސްގެ ދަށުންނެވެ. މި ސިލްސިލާ ބިނާވެފައިވަނީ ލޯތްބާއި، އާއިލީ ގުޅުންތަކުގެ މައްޗަށެވެ. ނަމަވެސް މި ސިލްސިލާގެ ޕްލޮޓާއި ކެރެކްޓަރުންގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ގޯރަވް ކަންނާ އަކީ މަޝްހޫރު ސިލްސިލާ “އަނޫޕަމާ” ގައި ކުޅުނު އަނޫޖް ކަޕާޑިއާގެ ރޯލުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އޭނާ މިހާރު ފެންނަނީ ރޯހިތު ޝެޓީ ހުށަހަޅައިދޭ “ޚަތުރޯން ކޭ ކިލާޅީ 15” އިންނެވެ. އޭގެ ކުރިން އޭނާ ވަނީ “ބިގް ބޮސް 19” ގެ ތަށިވެސް ކާމިޔާބުކޮށްފައެވެ.
ޝްރައްދާ އާރްޔާ އަކީ “ކުންޑަލީ ބާގްޔާ” ގެ ޕްރީތާގެ ރޯލުން ބޮޑު މަޤުބޫލުކަމެއް ހޯދި ތަރިއެކެވެ. ކައިވެންޏަށްފަހު އެއްމާބަނޑު ދެ ކުދިން ލިބުމާ ގުޅިގެން އޭނާ ވަނީ ޓީވީ ސިލްސިލާތަކާ ކުޑަ ދުވަސްކޮޅަކަށް ދުރުވެފައެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” ފިލްމުގެ ކުޑަ ރޯލަކުންނެވެ.
މި ސިލްސިލާގެ މަސައްކަތް ކުރިއަށް ގޮސްފިނަމަ، މިއީ ޝްރައްދާ އެކްތާ ކަޕޫރާއެކު މަސައްކަތްކުރާ ދެވަނަ ފަހަރަށް ވެގެންދާނެއެވެ. އަދި ގޯރަވް އާއި ޝްރައްދާގެ ޖޯޑު ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދާނެ ފުރުސަތަކަށް ވެސް ވެގެންދާނެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ބާލާޖީ ޓެލެފިލްމްސް އިންނާއި ދެ ތަރިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
