ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަސޭހަކަމާއިއެކު އާރުސީސީ ބަލިކޮށް ހޯކްސް ޗެމްޕިއަންކަން ހޯދައިފި
ކުލަބް މޯލްޑިވްސް - އެފްބީ

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން، އެންމެ ފަހުގެ ރަނަރަޕް ކުލަބް ހޯކްސް ހޯދައިފި އެވެ. ހޯކްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ، ގިނަ މެޗުތަކުގައި ތަފާތު ބޮޑު ނަތީޖާތަކުން މޮޅުވެގެން ނެވެ.

މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު ރޭގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ އާރުސީސީ އާއި ހޯކްސް އެވެ. މުޅި މެޗު އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅުނު ހޯކްސްއިން 2 ވަނަ މިނިޓްގައި ވަނީ މި މެޗުގެ ލީޑު ނަގާފަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އާރުސީސީން، ސަމާހު ތަނަވަސްކޮށްދިން ފުރުސަތެއްގައި، އަށްވަނަ މިނިޓްގައި މުޙައްމަދު އާހިލް ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އާރުސީސީން ނަތީޖާ ހަމަހަމަކޮށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް އަނެއްކާ ވެސް ހޯކްސްއިން ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ލީޑު ނެގި އެވެ. އަހްސަން ރަޝާދު 12 ވަނަ މިނިޓްގައި ޖަހައިދިން ލަނޑާއިއެކު އަނެއްކާ ވެސް އާރުސީސީން ނަތީޖާ ހަމަހަމަކުރިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ތިންވަނަ ފަހަރަށް ހޯކްސްއިން ލީޑު ނެގީ ހާފުގެ ފަހުކޮޅު އެވެ. ތިންވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އާރުސީސީއަށް އެ ފުރުސަތެއް ހޯކްސްއިން ނުދިނެވެ.

ހާފު ނިމެން ކައިރިވެފައި ވަނިކޮށް އަޙްމަދު އައިހަމް ޖަހައިދިން ލަނޑާއިއެކު ހޯކްސްއިން ލީޑު ފުޅާކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާރުސީސީން ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. އާރުސީސީއަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަބްދުﷲ ޒިޔާން އެވެ. 4-3 އިން ހޯކްސް ކުރީގައި އޮވެ ނިންމާލި މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ދެ ކުޅުންތެރިންނަށް ރަތް ކާޑް ދައްކާފައިވެ އެވެ.

މިވެސް ކިޔާލަން:  އާދަމް ސަލީމް ކަޕް 2019 ގެ ޗެމްޕިއަންކަން ރިއަލް ސްޓާރސްއަށް

ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅުނީ ހޯކްސްއިން ނެވެ. ނަތީޖާ ހަމަހަމަކުރުމަށް އާރުސީސީން ވެސް މި ހާފުގައި އިތުރަށް މަސައްކަތް ކުރިއެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހާފުގެ މެދަކާއި ހަމައަށް ދިޔައިރު ވެސް، އެއްވެސް ޓީމަކަށް ހިފޭ ގޮތެއް ނުވި އެވެ. ރަނގަޅު ކުޅުމެއް ދައްކައި ހޯކްސްއަށް ޗެލެންޖް ކުރަމުންދިޔަ އާރުސީސީގެ އަތުން މެޗުގެ ކޮންޓްރޯލް ގެއްލުނީ ހާފުގެ މެދަކާއި ހަމައިން ނެވެ. 29 ވަނަ މިނިޓްގައި ހޯކްސްއިން ފަސްވަނަ ލަނޑެއް ޖެހިއިރު، އޭގެ އިރުކޮޅެއް ފަހުން، އޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން އާރުސީސީގެ ކީޕަރަށް ރަތް ކާޑް ދައްކާފައިވެ އެވެ. ހޯކްސް އިން އެ ޓީމުގެ ހަވަނަ ލަނޑު ޖެހީ 33 ވަނަ މިނިޓްގަ އެވެ. 37 ވަނަ މިނިޓްގައި ޖެހި 7 ވަނަ ލަނޑާއި އަށްވަނަ ލަނޑަށްފަހު، ކޮންމެ މިނިޓެއްގައި ލަނޑެއް ޖެހި އެވެ.

11-3 ގެ ފަރަގު ބޮޑު ނަތީޖާއިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯކްސްއިން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު އައިހަމް އެވެ.

މި މެޗުގައި ހޯކްސްއަށް ލަނޑުތައް ޖަހައިދިނީ، އުލާން ބަޓީރުބެކް 2 ލަނޑު، މުޙައްމަދު ތޯހިރު 1 ލަނޑު، އަޙްމަދު އައިހަމް 4 ލަނޑު، ހުސައިން މައިސާން 1 ލަނޑު، އިބްރާހިމް ނަދާދް 1 ލަނޑު، ލޫތު އަޙްމަދު 1 ލަނޑު އަދި ހަސަން ރަޝީދު 1 ލަނޑެވެ.

މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިޔާގެ މަގާމް ހޯދީ ހޯކްސްގެ އިބްރާހިމް ނަދާދް އެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ އެމްއައިބީ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ހޯކްސްގެ އަޙްމަދު އައިހަމް އެވެ. އެންމެ ވަރުގަދަ ސަޕޯރޓިންގ ޓީމް (ސިކްސްޕީ) އަކީ ކުލަބް އާރުސީސީ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ހޯކްސްގެ ކޯޗު ޢަބްދުﷲ ނަސީމް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ، ހޯކްސްގެ މުޙައްމަދު ނާއިމް، ހޯކްސްގެ އަޙްމަދު އައިހަމް، އާރުސީސީގެ ޢަބްދުﷲ ޒިޔާން، ހޯކްސްގެ އުލާން ބަޓީރުބެކް އަދި ހޯކްސްގެ މުޙައްމަދު ޝަލީލް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހޯކްސްގެ އަޙްމަދު އައިހަމް އެވެ.

މިވެސް ކިޔާލަން:  މަމްސް އެންޖޯއީ އިން އެންރިޗް އިންގްލިޝް ވޯރކްޝޮޕެއް!
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top