ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ހދ. އަތޮޅު މުބާރާތުގެ ސެމީ ފައިނަލަށް ހަނިމާދޫ އާއި ނޮޅިވަރަންފަރު އަދި ނައިވާދޫ އާއި ނޭކުރެންދޫ ދަތުރުކޮށްފި އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗުތައް ރޭ ނިމިފައިވާއިރު، ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑާއެކު ގުރޫޕް އޭގެ އެއްވަނަ ހޯދީ ހަނިމާދު އެވެ. މި ގުރޫޕުގެ ދެވަނަ ހޯދި ނޮޅިވަރަންފަރާއި ތިންވަނަ ހޯދި ކުމުންދޫއަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ގުރޫޕްގެ ދެވަނަ ނޮޅިވަރަންފަރަށް ލިބުނީ ފައިދާ އަދި ގެއްލުން ވެސް ލަނޑެއް ނެތުމުން ނެވެ. ކުމުންދޫގެ ގެއްލުން ދެ ލަނޑު އޮތެވެ. ގުރޫޕް ބީގެ އެއްވަނަ ހޯދި ނައިވާދޫއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ ހޯދި ނޭކުރެންދޫއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގުރޫޕްގެ ފުލަށް ދިޔަ ކުރިނބީ އަކަށް ޕޮއިންޓެއް ނުލިބެ އެވެ.
މި އަތޮޅުގެ ފަހު މެޗުތަކަށް ބަލާލާއިރު:
މެޗު 5
މުބާރާތުގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ހަނިމާދޫ އާއި ކުމުންދޫ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމު ވެސް ކުޅޭ ފަހު މެޗެވެ. ހަނިމާދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވެފައިވާއިރު، ކުމުންދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. މެޗު ޑްރޯ ކޮށްލައިގެން ވެސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ކުމުންދޫއަށް އޮތްއިރު، ހަނިމާދޫއަށް ސެމީ ފައިނަލްގެ ފުރުސަތު ލިބެން އޮތީ މަދުވެގެން ދެ ލަނޑުގެ ތަފާތަކުން މޮޅުވެގެން ނެވެ.
ސެމީ ފައިނަލަށް ދިއުމަށްޓަކައި ރަނގަޅު ނަތީޖާއަކާއެކު މޮޅުވުން މަޖުބޫރު މި މެޗުގައި ހަނިމާދޫން ވަނީ ތަފާތު ރޫހެއް ދައްކާފަ އެވެ. މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ދެ ޓީމުން ހޯދި އެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުމުންދޫން ނެވެ. މެޗުގެ ދިހަވަނަ މިނިޓްގައި ކުމުންދޫއަށް މި ލަނޑު ޖަހައިދިނީ އިސްމާއިލް ޝައިމަން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބާރު ބޯޅައެއް ހުސްކޮށް ހުރެ ގޯލުގެތެރެއަށް ފޮނުވާލައިގެން ނެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ހަނިމާދޫއަށް 16 ވަނަ މިނިޓްގައި މުޙައްމަދު ޙަސަން ޖަހައިދިން ލަނޑުން ނަތީޖާ ހަމަހަމަކުރި އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ލިބުނު ފްރީކިކެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ. ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ހަނިމާދޫން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސެމީ ފައިނަލުން ޖާގައެއް ހޯދުމަށްޓަކައި ރަނގަޅު މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް ހަނިމާދުއަށް ލީޑު ނަގައިދިނީ ނޫރުﷲ ތޯހާ އެވެ. ނަތީޖާ ހަމަހަމަކުރަން ކުމުންދޫއަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި އުޅެނިކޮށް އިތުރު ލަނޑެއް ޖަހައި ސެމީ ފައިނަލްގެ އުންމީދު ހަނިމާދުއަށް އާކޮށްދިނީ ވެސް އެ ޓީމު މޮޅުކޮށްދިން ނޫރުﷲ ތޯހާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ގޯލު ކުރިމައްޗަށް މުޖުތަބާ ހުރަސްކޮށްދިން ބޯޅަ ފުންނާބުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ސެމީ ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި ނަތީޖާގެ ފަރަގު ކުޑަކުރަން މަޖުބޫރުވި ކުމުންދޫން ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް ލަނޑެއް ޖެހޭގޮތެއް ނުވި އެވެ. ލިބިފައިވާ ލީޑު ދަމަހައްޓަން މަސައްކަތްކުރި ހަނިމާދޫއަށް މެޗުގެ އިތުރު ވަގުތުގައި ނޫރުﷲ ތޯހާ ޖަހައިދިން ލަނޑާއިއެކު އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ.
4-1 އިން ހަނިމާދޫ މޮޅުވެ ސެމީ ފައިނަލްގެ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ނޫރުﷲ ތޯހާ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ނޫރުﷲ ތޯހާ / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ
މެޗު 6
މުބާރާތުގެ ހަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ނައިވާދޫ އާއި ކުރިނބީ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި މި ދެ ޓީމުގެ ވެސް ފަހު މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ނައިވާދޫ މޮޅުވެފައި ވާއިރު، ކުރިނބީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމަށްޓަކައި ނައިވާދޫއަށް އެންމެ ޕޮއިންޓެއް ބޭނުންވާއިރު ކުރިނބީއަށް ސެމީ ފައިނަލްގެ ޖާގައެއް ލިބެން އޮތީ ނައިވާދޫ ބަލިކޮށްގެން ނެވެ.
ފުޓްސަލްގައި މުޅި ރާއްޖެއަށް މަޝްހޫރު ނައިވާދޫން މި މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގަ ހޯދީ ފަސޭހަކަމާއިއެކު އެވެ. މުޅި މެޗު ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދެއްކި ނައިވާދޫން ތަނަވަސްކުރި ފުރުސަތުތައް ހުއްޓުވުމުގައި ފުރަތަމަ ހާފުގެ 16 ވަނަ މިނިޓާއި ހަމައަށް ކުރިނބީން ކާމިޔާބު ހޯދި އެވެ. ނައިވާދޫއަށް ކުރިނބީގެ ގޯލު ހުޅުވާލެވޭވަރުވީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. 17 ވަނަ މިނިޓްގައި ނައިވާދޫއަށް މި ލަނޑު ޖަހައިދިނީ ޢަބްދުﷲ ވިސާމް އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ނައިވާދޫން ވަނީ އެ ޓީމުގެ އަސްލު ފެންވަރު ދައްކާލައިފަ އެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ނައިވާދޫއަށް ލީޑު ފުޅާކޮށްދިނީ މުޙައްމަދު ޝާއިން އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނައިވާދޫން ދެވަނަ ލަނޑު ޖެހިތާ މާގިނަ އިރެއް ނުވެ ޢަބްދުﷲ ވިސާމް އެ ޓީމަށް ތިންވަނަ ލަނޑެއް ޖަހައިދިނެވެ.
ނަތީޖާގެ ފަރަގު ކުޑަކުރަން ކުރިނބީއަށް ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތުގެ ބޭނުން އެ ޓީމަށް ކުރެވޭ ގޮތެއް ނުވި އެވެ. 24 ވަނަ މިނިޓްގައި ޢަބްދުﷲ ވިސާމް ފުރިހަމަކުރި ހެޓްރިކާއިއެކު މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލި އެވެ. މި ނަތީޖާއާއެކު ނިމިދާނެ ކަމަށް ބެލެވުނު މެޗުގެ އިތުރު ވަގުތުގައި ޒިޔާން ޢަބްދުލްޣަނީ ވަނީ ކުރިނބީއަށް ލަނޑެއް ޖަހައިދީފަ އެވެ.
4-1 އިން ނައިވާދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޢަބްދުﷲ ވިސާމް އެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓްގަ އެވެ. ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ބައްދަލުކުރާނީ ހަނިމާދޫ އާއި ނޭކުރެންދޫ އެވެ. އެރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނައިވާދޫ އާއި ނޮޅިވަރަންފަރެވެ.
