ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނ އަތޮޅު ފައިނަލަށް މަނަދޫ އާއި މަގޫދޫ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ނ. އަތޮޅުގެ ފައިނަލަށް މަނަދޫ އާއި މަގޫދޫ ދަތުރުކޮށްފިއެވެ. މިއަތޮޅު މުބާރާތުގައި ބައިވެރިވެފައިވާ ހަތަރު ޓީމުގެ މެދުގައި ކުޅުވުނު ލީގުބުރު ރޭ ނިމިފައިވާއިރު، ލީގުބުރުގެ އެއްވަނަ ހޯދީ ހަ ޕޮއިންޓާއި ފައިދާ ދެ ގޯލާއިއެކު މަނަދޫ އެވެ. ދެވަނަ ހޯދީ ހަ ޕޮއިންޓާއިއެކު މަގޫދޫ އެވެ. ތިންވަނަ ހޯދި މާފަރަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ލީގުބުރުގެ ފުލަށް ދިޔަ ޅޮއްސަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މިއަތޮޅުގެ ފަހު ދެމެޗަށް ބަލާލާއިރު:

މެޗް 5

ފަސްވަނަ މެޗްގައި ބައްދަލުކުރީ މަނަދޫ އާއި މާފަރެވެ. މިމެޗަށް ނުކުތްއިރު ކޮންމެ ޓީމެއް ވަނީ ދެމެޗް ކުޅެފައެވެ. މާފަރު ކުޅުނު ދެ މެޗްގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗް އެއްވަރުކޮށް ލީގުބުރުގެ އެއް ވަނާގައި މިވަގުތު އޮތްއިރު، މަނަދޫ ކުޅުނު ދެމެޗްގެ ތެރެއިން އެއް މެޗް ކާމިޔާބުކޮށް އަނެއް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމު އޮތީ ލީގުބުރުގެ ދެވަނައިގައެވެ. ފައިނަލަށް ދިއުމަށްޓަކައި މި މެޗުން މޮޅުވުން މަނަދޫއަށް މަޖުބޫރު ނަމަވެސް، މެޗް އެއްވަރު ކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު މާފަރަށް އޮތީ ހުޅުވިފައެވެ.

މެޗް ފަށައިގެން ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް މާފަރުން ތަނަވަސްކުރި ނަމަވެސް، އޭގެ ފަހުން މަނަދޫން ވަނީ ކުޅުން ރަނގަޅުކޮށް މާފަރުގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް މަނަދޫން ވެސް ހޯދި މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މިވެސް ކިޔާލަން:  މިހަފުތާގައިވެސް އިންޑިއާގައި އެންމެ މަޤުބޫލީ "އަނޫޕާމާ"

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުކުރެވި މި ނަތީޖާއާއެކު މެޗް ނިމިދާނެ ކަމަށް ވެސް ބެލެވުނެވެ. މިމެޗުން މަނަދޫ މޮޅުވެ ގުރޫޕްގެ އެއްވަނަ ހޯދީ މެޗްގެ އިތުރު ވަގުތުގައި ޚަލަފް އަހްމަދު ޖަހައިދިން ލަނޑުން ނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެދު ރޮނގު ކައިރިން އެޓީމުގެ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަނަދޫ ފައިނަލަށް ގެންގޮސްދިން ލަނޑު ޖަހައި ދިން ޚަލަފް އަހްމަދު އެވެ.

މެޗް 6

ހަވަނަ މެޗްގައި ބައްދަލުކުރީ ޅޮއްސާއި މަގޫދޫ އެވެ. މިމެޗާއި ކުރިމަތިލީއިރު ކުޅުނު ދެމެޗްގެ ތެރެއިން އެއްމެޗުން ބަލިވެ އަނެއް މެޗުން މޮޅުވެ މަގޫދޫ އޮތީ ތިން ޕޮއިންޓާއިއެކު ލީގު ބުރުގެ ތިންވަނައިގަ އެވެ. ދެވަނާގައި އޮތް މަނަދޫއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޅޮއްސަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކާއިއެކު މިމެޗުން މޮޅުވެ ލީގު ބުރުގެ އެއްވަނަ ހޯދުމުގެ ފުރުސަތު މަނަދޫއަށް އޮތްއިރު، ބޮޑު ތަފާތަކުން މޮޅުވެ ފައިނަލަށް ދިއުމުގެ ފުރުސަތު ޅޮއްސަށް ވެސް އޮތެވެ.

މެޗުން މޮޅުވުމަށްޓަކައި ދެޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކުރި މިމެޗްގެ ލީޑު ނެގީ މަގޫދޫން ނެވެ. ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު މެޗްގެ 19 ވަނަ މިނިޓްގައި މަގޫދޫއަށް ޖަހައި ދިނީ މުޙައްމަދު އިރުޝާދު އެވެ.

މިވެސް ކިޔާލަން:  މިރޭ : ކޮން ފިލްމެއް - މާދަމާ ރޭ : ޑްރާމާ ބާޒީ

ދެވަނަ ހާފުގައި ދެޓީމުން ވެސް ވަނީ ކުޅުން އިތުރަށް ރަނގަޅު ކޮށްފައެވެ. ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި މަގޫދޫން އެޓީމުގެ ލީޑު ފުޅާކޮށް ފައިނަލްގެ އުންމީދު އާކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައި ދިނީ ޅޮހީގެ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމެއް އެއް ފަހަރުން ގޯލްގެ ތެރެއަށް ވައްދާލައި އަލީ ޝާހިދް އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ޅޮހީން ވަނީ، މަގޫދޫން ދެވަނަ ލަނޑު ޖެހިތާ މާ ގިނައިރެއް ނުވަނީސް އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ޅޮހީ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ޖައްސާލި ބޯޅަ ތިރިތިރިން ގޯލްގެ ތެރެއަށް ވައްދާލައި މިލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު ޝުހާދު އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ޅޮހިން ކުރި މަސައްކަތް ކާމިޔާބު ކުރާނެ ގިނަ ފުރުސަތުތަކެއް އެޓީމަށް ލިބުނުއިރު، އެ ފުރުސަތުތައް ހުއްޓުމަށް މަގޫދޫން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. ލިބިފައިވާ ލީޑު ދަމަހައްޓަން މަސައްކަތްކުރި މަގޫދޫން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް މިހާފުގެ ފަހުކޮޅު ވެސް ހޯދާފައެވެ.

2-1 އިން މަގޫދޫ މޮޅުވެ ފައިނަލްގެ ދެވަނަ ޖާގަ ހޯދި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމަށް ފުރަތަމަ ލަނޑު ޖަހައިދިން މުޙައްމަދު އިރުޝާދު އެވެ.

މިއަތޮޅުގެ ފައިނަލްމެޗް އޮންނާނީ 21 ވާ ހުކުރު ދުވަހުގެ ރޭ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top