ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފައިނަލްގެ ފުރަތަމަ ޖާގަ ދިއްގަރަށް
މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާއިލް ވާއިލް / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ މ. އަތޮޅު މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ދިއްގަރު ހޯދައިފި އެވެ. ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ދިއްގަރުން ހަމަކުރިއިރު ދިއްގަރާއި އެންމެ ގާތުން ވާދަކުރާ މުލަކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، ކުރިޔަށްހުރި މެޗުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ފައިނަލްގެ ފުރުސަތު ދިއްގަރަށް ގެއްލޭނެ ގޮތެއް ނެތެވެ. މި އަތޮޅުގެ ދެ މެޗު އިއްޔެ އާއި ރޭ ވަނީ ކުޅެފައެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 3

އިއްޔެ ހަވީރު ކުޅެވުނީ މުބާރާތުގެ ތިންވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ވޭވަށާއި މުއްޔެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. މުލި ކުޅުނު ފުރަތަމަ މެޗުގައި ދިއްގަރު ކައިރިން ބަލިވިއިރު، ވޭވަށް ކުޅުނު ފުރަތަމަ މެޗުން މުލައް ކައިރިން ވަނީ ބަލިވެފަ އެވެ.

މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރުވި މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. މެޗު ފެށުމާއިއެކު ލީޑު ނެގުމަށް ދެ ޓީމުން ވެސް މަސައްކަތް ކުރިއިރު މެޗުގެ ކުރީކޮޅު ރަނގަޅަށް ކުޅުނީ މުލިން ނެވެ. ދޭތެރެއަކުން ކުޅުން ރަނގަޅުކޮށް ވޭވަށުން ވަނީ ލަނޑު ޖަހާނެ ފުރުސަތު ހޯދާފަ އެވެ. ވޭވަށުން ފޮނުވާލި ގިނަ ހަމަލާތަކެއް މުލީ ކީޕަރު ދިފާއުކޮށްފައިވެ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މިވެސް ކިޔާލަން:  އެމްއޭޑަބްލިޔުސީ އާއި ހޯކްސް ފެށީ މޮޅަކުން

ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ހާފުގެ ކުރީކޮޅު ވޭވަށުން ހޯދި ނަމަވެސް ގޯލަށް ނުރައްކާވުމުގެ ކުރިން މުލީ ކީޕަރު ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން މުލިން ފޮނުވާލި ބާރު ބޯޅައެއް ވޭވަށު ކީޕަރު ދިފާއުކުރި އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވުނު މި މެޗުގައި މުލިން ފޮނުވާލި ގިނަ ހަމަލާތަކެއް ވޭވަށު ކީޕަރު ސަލާމަތްކުރި އެވެ. މި މެޗުގެ ދެވަނަ ހާފު ވެސް ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޭވަށު ޓީމުގެ މުޙައްމަދު ނަވީން ނަސީމެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ނަވީން ނަސީމް / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

މެޗު 4

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ދިއްގަރާއި މުލަކެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ކުޅުނު ފުރަތަމަ މެޗުން ދެ ޓީމު ވެސް މޮޅުވެފައިވާއިރު، މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ފުރުސަތު ލިބޭނެ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދިއްގަރުން ނެވެ. ހާފުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ޓީމުން ހޯދި އެވެ. އަދި އެއިން ފުރުސަތެއްގެ ބޭނުން ހިފައި ހަވަނަ މިނިޓްގައި ލީޑު ނެގި އެވެ. ދިއްގަރު ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި މުލަކު ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު، އޭރިޔާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ބޯޅައިން މި ލަނޑު ޖަހައިދިނީ އިސްމާއިލް ވާއިލް އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ މުލަކަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފަ އެވެ. ލިބުނު ފުރުސަތުގެ ބޭނުން މުލަކަށް ނުކުރެވި ދިޔައިރު، ނަތީޖާގެ ފަރަގު ބޮޑުކޮށްލަން ދިއްގަރަށް ލިބުނު ފުރުސަތުގެ ބޭނުން ވެސް އެ ޓީމަށް މި ހާފުގައި ނުކުރެވުނެވެ.

މިވެސް ކިޔާލަން:  އަރަފްތާގެ "ސޫރަތު" : ހަނދާންތަކުގެ ފުން އަސަރާއި އިޙުސާސްތަކުގެ މުއްސަނދިކަން

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ދިއްގަރުން ނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މުލަކުން މަސައްކަތް ކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ދިއްގަރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މި ހާފުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ. ފަހު ވަގުތު އެޓޭކަށް ޖެހުނު ދިއްގަރުން ވަނީ ފަހު މިނިޓްގައި އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މުލަކު އޭރިޔާ ކައިރިން ލިބުނު ފްރީކިކް އެއްފަހަރުން ގޯލަށް ވައްދާލައި ދިއްގަރަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އިސްމާއިލް ވާއިލް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ދިއްގަރުން ވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިއްގަރު ޓީމުގެ އިސްމާއިލް ވާއިލް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top