ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަނިމާދޫ އާއި ނައިވާދޫ ފައިނަލަށް
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

މިހާރު ކުރިއަށްދާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ހދ. އަތޮޅުގެ ފައިނަލަށް ހަނިމާދޫ އާއި ނައިވާދޫ ދަތުރުކޮށްފި އެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އިއްޔެ އާއި ރޭ ކުޅެފައިވާއިރު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަނިމާދޫ އާއި ނޭކުރެންދޫ އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ނޮޅިވަރަންފަރާއި ނައިވާދޫ އެވެ.

ސެމީ ފައިނަލް މެޗު 1

ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނަ ހޯދި ހަނިމާދޫ އާއި ގުރޫޕް ބީގެ ދެވަނަ ހޯދި ނޭކުރެންދޫ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ހަނިމާދޫ އެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ހަނިމާދޫން ހޯދައި ގޯލާއި ދިމާއަށް ފޮނުވާލިއިރު އެއް ހަމަލާ ގޯލު ދަނޑިއަށް ވެސް އަމާޒުވި އެވެ. ހަނިމާދޫގެ އެޓޭކްތައް ހުއްޓުވަން އިސްކަން ދިން ނޭކުރެންދޫން މަސައްކަތްކުރީ ކައުންޓަރ އެޓޭކްގައި ލަނޑު ޖަހާށެވެ.

ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ހަނިމާދޫން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ލީޑު ނަގާފަ އެވެ. ނޭކުރެންދޫ ހާފުގެ މެދަކާއި ހިސާބުން ގޯލު ކުރިމަތިން ލިބުނު ފްރީކިކް ގޯލުގެ ތެރެއަށް ފޮނުވާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ހުސައިން އެވެ.

ހަނިމާދޫން ލީޑު ނެގުމާއިއެކު ނޭކުރެންދޫން ވަނީ ކުރިއަށްވުރެ ބޮޑަށް ކުރިޔަށް ޖެހި ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. ހާފުގެ ފަހުކޮޅު ރަނގަޅު ކުޅުމެއް ދެއްކި ނޭކުރެންދޫން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މުޙައްމަދު ރާއިފް ޖަހައިދިން ލަނޑުން ނެވެ.

މިވެސް ކިޔާލަން:  ބަރޮސް އާއި އާރުއޯއެލް ވެސް ފެށީ މޮޅަކުން

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ ހަނިމާދޫ އެވެ. ދެވަނަ ފަހަރަށް ލީޑު ނަގައި ފައިނަލްގެ ފުރަތަމަ ޖާގަ ހޯދުމަށް އެ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނޭކުރެންދޫއަށް ވެސް ލިބުނު މި މެޗުގައި ހަނިމާދޫން ދެވަނަ ފަހަރަށް ލީޑު ނެގީ 36 ވަނަ މިނެޓުގަ އެވެ. ނޭކުރެންދޫއަށް ލިބުނު ކޯނަރަށް ޓީމު އެއްކޮށް ކުރިއަށް އަރައި ތިއްބައި ހަނިމާދޫގެ ނޫރުﷲ ތޯހާއަށް ލިބުނު ބޯޅަ ހިފައިގެން ހުސްކޮށް ކުރިޔަށް އަރައި އޭނާ ވަނީ ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މި ލަނޑަށް ފަހު ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފަ އެވެ.

2ـ1 އިން ހަނިމާދޫ މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެ ޓީމުގެ ޢަލީ ހުސައިން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަލީ ހުސައިން / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

ސެމީ ފައިނަލް މެޗު 2

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ އެއްވަނަ ހޯދި ނައިވާދޫ އާއި ގުރޫޕް އޭގެ ދެވަނަ ހޯދި ނޮޅިވަރަންފަރެވެ. މުޅި ރާއްޖެއަށް މަޝްހޫރު މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ނައިވާދޫން ވަރުގަދަ އެޓޭކިންގް ގޭމަކުން ފެށި މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބެއް ނުހޯދުނެވެ. ނައިވާދޫގެ ހަމަލާތައް ހުއްޓުވުމުގައި ނޮޅިވަރަންފަރުން ހޯދި ކާމިޔާބީ ފުރަތަމަ ހާފު ނިމުމާއި ހަމައަށް ހިފަހައްޓާލި އެވެ.

މިވެސް ކިޔާލަން:  އެމްއާރުސީ އާއި ވެލިގާއަށް ވެސް ފަސޭހަ ފެށުމެއް

ދެވަނަ ހާފުގައި ނައިވާދޫން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ފަސޭހަކަމާއިއެކު މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ. ފުރަތަމަ ހާފުގައި ނޮޅިވަރަންފަރުން ދެއްކި ކުޅުން މި ހާފުގައި އެ ޓީމަށް ނުދެއްކުނެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި މުޙައްމަދު އަސްލަމް ނައިވާދޫއަށް ލީޑު ނަގައިދިންއިރު 27 ވަނަ މިނިޓްގައި އެ ލީޑު ފުޅާކޮށްދިނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ނޮޅިވަރަންފަރަށް ކާމިޔާބީއެއް ނުލިބި އުޅެނިކޮށް، މުޙައްމަދު ޝާއިން ވަނީ 31 ވަނަ މިނިޓާއި 33 ވަނަ މިނިޓްގައި ނައިވާދޫއަށް އިތުރު ދެ ލަނޑު ޖަހައިދީފަ އެވެ. ދެވަނަ ހާފުގައި ނައިވާދޫން އެ ޓީމުގެ އަސްލު ފެންވަރު ދައްކާލިއިރު މެޗު ނިމުމުގެ ކުރިން އިތުރު ލަނޑެއް ވެސް ޖެހި އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަވަރަކަށް ސިކުންތަށް ވީ ފަހުން ނައިވާދޫއަށް މި ލަނޑު ޖަހައިދިނީ ޢަބްދުﷲ ވިސާމް އެވެ.

5-0 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ނައިވާދޫން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫ ޓީމުގެ މުޙައްމަދު އަސްލަމް އެވެ.

މި އަތޮޅު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top