އަންނަ އޯގަސްޓް މަހު 2 ގައި “4426” އަދި އޯގަސްޓް 3 ގައި “ބޮސް” އަނެއްކާވެސް އަޅުވަން ނިންމާފައިވަނީ މި ދެފިލްމު ބެލުމަށް ބެލުންތެރިން ވަރަށް ބޮޑަށް އެދެމުން އަންނާތީ ކަމަށް ދެ ފިލްމުގެވެސް ލީޑް ކުޅެފައިވާ މަޝްހޫރު ބަޠަލާ މަރިޔަމް އައްޒަ ބުނެފިއެވެ.
“ނަހޫ އެންމެ ފަހުން މި ދެފިލްމު އެޅުވިއިރުވެސް ބުނި ދެން ހިޔެއްނުވޭ މި ދެފިލްމު އެހާ އަވަހަށް އަޅުވާނެހެނެއް. މީގެ ތަންކޮޅެއް ކުރިންވެސް ބެލުންތެރިންގެ ރިކްއެސްޓަށް ވަނީ މި ދެފިލްމު އަޅުވާފަ. ދެން އަނެއްކާވެސް ބެލުންތެރިންގެ ރިކްއެސްޓަށް ހަމަ ވަރަށް ގަދަޔަށް ބެލުންތެރިން ގުޅާފަ ހަމަ ކިޔާވަރުން އަނެއްކާވެސް ނަހޫ މި ޑިސައިޑްކުރީ މި ދެފިލްމު އަޅުވަން.” ރާއްޖެ ޓީވީން ދައްކާ ފިމްލީ ދާއިރާއާބެހޭ ޕްރޮގްރާމަށް މަޢުލޫމާތު ދެމުން އައްޒަ ބުންޏެވެ.
އައްޒަ ބުނީ ޖުލައި 26 ން ފެށިގެން އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާފައިވާކަމަށާއި އޮންލައިން ބުކިންވެސް ދެ ފިލްމުގެ ފޭސްބްކް ޕޭޖް ޕޭޖް މެދުވެރިކޮށް ހެދޭނެ ކަމަށެވެ. ފިލްމު “4426” އާއި “ބޮސް” އިން ފެނިގެން ގޮސްފައިވަނީ އައްޒަ ގެ ތަފާތު ދެ އެކްޓިން އެކެވެ.
“މި ދެފިލްމަކީ މިހާތަނަށް ކެރެކްޓަރ ވައިޒް ކޮށް ކުޅެވުނު އެންމެ ތަފާތު ދެ ފިލްމު.” ދެ ފިލްމުގައި އައްޒަ ކުޅެފައިވާ ރޯލާއި ބެހޭގޮތުން ބުންޏެވެ. އައްޒަ އިތުރަށް ބުނީ “4426” އަކީ މިހާތަށް އައްޒަ އެންމެ ރިވައިޒް ކޮށްގެން އެންމެ ބަލައިގެން އަދި އެންމެ ގިނަ ރިސާޗް އަމިއްލައަށް ހަދައިގެން ކުޅުނު ފިލްމު ކަމަށެވެ.
“އެކި ތަންތަނުން އިންފޮމޭޝަން ހޯދައިގެން ރިސާޗް ކޮށްގެން ކުޅުނު ފިލްމަށްވާނެ މި ފިލްމު.”
އައްޒަ ބުނީ “ބޮސް” ގައި ކުޅެފައިވަނީ އައްޒަގެ ރިއަލް ލައިފާއި ވަރަށް ތަފާތު ކެރެކްޓަރ އެއް ކަމުން އެބައި ކުޅެން ވަރަށް އުނދަގޫވި ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރުން އެންމެ ހިތްހަމަޖެހޭ ފެންވަރަށް ފިލްމުގައި ކުޅެފައިވާ ‘އިބާ’ ގެ ކެރެކްޓަރ ކުޅެވުނު ކަމަށެވެ
ހަފުތާ ބަންދާއި ދިމާކޮށް މި ދެ ފިލްމު އެޅުވުމަށް ނިންމާފައިވާއިރު ނަހޫ ގެ ފިލްމުތައް އެއްފަހަރަށް ވުރެން ގިނަފަހަރަށް ބެލުމަށް ބޭނުންވާ މީހުންނާއި ކުރިން ނުބެލި ތިބި މީހުންނަށް މިއީ ރަނގަޅު ފުރުޞަތަކަށް ވެގެންދާނެ އެވެ.
“4426” އަދި “ބޮސް” އަކީ ކާމިޔާބު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފާތިމަތު ނަހުލާ އެންމެ ފަހުން ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ދެ ފިލްމެވެ.
