ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އދ. އަތޮޅު ސްކޫލް ޗެމްޕިއަންކަން ހޯދައިފި

ރާއްޖެ ޖޫނިއާރ ވޮލީބޯޅަ މުބާރާތް 2026 ގެ 16 އަހަރުން ދަށުގެ ފިރިހެންބައިގެ އަތޮޅު ކެޓަގަރީގެ ޗެމްޕިއަންކަން އދ. އަތޮޅު ސްކޫލް ހޯދައިފިއެވެ. އދ. މާމިގިލީގައި ހުންނަ އދ. އަތޮޅު ސްކޫލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި މަދަރުސަތުލް އިފްތިތާހް 3 ސެޓް 1 ސެޓުން ބަލިކޮށެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ އިއްޔެ ހަވީރު އެވެ.

މި މެޗުގެ ފުރަތަމަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ މަދަރުސަތުލް އިފްތިތާހް އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ އދ. އަތޮޅު ސްކޫލުން ނަތީޖާ ހަމަހަމަކުރީ 5-5 ޕޮއިންޓުންނެވެ. އދ. އަތޮޅު ސްކޫލް ލީޑު ނެގި ނަމަވެސް މަދަރުސަތުލް އިފްތިތާހުން ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި ލީޑު ވެސް ނެގިއެވެ. ދެ ފަހަރު ދެ ޓީމު ލީޑުގައި އޮވެ ކުޅެމުންދިޔަ މި ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. 24-24 އާއި 25-25 އަށްފަހު 26-26 އިން ވެސް މި ސެޓް އެއްވަރުވިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި ސެޓް 28-26 އިން ކާމިޔާބުކުރީ މަދަރުސަތުލް އިފްތިތާހް އެވެ.

ދެވަނަ ސެޓްގައި ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ސެޓްގެ ކުރީކޮޅު ޕޮއިންޓް ލިބެމުން ދިޔައީ ވެސް އެއްވެސް ޓީމަކަށް ލީޑު ފުޅާ ކޮށްލަން ފުރުސަތެއް ނުލިބިއެވެ. 16-16 އިން ވެސް އެއްވަރު ވިއެވެ. ފަހަތުން އަރައި އދ. އަތޮޅު ސްކޫލް ހޯދި މި ސެޓް ގެންދިޔައީ 25-18 އިންނެވެ.

މިވެސް ކިޔާލަން:  “އަލިފާން” ޓީޒާގެ ދިލަ ވަރަށް ގަދަ!

ދެ ޓީމަށް ދެ ސެޓް ދިއުމާއިއެކު ތިންވަނަ ސެޓްގެ ފޯރި ގަދަވިއެވެ. ޗެމްޕިއަންކަން ހޯދުމަށްޓަކައި ތިންވަނަ ސެޓް ދެ ޓީމަށް ވެސް މުހިންމުވިއެވެ. މި ސެޓްގައި ރަނގަޅަށް ކުޅުނީ އދ. އަތޮޅު ސްކޫލެވެ. ލީޑުގައި އޮވެ އެ ޓީމުން ކުޅެމުންދިޔަ މި ސެޓް ހޯދުމަށް މަދަރުސަތުލް އިފްތިތާހުން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ސެޓް އދ. އަތޮޅު ސްކޫލް ކާމިޔާބުކުރީ 25-11 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ހަތަރުވަނަ ސެޓަށް ނުކުތްއިރު، ސެޓްގެ މުހިންމުކަން ދެ ޓީމަށް ވެސް ވަނީ ބޮޑުވެފައެވެ. މި ސެޓް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކުރަން އދ. އަތޮޅު ސްކޫލުން ނުކުތްއިރު، މަދަރުސަތުލް އިފްތިތާހުން ނުކުމެފައިވަނީ ސެޓް ހޯދުން ނޫން އެހެން ގޮތެއް ނެތްކަން ދެނެގެންނެވެ. މި ސެޓްގެ ކުރީކޮޅު ރަނގަޅަށް ކުޅުނީ މަދަރުސަތުލް އިފްތިތާހުންނެވެ. ލީޑުގައި އޮވެ ޓީމުން ކުޅެމުން ދަނިކޮށް އދ. އަތޮޅު ސްކޫލުން 8-8 އިން ހަމަހަމަ ކުރިއެވެ. ދެ ފަހަރު ދެ ޓީމުން ލީޑުގައި ކުޅެމުންދިޔަ މި ސެޓްގެ ފަހުކޮށް އދ. އަތޮޅު ސްކޫލުން ލީޑު ހޯދައި ލީޑު ފުޅާކޮށްލިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް މަދަރުސަތުލް އިފްތިތާހުން ކުރި މި ސެޓްގެ ފަހުކޮޅު ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ހަތަރުވަނަ ސެޓް އދ. އަތޮޅު ސްކޫލް ކާމިޔާބު ކުރީ 25-22 އިންނެވެ.

ތިން ސެޓް އެއް ސެޓުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން އދ. އަތޮޅު ސްކޫލް ހޯދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޢަބްދުﷲ ޝަރަފް އަލީ އެވެ.

މިވެސް ކިޔާލަން:  ހޭރިޔާގެ "ޚިޔާލް" ކަވަރ ވަރަށް ހިތްގައިމު!
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top