ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ނޭވާގެ ޒަރީއާއިން ގުރުދާ، ފުރަމޭ އަދި ހަކުރުގެ ބަލިތައް ދެނެގަނެވިދާނެ ގޮތްތައް

ކޮންމެ ފަހަރަކު ނޭވާ ބޭރުކުރާއިރު، ހަށިގަނޑުގެ ގުނަވަންތަކުން އުފައްދާ ކެމިކަލް މާއްދާތަކެއް މަދު މިންވަރަކަށް ބޭރުވެއެވެ. ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ކެމިކަލް މާއްދާތަކަށް ބަދަލު އައުމުން، ނޭވާގެ ވަހަށް ވެސް އެއާ އެކު ބަދަލުތަކެއް އާދެއެވެ.

2023 ވަނަ އަހަރުގެ “މޮލިކިއުލާ ޑައިގްނޯސިސް އެންޑް ތެރަޕީ” ރިވިއުއެއްގައި މި ދާއިރާއަށް “ބްރެތޯމިކްސް” ގެ ނަމުން ނަންދީފައިވެއެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި އިންސާނާ ދުޅަހެޔޮ ސިއްހަތަކުން ބަލި ހާލަތަކަށް ބަދަލުވާއިރު، ނޭވާއާއެކު ބޭރުވާ “ވޮލަޓައިލް އޯގަނިކް ކޮމްޕައުންޑްސް” (އަވަހަށް އާތްވަށް ބަދަލުވާ އޯގަނިކް މާއްދާތަކަށް) އަށް ކުޑަ ނަމަވެސް މުހިންމު ބަދަލުތަކެއް އާދެއެވެ.

މި ސަބަބަށްޓަކައި، ޑޮކްޓަރުން ޒަމާނުއްސުރެ ނޭވާގެ ވަހަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. ބައެއް ވަސްތަކަކީ ގުނަވަންތަކުގެ މައްސަލަތައް ދެނެގަތުމަށް ލިބޭ ވަރުގަދަ ނިޝާންތަކެއްގެ ގޮތުގައި ކްލިނީޝަނުން ބަލައެވެ. ތިރީގައި އެވަނީ އޭގެ ތެރެއިން ހަތަރު ވަހަކުން ދޭހަވާ މާނަތަކެވެ.

މޭވާ ވަސް ދުވާ ނޭވާއާއި ކޮންޓްރޯލް ނުކުރެވޭ ހަކުރު ބަލި
ފޮނި، މޭވާ ވަސް ނުވަތަ ނިޔަފަތީގައި ޖައްސާ ކުލަ ފޮހޭ އެސިޓޯން ފަދަ ވަހެއް ދުވުމަކީ “ޑައިބެޓިކް ކީޓޯސިޑޯސިސް” (ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ، ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް)ގެ ނިޝާނެކެވެ. މިއީ ހަކުރު ބަލި ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ހާލަތެކެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށް ގުލްކޯޒް ބޭނުން ނުކުރެވުމުން، ހަށިގަނޑުގައި ހުންނަ ސަރުބީ އަންދަން ފަށައި “ކީޓޯންސް” ކިޔާ ކެމިކަލްތަކެއް ދޫކުރެއެވެ.

މިވެސް ކިޔާލަން:  ސިއްހަތަށް ފައިދާހުރި ކަމެއް ނުރައްކަލަކަށް ބަދަލުވުން

މި ކީޓޯންތަކުގެ ތެރެއިން އެކައްޗަކީ އެސިޓޯންއެވެ. މެޑިކަލް ނިއުސް ޓުޑޭއިން ސިފަކުރާ ގޮތުގައި މިއީ ނިޔަފަތީގައި ޖައްސާ ކުލަ ފޮހޭ ބައެއް އެއްޗެހީގައި ހުންނަ މޭވާ ވަހާ އެއްގޮތް ވަހެކެވެ.

ކްލީވްލޭންޑް ކްލިނިކުން އިންޒާރު ދޭ ގޮތުގައި އިންސިއުލިން ދަށްވުމަކީ ކީޓޯސިޑޯސިސް ފަދަ މެޑިކަލް އިމަޖެންސީއެއް ކުރިމަތިވެދާނެ ކަމެކެވެ. މީގެ ސަބަބުން ނޭވާގައި މޭވާ ވަސް ދުވާގޮތް މެދުވެރިވެދާނެއެވެ. މިއީ ވަރަށް އަވަހަށް ގޯސްވެދާނެ ހާލަތަކަށް ވާތީ، ވަގުތުން ސިއްހީ ފަރުވާ ހޯދަން ޖެހެއެވެ.

އެމޯނިއާ ވަސް ދުވާ ނޭވާއާއި ގުރުދާ
އެމޯނިއާ ނުވަތަ ކުޑަކަމުދާ ތަކެތީގެ ވަސް ގަދައަށް ދުވާ ނަމަ، އެއީ ގުރުދާގެ މައްސަލައެއް ހުރިކަމުގެ ނިޝާނަކަށް ވެދާނެއެވެ. ޑޮކްޓަރުން މިއަށް ކިޔަނީ “ޔޫރީމިކް ފީޓާ” އެވެ. މިއީ ގުރުދާ ބަލީގެ ފަހު މަރުހަލާގައި، ލޭގައި ހުންނަ ޔޫރިއާ ސާފުކޮށްނުދެވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ފްރެސީނިއަސް ކިޑްނީ ކެއާ އިން ބުނާ ގޮތުގައި ހަށިގަނޑުގައި އިތުރުވާ ޔޫރިއާ، ކުޅާ އެކުވެގެން އެމޯނިއާ އުފެދި، ނޭވާލާއިރު އެ ވަސް ބޭރުވެއެވެ. ކްލީވްލޭންޑް ކްލިނިކުން ބުނާ ގޮތުގައި ގުރުދާ އަދި ފުރަމޭގެ ބަލިތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް ހުރަސްއެޅި، އޭގެ ނަތީޖާއެއްގެ ގޮތުން އަނގައިން ނުބައި ވަސް ދުވާގޮތް މެދުވެރިވެއެވެ.

ފޫވަސް ނުވަތަ ލޮނުމެދު ވަސް ދުވާ ނޭވާއާއި ފުރަމޭ
ފުރަމޭގެ ބަލިތަކަށް ހާއްސަ ވަހެއް ހުރެއެވެ. މިއަށް ކިޔަނީ “ފީޓާ ހެޕަޓިކަސް” އެވެ. ކްލީވްލޭންޑް ކްލިނިކުން މި ވަސް ސިފަކުރަނީ ކުނިވެފައިވާ ބިހާއި ލޮނުމެދު އެއްވެގެން ދުވާ ފޫ، ކޮޅުނެތްކޮޅަށް ނުބައި ވަހެއްގެ ގޮތުގައެވެ.

މިވެސް ކިޔާލަން:  ކިޑްނީ ކެންސަރު - އާއްމުވަމުން އަންނަ ކަމެއް!

މި ވަސް އުފެދެނީ ސަލާމަތުން ހުންނަ ފުރަމެއަކުން އާންމުކޮށް ނައްތާލާ ސަލްފާ ކޮމްޕައުންޑްތަކުންނެވެ. “ޑައިމެތައިލް ސަލްފައިޑް” އިން ލޮނުމެދު ވަސް ދުވާއިރު، “މެތައިލް މާކެޕްޓަން” އިން ދުވަނީ ކުނި ބިސް ވަހެވެ.

ފުރަމޭ ހަލާކުވެ ސިރޯސިސް ޖެހުމުން، ލޭ ދައުރުވާއިރު މި މާއްދާތައް ފުރަމޭގެ ތެރެއިން ދިއުމުގެ ބަދަލުގައި ސީދާ ފުއްޕާމެއަށް ފޯރައެވެ. ކްލީވްލޭންޑް ކްލިނިކުން ބުނާ ގޮތުގައި މިފަދަ ވަހެއް ދުވުމަކީ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކަންޖެހޭނެ ކަމުގެ ޔަގީން ނިޝާނެކެވެ.

ސާފުތާހިރުކޮށް ހުރެމެ އަނގައިން ނުބައި ވަސް ދުވުން
އަނގައިން ނުބައި ވަސް ދުވާ ކޮންމެ ފަހަރަކީ ގުނަވަނެއްގެ ބައްޔެއް ހުރިކަމުގެ ނިޝާނެއް ނޫނެވެ. ނަމަވެސް، ދަތް އުނގުޅައި ފްލޮސްކޮށްގެން ވެސް މި މައްސަލަ ހައްލުނުވާ ނަމަ، އޭގެ ސަބަބު ހަށިގަނޑުގެ އެހެން ދިމާއެއްގައި ހުރެދާނެއެވެ.

އެއް ސަބަބަކީ ނިދީގައި ނޭވާލާން އުނދަގޫވާ ބަލި ނުވަތަ “ސްލީޕް އެޕްނިއާ” އެވެ. ނޯތުވެސްޓަން މެޑިސިންގެ ޑރ. މައުރީން ތެރީސާ ބަޓްލާ ވިދާޅުވާ ގޮތުގައި މި ބަލި ހުންނަ މީހުން ނިދީގައި އަނގައިން ނޭވާލުމުގެ ސަބަބުން އަނގަ ހިކި، ބެކްޓީރިއާ ނައްތާލުމަށް ބޭނުންވާ ކުޅު މަދުވެ ނުބައި ވަސް ދުވަން މެދުވެރިވެއެވެ.

މީގެ އިތުރުން “ގޭސްޓްރޯއެސޯފޭޖަލް ރީފްލަކްސް” އަކީ ވެސް ސަބަބަކަށް ވެދާނެއެވެ. މީގެ ސަބަބުން ބަނޑުގައި ހުންނަ އެސިޑް، ކާތަކެތި ހިނގާ ހޮޅިއަށް ނުވަތަ އަނގައަށް ފޯރައި، ހުތް ރަހައެއްލައި ނުބައި ވަސް ދުވާގޮތް މެދުވެރިވެއެވެ.

ޑޮކްޓަރަކަށް ދައްކަންވީ ކޮން އިރަކު؟
ގިނަ ފަހަރަށް އަނގައިން ނުބައި ވަސް ދުވަނީ ދަތާއި ދުލުގައި ހުންނަ ބެކްޓީރިއާގެ ސަބަބުން ނުވަތަ އަނގަ ހިކުމުގެ ސަބަބުންނެވެ. ކްލީވްލޭންޑް ކްލިނިކުން ލަފާދެނީ، އާންމު ސާފުތާހިރުކަމުން މިކަން ހައްލުނުވާ ނަމަ ފުރަތަމަ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށެވެ. އަނގައިގެ އެއްވެސް މައްސަލައެއް ނެތް ނަމަ، އާންމު ބަލިތަކުގެ ޑޮކްޓަރަކަށް ދައްކައިގެން އެހެން ސަބަބެއް ހުރިތޯ ބެލިދާނެއެވެ.

މިވެސް ކިޔާލަން:  ސިއްހަތަށް ފައިދާހުރި ކަމެއް ނުރައްކަލަކަށް ބަދަލުވުން

ހަކުރު ބަލި ހުންނަ މީހެއްގެ ނޭވާގައި އެސިޓޯން ވަސް ދުވުން، ގުރުދާގެ މައްސަލައެއްގައި އެމޯނިއާ ވަސް ދުވުން، ނުވަތަ ފުރަމޭގެ ބައްޔަކާ އެކު ލޮނުމެދު ވަސް ދުވުމަކީ ތަފާތު ކަމެކެވެ. މިއީ ބިރުގަތުމުގެ ބަދަލުގައި، ލަސްނުކޮށް ސިއްހީ ތަހުލީލުތައް ކުރަންޖެހޭނެ ކަމުގެ ސިގްނަލްތަކެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top