– ތައިރޮއިޑާއި ޕީސީއޯޑީގެ މައްސަލަތަކާއެކު ވެސް 11 މަސްދުވަހުގެ ތެރޭގައި ޕްރަތިމާ ލޮކްވާނީގެ 52 ކިލޯ ލުއިކޮށްލި
އެއްއިރެއްގައި ބަރުދަނުގައި 112 ކިލޯ ހުރި ޕްރަތީމާ ފެނުމުން، އޭނާއަކީ އެހާ ބޮޑަށް ބަރުދަން އިތުރުވެފައި ހުރި މީހެއްކަން މިއަދު ގަބޫލުކުރަން ވެސް ދައްޗެވެ. ސިއްހަތަށް ފައިދާހުރި ކާނާއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނައި ހެޔޮ ބަދަލުތަކާއެކު އޭނާ މިވަނީ އެއްވެސް ކަސްރަތެއް އަދި ސަޕްލިމެންޓެއް ބޭނުންނުކޮށް، އެންމެ 11 މަސްދުވަހުގެ ތެރޭގައި 52 ކިލޯ ލުއިކޮށްފައެވެ. މިއަދު އޭނާއަކީ އެތައް ބަޔަކަށް ބަރުދަން ލުއިކުރުމުގައި އެހީތެރިވެދޭ ކާމިޔާބު ޑައިޓީޝަނެކެވެ.
ޕްރަތީމާގެ ބަރުދަން 112 ކިލޯއަށް އަރައިގެން ދިޔައީ ކޮންމެ ދުވަހަކު ކުލްފީއާއި ބާގާ ފަދަ ޖަންކް ފުޑް ކެއުމާއި، ނިދުމުގެ ވަގުތުތައް ގަޑުބަޑުވުމާއި އަދި އެއްވެސް ހެލިފެލިވުމެއް ނެތް ދިރިއުޅުމެއް އުޅުމުގެ ސަބަބުންނެވެ. މިގޮތަށް ބަރުދަން އިތުރުވުމުގެ ސަބަބުން އޭނާއަށް ތައިރޮއިޑް އަދި ޕީސީއޯޑީ ފަދަ ސީރިއަސް ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ. މީގެ ކުރިން އެތައް ފަހަރަކު ޑައިޓް ކުރަން އުޅެ 4 ނުވަތަ 5 ދުވަސް ތެރޭ އޭނާއަށް ވަނީ ހުއްޓާލެވިފައެވެ. ނަމަވެސް، ޑޮކްޓަރަކު އޭނާގެ ސިއްހަތާ ގުޅޭގޮތުން ބުނި ހަރުކަށި ބަސްތަކެއް ވެގެންދިޔައީ ދިރިއުޅުން ބަދަލުކޮށްލަން ލިބުނު ބޮޑު ހިތްވަރަކަށެވެ.
އޭނާގެ ބަރުދަން ލުއިކުރުމުގެ ދަތުރުގައި ބަތާއި ރޮށި ކެއުން މުޅިން ހުއްޓައެއް ނުލައެވެ. އޭގެ ބަދަލުގައި އޭނާ އިސްކަންދިނީ ކެއުމުގެ މިންވަރު ކޮންޓްރޯލް ކުރުމަށާއި (ޕޯޝަން ކޮންޓްރޯލް) ގޭގައި ތައްޔާރުކުރާ ތާޒާ ކާނާ ކެއުމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ޕީސީއޯޑީ ރަނގަޅުވެ، މައްސަރު ކަންތައް ގަވާއިދުވެ، އަދި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމުން ތައިރޮއިޑް ބޭސް ކެއުން ވެސް ވަނީ ހުއްޓާލެވިފައެވެ.
ޕްރަތީމާ ފާހަގަކުރި ގޮތުގައި ބަރުދަން ލުއިކުރަން ބޭނުންވާ މީހުން އެންމެ ފުރަތަމަ ވެސް ފަށަންވީ ކާ މިންވަރު މަދުކުރުމުންނެވެ. އަދި ބަނޑުހައިވުމާއި ހަމައެކަނި ކާހިތްވުމާ ދެމެދު ހުންނަ ތަފާތު ދެނެގަންނަން ޖެހެއެވެ. މީގެ އިތުރުން ދުވާލަކު 3 އިން 4 ލީޓަރުގެ ފެން ބުއިމާއި، ރޭގަނޑު ހަމަނިދި ހޯދުމާއި އަދި ސްޓްރެސް ކުޑަކުރުމަކީ ކޮންމެހެން މުހިންމު ކަންކަމެވެ. ހާއްސަކޮށް ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަކުރުމަށް ޒީރާ އަދި އަޖުވައިން ފެން ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ.
ކާނާގެ ބާވަތްތަކަށް ބަލާއިރު، ޕްރޮޓީން އަދި ކާބްސް ރަނގަޅު މިންވަރަކަށް އެއްކޮށްގެން ކެއުމާއި، ހަކުރު އެއްކޮށް ދޫކޮށްލުމުގެ ބަދަލުގައި ސްޓީވިއާ ފަދަ ގުދުރަތީ ބާވަތްތައް ބޭނުންކުރުން މާ ދެމެހެއްޓެނިވި ކަމަށް އޭނާ ބުންޏެވެ. އަދި ފެޓްސް އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި، މިންވަރު ބަލައިގެން ގިތެޔޮ އަދި ނަޓްސް ފަދަ ތަކެތި ކެއުމުން މެޓަބޮލިޒަމް އަވަސްކޮށްދެއެވެ. ޕެކެޓްކޮށްފައި ހުންނަ “ހެލްތީ” ކާނާތަކުގައި ސޯޑިއަމް ގިނަވާނެތީ އެފަދަ ތަކެތި ދޫކޮށް ގޭގައި ހަދާ ސިއްހަތަށް ފައިދާހުރި ލުއިކާނާ އިހުތިޔާރުކުރުމަށް އޭނާ ލަފާދެއެވެ.
ޕްރަތީމާ އިތުރަށް ބުނީ، އޭނާ ތެލުލި ކާނާ ނުކާތާ 8 އަހަރު ވެފައިވާ ކަމަށާއި، މިހާރުގެ ޒުވާނުންނަށް ޕީސީއޯޑީ ފަދަ މައްސަލަތައް ކުރިމަތިވަނީ ބޭރުން ކެއުމުގެ އާދައިގެ ސަބަބުން ކަމަށެވެ. އަދި ޖިމަށް ގޮސް ބުރަ ކަސްރަތު ނުކުރި ނަމަވެސް، ސިޑިން އެރުމާއި ހިނގުން ފަދަ އާދަތަކުން ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމުން ބޮޑެތި ބަލިތަކުން ސަލާމަތްވެވިދާނެއެވެ.
މިއަދު ޕްރަތީމާ އޮންލައިންކޮށް ގިނަ އަދަދެއްގެ މީހުންނަށް ކަސްރަތަކާ ނުލައި ހަމައެކަނި ކެއުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ބަރުދަން ލުއިކުރުމުގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، އޭނާގެ މި ކާމިޔާބީއަކީ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އެތައް ބަޔަކަށް ލިބުނު ބޮޑު އުންމީދެކެވެ.
ޕްރަތިމާ ލޮކްވާނީގެ ކެއުމުގެ މައިގަނޑު އުސޫލުތައް
– ޕްރޮޓީން އިތުރުކުރުން: ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށް ބަނޑުހައިވުން ކުޑަކުރުމަށްޓަކައި، ކޮންމެ އިރެއްގެ ކެއުމުގައިވެސް ފެޓް މަދު ޕްރޮޓީން (މިސާލަކަށް ޕަނީރު، ޓޯފޫ، މުގު، ބިސް ނުވަތަ ގްރީކް ޔޯގަޓް) ހިމަނަންވާނެއެވެ.
– ފައިބަރު އިތުރުކުރުން: ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކޮށް އިންސިއުލިން ރެސިސްޓެންސް ދަށްކުރުމަށްޓަކައި، ފެހިކުލަގަދަ ފަތާއި ތަރުކާރީގެ އިތުރުން މުގާއި ގޮދަން ފަދަ ބާވަތްތައް ގިނައިން ބޭނުންކުރަންވާނެއެވެ.
– ދުޅަހެޔޮ ފެޓްސް: ހޯރމޯންތަކުގެ މަސައްކަތް ހަމަމަގަށް އެޅުވުމަށްޓަކައި ނަޓްސް އަދި އެކި ބާވަތްތަކުގެ އޮށް (މިސާލަކަށް އAމަންޑް، ވޮލްނަޓް އަދި ފްލެކްސް ސީޑްސް) މިންގަނޑެއްގައި ބޭނުންކުރަންވާނެއެވެ.
– ރަނގަޅު ބަދަލުތައް ގެނައުން: އާދަޔާ ހިލާފަށް ޕްރޮސެސްކޮށްފައިވާ ކާނާއާއި، ހަކުރު އަދި ކާބޯހައިޑްރޭޓްސް ގިނަ ކާނާތަކާ ދުރުވެ، ގުދުރަތީ އަދި ހަށިގަނޑަށް ފައިދާހުރި ބާވަތްތައް އިޚްތިޔާރުކުރާށެވެ.
ދިރިއުޅުމުގެ މުހިންމު އާދަތައް
– ޤަވާއިދުން ހަރަކާތްތެރިވުން: ދޭތެރެއަކުން ކުރާ ބުރަ ކަސްރަތުތަކުގެ ބަދަލުގައި، ކޮންމެ ދުވަހަކު ހިނގުމާއި ހަށިގަނޑުގެ ވަރުގަދަކަން އިތުރުކޮށްދޭ (ސްޓްރެންގްތް ޓްރެއިނިންގ) ކަސްރަތުތަކަށް ސަމާލުކަންދޭށެވެ.
– ނިދި ހަމަކުރުން: ސްޓްރެސް ހޯރމޯންތައް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއްގައި ނިދުމުގެ އާދަ އަށަގަންނުވާށެވެ.
– ފެން ބުއިން: މެޓަބޮލިޒަމް ރަނގަޅުކުރުމަށާއި ކާހިތްވުން ކުޑަކުރުމަށްޓަކައި މުޅި ދުވަހު ގިނައިން ފެން ބޯށެވެ.
