އިނގުރު ފެނަކީ ގޭގައި ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ، އަދި އިނގުރުން ލިބިދޭ ސިއްހީ ފައިދާތައް ހާސިލުކުރުމަށްޓަކައި ބޭނުންކުރެވިދާނެ ފަސޭހަ ވަސީލަތެކެވެ.
ކާނާގެ ރަހަ މީރުކުރުމަށާއި، ތަދު ކެނޑުވުމާއި މޭނުބައިކުރުން ފަދަ އެކި ބަލިތަކަށް ފަރުވާދޭ ގުދުރަތީ ބޭހެއްގެ ގޮތުގައި އިންސާނުން އިނގުރު ބޭނުންކުރާތާ އެތައް ހާސް އަހަރެއް ވެއްޖެއެވެ.
މި ލިޔުމުގައި އަޅުގަނޑުމެން ބަލާލާނީ އިނގުރުން ލިބިދާނެ ފައިދާތަކާއި އޭގައި ހިމެނޭ ނުރައްކާތަކުގެ އިތުރުން، މިކަމާ ގުޅޭ ސައިންސީ ހެކިތަކަށާއި ގޭގައި އިނގުރު ފެން ތައްޔާރުކުރާނެ ގޮތުގެ މައްޗަށެވެ.
ސިއްހީ ފައިދާތައް
އިނގުރުގެ ސިއްހީ ފައިދާތަކަށް ބާރުދޭ ދިރާސާތަކެއް ހުރި ނަމަވެސް، ހަމައެކަނި އިނގުރު ފެން ބުއިމާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތައް މަދެވެ. ގިނަ ދިރާސާތަކުގައި ބައިވެރިން އިނގުރު ބޭނުންކުރީ ކެޕްސޫލްގެ ގޮތުގައި ކަމެއް، ކާނާއަށް އަޅައިގެން ކަމެއް ނުވަތަ އިނގުރު ފެނުގެ ގޮތުގައި ކަމެއް ސާފެއް ނޫނެވެ.
އެހެންނަމަވެސް، ތިރީގައިވާ ކަންކަމަށް އިނގުރާއި އިނގުރު ފެނުން އެހީތެރިކަން ލިބިދާނެއެވެ:
ތަދު ކެނޑުވުން
އިނގުރު ފެނުގެ ސަބަބުން ބައެއް ބާވަތްތަކުގެ ތަދުތައް ކުޑަކޮށްދިނުމަށް އެހީވެދެއެވެ. ބޮލުގެ އެއްފަރާތުގައި ރިއްސުން (މައިގްރޭން) ހުންނަ 60 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، އާދައިގެ ތަދުކަނޑުވާ ބޭހުގެ އިތުރުން އިނގުރު ބޭނުންކުރުމުން ލިބޭ ލުއި، ހަމައެކަނި ބޭސް ބޭނުންކުރުމަށްވުރެ ބޮޑެވެ.
މޭނުބައިކުރުން
މޭނުބައިކުރުމަށް ދޭ ފަރުވާއެއްގެ ގޮތުގައި އިނގުރު ބޭނުންކުރުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. 2015 ވަނަ އަހަރު ހެދި ދިރާސާއެއްގައި، އޮޕަރޭޝަނަށްފަހު މޭނުބައިކުރުމާއި، ކީމޯތެރަޕީގެ ސައިޑް އިފެކްޓްސް އަދި މާބަނޑު ދުވަސްވަރު މޭނުބައިކުރުން ފަދަ ކަންކަމުގައި އިނގުރު ބޭނުންކުރި މީހުންގެ ދިރާސާތަކަށް ބަލާއިރު، އިނގުރުގެ ސަބަބުން މޭނުބައިކުރުމާއި ހޮޑުލުމަށް ލުޔެއް ލިބޭކަން ވަނީ ފާހަގަކުރެވިފައެވެ.
ކޮލެސްޓްރޯލްގެ މިންވަރު
މީދާ ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އިނގުރުގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. މީދާތަކަށް ދިން ކޮލެސްޓްރޯލް ގިނަ ކާނާގެ ސަބަބުން އެ ސޫފިތަކުގެ ކޮލެސްޓްރޯލް މަތިވި ނަމަވެސް، އިނގުރު އެކުލެވޭ ސަޕްލިމެންޓްތައް ދިނުމުން ލޭގައި ކޮލެސްޓްރޯލް އިތުރުވުން ހުއްޓުވައިދޭކަން ފާހަގަކުރެވުނެވެ. ނަމަވެސް އިންސާނުންނަށް މިފަދަ އަސަރެއް ކުރޭތޯ ބެލުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.
ލޭގެ ހަކުރު ކޮންޓްރޯލްކުރުން
ޓައިޕް 2 ހަކުރުބަލި ހުންނަ މީހުން ހުސްބަނޑާ ހުންނައިރު ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް އިނގުރު ފެން އެހީތެރިވެދެއެވެ. 12 ހަފުތާގެ ދިރާސާއެއްގައި ހަކުރުބަލި ހުންނަ 41 މީހުން ދެ ގްރޫޕަކަށް ބަހާލައި، އެއް ގްރޫޕަކަށް ކޮންމެ ދުވަހަކު 2 ގްރާމް އިނގުރު ކުނޑި ދިނުމުން އެމީހުންގެ ލޭގެ ހަކުރުގެ މިންވަރު ވަރަށް ބޮޑަށް ދަށްވިކަން ފާހަގަކުރެވުނެވެ.
ބަރުދަން ލުއިކުރުން
10 ފިރިހެނުން ބައިވެރިކޮށްގެން ހެދި ދިރާސާއެއްގައި، ނާސްތާއަށްފަހު ހޫނު އިނގުރު ފެން ބުއި މީހުންނަށް ބަނޑުފުރިފައި ހުންނަ އިހުސާސް ބޮޑަށް ކުރެވޭކަން އެނގުނެވެ. މިއީ ކުޑަ ދިރާސާއެއް ނަމަވެސް، މިއިން ދޭހަވަނީ ބަރުދަން ކޮންޓްރޯލްކުރުމުގައި އިނގުރު ފެން ދައުރެއް އަދާކޮށްފާނެ ކަމެވެ.
ނުރައްކާތަކާއި ކުރިމަތިވެދާނެ އުނދަގޫތައް
އިނގުރު ފެން ބުއިމަކީ އާންމުކޮށް ރައްކާތެރި ކަމެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. ނޭޝަނަލް ސެންޓަރ ފޯ ކޮމްޕްލިމެންޓަރީ އެންޑް އިންޓަގްރޭޓިވް ހެލްތުން ބުނާގޮތުގައި ލޭ ތުނިކުރާ ބޭސް ބޭނުންކުރާ މީހުން އިނގުރު ބޭނުންކުރުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކުރަންޖެހެއެވެ.
އިނގުރު ފެން މާގިނައިން ބޯނަމަ ކުރިމަތިވެދާނެ ބައެއް އުނދަގޫތަކުގެ ތެރޭގައި:
🫚 ބަނޑުގައި ގޭސް ހެދުން
🫚 ބަނޑުގައި ރިއްސުން
🫚 ބޭރަށް ހިންގުން
🫚 މޭ އެންދުން
1,020 އަންހެނުންގެ މައުލޫމާތު ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މާބަނޑު ދުވަސްވަރު މޭނުބައިކުރުމަށް އިނގުރު ބޭނުންކުރުމަކީ ބަނޑުގައިވާ ދަރިފުޅަށް ނުރައްކާވާ ކަމެއް ނޫނެވެ. އެހެންނަމަވެސް، މާބަނޑުއިރު އިނގުރު ފެން ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.
ގޭގައި އިނގުރު ފެން ތައްޔާރުކުރާނެ ގޮތް
އިނގުރު ފެނަކީ ހޫނުކޮށް ނުވަތަ ފިނިކޮށްވެސް ބޮވިދާނެ އެއްޗެކެވެ. އެންމެ ރަނގަޅު ގޮތަކީ ތާޒާ އިނގުރު ބޭނުންކޮށްގެން އަމިއްލައަށް ތައްޔާރުކުރުމެވެ.
ތައްޔާރުކުރާނެ ގޮތް:
1- 1.5 ސައިސަމުސާގެ ތާޒާ އިނގުރު ގާނާލާށެވެ.
2- 4 ތަށި ފެން ކައްކަން އުދާށެވެ.
3- ފެންގަނޑު ކެކުމުން އިނގުރުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ.
4- އުނދުުން ބޭލުމަށްފަހު 5 އާއި 10 މިނެޓާ ދެމެދު ބަހައްޓާށެވެ.
5- އިނގުރުކޮޅު ފުރާނާލުމަށްފަހު، ހޫނުކޮށް ނުވަތަ ފިނިކޮށްގެން ބޯށެވެ.
އިނގުރަކީ ގަދަ ރަހައެއް ހުންނަ އެއްޗަކަށްވާތީ، ރަހަ މީރުކުރުމަށް މާމުއި ނުވަތަ ލުނބޯ ހުތް ފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ.
ނިންމުން
އިނގުރު ފެން ބުއިމުން ސިއްހަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭކަން ސައިންސީ ގޮތުން ކަނޑައެޅިގެން ސާބިތުނުވި ނަމަވެސް، މިއިން ލިބިދާނެ ފައިދާތަކެއް ހުރިކަން ބައެއް ދިރާސާތަކުން ދައްކައެވެ. މިއީ ގިނަ މީހުންނަށް ރައްކާތެރި އެއްޗަކަށްވާތީ، މިއީ ތަޖުރިބާކޮށްލަން ރަނގަޅު ބުއިމެކެވެ. އަދި މީގެ ސަބަބުން ގިނައިން ފެން ބުއިމަށް ހިތްވަރު ލިބި، ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓުމަށް އެހީވެދެއެވެ. ކޮންމެ ސަޕްލިމެންޓެއް ނުވަތަ ފަރުވާއެއް ބޭނުންކުރުމުގެ ކުރިންވެސް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
