ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދަނގެތި ޗެމްޕިއަންކަން ހޯދައިފި 
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ބާއްވަން ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ އދ. އަތޮޅުގެ ޗެމްޕިއަންކަން ދަނގެތި ހޯދައިފިއެވެ.

އދ. އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައި ވަނީ މަންދޫ އާއި ދަނގެތި އެކަންޏެވެ. ދެ ރަށުން ބައިވެރިވެފައި ވާތީ މި އަތޮޅު މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. އެއީ އަތޮޅުގެ ޗެމްޕިއަނުން ކަނޑައެޅުމަށް ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗު އެކަންޏެވެ.

ރޭ ކުޅެވުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ދަނގެތިން އުފެއްދި ފުރަތަމަ ހަމަލާ މަންދޫ ކީޕަރު ދިފާއުކުރިއިރު، މަންދޫން ފޮނުވާލި ފުރަތަމަ ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

ދެ ޓީމު ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗަކީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މެޗެކެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުން މޮޅުވެ އަތޮޅުގެ ޗެމްޕިއަންކަން ހޯދުމަށް ކުރަމުންއައި މަސައްކަތްތައް ދެ ޓީމުން ވެސް ވަނީ ދެވަނަ ހާފުގައި އިތުރު ކޮށްފައެވެ.

މި މެޗުގެ 24 ވަނަ މިނިޓްގައި މަންދޫއަށް ލީޑު ނަގައިދިނީ އިސްމާއިލް ޝިޔާޒް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ދަނގެތީ ޓީމުގެ ކީޕަރު އެ ޓީމުގެ ކުޅުންތެރިއަކަށް ދިން ބޯޅަ، އޭނާ ކުރިޔަށް ކުޅެލި ވަގުތު ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑާއިއެކު ލަނޑެއް ޖެހުމަށް ދަނގެތިން ކުރަމުން އައި މަސައްކަތް އިތުރުކުރިއެވެ. އާ ހިތްވަރަކާއިއެކު ކުޅުން ރަނގަޅުކޮށް ދަނގެތިން ގިނަ ފުރުސަތުތަކެއް ހޯދިއެވެ.

މިވެސް ކިޔާލަން:  ކަނޑުއަޑީގައި އިންޓަނެޓް ބޭނުންކުރެވޭނެ އީޖާދެއް!

ލަނޑެއް ޖެހުމަށް ދަނގެތިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދީ ނަތީޖާ ހަމަހަމަކޮށްދިނީ އަޙްމަދު ސުދައިޝް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އޭރިޔާ ތެރެއަށް ވަންނަމުން ފޮނުވާލި ބޯޅަ، ކީޕަރު ދިފާއުކުރުމުން ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށްފަހު ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ވެސް ދަނގެއްޗަށް ލިބުނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ދަނގެތި ކާމިޔާބުކުރީ 3-4 އިންނެވެ.

4-5 އިން ދަނގެތި މޮޅުވެ އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަނގެތި ޓީމުގެ އަޙްމަދު ސުދައިޝް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top