ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ސިއްރު – ޗެޕްޓަރ 1
މުނިއަވަސް ގްރެފިކްސް

މެންދަމު އައި ފޯނުކޯލު

މެންދަމުގެ މާ ކުރިން ވާރޭ ވެހެން ފަށައިފިއެވެ. ފުރަތަމަ ފެށުނީ ވަރަށް މަޑުމައިތިރިކޮށް، އުޑުމަތިން ނިދާފައިވާ ރަށްތަކަށް ސިއްރުތަކެއް ކިޔައިދޭ ކަހަލަ ގޮތަކަށެވެ. ނަމަވެސް ރޭގަނޑު ދިޔަވަރު ބޮޑުވަމުން ދިޔަވަރަކަށް، އެ މަޑު ސިއްރުތައް ގަދަ ރުއިމަކަށް ބަދަލުވިއެވެ. ބޯ، ކަޅު ވިލާތަކުން ހަނދު މުޅިން ފޮރުވާލައި، މުޅި ރަށް ނޭވާ ހާސްވާފަދަ އަނދިރިކަމެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެ އަނދިރިކަން ފޫއަޅުވާލަނީ އުޑުމަތިން ދަތުރުކުރާ ވިދުވަރުގެ ގަދަ އަލިންނެވެ. އިރުއިރުކޮޅާ އިވޭ ގުގުރުމުގެ އަޑާއެކު ކަނޑުވެސް ގުގުމައިގެންދާއިރު، ގޭގޭގެ ކުޑަދޮރުތައް ތެޅިގަނެއެވެ. އަދި ބާރު ވަޔާއެކު ރުއްތައްވެސް ވަނީ ގުދުވެފައެވެ.

ރަށުގެ ވަށައިގެންވާ ކަނޑުގެ އަމާންކަން ވަނީ ގެއްލިފައެވެ. ރާޅުތައް އައިސް ގޮނޑުދޮށަށް ޖަހަމުން ދިޔައީ، މުޅި ތަބީއަތަށް ލިބިފައިވާ ފުން ހިތާމައެއް ބޭރުކޮށްލަން އުޅޭ ފަދަ ރުޅިވެރިކަމަކާ އެކުގައެވެ.

އާދައިގެ ދިރިއުޅުމެއް އުޅޭ އާއިލާއެއްގެ ގޭގެ ނިދާކޮޓަރީގައި ހުރި ކުޑަ ބޮކީގެ ފަނޑު އަލީގެ ތެރޭގައި، އާޝިޔާ އިނީ ހޭލައެވެ. އޭނާގެ ވަރުބަލިވެފައިވާ ދެލޯ ހުއްޓިފައިވަނީ ކޮނޑުގައި ބޯއަޅާލައިގެން އޮތް ތުއްތު މޫނަށެވެ. އޭނާގެ ދަރިފުޅު ސިދުރާއަށް ތިން މަސް ފުރުނީ މިއަދެވެ.

އާދައިގެ މަތިން އެ ތުއްތު އަންހެން ކުއްޖާއަކީ ވަރަށް މަޑުމައިތިރި، މަންމަގެ އަޑު އިވުމުން ހިނިތުންވެލާ ކުއްޖެކެވެ. ނަމަވެސް މިރޭ އެކަން ތަފާތެވެ. މިއަދު ހެނދުނު ސިއްޙީ މަރުކަޒުން ދިން ޤަވާއިދުން ޖަހާ ވެކްސިންގެ ސަބަބުން، ހަވީރުން ފެށިގެން އޭނާގެ ހަށިގަނޑުގައި މަޑު ހުމެއް ހުއްޓެވެ. މާ ގިނައިރު ނުނިދި، ދޭތެރެއަކުން ރޮއިގަނެފައި އަނެއްކާވެސް މަންމަގެ އަތުތެރެއަށް ބޮނޑިވެލައެވެ.

އާޝިޔާ މަޑުމަޑުން އޭނާގެ ދަރިފުޅުގެ ނިތްކުރީގައި އަތްލިއެވެ. އަދިވެސް ހޫނެވެ. އޭނާ މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“މަންމަގެ ރަންކޮޅާ..” ސިދުރާގެ ނިތްކުރީގައި ބޮސްދެމުން އާޝިޔާ ސިއްރުސިއްރުން ބުންޏެވެ. “ދެން ކުޑަ ވަގުތުކޮޅެއް. މާދަމާ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވެ، އަނެއްކާވެސް ހިނިތުންވެލާނެ.”

އެ ތުއްތު ދަރިފުޅު ނިދީގައި ތެޅިލުމަށްފަހު، އާޝިޔާގެ އިނގިލީގައި ވަރަށް ބާރަށް ހިފާލިއެވެ. އަދި މަޑު ގިސްލުމެއްގެ އަޑު އިވުނެވެ. ފާއިތުވި ދެތިން ގަޑިއިރު އާޝިޔާ ހޭދަކުރީ ދަރިފުޅު ނިންދެވުމަށާއި، މަޑުމަޑުން ނާނާ ކިޔައިދީ، އަދި ދަރިފުޅަށް ލުޔެއް ދެއްވުން އެދި ޤުރުއާނުގެ އާޔަތްތައް ކިޔަވައި ދުޢާކުރުމުގައެވެ. އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އެންމެ ހިނދުކޮޅަކަށްވެސް މެއެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ސޯޅަވަނަ ބައި

އޭނާގެ ނަޒަރު ކޮޓަރީގެ ސައިޑް ޓޭބަލްމަތީގައި އޮތް ފޯނަށް ހުއްޓުނެވެ. ފޯނު އޮތީ ހިމޭނުންނެވެ. އޭނާގެ ފިރިމީހާ ހަމްދާން ދަތުރުކުރާއިރު ދުވަހަކުވެސް ގުޅަން ހަނދާން ނައްތައެއް ނުލާނެއެވެ. މީހުން ރެކްރޫޓްކޮށްދިނުމާއި ކޮންސަލްޓިންގެ މަސައްކަތް ކުރާތީ، އޭނާގެ ގިނަ ވަގުތު ހޭދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރުމުގައެވެ. ބައެއް ހަފުތާތަކުގައި ކޮންމެ ރެއަކު ގެއަށް އާދެވެއެވެ. އަނެއްބައި ހަފުތާތަކުގައި ދެތިން ރޭ ބޭރުގައި ހޭދަކުރުމަށްފަހު، އަނބިމީހާއާއި ދަރިފުޅަށް ހަދިޔާއާއި ލޯތްބާއެކު އެނބުރި އާދެއެވެ.

ކިތަންމެ ބިޒީވި ނަމަވެސް، އޭނާ ދުވަހަކުވެސް ދޫކޮށްނުލާ އާދައެއް އޮވެއެވެ. ނިދުމުގެ ކުރިން އަބަދުވެސް ގުޅާނެއެވެ. އަބަދުވެސްމެއެވެ. އެންމެ ދެ މިނެޓަށް ވިޔަސް، ނުވަތަ ވަރުބަލިވެފައި ހުއްޓަސް، ނޫނީ ހަމައެކަނި ސިދުރާގެ ނޭވާގެ އަޑު އަހާލަން ބޭނުންވިޔަސް އޭނާ ގުޅާނެއެވެ.

މިރޭ މަޣްރިބު ނަމާދުން ފޭބިތަނާހެން އޭނާ ކުރު މެސެޖެއް ފޮނުވިއެވެ. “ސަލާމަތުން އާދެވިއްޖެ. މާދަމާ ވަރަށް ބުރަވާނެ. ބައްޕަގެ ފަރާތުން ކުޑަ ޕްރިންސަސްއަށް ބޮސްދީބަލަ. ވަރަށް އަވަހަށް ގެއަށް ދާނަން. ތިޔަ ދެމީހުން ދެކެ ވަރަށް ލޯބިވޭ.”

އެ މެސެޖު ކިޔާލުމުން އާޝިޔާގެ މޫނުމައްޗަށް ހިނިތުންވުމެއް އައެވެ. އޭނާ ވަގުތުން ޖަވާބު ފޮނުވިއެވެ. “އަހަރެމެން މިތިބީ އިންތިޒާރުގައި. ފަރުވާތެރިކަމާއެކު ދުއްވާތި. ސިދުރާ މިހާރުވެސް ބައްޕަ މަތިން ހަނދާން އެބަކުރޭ.” ހަމްދާން އެ މެސެޖަށް ރަތް ހިތެއް ފޮނުވިއެވެ. އެއަށްފަހު އިތުރު ޚަބަރެއް ނުވެއެވެ. އެ ހަނދާންތަކުން އާޝިޔާގެ ތުންފަތަށް ވެރިވި ހިނިތުންވުމަކީ، ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ އެތައް ފަހަރަކު ސިކުނޑީގައި ކުޅޭނެ މަންޒަރެއްކަން އޭނާއަކަށް ނޭނގެއެވެ.

ބޭރުން އިވުނު ގަދަ ގުގުރުމުގެ އަޑާއެކު މުޅި ގެ ގުޑައިގެން ދިޔައެވެ. ސިދުރާއަށް ސިއްސައިގެން ގޮސް ހޭލެވި، އަނެއްކާވެސް ރޮއިގަތެވެ.

“ކަމެއް ނުވެޔޭ.. އެއީ ހަމައެކަނި ވާރޭގެ އަޑޭ.” އާޝިޔާ ދަރިފުޅު ކޮނޑުމަތީގައި ބާއްވާލިއެވެ.

މިވެސް ކިޔާލަން:  އެ ވަރިތޮޅި - ނަހާސްކީރާއްޖެ

ފާރުގައި ހުރި ގަޑިން ތިނެއް ޖަހަނީއެވެ. އިވެނީ ހަމައެކަނި ވާރޭގެ އަޑާއި، ކޮންމެވެސް ހިސާބަކުން ބުޅަލެއް ގޮވާ އަޑެވެ.

ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. އެ ކުއްލި އަޑުން އާޝިޔާގެ އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. ހިތް ބާރަށް ތެޅިގަތެވެ. ދަންވަރު މިގަޑީގައި އެއްވެސް މީހަކު ނުގުޅާނެއެވެ. ހަމްދާން ފިޔަވައެވެ. ވަރުބަލިވެފައި ހުރި ނަމަވެސް، އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް އައެވެ.

“އެންމެ ފަހުން ގުޅައިފި.” އޭނާ މަޑުމަޑުން ބުންޏެވެ.

އެއް އަތުން ސިދުރާ ހިފަހައްޓަމުން، ފޯނުގެ ސްކްރީނަށް ބެލުމެއް ނެތި ފޯނު ނެގިއެވެ.

“އައްސަލާމް އަލައިކުމް.”

ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު، ބީރައްޓެހި އަންހެން އަޑަކުން ޖަވާބު ދިނެވެ.

“ވަޢަލައިކުމުއްސަލާމް. ތިއީ އާޝިޔާ ހަމްދާންތޯ؟”

އެ ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ.

“އާދެ.”

“އަޅުގަނޑަކީ އޮފިސަރު މަރިޔަމް. މި ގުޅަނީ ވިލިނގިލީ ހޮސްޕިޓަލުން.”

އާޝިޔާ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ވިންދު އަވަސްވާން ފެށިއެވެ. އޭނާއަށް އަމިއްލަ އިޚްތިޔާރަކާ ނުލައި ސިދުރާ ގަޔާ ބޮނޑިކޮށްލެވުނެވެ.

“އާޝިޔާ، މިހާރުން މިހާރަށް ހޮސްޕިޓަލަށް އައިސްދީފާނަންތޯ؟”

އެ ޖުމްލަ އިވުނީ ވަރަށް ދުރުން އިވުނު އަޑެއް ފަދައިންނެވެ.

“ކީއްވެ؟”

އަނެއްކާވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ދިޔައެވެ. އެއީ ބިރުވެރިކަން ހިތުގެ ތެރެއަށް ވަދެގަތުމަށް ފުދޭވަރުގެ ވަގުތެކެވެ.

“މިއީ އާޝިޔާގެ ފިރިމީހާ ހަމްދާނާ ގުޅޭ ކަމަކު.”

ކުއްލިއަކަށް ހުރިހާ އަޑެއް ކެނޑުނު ކަހަލައެވެ. ވާރޭގެ އަޑެއް، ގުގުރުމުގެ އަޑެއް، އަދި ސިދުރާ ރޮއިގަތް އަޑެއްވެސް ނީވުނެވެ. ވަށައިގެންވީ ހިމޭންކަމެވެ.

“އޭނާއަށް ކިހިނެއްވީ؟” ވަރަށް މަޑުމަޑުން އޭނާ އެހިއެވެ.

“މައާފްކުރައްވާ، ފޯނުން ތަފްސީލު ދެވޭކަށް ނެތް.”

“އާދޭސްކޮށްފައި ބުނަން. ބުނެބަލަ..”

“ތިޔަ ބޭފުޅާ މިހާރުން މިހާރަށް ވަޑައިގަންނަވަން ޖެހޭ.”

“އޭނާއަށް އަނިޔާއެއް ވީތަ؟”

އެ އަންހެން މީހާ އިރުކޮޅަކު މަޑުކޮށްލިއެވެ. “މިހާރުން މިހާރަށް ވަޑައިގަތުމަށް އެދެން.”

އާޝިޔާއަށް އިތުރު ސުވާލެއް ކުރެވުމުގެ ކުރިން ފޯނު ކެނޑިއްޖެއެވެ. އޭނާ ހުރި ފިޔަވަޅުމަތީގައި ގުޑިލަންވެސް ނޭނގިފައި ހުއްޓެވެ. ތުރުތުރުލަމުންދިޔަ އަތުން ފޯނު ދޫވެ، އެނދުމައްޗަށް ވެއްޓުނެވެ.

ނޫނެކެވެ. މިއީ ކޮންމެވެސް އޮޅުމަކަށް ވާނެއެވެ. ހަމްދާން މެސެޖުކުރީ އެންމެ ފަހަކަށް ދެތިން ގަޑިއިރު ކުރިންނެވެ. އޭނާ ހުރީ ރަނގަޅަށެވެ. އޭނާ ގެއަށް އަންނާނެ ކަމަށް ވަޢުދުވިއެވެ. އޭނާއަކީ ދުވަހަކުވެސް ވަޢުދާ ޚިލާފުވާ މީހެއް ނޫނެވެ. އާޝިޔާ ގަދަކަމުން ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. މިއީ ބިރުގަނެ ހާސްވާންވީ ވަގުތެއް ނޫނެވެ. ފަހަރެއްގައި ކުޑަ އެކްސިޑެންޓެއްވީ ކަމަށް ވެދާނެއެވެ. ނޫނީ މާ ބޮޑަށް ވަރުބަލިވެގެން އަނބުރައިގަތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ..

މިވެސް ކިޔާލަން:  އަލިމަގު

ނޫނެކެވެ. އެއަށްވުރެ ގޯސް އެއްވެސް ކަމެއް ހިތަށް އަރުވަން އޭނާ ބޭނުމެއް ނޫނެވެ. އޭނާ އަވަސްއަވަހަށް ސިދުރާގެ ގައިގައި އިތުރު ރަޖާގަނޑެއް އޮޅާލުމަށްފަހު، އަބަދުވެސް ތައްޔާރުކޮށްފައި ހުންނަ ދަބަސް ނެގިއެވެ. އިތުރު ހެދުމާއި، ނެޕީއާއި، ކާނާއާއި، ބޭހެވެ. ތަޖުރިބާކާރު މައިންގެ ނަސޭހަތާއެކު އޭނާ އަބަދުވެސް ހުންނަނީ ތައްޔާރަށެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަޅު އަބާޔާއެއް ލައި، ވާރޭ ކޯޓު ބޭނުންކޮށްގެން ބޭރަށް ނުކުތެވެ.

މޫނުގައި ވާރޭގެ ތިކިތައް ޖެހެމުންދިޔައީ ގަނޑުފެން ކަށިތަކެއްހެނެވެ. މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ ސިދުރާ މެޔާލައި ބޮނޑިކޮށްލައިގެން ބަނދަރާ ދިމާލަށް އަވަސް ފިޔަވަޅުގައި ހިނގައިގަތެވެ. ހިތާހިތުން ދުޢާކުރަމުންނެވެ.

“ޙަސްބުނަﷲ ވަނިޢުމަލް ވަކީލް!”

“ޔާ ﷲ! އަޅުގެ ފިރިމީހާ ރައްކާތެރިކޮށްދެއްވާފާނދޭ! އޭނާގެ ގާތަށް ދެވެންދެން ފުރުސަތު ދެއްވާފާނދޭ!”

ކޮންމެ ދުޢާއަކާއެކު ހިތަށް ބަރުވަމުން ދިޔައެވެ. ހިތުގެ ފުންމިނުގައި ބަޔާންކުރަން ނޭނގޭ ބިރުވެރިކަމެއް އުފެދެން ފަށައިފިއެވެ. އިރު އެރުމުގެ ކުރިން އޭނާގެ ދިރިއުޅުން ދެބައިވެގެންދާނެ ކަމެއް އޭނާއަކަށް ނޭނގެއެވެ. އެންމެ ފޯނު ކޯލަކުން އޭނާގެ މުޅި ދުނިޔެ ބަދަލުވެގެންދާނެ ކަމެއްވެސްމެއެވެ.

**********

ބަނދަރުމަތި އޮތީ ފަޅުކޮށެވެ. މަޑު ރީނދޫ ބޮކިތަކުގެ ދަށުގައި ތިބީ މަދު ބަޔެކެވެ. އާޝިޔާ ސިދުރާ ގަޔާލައި ބާރުކޮށްލީ ކަނޑުން ޖެހޭ ފިނި ރޯޅިތަކުން ދަރިފުޅު ސަލާމަތްކުރުމަށެވެ. ދަރިފުޅުގެ ހުން އަދިވެސް މަޑެއް ނުވެއެވެ.

ފެރީގެ ބަަންދަރުގެ އަޑު ރޭގަނޑުގެ ހިމޭންކަން ފޫއަޅުވާލިއެވެ. ފެރީއަށް އެރި ވަގުތު ފަޅުވެރިއަކު އޭނާއަށް އެހީތެރިވިއެވެ. “ސަމާލުވޭ، މިރޭ ކަނޑު ވަރަށް ގަދަ.” އޭނާ އޯގާތެރިކަމާއެކު ބުންޏެވެ. އާޝިޔާ ޝުކުރު އަދާކުރި ނަމަވެސް އޭނާގެ އަމިއްލަ އަޑުވެސް އޭނާއަށް އިވޭހެނެއް ހިއެއް ނުވެއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top