ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ސިއްރު – ޗެޕްޓަރ 4
މުނިއަވަސް ގްރެފިކްސް

އިންސްޕެކްޓަރ މަޑުމަޑުން ކުރިއަށް ގެންދިޔައެވެ. “މިއީ ތިޔަބޭފުޅާގެ ފިރިމީހާގެ ތަކެތީގެ ތެރެއިން ފެނުނު ތަކެތި.” އޭނާ ކުޑަކޮށް ޖެހިލުންވެ ހުރެ އިތުރުކޮށްލިއެވެ. “ފޮރެންސިކް ތަހުޤީޤުތައް ނިމުމުން މި ތަކެތި އާއިލާއާ ހަވާލުކުރެވޭނެ.”

އާޝިޔާ ބޯޖަހާލިއެވެ. އޭނާއަށް އެ ބުނި އެއްޗެއް ރަނގަޅަށް އަޑުނީވޭ ކަހަލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ރެނދުލާފައިވާ ފޯނަށެވެ. އޭގެ ސްކްރީން ވަނީ ފުނޑުފުނޑުވެފައެވެ. އަދި އަރިމަތީގައި ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އެ ފޯނުގެ ތެރޭގައި އެމީހުން ބަދަލުކުރި އެންމެ ފަހުގެ މެސެޖުތައް ހުންނާނެއެވެ. ސިދުރާގެ އެންމެ ފަހުގެ ފޮޓޯތައް ހުންނާނެއެވެ. މިހާރު ނެތް ދިރިއުޅުމެއްގެ އެންމެ ފަހުގެ ހަނދާންތަކެވެ.

ދެން ކުއްލިއަކަށް އޭނާގެ ހިތަށް އެހެން ފިކުރެއް ވަނެވެ. އޭނާ އިންސްޕެކްޓަރަށް ބަލާލިއެވެ. “އޭނާ..” އޭނާގެ އަޑު ތުރުތުރުލައެވެ. “އޭނާއަށް ވަރަށް ތަދުވިތަ؟”

އިންސްޕެކްޓަރ ތެދުވެރިކަމާއެކު ޖަވާބުދިނެވެ. “ޑޮކްޓަރުން ޤަބޫލުކުރާ ގޮތުގައި އަލިފާން ފެތުރުމުގެ ކުރިން އޭނާ ހުރީ ހޭނެތިފައި. އެހެންކަމުން އެންމެ ފަހު ވަގުތު އޭނާއަކަށް އެކަމެއް އިޙުސާސެއް ނުވާނެ.” އެ ބަސްތަކުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެކަމަކު އެއީ ފުދޭ މިންވަރެއް ނޫނެވެ.

އަނެއްކާވެސް އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު، އިންސްޕެކްޓަރ އޭނާގެ އަތުގައި އޮތް ފައިލް ލައްޕާލިއެވެ. “އިތުރު ކަމެއް އެބައޮތް.” އޭނާގެ ރާގު ބަދަލުވިއެވެ. އިތުރަށް ސަމާލުވެ، ޔަގީންކަން ކުޑަ ރާގަކަށެވެ. އާޝިޔާގެ ބޭބެއަށް އެކަން ވަގުތުން ފާހަގަކުރެވުނެވެ.

“ކޮން ކަމެއް؟”

އިންސްޕެކްޓަރ ސީދާ އާޝިޔާއަށް ބަލާލިއެވެ.

“އާޝިޔާ.. އިއްޔެ ތިޔަބޭފުޅާގެ ފިރިމީހާގެ ހަރަކާތްތަކާ ގުޅޭގޮތުން އާދައިގެ ބައެއް ސުވާލުތައް ކުރަން އެބަޖެހޭ.”

އާޝިޔާ ނުރުހުމުގެ ކުލަވަރަކާއެކު ބުންޏެވެ. “އޭނާ ދިޔައީ މަސައްކަތަކު ވިލިނގިއްޔަށް.”

“އޭނާ އެހެންތަ ބުނީ؟”

“އާނ.”

“ކޮން ކްލަޔަންޓަކާ ބައްދަލުކުރަން ކަމެއް ބުނިތަ؟”

އޭނާ ފުންކޮށް ވިސްނާލިއެވެ. “ނޫން. އެކި ބައްދަލުވުންތައް ހުރި ކަމަށް ބުނީ.” އިންސްޕެކްޓަރ އެ ނޯޓްކޮށްލިއެވެ.

“ރޭގަނޑު މަޑުކުރާ ވާހަކަ ބުނިތަ؟”

“ނޫން. ބުނީ މާދަމާ އަންނާނަމޭ.”

އަނެއްކާވެސް ނޯޓެއް ކުރިއެވެ. ދެން ކުރި ސުވާލުން އާޝިޔާ މުޅިން ހައިރާންވިއެވެ.

“ތިޔަބޭފުޅާއަށް އެނގޭތަ؟” އޭނާ ފައިލަށް ބަލާލިއެވެ. “ޒޯޔާ ވެސް އެ ތަނުގައި ހުންނާނެކަން؟”

މިވެސް ކިޔާލަން:  އިވްރިޝާ – އެޕިސޯޑް 11

އާޝިޔާ އޭނާއަށް ބަލަހައްޓައިގެން އިނެވެ. “ކީކޭ؟ އަހަރެންގެ އެކުވެރިޔާ ޒޯޔާތަ؟”

“އާނ.”

އޭނާ ވަގުތުން ބޯ ހޫރާލިއެވެ. “ނޫން. އަހަރެން ހީކުރީ އޭނާ އުޅެނީ މިކޮޅުގައި މަސައްކަތުގައި ކަމަށް.”

އިންސްޕެކްޓަރު މަޑުމަޑުން ފައިލް ލައްޕާލިއެވެ.

“އަދިވެސް އަޅުގަނޑުމެން ދަނީ އެންމެންގެ ހަރަކާތްތައް ކަށަވަރުކުރަމުން.”

ޒޯޔާއާ ބެހޭގޮތުން ސުވާލުކުރަނީ ކީއްވެގެންތޯ އާޝިޔާ އެހުމުގެ ކުރިން، އެހެން އޮފިސަރަކު ދޮރުމައްޗަށް އައެވެ. އޭނާ އިންސްޕެކްޓަރު އިސްމާއިލްގެ ކަންފަތްދޮށުގައި ސިއްރުން އެއްޗެކޭ ބުންޏެވެ. އިންސްޕެކްޓަރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، އަނދިރިވިއެވެ. އޭނާ އެ އޮފިސަރަށް ޝުކުރު އަދާކުރުމަށްފަހު އަނެއްކާވެސް އާޝިޔާއާ ދިމާލަށް އެނބުރުނެވެ.

“މިއަދު ދެން އިތުރަށް މަޑުކުރުވާކަށް ނެތިން.” އޭނާ ކުޑަކޮށް މަޑުޖެހިލިއެވެ. “އެކަމަކު ތަހުޤީޤު ކުރިއަށްދާ ވަރަކުން އިތުރު ސުވާލުތަކެއް ކުރަންޖެހިދާނެ.”

އެމީހުން ދިޔުމަށްފަހު، އާޝިޔާ އިނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. އެ ދެކެވުނު ވާހަކަތަކުން އޭނާގެ ހިތް ނުތަނަވަސްވިއެވެ. ފުލުހުންނަށް ހަމްދާން ހުރި ތަން އެނގެއެވެ. އެހެންވީއިރު އޭނާއާ އެ ސުވާލުތައް އެކުރީ ކީއްވެ ހެއްޔެވެ؟ އެމީހުން އޭނާއަށް ސިއްރުކުރަނީ ކޮންކަމެއް ހެއްޔެވެ؟

**********

މެންދުރު ފަސްވިފަހުން، އިސްލާމީ އުސޫލުން ކަށުކަމާކެމީގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ހަމްދާންގެ ހަށިގަނޑު ގެއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހުނެވެ. ހޮސްޕިޓަލުގެ ކޮރިޑޯތައް އޮތީ ތިމާގެ މީހުންނާއި ގާތް މީހުންތަކުން ފުރިފައެވެ. އަވަށްޓެރިން ކާބޯތަކެތި ހިފައިގެން އަންނަމުންދިޔައެވެ. އެކުވެރިން ކަރުނައާއެކު އެކަކު އަނެކަކު ގައިގައި ބައްދަމުން ދިޔައެވެ. ނަމަވެސް އެހާ ގިނަ ބައެއްގެ މެދުގައި ހުރިއިރުވެސް، އާޝިޔާއަށް އިޙުސާސުވަމުންދިޔައީ އޭނާ މުޅިން އެކަނިވެފައިވާ ކަމެވެ.

ކޮންމެ ދިމާލަކުންވެސް އޭނާއަށް ހަނދާންކޮށްދެނީ ހަމްދާންގެ މަތިންނެވެ. އޭނާގެ ކައިރީގައި ހުރި ހުސް ގޮނޑިއެވެ. މީހަކު އެތަނުގައި ބެހެއްޓި ގޮތަށް ނުބޮއި ހުރި ސައިތަށްޓެވެ. އޭނާގެ ހުނުމުގެ އަޑު އިވެންޖެހޭ ތަނަށް ވެރިވެފައިވާ ހިމޭންކަމެވެ. ސިދުރާވެސް އުޅެނީ އާދަޔާ ޚިލާފަށް ނުތަނަވަސްވެގެންނެވެ. އެހެން މީހަކު އުރާލާއިރަށް އޭނާ ހުއްޓާނުލާ ރޮނީއެވެ. ހަމަޖެހެނީ ހަމައެކަނި އޭނާގެ މަންމަގެ އަތްމައްޗަށް ދިއުމުންނެވެ. އެ ކުޑަކުޑަ ތުއްތު ކުއްޖާއަށްވެސް، ބުނެދޭން ނޭނގޭ އުނިކަމެއް އިޙުސާސްވަނީ ކަހަލައެވެ.

މިވެސް ކިޔާލަން:  ރިހިރަންފުށި - ޗެޕްޓަރ 23

އެރޭ ގެއަށް ދިޔުމުން، މުޅި ގެ އޮތީ ބިރުވެރި މިންވަރަކަށް ހުސްވެފައެވެ. ދޮރުމަތީގައި ހަމްދާންގެ ފައިވާން އަދިވެސް ހުރީ ރީތިކޮށް ބަހައްޓާފައެވެ. އޭނާގެ އެންމެ ގަޔާވާ ތޮފި ހުރީ ފާރުގައި ހަރުކޮށްފައިވާ އަޅުވާފައެވެ. ދަތުރު ދިޔުމުގެ ކުރިން އޭނާ ކިޔަން އިން ވިޔަފާރި މަޖައްލާ، އޮތީ އޭނާ ބޭއްވި ގޮތަށް ކޮފީ މޭޒުމަތީގައެވެ. އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. އެކަމަކު ހުރިހާ ކަމެއް ވަނީ ބަދަލުވެފައެވެ.
ކޮޓަރިތަކަށް ޒިޔާރަތްކުރާ މީހުން އިތުރުވަމުންދިޔައެވެ. އެމީހުން ހިތާމައިގައި ބައިވެރިވެ، މަޑުމަޑުން ޤުރުއާން ކިޔަވަމުންދިޔައެވެ. އާޝިޔާއަށް އެމީހުން ދައްކާ ވާހަކައެއް ރަނގަޅަކަށް އަޑެއް ނީވެއެވެ. އޭނާ ހަމައެކަނި ޝުކުރު އަދާކޮށްލަނީއެވެ. އިޙްތިރާމާއެކު ބޯޖަހާލަނީއެވެ. އަދި ހުސް ތަނަކަށް ބަލަހައްޓައިގެން އިނީއެވެ.

އިޝާ ނަމާދަށްފަހު، ގޭތެރެ ކުޑަކޮށް ހިމޭންވުމުން އޭނާ ކަމެއް ހަނދާންވިއެވެ. ނަޖުމީއެވެ. ހަމްދާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ޒޯޔާގެ ފިރިމީހާއެވެ. ހަމްދާނާއި ޒޯޔާ ވިލިނގިއްޔަށް ދިޔަ ސަބަބު އެނގޭނެ އެކަކު ހުރިނަމަ، އެއީ އޭނާއެވެ.

ތުރުތުރުލާ އަތަކުން އޭނާ ފޯނު ނެގިއެވެ. ފޯނުގެ “ރީސެންޓް ކޮންޓެކްޓްސް” ގެ އެންމެ މަތީގައި އޭނާގެ ނަން އޮތެވެ. އާޝިޔާ ކުޑަކޮށް ޖެހިލުންވިއެވެ. އެކަމަކު ގުޅާލިއެވެ. ފޯނު ރިންގުވީ އެންމެ ފަހަރަކުއެވެ.

“ހަލޯ..” އޭނާގެ އަޑުން ވަރުބަލިކަން ފާހަގަވެއެވެ. އަޑު ވަނީ ބަނދެވިފައެވެ. ހީވަނީ އެންމެ ރެއެއްގެ ތެރޭގައި އޭނާ އެތައް އަހަރެއް މުސްކުޅިވިހެންނެވެ.

“ނަޖުމީ..”

އެތައް ސިކުންތެއް ވަންދެން ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެންމެފަހުން އޭނާ މަޑުމަޑުން ބުންޏެވެ. “އަހަރެން ވަރަށް ދެރަވެއްޖެ، އާޝިޔާ.”

އާޝިޔާ ލޯ މަރާލިއެވެ. “އަހަރެންވެސް.”

އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. ބަަހުން ބަޔާންކުރަން ދަތި ހިތާމައަކުން ފުރިފައިވާ ހިމޭންކަމެކެވެ. ދެން، އޭނާގެ ހިތްވަރު އެއްކޮށްލުމަށްފަހު، ހޮސްޕިޓަލުން ހޭލީއްސުރެ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ކުރިއެވެ.

“ކީއްވެ؟” އޭނާގެ އަޑު ކެނޑިގެން ދިޔައެވެ. “އެމީހުން އެތަނުގައި އެކުގައި ތިބީ؟”

ފޯނުގެ އަނެއްކޮޅުން، ނަޖުމީގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. އޭނާ އަލުން ވާހަކަދެއްކިއިރު، އެ އަޑު އިވެނީ ހަމައެކަނި ސިއްރު ބަހެއްގެ ގޮތުގައެވެ. “އަހަރެންވެސް އަމިއްލަ ނަފްސާ ކުރަމުންދަނީ ހަމަ ތި ސުވާލު.”

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 4

ފޯނުގެ އަނެއްކޮޅުން އިވެމުންދިޔަ ހިމޭންކަން މާބޮޑަށް ދެމިގެން ދިއުމުން، ކޯލް ކެނޑުނީބާވައޭ އާޝިޔާގެ ހިތަށް އެރިއެވެ. އޭނާ ފޯނަށް ބަލައިލިއެވެ. ކޯލް އަދިވެސް އޮތީ ގުޅިފައެވެ. އެ ދެމެދުގައިވާ ހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ ހަމައެކަނި ނަޖުމީގެ ނޭވާލުމުގެ އަޑެވެ.

“ނަޖުމީ.” އޭނާ އަނެއްކާވެސް މަޑުމަޑުން ގޮވައިލިއެވެ.

“އަހަންނަކަށް ނުވިސްނޭ.”

“އަހަންނަށްވެސްމެ.”

ނަޖުމީގެ އަޑު ހުރީ ކުރެހިފައެވެ. އެއީ މުޅި ދުވަހު ރޮއިރޮއިފައި، އޮހޭނެ ކަރުނައެއް ނެތް މީހެއްގެ އަޑު ކަހަލައެވެ.

“ފުލުހުން އަހަރެންގެ ގެއަށް އައި ހިސާބުން ފެށިގެން، އަހަރެންގެ އަމިއްލަ ނަފްސާވެސް ކުރެވެނީ ހަމަ އެ ސުވާލު.”

އާޝިޔާ މަޑުމަޑުން އޭނާގެ ނިދާކޮޓަރީގެ އެނދުކައިރީގައި އިށީނދެލިއެވެ. ގޭގެ ބޭރުގައި، ތައުޒިޔާ ކިޔުމަށް އައިސްތިބި ތިމާގެ މީހުންނާއި ރައްޓެހިން ފުރިފައި ތިއްބެވެ. ގޯތިތެރެއިންނާއި ހޯލުން އިވެމުންދިޔައީ މަޑުމަޑުން ޤުރުއާން ކިޔަވާ އަޑެވެ. އިރުއިރުކޮޅާ ގިސްލުމުގެ އަޑުވެސް އިވެއެވެ. ގަޑިއިރުތަކެއް ވަންދެން ރުއިމަށްފަހު ވަރުބަލިވެގެން ސިދުރާ އޮތީ އާޝިޔާގެ ކައިރީގައި ނިދާފައެވެ. އާޝިޔާ އޭނާގެ ދަރިފުޅުގެ ކުޑަކުޑަ މޭމަތީގައި އަތް ބާއްވާލީ، އެކުއްޖާ އަމާންކަމާއެކު ނޭވާލާކަން ޔަގީންކުރުމަށެވެ.

“ފުލުހުން ކީކޭ ބުނީ؟” އެންމެ ފަހުން އޭނާ އެހިއެވެ.

ނަޖުމީ ފުން ނޭވައެއް ދޫކޮށްލިއެވެ. “އެމީހުން މާގިނަ ވާހަކައެއް ނުބުނޭ.”

“ދެ ގަޑިއިރެއްހާއިރު އަހަންނާ ސުވާލުކުރި.”

“ޒޯޔާއާ ބެހޭގޮތުން.”

“ހަމްދާނާ ބެހޭގޮތުން.”

“އެމީހުން އެކުގައި ދަތުރުކުރާކަން އަހަންނަށް އެނގޭތޯ.” އާޝިޔާގެ ހިތް ހުއްޓުނު ކަހަލައެވެ.

“އެކުގައި ދަތުރުކުރިއްޔޭ؟”

“ނޫން.”

“ޒޯޔާ އަހަރެން ގާތު ބުނި ގޮތަށް އަހަރެން ކިޔައިދިނިން.”

“އެއީ ކޮން ވާހަކައެއް؟”

“އޭނާ ބުނީ ހޮސްޕިޓަލުން އިންތިޒާމުކުރި ތަމްރީނު ޕްރޮގްރާމަކަށް އެހެން ރަށަކަށް ދަނީ ކަމަށް. ދެ ދުވަހަށް ކަމަށް.”

އާޝިޔާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. “އަހަރެން ގާތުވެސް އޭނާ ބުނީ ތިޔަކަހަލަ ވާހަކައެއް.”

ނަޖުމީ ހިތްދަތި ގޮތަކަށް ހީނލިއެވެ. “އަހަރެން އަމިއްލައަށް އޭނާގެ ފޮށި ޕެކްކޮށްދިނީ. ލޯންޗަށް ލައިދޭންވެސް ދިޔައީ އަހަރެން. ވަކިވިއިރު ލޯބިން ބޮސްދިނިން.” އޭނާގެ އަޑު ބެދޭގޮތްވިއެވެ. “އަމިއްލަ ނަފްސަށް ބަލައިގެން އުޅުމަށް ބުނިން.”

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top