ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިލަންދޫ ޗެމްޕިއަންކަން ހޯދައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ފ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ނިލަންދޫ ހޯދައިފި އެވެ. ނިލަންދޫގައި ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ ލީގު ބުރުގެ އެއްވަނަ ހޯދި ނިލަންދޫ އާއި ދެވަނަ ހޯދި ދަރަނބޫދޫ އެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެން ނެވެ.

ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެންނާނެކަމަށް ބެލެވުނު މި މެޗުގެ ކުރީކޮޅު، ދަރަނބޫދޫން، ވާދަވެރި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފަސްވަނަ މިނިޓްގައި އެ ޓީމު ކޮޅަށް ވަތް ލަނޑާއިއެކު މެޗުގެ އޮއިވަރު ބަދަލުވި އެވެ. ލީގު ބުރުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ނިލަންދޫން މެޗުގެ ކޮންޓްރޯލް ހޯދީ ފަސޭހަކަމާއިއެކު އެވެ. ހަވަނަ މިނިޓާއި ހަތްވަނަ މިނިޓްގައި ލަނޑު ޖަހައި ނިލަންދޫން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ދަރަނބޫދޫއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިލަންދޫން 5-0 އަށް ނަތީޖާ ބަދަލުކޮށްލި އެވެ.

ދެވަނަ ހާފުގައި ވެސް ނިލަންދޫގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. ދެވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ ނިލަންދޫން އެ ޓީމުގެ ހަވަނަ ލަނޑު ޖެހި އެވެ. ދަރަނބޫދޫން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ނިލަންދޫން ނުވަ ލަނޑު ޖެހި ފަހުން ނެވެ. އަދި އެ ލަނޑަށް މާ ގިނައިރެއް ނުވެ އެ ޓީމުން ދެވަނަ ލަނޑެއް ވެސް ޖެހި އެވެ. ރީތި ޕާސްތަކަކާއިއެކު އަވަސް ކުޅުމެއް ކުޅުނު ނިލަންދޫން، ދެވަނަ ހާފު ނިމުމުގެ ކުރިން އިތުރު ތިން ލަނޑު ޖެހި އެވެ.

މިވެސް ކިޔާލަން:  ޝާހް ރުކް ޚާނާއި އަބީޖީތު ބަޓާޗާރިޔާގެ ގުޅުން ގޯސްވި ސަބަބު ހާމަވެއްޖެ

މި މެޗުގައި ނިލަންދޫއަށް ލަނޑުތައް ޖަހައިދިނީ އުލާން ބަޓީރުބެކް 2 ލަނޑު، އަޙްމަދު ރިޒުވާން 3 ލަނޑު، މޫސާ ޖަމާލް 2 ލަނޑު، އަޙްމަދު ޢަލީ 1 ލަނޑު، އިޔާޒް އަޙްމަދު 1 ލަނޑު، އިސްމާއިލް އަތީދު 1 ލަނޑު، މުޙައްމަދު އިމްރާން 1 ލަނޑު އަދި އާދިލް ޢަލީ 1 ލަނޑެވެ. ދަރަނބޫދޫއަށް ލަނޑު ޖަހައިދިނީ އަލީ ނަސީރު އާއި އަތޫފް އާދަމް އެވެ.

ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

12-2 ގެ ތަފާތުބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ނިލަންދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ މޫސާ ޖަމާލް އެވެ. މުބާރާތުގެ އެހެނިހެން މަގާމުތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ނިލަންދޫ ޓީމުގެ މޫސާ ޖަމާލް އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކީ މަގޫދޫ ޓީމުގެ އިކްރާމް އަޙްމަދު އެވެ. ފެއާޕްލޭ ޓީމަކީ މަގޫދޫ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ނިލަންދޫ ޓީމުގެ ކޯޗު ފަރުހާދު އިސްމާއިލް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ޢަލީ ނަސީރު (ދަރަނބޫދޫ)، މޫސާ ޖަމާލް (ނިލަންދޫ)، އުލާން ބަޓީރުބެކް (ނިލަންދޫ)، މާހިލް މިގްދާދް (މަގޫދޫ) އަދި އިކްރާމް އަޙްމަދު (މަގޫދޫ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ނިލަންދޫ ޓީމުގެ މޫސާ ޖަމާލް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top