“އާނ. އޭނަ އުފަލުގައި ހުރުމަށްވުރެ އަހަރެމެންނަށް އެއްވެސް ކަމެއް މުހިންމެއް ނޫން. އެކަމަކު އޭނަ މީގެ ކުރިން މިހާ ބޮޑަށް އުފާވީ އަޔާންއާ ބައްދަލުވި ދުވަސްވަރު. މަދު ދުވަސްކޮޅެއްގެ ތެރޭގައި އަޔާން އޭނައާ ކައިވެނިކޮށް، އޭނަގެ މުޅި ދިރިއުޅުން ހިތާމައިގެ ތެރެއަށް ވައްޓާލީ. އަހަރެން ބޭނުމެއް ނޫން މި ހުރިހާ ކަމެއް އަލުން ތަކުރާރުވާކަށް. އަހަރެން އޭނަގެ ކޮންމެ ހަރަކާތެއް ވަރަށް ގާތުން އެބަ ބަލަން. ކޮންމެވެސް ކަމެއް ގޯސްކޮށް އެބަ ހިނގާ. އަހަރެންގެ ހިތް އޭނަގެ އުފަލުގައި ބައިވެރިނުވަނީ އެކަމުގެ ސަބަބުތަކެއް ހުރީމަ ނަސީރޫ.” އާފިޔާ ބުންޏެވެ.
ޒޯޔާ ނުބުންޏަސް ކޮންމެވެސް ކަމެއް ހިނގައިފިކަމަށް އޭނާގެ ހިތް އެބަ ބުނެއެވެ. މިކަން ވާގޮތެއް ވާނީ ބަލާށެވެ. އޭނާ ދެން ޒޯޔާ ގާތު އެކަމާ ބެހޭގޮތުން ސުވާލެއް ނުކުރާނެއެވެ. އޭނާގެ ހިތުގައި ރޭވުމެއް ރާވާލިއެވެ.
ޒޯޔާ ނިދަން ތައްޔާރުވެގެން ފައިސަލްއަށް ފޯނު ކުރިއެވެ. ފައިސަލް ހީވީ ޒޯޔާގެ ފޯނު ކޯލެއްގެ އިންތިޒާރުގައި އިންހެންނެވެ. ވަރަށް އަވަހަށް ފޯނު ނަގައިފިއެވެ.
“އާނ ޒޯޔާ. ކީކޭ؟” ފައިސަލް އަހާލިއެވެ.
“މިއަދު ފައިސަލްގެ ލަފަޔާއެކު އަހަރެން އެ ރަތް ޓީޝާޓުގެ އާޓް ގެލެރީއަށް ދިޔައިން.” ޒޯޔާގެ އަޑުން އޭނާ ހިތްހަމަޖެހިފައި ހުރިވަރު ހާމަވެއެވެ.
“ވަރަށް ރަނގަޅު. ކިހިނެއް ކަންތައް ދިޔައީ؟” ފައިސަލް އަހާލިއެވެ.
“ވަރަށް ރަނގަޅު. ވަރަށް ކުޑަކުޑަ ހަފުލާއެއް. އެކަމަކު އެނގޭތަ، އެތަނުން ވަރަށް ގާތްކަން އިޙުސާސްވި. އަސްލު ތެދަށް ބުނާނަމަ އެތަނަށް ދިޔައިމަ ވަރަށް ހިތްހަމަޖެހުނު. އޭނަގެ އާއިލާ ވަރަށް ހިތްހެޔޮ. އެނގޭތަ، އެ ރަތް ޓީޝާޓުގެ ފަހަރި ވާހަކަ ބުނީމެއްނު. އޭނައާ ބައްދަލުވީމަ ވަރަށް އުފާވޭ. ހީވަނީ އޭނަ ބުނާ ކޮންމެ އެއްޗަކީވެސް ވަރަށް އިޚުލާސްތެރިކަމާއެކު ބުނާ އެއްޗެއްހެން. އަދި ބުނަނީ މުޅިންވެސް ތެދުހެން.”
“އަދި ތެދު ނޫން އެއްވެސް އެއްޗެއް ނުބުނޭ. ހެހެ. އެއީ ވަރަށް ރަނގަޅު ކަމެއް ޒޯޔާ. ޒޯޔާ އުފާވެފައި ހުރީމަ އަހަރެންވެސް ވަރަށް އުފާވެއްޖެ.” ފައިސަލް ސަމާސާ ރާގަކަށް ބުނެލިއެވެ.
“ފައިސަލް. އަހަރެން އުފާވިޔަސް، އަސްލު ދެރަވެސްވޭ. އެއީ މިއަދު ބޭނުން ނުވިޔަސް މަންމަ ގާތު ދޮގު ހަދަން ޖެހުނީމަ. އަސްލު މިއަދު އަހަރެން އެތަނުގައި ހުއްޓާ މަންމަ ގުޅި. މަންމަ ގާތު ބުނާނީ ކިހިނެއް.. އެހެންވެ އަހަރެން ފޯނު ނުނަގަން. ކުރިން އަހަރެން އެ ރަތް ޓީޝާޓާ އެ އާއިލާދެކެ ފޫހިވޭނު. އެހެންވެ މަންމަވެސް އެމީހުންދެކެ އެހާ ފޫހިވޭ.”
“އަދި މިހާރު ޒޯޔާއަށް މަޑުމަޑުން އެމީހުން ކަމުދާން ފެށީ.” ފައިސަލް އިތުރުކޮށްލިއެވެ.
“ފައިސަލް. އެމީހުންގެ އާއިލާއަކީ ހަމަ އެހާ ހިތްހެޔޮ ބައެއް. ކުރިންވެސް އަހަރެން ފޫހިވީ އެ ރަތް ޓީޝާޓާ ހެދިއޭ. ފައިސަލްއަށްވެސް އެމީހުންނާ ބައްދަލުވެއްޖެއްޔާ އެމީހުން ކަމުދާނެ.” ޒޯޔާ ބުންޏެވެ.
“މަޑުކޮށްބަލަ ޒޯޔާ. އަހަންނަށް ހީވަނީ އަހަރެންގެ ފޯނަށް މައްސަލައެއް ދިމާވީހެން. ނޫނީ އަހަރެންގެ ކަންފަތުގައި ކަންނޭނގެ މައްސަލައެއް މި އުޅެނީ. ތިބުނީ ހަމަ ހަޤީޤަތުގައިވެސް އެ ރަތް ޓީޝާޓާއި އޭނަގެ އާއިލާ މިހާރު ޒޯޔާއަށް ކަމުދާން ފެށީއޭތަ؟” ފައިސަލް ސަމާސާކޮށްލިއެވެ.
“ފުރަތަމަ ފެނުމަކުން މީހަކީ ކޮންކަހަލަ މީހެއްކަމެއް ނޭނގޭނެއެއްނު. އެމީހުން ދަސްކޮށް އޮޅުންފިލުވަން ވަގުތު ބޭނުންވާނެއެއްނު. އެހެންނޫނަސް މިއަދު އެތަނަށް ދެވުނީމަ އަހަންނަށް ހީވަނީ އެ ރަތް ޓީޝާޓަކީވެސް އަހަރެން ހީކުރި ކަހަލަ މީހެއް ނޫންހެން. އޭނަ ވަރަށް ރަނގަޅަށް ކަންތައް ކުރީ.” ޒޯޔާ ވާހަކަދެއްކީ ވަރަށް ހިތްހަމަޖެހިފައި ހުރެއެވެ.
ޒޯޔާގެ ވާހަކަތަކުން ފައިސަލްގެ ހިތަށް ތަފާތު އިޙުސާސްތަކެއް ކުރިއެވެ. ކުރީގެ ޒޯޔާ އަނބުރާ ލިބުނު ފަދަ އިޙުސާސެއް ކުރެވުނެވެ.
“އާނ ޒޯޔާ. ވަގުތު ބޭނުންވާނެ. ތި ވާހަކަ ދައްކަނީ ވަރަށް ހަރުދަނާކޮށް، ތަފާތުކޮށް. އައި ލައިކް އިޓް! ހޫމް. ދެން އަރާމުކޮށްލަން ނިދާލާ. އަދި އަހަރެން މިތާ މި ހޮޓް އެންޑް ސެކްސީ އަންހެންކުދިންނާ ޗެޓްކުރަން ދޫކޮށްލާ. އަހަރެންގެ ވަގުތު ބޭކާރު ނުކުރޭ.” ފައިސަލް ބުނެލިއެވެ.
“ޗެޓް ކުރަނީއޭ؟ އަންހެން ކުދިންނާ؟ މިގަޑީގައި؟” ހައިރާންވީ ވަރުން ޒޯޔާއަށް އެއްފަހަރާ އެ ސުވާލުތައް ކޮށްލެވުނީވެސް ތަންކޮޅެއް ބާރަށެވެ.
“ސާބަސް. ސަމާސާއަކަށޭ މިބުނީ. ފޫހި، ދުވަސްވީ ޑޮކްޓަރަކާ މި ޗެޓް ކުރަނީ. ދެން ނިދާލާ އިނގޭ. ގުޑް ނައިޓް.” ފައިސަލް ހީނލަމުން ބުނެލިއެވެ.
ޒޯޔާވެސް ހީނލަމުން ޖަވާބު ދީފައި ފޯނު ބޭއްވިއެވެ. އަދި ފައިސަލްގެ ލާނެތްކަމޭ ހިތަށް އަރާފައި ބޯހޫރާލަމުން ކޮޓަރީގެ އަލި ފަނޑުކޮށްލުމަށްފަހު ނިދަން އޮށޯތެވެ.
******
ހެނދުނުގެ ވަގުތެވެ. ޒޯޔާ އާއި އާފިޔާ އަދި ނަސީރު ތިބީ ހެނދުނުގެ ނާސްތާ ކުރާށެވެ. އާދައިގެ ކުދިކުދި ވާހަކަތައް ދައްކަމުން ނާސްތާ ކުރަމުންދިޔައިރު އެ މާހައުލުގައިވަނީ ބަޔާންކުރަން ނޭނގޭފަދަ އުފާވެރިކަމެކެވެ.
“މަންމާ. އަހަރެން މިދަނީ އިނގޭ ދެން. މިރޭ ބައްދަލުވާނެ. އެންމެ ރަނގަޅެއްނު؟” ޒޯޔާ ނާސްތާކޮށް ނިންމާލައިގެން ތެދުވަމުން ބުނެލިއެވެ.
“ކޮންތާކަށް ތި ދަނީ؟ ކެފޭއަށްތަ؟” އާފިޔާ އަހާލިއެވެ.
“އާނ. ދެން އެހެން ކޮންތާކަށް؟” ޒޯޔާ ކުޑަކޮށް ހައިރާންވެފައި އެހިއެވެ.
“އެންމެ ރަނގަޅު. މިއަދު މަންމަވެސް ދާނަން.” އާފިޔާ އެހެން ބުނެލުމުން ޒޯޔާގެ ހައިރާންކަން އިތުރުވިއެވެ.
“މަންމަ.. ކެފޭއަށް؟” ޒޯޔާއަށް ލިބުނު ހައިރާންކަމުގައި އަހާލެވުނެވެ.
“އާނ. ކީއްވީ؟ އަހަންނަށް ދަރިފުޅުގެ ކެފޭއަށް ގޮސް ކޮފީއެއް ނުބޮވޭނެތަ؟” އާފިޔާ އަހާލިއެވެ.
“ނޫން. އެހެނެއް ނޫނޭ. އެކަމަކު މަންމަ އެހާ ފޫހިވާ ތަނަކަށް ކުއްލިއަކަށް ދާން އުޅޭތީ.” ޒޯޔާ ބުނެލިއެވެ.
“މުޅި ދުވަހު ދަރިފުޅު ތި އުޅެނީ ކެފޭގައި. ރޭގަނޑު އައިސް ވަރުބަލިވެގެން ނިދަނީ. އަހަންނާއެކު ވަގުތު ހޭދަކޮށްލާނެ ވަގުތެއް ނުލިބޭ. އެހެންވެ ހިތަށް އެރީ މިއަދު ދަރިފުޅާއެކު ވަގުތު ހޭދަކޮށްލާނީއޭ. އެއީ ރަނގަޅު ޚިޔާލެއް ނޫންތަ؟” އާފިޔާ ވަރަށް އޮމާންކޮށް ވާހަކަ ހަމަޖައްސާލިއެވެ.
“ތީ ވަރަށް ރަނގަޅު ޚިޔާލެއް. މަންމާ. އެއީ ހަމަ މަންމަގެވެސް ތަނެއްނު. ހިނގާ ދާން.” ޒޯޔާ އުފާވެފައި ބުންޏެވެ.
އާފިޔާ އާއި ޒޯޔާ ދާތަން ބަލަން އިން ނަސީރަށް އެނގެއެވެ. އާފިޔާ ޒޯޔާއާއެކު އެ ދަނީ ކޮންމެހެން އެކުގައި ވަގުތު ހޭދަނުކުރެވިގެނެއް ނޫނެވެ. އެއީ ކޮންމެވެސް އެހެން ބޭނުމެއްގައި އޭނާ ދާ ދިޔުމެކެވެ. އާފިޔާގެ ގޮތްދޫނުކުރާއި ޒީލަގަދަކަމުގައި ގޯހެއް ހަދައި ޒޯޔާއަށް އިތުރު ތަކުލީފުތަކެއް ނުދީފިއްޔާ ކިތަންމެހާވެސް ރަނގަޅޭ އޭނާގެ ހިތަށް އެރިއެވެ.
ކެފޭ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ދެމީހުން ފޭބިއެވެ. އާފިޔާ ބަލައިލީ ކުރިމަތިން ފެންނަން ހުރި އަޔާންގެ އާޓް ގެލެރީއަށެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަނުޖެހުމެވެ.
“މިތަނަށް އަންނަ ކޮންމެ ފަހަރަކު މި ސުންޕާ ގެލެރީގަނޑަށް ބަލަން އެބަޖެހޭ.” އާފިޔާ މަޑުމަޑުން ކުދިކިޔައިގަތެވެ.
އާފިޔާގެ ގާތަށް އައިސް މަޑުކޮށްލި ޒޯޔާ އާފިޔާ ބަލަން ހުރި ދިމާލަށް ބަލާލާފައި ބޯހޫރާލިއެވެ.
“މަންމާ. އެދިމާއަށް ތި ބަލަނީޔޯ؟” ޒޯޔާ އެހިއެވެ.
“އަހަރެން ކީއްކުރަން އެދިމާއަށް ބަލަންވީ؟” ވަރަށް ނޫންކަމަށް ހެދެމުން އާފިޔާ އެހެން ބުނިއިރުވެސް އޭނާ ހުރީ ގެލެރީއަށް ބަލަހައްޓައިގެންނެވެ.
“އޯ ޕްލީޒް މަންމާ. އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގޭ އިނގޭ. ދެން ހިނގާ ދާން.” އެހެން ބުނުމަށްފަހު އާފިޔާގެ އަތުގައި ހިފައިގެން ޒޯޔާ ހިނގައިގަތެވެ.
*****
އަޔާން އާއި ނަތާޝާ ގެލެރީގައި ބައެއް ސާމާނުތައް އަތުރަމުން ގެންދިޔައެވެ. ގެލެރީ ހުޅުވާ ގަޑި ނުޖެހޭތީ އެމީހުން މާބޮޑަށް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ދެމީހުން ސަމާސާކުރަމުން އެއްޗެހި އަތުރަމުން ދަނިކޮށް ނަތާޝާ ކުރީ ދުވަހު އަޔާން ކުޅުނު ރާގުގެ މަތިން ހަނދާންވިއެވެ. އެއްފަރާތުގައި ބަހައްޓާލާފައި ހުރި ގިޓާ ހިފައިގެން އައިސް އޭނާ އަޔާންއަށް ދިއްކޮށްލިއެވެ.
“އަޔާން ޕްލީޒް. އަހަންނަށް އެ ރާގު ކުޅެދީބަލަ، އެ ރާގު އަޑުއިވިގެން އަހަރެމެންގެ އަވަށްޓެރިޔާ މިތަނަށް ދަމައިގަތް ރާގު. ޕްލީޒް.” ނަތާޝާ ވަރަށް ޝައުޤުވެރިކަމާއެކު އާދޭހުގެ ރާގެއްގައި ބުންޏެވެ.
“އެކަމަކު އަހަރެން ހަނދާން ހުރީ ރާގު އެކަނި. އޭގެ ޅެން ހަނދާނެއް ނެތް.”
“އެންމެ ރަނގަޅޭ. ރާގު އިއްވާލަދީބަލަ.” ނަތާޝާ އަނެއްކާވެސް ބުންޏެވެ.
“އޯކޭ. ނަތާ އަހަންނަށް މިހާ ބޮޑަށް އެހީވީމަ ކުޑަމިނުން މިވަރު ކޮށްލަދޭންވާނެ ދޯ.” އަޔާން ހީނލަމުން ގިޓާ އަތަށް ހެޔޮވަރުކޮށްލިއެވެ. އަދި ގިޓާގެ ނަރުތަކުގައި ކޮއްޓާލިއެވެ.
*****
އާފިޔާއަށް ކޮފީތަށި ހިފައިގެން އައިސް މަޑުކޮށްލި ޒޯޔާގެ ކަންފަތުގައި އެ ރާގުގެ އަޑު ޖެހުނެވެ. އާފިޔާއަށްވެސް އެ ރާގު އިވުމާއެކު ހުއްޓުން އެރިއެވެ. އެއީ އޭނާއަކަށް އާ ރާގެއް ނޫނެވެ. އެއީ ޒޯޔާ އާއި އަޔާންގެ ކައިވެނީގެ ހަފުލާގައި އަޔާން ޒޯޔާއަށް ކިޔައިދިން ލަވައިގެ ރާގެވެ.
އާފިޔާ ޒޯޔާއަށް ބަލައިލިއެވެ. ޒޯޔާ އެ ރާގަށް އަޅާނުލައި ދޫކޮށްލަން އުޅުނު ނަމަވެސް އޭނާގެ ހިތާއި ސިކުނޑި އެކަމަކަށް އެއްބާރުލުމެއް ނުދިނެވެ. އޭނާގެ އަތް ތުރުތުރުލިއެވެ.
“ޒޯޔާ. ކިހިނެއްވީ؟ ކިހިނެއް ތި ވަނީ؟” ކޮފީތަށީގައި ހިފައި މޭޒުމަތީ ބަހައްޓަމުން އާފިޔާގެ އަނެއް އަތުން ޒޯޔާގެ އަތުގައި ހިފެހެއްޓިއެވެ. އަދި އަވަހަށް ޒޯޔާގެ ސަމާލުކަން ލިބޭތޯ މަސައްކަތްކުރިއެވެ.
“މަންމާ. އެ ރާގު.. އެއީ ހަމަ އެ ރާގު، އަހަރެން މަންމަ ގާތު ބުނި ރާގު. އަހަންނަށް ހީވަނީ އެ ރާގަކީ އަހަރެން އަބަދުވެސް ދަންނަ ރާގެއްހެން. މަންމާ. މަންމައަށް އެ ޅެން އެނގޭތަ؟ އެއީ ކޮން ލަވައެއްކަން އެނގޭތަ؟ މަންމާ ޕްލީޒް. އަހަންނަށް ބުނެދީބަލަ.” ޒޯޔާއަށް ވަމުންދިޔަ އުނދަގޫތައް ފެނުމުން އާފިޔާއަށް އެ ރާގު ހުއްޓުވުން ނޫން އެއްވެސް ގޮތެއް ނެތްކަން ވިސްނި ތެދުވަން ހިފާލިއެވެ.
“މަންމާ. މިހާރު ކޮންތާކަށް ތިދަނީ؟” ޒޯޔާ އާފިޔާގެ އަތުގައި ހިފައި ބޭންދިއެވެ.
“އަހަރެން މިދަނީ އަހަރެންގެ ދަރިފުޅަށް އެންމެ ފައިދާހުރި ގޮތް ހަދަން.” އެހެން ބުނުމަށްފަހު ތެދުވެގެން ބާރުބާރަށް ހިނގައިގަތީ އަޔާންގެ ގެލެރީއާ ދިމާއަށެވެ.
ޒޯޔާ ފަހަތުން އާފިޔާއަށް ގޮވަމުން ދިޔައެވެ. އޭރުވެސް އަޔާންގެ ގެލެރީއިން އެ ރާގު ކުޅޭ އަޑު އިވެމުން ދިޔައެވެ. އާފިޔާ މަޑުވެސްކޮށްނުލާ ދިޔައިރު އަޔާން ހުރީ ދޮރަށް ފުރަގަސްދީގެން ދޮރާއި ދިމާލުގައެވެ. އާފިޔާ ދިޔަ ބާރުމިނުގައި އަތުގައި ހުރި ބާރެއްލާފައި ދޮރު ހުޅުވާލިއެވެ. ދޮރުން އަޔާންގެ ގައިގައި ޖެހުނުލެއް ބާރުކަމުން އޭނާގެ އަތުން ގިޓާ ދޫވެގެން ވެއްޓުނެވެ. ވެއްޓި ޖެހުނު ގޮތަކުން ގިޓާގެ ނަރު ކަނޑައިގެން ދިޔައެވެ.
“އަހަރެންގެ ގިޓާ.” އަޔާންއަށް ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
“ރަނގަޅޭ އެ ހަލާކުވިކަން. ނޫންނަމަ އަހަރެން އެ ހަލާކުކޮށްލީމުސް.” އާފިޔާ ރުޅިވެރިކަމާއެކު އެހެން ބުނެލި ވަގުތަކީ ޒޯޔާއަށް އެހިސާބަށް މަޑުކޮށްލެވުނު ވަގުތެވެ.
“ހިނގާ ދާން ޒޯޔާ.” އާފިޔާ ދާން ހިނގައިގަންނަމުން ބުނެލިއެވެ. އަޔާން ޒޯޔާއަށް ބަލައިލިއިރު އެ ލޮލުގައިވަނީ ހިތާމައާއި ރުޅި އެކުވެފައެވެ.
(ނުނިމޭ)
