ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އަމާން – 9
މުނިއަވަސް ގްރެފިކްސް

އިރު އަރައިގެން އައީ ރަން ދޯދިތަކުން މުޅި ރަށް އުޖާލާކޮށްލަމުންނެވެ. ހަނި މަގުތައް ވަނީ ހެނދުނުއްސުރެ ހަލަބޮލިވެފައެވެ. އަންހެންވެރިން ކައިވެނީގެ ތައްޔާރީތަކުގައި ގެތަކުގެ ދެމެދުގައި ދުވަމުންދިޔައިރު، ކުޑަކުދިން މަގުމަތީގައި ކުޅެމުން ދިޔައެވެ. ޝައިނާގެ ކައިވެންޏަށް އެހީތެރިވުމަށް މަރިޔަމްގެ ގެއަށް ގާތްތިމާގެ މީހުން ޖަމާވަމުން ދިޔައެވެ.

ގޭތެރެ ފެންނަނީ ނުހަނު އުފާވެރިކޮށެވެ. ސިޓިންގރޫމުގައި ކުލަކުލައިގެ ފޮތިތައް ދަމައި، ޒީނަތްތެރިކޮށްފައިވާއިރު، ގޭގެ ދޮރޯށި ތާޒާ މާތަކުން ވަނީ ފަޅުފިލުވާލާފައެވެ. ބަދިގެއިން ދިވެހި ސަގާފީ ކާނާގެ މީރުވަސް ދުވަމުން ދިޔައެވެ. އެހެންނަމަވެސް، މި ފެންނަ އުފާވެރިކަމުގެ އަޑީގައި ތިން ހިތެއް ކުދިކުދިވަމުން ދިޔައެވެ.

ޒައިނާ ލޯގަނޑު ކުރިމަތީގައި ހުއްޓިގެން ހުރީ އަތުން ކުޑަ ގަހަނާ ފޮށްޓެއް ހިފަހައްޓައިގެންނެވެ. އޭގެ ތެރޭގައި އޮތީ އޭނާގެ ކުޑައިރު، ނިޔާވެފައިވާ ބައްޕަ ދެއްވި ރިހި ހާރެކެވެ. ފޮށި ހުޅުވާލުމާއެކު ބައްޕަގެ ބަސްތައް ހަނދާނަށް އައެވެ.

“އެއްދުވަހަކުން، ބައްޕަގެ ކުޑަ ދަރިފުޅަށް ތި ހިތުގެ މިއުޒިކް ދެނެގަންނާނެ މީހަކު ބައްދަލުވާނެ.”

އޭނާ ފޮށި ލައްޕާލިއެވެ. އެފަދަ މީހަކު އޭނާގެ ޙަޔާތަށް އައެވެ. އެހެންނަމަވެސް، އޭނާ އެމީހާ އަމިއްލަ އަތުން ދުރުކޮށްލީއެވެ.

ދޮރުގައި ޓަކިދިން އަޑު އިވުނެވެ. “ދައްތާ؟” އެއީ ޝައިނާއެވެ.

“ވަދޭ.”

ޝައިނާ އެތެރެއަށް ވަނީ ރީތި ކައިވެނީގެ ހެދުމެއްގައެވެ. އޭނާގެ ލޯ ރަތްވެފައިވާއިރު، ތުންފަތުގައިވަނީ މަޖުބޫރު ހިނިތުންވުމެކެވެ.

“ކިހިނެއް ފެންނަނީ؟”

ޒައިނާ ތެދުވެ ކޮއްކޮގެ ބޮލުގައި އަޅާފައިވާ ފޮތިގަނޑު ރަނގަޅުކޮށްލިއެވެ. “ވަރަށް ރީތި.”

ލޯގަނޑުން ޒައިނާއަށް ބަލަހައްޓައިގެން ހުރެ ޝައިނާ ބުންޏެވެ. “މިއަދު އަހަރެން އުފާވާން ޖެހޭނެ ދޯ؟”

ޒައިނާ ހިތާމަވެރި ހިނިތުންވުމަކާއެކު ބުންޏެވެ. “މިއަދަކީ ކަލޭގެ ކައިވެނިވާ ދުވަސް. އުފާވާން މަސައްކަތްކުރޭ.”

“އެކަމަކު ދައްތައަށް ދެން ވާނީ ކިހިނެއް؟”

ޒައިނާގެ އަތް ހުއްޓުނެވެ. “އަހަންނާމެދު ނުވިސްނާ.”

“ނުވިސްނާ ހުންނާނީ ކިހިނެއް؟ އަހަރެންގެ ސަބަބުން ދައްތަ ލޯބިވާ މީހާ ޤުރުބާންކޮށްފީމެއްނު.”

ޒައިނާ އޯގާތެރިކަމާއެކު ކޮއްކޮގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

“ޝައިނާ، އަޑުއަހާ. މިއަދު ކޮންމެ ގޮތެއް ވިޔަސް، ކަލޭ ވިސްނަންވާނީ ބަނޑުގައިވާ ދަރިފުޅާމެދު. މިހާރު ޒިންމާއެއް އެބައޮތް.”

ޝައިނާއަށް ރޮވިއްޖެއެވެ. “އަމާން އަހަރެންދެކެ ދުވަހަކުވެސް ލޯބިވާނެކަމެއް އަހަންނަކަށް ނޭނގެ.”

ޒައިނާ އޭނާގެ ކަރުނަތައް ފޮހެދިނެވެ. “ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން. އެކަމަކު އިޙުތިރާމާއި ތެދުވެރިކަމުގެ މައްޗަށް ދިރިއުޅުމެއް ބިނާކުރެވިދާނެ.”

ޝައިނާ އިސްދަށަށް ޖެހިއެވެ. “މި ހުރިހާ ކަމެއް އެހެން ގޮތަކަށް ވިނަމަ ކިހާ ރަނގަޅު.”

“އަހަރެންވެސް އެދެނީ އެގޮތަށް.”

ދެބެއިން އެކަކު އަނެކަކު ގައިގައި ބައްދާލިއެވެ. ދޮރުމަތީގައި އެމީހުންގެ ވާހަކަ އަޑުއަހަން ހުރި މަރިޔަމް އެމީހުންނަކަށް ނުފެނެއެވެ. އެ ހިތުގައި ބޮޑު ކުށްވެރިކަމުގެ އިޙުސާސެއް ބަނދެވިފައިވިއެވެ.

*****

ގެސްޓްހައުސްގައި އަމާން ހުރީ ކުޑަދޮރު ކައިރީގައި ކަނޑާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެނދުމަތީގައި އޭނާގެ ކައިވެނީގެ ހެދުން ރީތިކޮށް ބާއްވާފައި އޮތެވެ.

ރާހިލް ކޮފީ ތަށްޓެއް ހިފައިގެން ވަނެވެ. “ސަރ، ތައްޔާރުވާން ވެއްޖެ.”

އަމާން އެނބުރި ނުބަލައެވެ. “ރާހިލް، އިންސާނަކަށް އޭނާ ހަޤީޤަތުގައި ލޯބިވާ މީހަކު ހަނދާން ނައްތާލެވިދާނެތަ؟”

ރާހިލް ކޮފީ ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. “އަޅުގަނޑަކަށް ހިޔެއް ނުވޭ.”

އަމާން ހިތި ހިނިތުންވުމެއް ވެރިކުރިއެވެ. “ދެން އަހަރެން އެހެން މީހަކާ ކައިވެނިކުރާނީ ކިހިނެއް؟”

ރާހިލް ޖެހިލުންވެފައި ބުންޏެވެ. “ސަރ ކުރަން ބޭނުންނުވާ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ.”

އަމާން އެންމެ ފަހުން އެނބުރުނެވެ. “އޭނާގެ ބަނޑުގައި ކުއްޖަކު އެބައޮތް. އަހަންނަށް އޮތީ ކޮން އިޚްތިޔާރެއް؟”

ރާހިލް ހައިރާންވިއެވެ. “ކާކުގެ؟”

“ޒައިނާގެ.”

ރާހިލް އޭނާއަށް ބަލަން ހުއްޓެވެ. “ސަރ، އަދިވެސް އަޅުގަނޑަށް ނުވިސްނޭ ކަމެއް އެބައޮތް.”

“ކޮން ކަމެއް؟”

“ސަރ ބުނީ އޭނާއަކީ ސަރ މުޅި އުމުރު އެކީގައި ހޭދަކުރަން ބޭނުންވި އަންހެންކުއްޖާއޭ. ބަނޑުބޮޑުވި ވާހަކަ ކުރިން ސަރ ކައިރީ ނުބުނީ ކީއްވެގެންތޯ ސުވާލުކުރިންތަ؟”

“އޭނާ ފުދޭވަރަކަށް ސާފުކޮށްދީފި.”

“ސަރ އެކަން ޤަބޫލުކުރިންތަ؟”

އަމާން މޫނު އަނބުރާލިއެވެ. “އަހަރެން އަލްޓްރާސައުންޑް ރިޕޯޓް ދުށިން.”

ރާހިލް އިތުރަށް ވާހަކަދައްކަން އުޅުމުން އަމާން އަތް ހިއްލާލިއެވެ. “ޕްލީޒް. މިއަދަކު ނޫން.”

*****

މަރިޔަމްގެ ގޭގައި ކައިވެނީގެ ތައްޔާރީތައް ކުރިއަށް ދިޔައެވެ. މެހެމާނުން އަންނަން ފެށިއެވެ. ސިޓިންގރޫމް ފުރިގެން ދިޔައީ ވާހަކަތަކާއި، ހުނުމާއި، ކުދިންގެ އަޑުފަށްގަނޑުންނެވެ.

މިވެސް ކިޔާލަން:  ފިތުނައިގެ ހިޔަނި – ތިންވަނަ ބައި

އެވަގުތު މީހަކު އައިސް ވަނެވެ. އެއީ ސަލްމާނެވެ. އޭނާ ދޮރުމަތީގައި ހުރީ ނުތަނަވަސްވެފައެވެ. ގަމީސް ރޫޖެހިފައިވާއިރު، މޫނުމަތިން ނިދިނުލިބުމުގެ އަސަރު ފެންނަން ހުއްޓެވެ. މަރިޔަމަށް ވަގުތުން އޭނާ ފާހަގަކުރެވުނެވެ.

“ކަލޭ މިތާ ކީއްކުރަނީ؟”

“އަހަރެން ޝައިނާއާ ވާހަކަދައްކަން ބޭނުން.”

މަރިޔަމްގެ މޫނުމަތި ހަރުކަށިވިއެވެ. “މިތަނަށް އަންނާކަށް ކަލެއަކަށް އެއްވެސް ޙައްޤެއް ނޯންނާނެ.”

“ޕްލީޒް ދައްތާ. ހަމައެކަނި އޭނާއާ ވާހަކަދައްކާލަން ފުރުސަތެއް ދީ.”

“އޭނާ ކަލޭގެ އެހީއަށް ބޭނުންވި ވަގުތު ކޮބާ؟ ބަނޑުބޮޑުކަން އެނގުނު ވަގުތު ކޮބާ؟”

ސަލްމާން އިސްދަށަށް ޖެހިއެވެ. “އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ.”

“ކަލޭ އޭނާ ދޫކޮށްލީ!”

“އަހަންނަށް އެނގޭ.”

“ދެން މިތަނުން ދޭ!”

މަރިޔަމް ދޮރު ލައްޕަން އުޅެނިކޮށް، ފަހަތުން ޝައިނާ ފެނުނެވެ. “އޭނާ ވަނަދީ.”

މަރިޔަމް އެނބުރުނެވެ. “ޝައިނާ!”

“ޕްލީޒް މަންމާ. އޭނާ ދައްކާ ވާހަކައެއް އަޑުއަހަން ބޭނުން.”

ސަލްމާން މަޑުމަޑުން އެތެރެއަށް ވަނެވެ. ޝައިނާ އޭނާއަށް ބަލަހައްޓައިގެން ހުރީ ރުޅިވެރިކަމުން ފުރިގެންވާ ދެލޮލުންނެވެ.

“ކީއްކުރަން؟”

ސަލްމާން ކަރުނަ ހިފަހައްޓަމުން ބުންޏެވެ. “އަހަރެން މިއައީ މަޢާފަށް އެދެން.”

ޝައިނާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. “މަޢާފަށް އެދެން؟”

“ޝައިނާ، އަހަރެން ބިރުގަތީ. އާއިލާއާ ކުރިމަތިލާނެ ގޮތެއް ނޭނގުނީ. ފަހުން ހުރިހާ ކަމެއް ހަމައަކަށް އެޅުވިދާނެކަމަށް ހީކުރީ.”

“ކަލޭ ފިލީ!”

“އަހަންނަށް އެނގޭ.”

“އަހަރެންގެ ފޯނު ކޯލްތަކަށް ޖަވާބެއް ނުދިން. އަހަރެންގެ ހުރިހާ ބިރުވެރިކަމަކާއެކު އަހަރެން އެކަނި ދޫކޮށްލީ. އެއްވެސް މީހަކަށް އެނގެން ނުވާނެ ފަދަ ނުބައި ސިއްރެއް ހިފައިގެން އުޅޭ މީހެއް ފަދައިން އަހަންނަށް އިޙުސާސްކޮށްދިނީ!”

ސަލްމާން އިސްއޮބާލިއެވެ. “އަހަންނަށް މަޢާފުކުރޭ.”

“ކަލޭ ހީކުރަނީ ތި އެންމެ ލަފުޒަކުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށްތަ؟”

“ނޫން.”

“ދެން ކީއްކުރަން މިތަނަށް ތިއައީ؟”

ސަލްމާން ކައިވެނީގެ ޒީނަތްތެރިކަމަށް ބަލައިލިއެވެ. “އަހަންނަށް އަޑުއިވުނީ ކަލޭ އަމާންއާ ކައިވެނިކުރަން އުޅޭ ޚަބަރު. އަހަރެން ހިތާމަކުރާ މިންވަރު ބުނެނުދީ މަޑަކުން ނުހުރެވުނު.”

ޝައިނާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ކަލޭގެ ފިނޑިކަމުގެ ސަބަބުން ވީ ކީއްކަން އެނގޭތަ؟”

ސަލްމާން އެއްވެސް އެއްޗެއް ނުބުނެއެވެ. “ކަލޭގެ ސަބަބުން އަހަރެންގެ ދައްތައަށް އޭނާ ލޯބިވާ އިންސާނާ ގެއްލިއްޖެ.”

ސަލްމާން އިސްއުފުލައި ބަލައިލިއެވެ. “ކީކޭ؟”

ޝައިނާގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ. “ޒައިނާ އަމާން ކައިރީ ބުނީ އޭނާ އިނީ އެހެން ފިރިހެނެއްގެ ދަރިއަކަށް ބަލިވެޔޭ. އޭނާ އެހެން މީހަކާއެކު އުޅުނުކަމަށް ހަދައި އަމާންއަށް ދޮގުހެދީ. އެކަން އެގޮތަށް ކުރީ އަމާން އަހަންނާ ކައިވެނިކުރުވަން މަންމަ ބޭނުންވީމަ.”

ސަލްމާން ހައިރާންވެ އަންތަރީސްވިއެވެ. “އޭނާ ކަލެއަށްޓަކައި އެވަރުގެ ކަމެއް ކުރިތަ؟”

“އާނ! އަހަންނާއި މި ދަރިފުޅު ސަލާމަތްކުރަން އޭނާގެ އަމިއްލަ އުފާތައް ޤުރުބާންކޮށްލީ.”

ސަލްމާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “އަދި އަމާން އެކަން ޤަބޫލުކުރިތަ؟”

“މުޅިން ޤަބޫލުކުރި.” ޝައިނާ ކަރުނަތައް ފޮހެލިއެވެ.

“މިހާރު ވިސްނިއްޖެތަ؟ އަހަރެން އެކަނި ދޫކޮށްލަން ކަލޭ ނިންމި ނިންމުމުން އަނިޔާ ލިބުނީ ހަމައެކަނި އަހަންނަކަށް ނޫން. އަހަރެންގެ ދައްތަގެ އުފާތައްވެސް ހިރަފުހަށް ވެގެން ދިޔައީ.”

ސަލްމާން އެއްވެސް ހަރަކާތެއް ނެތި ހުއްޓިގެން ހުއްޓެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން ނުކުތް ނަތީޖާގެ ބޮޑުކަން ފުރަތަމަ ފަހަރަށް އިޙުސާސް ކުރެވުނީ އެވަގުތުއެވެ.

*****

އަމާން މަރިޔަމްގެ ގެއަށް އައެވެ. އޭނާ، ރާހިލް އަދި އިބްރާހިމްއާއެކު ސިޓިންގރޫމަށް ވަނެވެ. މެހުމާނުން ހޫނު މަރުޙަބާއެއް ކިޔަމުން ދިޔަނަމަވެސް، އޭނާއަށް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭނާ ހޯދަމުން ދިޔައީ ޝައިނާއެވެ.

އެވަގުތު ޖެހިގެން ހުރި ކޮޓަރިން އިވުނު އަޑުތަކުން އަމާންގެ މޫނު ހުދުވެގެން ދިޔައެވެ. ފައިދަށުން ބިންގަނޑު ދެމިގަތްފަދަ އިޙުސާސެއް އޭނާއަށް ކުރެވުނެވެ.

“ކީކޭ ތިބުނީ؟” އޭނާ ސިއްރުސިއްރުން ބުނެލިއެވެ.

ރާހިލް އޭނާއާ ދިމާއަށް އެނބުރުނެވެ. “ސަރ؟”

އަމާން އެ ކޮޓަރިއަށް ވަދެގެން ދިޔައެވެ. އެންމެންގެ އަޑު ކެނޑި، ހިމޭންކަން ވެރިވިއެވެ. ޝައިނާ ބިރުވެރިކަމާއެކު އޭނާއަށް ބަލައިލިއެވެ. “އަމާން..”

އަމާން އޭނާއާ ގާތަށް ޖެހިލިއެވެ. “ދެންމެ ތިބުނި އެއްޗެއް އަލުން ބުނެބަލަ.”

ޝައިނާއަށް ރޮވިއްޖެއެވެ. “އަމާން، އަހަރެން..”

މިވެސް ކިޔާލަން:  ޖަސްޓިސް އަޙްމަދު މަނިކް - 01

“ޒައިނާ ބަނޑުބޮޑުތަ؟”

“ނޫން.”

“އެހެން ފިރިހެނަކު ހުރިތަ؟”

ޝައިނާ ދެފަރާތަށް ބޯހޫރާލިއެވެ. “އޭނާ ހެދީ ދޮގެއް.”

އަމާން މަރިޔަމާ ދިމާއަށް ބަލައިލިއެވެ. “މަންމައަށް އެނގޭތަ؟”

މަރިޔަމަށް އޭނާގެ ލޮލާ ލޯ އަމާޒުކުރާކަށް ނުކެރުނެވެ. “އަމާން، ޕްލީޒް..”

“މަންމައަށް މިކަން އެނގޭހެއްޔޭ؟”

މަރިޔަމް މަޑުމަޑުން ބޯޖަހައިލިއެވެ.

އަމާން ފަހަތަށް ޖެހިލިއެވެ. އޭނާގެ އަޑު ބެދުނެވެ. “ތި އެންމެންނަށް މިކަން އެނގޭތަ؟”

މަރިޔަމް ރޯން ފެށިއެވެ. “އަހަރެން މަސައްކަތްކުރީ އަހަރެންގެ ދަރިފުޅު ހިމާޔަތްކުރަން.”

“ދެން ޒައިނާ ކޮބާ؟ އޭނާއަކަށް ހިމާޔަތެއް ޙައްޤެއް ނޫންތަ؟”

އެއްވެސް މީހަކު ޖަވާބެއް ނުދިނެވެ.

އަމާން ޝައިނާއަށް ބަލައިލިއެވެ. “އޭނާ ކޮބާ؟”

ޒައިނާ ސިޑިއާ ދިމާއަށް އިޝާރާތްކުރިއެވެ. “ކުރިން ހުރީ އޭނާގެ ކޮޓަރީގައި، އެކަމަކު..”

ޝައިނާގެ ވާހަކަ ނުނިމެނީސް އަމާން ދުއްވައިގެންފިއެވެ. އޭނާ ސިޑިން މައްޗަށް އަރައި ޒައިނާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރި އޮތީ ހުސްކޮށެވެ. އޭނާގެ ފޯނު އޮތީ އެނދު މަތީގައެވެ. އަމާން ކަންބޮޑުވެފައި ވަށައިގެން ބަލައިލިއެވެ. “ޒައިނާ!”

އެއްވެސް އަޑެއް ނައެވެ. އެވަގުތު ރީތިވާ މޭޒުމަތީގައި އޮތް އެއްޗެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ބައްޕަ ދެއްވި ރިހި ހާރެކެވެ. އަމާން އެ ނެގިއެވެ. ބިރުވެރި ޚިޔާލެއް އޭނާގެ ސިކުނޑިއަށް ވަނެވެ.

*****

ބިޔަ ގަސް ހުރީ ގަލުން ފުރިފައިވާ އައްސޭރިފަށުގެ މަތީގައެވެ. ހަވީރުގެ ބާރު ވައިރޯޅިތަކާއެކު އޭގެ ގޮފިތައް ހޫރެމުން ދިޔައެވެ. ތިރީގައިވާ ކަނޑު އޮތީ ކެކުޅުމެއްގައެވެ. ރާޅުތައް ކަޅު ހިލަތަކުގައި ޖެހި، ހުދު ފޮނުތަކަށް ބަދަލުވެގެން ދެއެވެ.

ޒައިނާ ހުރީ އެ ގަސްދޮށުގައެވެ. ގޮފީގައި ބަނދެފައިވާ ރަތް ފޮތިކޮޅު އަދިވެސް އެލިފައި އޮތެވެ. އޭނާ އަމާން ގާތު ބުނެދިން ވާހަކަ ހަނދާންވިއެވެ. ކަނޑަށް ފުންމާލުމުގެ ކުރިން ގަހުގައި ފޮތިކޮޅެއް ބަން ދެ ލޯބިވެރިންގެ ވާހަކައެވެ. އެ ފޮތިކޮޅު އެމީހުން ސަލާމަތްކުރިކަމަށް އޭނާ އެދުވަހު ބުންޏެވެ. ނަމަވެސް މިއަދު އޭނާ ވިސްނަމުން ދިޔައީ މި ދުނިޔޭގައި އޭނާއަށް އެއްވެސް ޖާގައެއް އޮތްތޯއެވެ.

އޭނާ އަތުގައި އޮތް ރިހި ކެވެލިކޮޅު ނަގައި ކައިރީގައި އޮތް ހިލަގަނޑެއްގެ މަތީގައި ރީތިކޮށް ބޭއްވިއެވެ. ލޯ ކަރުނުން ފުރުނެވެ.

“އަހަރެން ވަރުބަލިވެއްޖެ ބައްޕާ.” އޭނާ މަޑުމަޑުން ބުނެލިއެވެ. “އަހަރެން މަސައްކަތްކުރީ ރަނގަޅު ގޮތް ހަދަން.”

އޭނާ ކަނޑާ ދިމާއަށް ބަލައިލިއެވެ. “ބައްޕައަށް ވިސްނޭނެކަމަށް އުއްމީދުކުރަން.”

ވައިގެ ސަބަބުން އޭނާގެ ހެދުން ވިހުރެމުން ދިޔައެވެ. އަމާންގެ ހުނުމުގެ އަޑާއި، އެކުގައި ހޭދަކުރި ހަވީރުތަކާއި، އޭނާ ޕިއާނޯ ކުޅޭއިރު އަމާން އަޑުއަހަން އިންނަ ގޮތް ހަނދާނަށް އައެވެ.

“އަހަރެން ބޭނުމީ މުޅި އުމުރު ކަލެއާއެކު ހޭދަކުރަން.” އަމާން ވީ ވަޢުދު ސިކުނޑީގައި ގުގުމައިގަތެވެ.

އޭނާގެ ކަރުނުން އަޑު ބެދުނެވެ. “މަޢާފުކުރޭ އަމާން.”

އޭނާ ނުރައްކާތެރި ތުންފަތްމައްޗާ ދިމާއަށް ފިޔަވަޅު އަޅަން ފެށިއެވެ.

*****

އަމާން އަދި ރާހިލް އަތިރިމަތީ މަގުން ދުއްވާފައި ދަނިކޮށް އަމާނަށް އެ ގަސް ފެނުނެވެ. “ހުއްޓާ!”

ރާހިލް ކުއްލިއަކަށް ބުރަކި ޖެއްސިއެވެ. ކާރު އެއްކޮށް ނުހުއްޓެނީސް އަމާން ފުންމާލައިގެން ދުއްވައިގަތެވެ. އޭނާ ގަހާ ދިމާއަށް ދުވަމުން ހަޅޭއްލަވައިގަތެވެ. “ޒައިނާ!”

ޒައިނާ އެނބުރުނެވެ. ކުޑަ ހިނދުކޮޅަކަށް އެ ދެމީހުންގެ ދެލޯ ބައްދަލުވިއެވެ. “އަމާން؟”

އަމާން އިތުރަށް ބާރަށް ދުއްވައިގަތެވެ. “ތިހެން ނަހަދާ!”

އެހެންނަމަވެސް، މާޔޫސްކަމުގެ އެންމެ އިންތިހާއަށް ގޮސްފައިވާ ޒައިނާ، ފަހަތަށް ޖެހި ތުންފަތްމަތިން ފުންމާލަން ފިޔަވަޅު އެޅިއެވެ. އެންމެ ފަހު ވަގުތުކޮޅުގައި އަމާން އޭނާއާ ހަމައަށް ފޯރައި، ދެއަތުން އޭނާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އަދި އޭނާއާ ދިމާއަށް ޒައިނާ ދަމައިގަތެވެ. ދެމީހުން އެކުގައި ގާތަކު މައްޗަށް ވެއްޓުނުއިރު ޒައިނާ އޮތީ އަމާންގެ ގައިމަތީގައެވެ.

އަމާން ވަގުތުން ޒައިނާ އޭނާގެ މޭގައި ބޮނޑިކޮށްލިއެވެ. “މޮޔަވީތަ؟ ތިހެން ތި ވިސްނީ ކީކޭ ހިތަށް އަރައިގެން؟”

ޒައިނާއަށް ކޮންޓްރޯލެއް ނެތި ރޮވެމުން ދިޔައެވެ. “ކީއްކުރަން ތިއައީ؟”

އަމާން އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. “އަހަރެން ޒައިނާދެކެ ލޯބިވާތީ!”

“އަންނާކަށް ނުވާނެ!”

“ދެން ދުވަހަކުވެސް ތިހެން ނުބުނާތި!”

ޒައިނާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. “އަހަރެން ހީކުރީ އަމާން އިނީ ޝައިނާއާ ކައިވެނިކުރަން ކަމަށް.”

މިވެސް ކިޔާލަން:  ނާމާން ހިޔަނި – ތިންވަނަ ބައި

“އަހަންނަށް މިހާރު ހުރިހާ ހަޤީޤަތެއް އެނގިއްޖެ.”

ޒައިނާ ހައިރާންވެފައި ބަލައިލިއެވެ. “އެނގިއްޖެއޭ؟”

“ޝައިނާ ދެއްކި ހުރިހާ ވާހަކައެއް އަހަންނަށް އަޑުއިވުނު. ހެދި ދޮގުވެސް އެނގިއްޖެ. އޭނާ ހިމާޔަތްކުރަންވެގެން އަމިއްލަ އުފާތައް ޤުރުބާންކުރިކަން އަހަންނަށް އެނގިއްޖެ.”

ޒައިނާ އޭނާގެ މޫނު ދެއަތުން ފޮރުވާލިއެވެ. “ދެން ހަދާނެ އެހެން ގޮތެއް އަހަންނަކަށް ނުވިސްނުނު.”

އަމާން އޭނާ އަނެއްކާވެސް މޭގައި ޖައްސާލިއެވެ. “ޒައިނާ އަހަންނަށް އިތުބާރުކުރަން ޖެހޭނެ.”

“އަހަރެން ބިރުގަތީ.”

“ކޮން ކަމަކާ؟”

“އަހަރެންގެ ކޮއްކޮ ގެއްލިދާނެތީ. އޭނާގެ މުސްތަޤުބަލު ހަލާކުވެދާނެތީ. އޭނާގެ ދަރިފުޅަށް އާއިލާއެއް ނެތި ބޮޑުވާން ޖެހިދާނެ ސަބަބަކީ އަހަރެން ކަމުގައި ވެދާނެތީ.”

އަމާން މަޑުމަޑުން އޭނާގެ ކޮނޑުގައި ހިފަހައްޓައި ދުރުކޮށްލިއެވެ. “ޒައިނާ، އެހެން މީހުން ކުރާ ކޮންމެ ކުށެއް ރަނގަޅުކުރުމުގެ ޒިންމާ އުފުލާކަށް ޒައިނާއަކަށް ނުޖެހޭނެ.”

އޭނާ ކަރުނައިގެ ތެރެއިން އަމާނަށް ބަލައިލިއެވެ. “އެކަމަކު އަހަންނަށް އަމާން ގެއްލުނީނު.”

އަމާން ދެފަރާތަށް ބޯހޫރާލިއެވެ. “ދުވަހަކުވެސް ނުގެއްލޭ. އަހަރެން ދެރަވި، އާނ. އަހަރެން ރުޅިއައިސް، ވާނުވާ ނޭނގި ހުރިން. އެކަމަކު އަހަރެން ޒައިނާދެކެވާ ލޯތްބަކަށް ދުވަހަކުވެސް ބަދަލެއް ނާދޭ.”

ޒައިނާއަށް އަނެއްކާވެސް ރޮވިއްޖެއެވެ. އަމާން އޭނާގެ ނިތްކުރީގައި ބޮސްދިނެވެ. “ދެން ދުވަހަކުވެސް ތި ހިތާމަތަކާ އެކަނި ކުރިމަތިނުލާނެކަމަށް އަހަންނަށް ވަޢުދުވޭ. ކޮންމެ ކަމެއް ދިމާވިޔަސް، އަހަންނާ ވާހަކަދައްކާ. ޒައިނާގެ ކައިރީގައި ހުންނަން އަހަންނަށް ފުރުސަތު ދީ.”

ޒައިނާ ވަރުދެރަ ގޮތަކަށް ބޯޖަހައިލިއެވެ. ތަންކޮޅެއް ދުރުގައި ހުރި ރާހިލް، އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

އެމީހުންގެ ފަހަތުގައިވާ ގަހުގައި އައްސާފައިވާ ރަތް ފޮތިކޮޅު ވައިގެ ތެރޭގައި ބާރަށް ވިހުރެމުން ދިޔައެވެ. އަމާން އެދިމާއަށް ބަލައިލިއެވެ. ޒައިނާ ކިޔައިދިން ވާހަކަ އޭނާގެ ހަނދާނަށް އައެވެ. ދެން އޭނާ އަނެއްކާވެސް ޒައިނާއަށް ބަލައިލިއެވެ.

“މި ގަހާ ބެހޭގޮތުން ބުނި ވާހަކަ ހަނދާން އެބަހުރިތަ؟” ޒައިނާ ބޯޖަހައިލިއެވެ.

“އެ ފޮތިކޮޅު އެ ލޯބިވެރިން ސަލާމަތްކުރިކަމަށް ބުނީމެއްނު.” އަމާން އޭނާގެ އަތުގައި ހިފާލިއެވެ. “އެހެންވީއިރު، އެ ވާހަކަ ހަނދާންކުރަން މިތަނަށް އަންނާނެ އެންމެ ފަހު ފަހަރަކީ މިއީ ކަމުގައި ހަދަމާ.”

*****

އެމީހުން އެނބުރި މަރިޔަމްގެ ގެއަށް ދިޔައިރު، ކައިވެނީގެ މެހުމާނުން އަދިވެސް ތިބީ އިންތިޒާރުގައެވެ. ގޭތެރޭގެ ޒީނަތްތެރިކަން ކުރިންވެސް ހުރި ގޮތަށް ހުރި ނަމަވެސް، މުޅި މާހައުލު ވަނީ އެއްކޮށް ބަދަލުވެފައެވެ.

ޝައިނާ ހުރީ ދޮރުމަތީގައެވެ. ޒައިނާ ފެނުމާއެކު އޭނާ ކުރިއަށް ދުވެފައި ގޮސް ދައްތަގެ ގައިގައި ބައްދައިގަތެވެ.

“މަޢާފުކުރޭ! އަހަންނަށް މަޢާފުކުރޭ!”

ޒައިނާ އޭނާގެ ކޮއްކޮ ގައިގައި ބައްދާލިއެވެ. “ނުރޮއި.”

ޝައިނާ ބޯހޫރާލިއެވެ. “މި ހުރިހާ ކަމެއްގެ ސަބަބުން އަހަންނަށް ކިރިޔާ ދައްތަ ނުގެއްލުނީ.”

ޒައިނާ އޯގާތެރިކަމާއެކު އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “ކޮއްކޮއަކަށް އަހަންނެއް ނުގެއްލޭނެ.”

އަމާން އެމީހުންގެ ކައިރީގައި ހުއްޓެވެ. އިބްރާހިމް އައިސް އޭނާގެ ކާފަދަރިފުޅަށް ބަލައިލިއެވެ. “ހުރިހާ ކަމެއް ރަނގަޅުތަ؟”

އަމާން ބޯޖަހައިލިއެވެ. ދެން އޭނާ ކޮޓަރީގައި ތިބި އެންމެންނާ ދިމާއަށް ބަލައިލިއެވެ. “މިއަދަކު އެއްވެސް ކައިވެންޏެއް ނޯންނާނެ.”

މެހުމާނުން އެކަކު އަނެކަކަށް ހައިރާންކަމާއެކު ބަލައިލިއެވެ. އަމާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އާއިލާތަކުން ވެފައިވާ ވަޢުދަކަށްޓަކައި އަހަރެން ޝައިނާއަކާ ކައިވެންޏެއް ނުކުރާނަން. އަދި ކުށްވެރިކަމުގެ އިޙުސާސެއްގައިވެސް އޭނާއަކާ ކައިވެންޏެއް ނުކުރާނަން. އޭނާއަށް ޙައްޤުވަނީ އަމިއްލަ އިޚްތިޔާރުގައި އޭނާ ޚިޔާރުކުރާނެ މީހެއް، އެހެން އަންހެނަކަށް ހިތް ދީގެން ހުރި މީހެއް ނޫން.”

ޝައިނާ އިސްދަށަށް ޖެހިއެވެ. ފުރަތަމަ ފަހަރަށް އޭނާ އެ ވާހަކައަކާ ދެކޮޅެއް ނުހަދައެވެ.

އަމާން ޒައިނާއާ ދިމާއަށް އެނބުރި، އޯގާތެރިކަމާއެކު އޭނާގެ އަތުގައި ހިފާލިއެވެ. “އަދި އަހަރެންގެ މުސްތަޤުބަލު ނިންމުމަށް އިތުރު ދޮގަކަށް ފުރުސަތެއް ނުދޭނަން.”

ޒައިނާ އަމާންގެ ލޮލަށް ބަލައިލިއެވެ. އެ މުސްކުޅި ގަހާއި، ރަތް ފޮތިކޮޅާއި، އަދި އެ ބިޔަ ކަނޑު ފަހަތަށް ދޫވެއްޖެއެވެ. ނަމަވެސް އެމީހުންގެ ވާހަކަ އަދި ނިމުމަކަށް ނާދެއެވެ. އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް، މާދަމައަކީ އަދިވެސް ރީތި އުފާވެރި ދުވަހަކަށް ވެދާނެކަމުގެ އުއްމީދު ޒައިނާގެ ހިތުގައި އާލާވިއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top