ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭޝިއަން ކަޕް ކޮލިފައިން ބުރުގެ ޖާގައެއް ރާއްޖެ ހޯދައިފި
އޭއެފްސީ

އޭއެފްސީ އަންޑަރ ޓްވެންޓީ އޭޝިއަން ކަޕް 2027 ކޮލިފައިންގެ ދެވަނަ މެޗުން މޮޅުވެ، އޭޝިއަން ކަޕް ކޮލިފައިން ބުރުން ދިވެހިރާއްޖެ ޖާގައެއް ހޯދައިފި އެވެ. މިއަދު ހަވީރު ރާއްޖެ ގަޑިން 5:30 ގައި ފެށި މި މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެ އާއި ސްރީލަންކާ އެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅުނީ ދިވެހިރާއްޖެއިން ނެވެ. މި ގުރޫޕްގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އެއްވަނައިގައި އޮތީ މިޔަންމާ އެވެ. ދިވެހިރާއްޖެ އާއި މިޔަންމާއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު މިޔަންމާއަށް އެއްވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުން ނެވެ. ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، ބުރޫނައި ދާރުއްސަލާމާއި ސްރީލަންކާއަށް، ދިވެހިރާއްޖެ އާއި މިޔަންމާގެ މައްޗަށް ކުރިއެރޭނެ ގޮތެއް ނެތެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދިވެހިރާއްޖެއިން ނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ފުރަތަމަ ހޯދީ ދިވެހިރާއްޖެ އެވެ. ލަނޑު ޖަހަން ދިވެހިރާއްޖެއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔައިރު، ސްރީލަންކާއަށް ވެސް ވަނީ ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވިފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ދިވެހިރާއްޖެއިން ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މުޙައްމަދު އިލާން އިމްރާން މި ލަނޑު ޖަހާފައިވަނީ، ސްރީލަންކާ އޭރިޔާތެރެއިން ގޯލާއި ދިމާއަށް ނައްސާހް ފޮނުވާލި ބޯޅައެއް ސްރީލަންކާ ކީޕަރު ދިފާއުކުރި ވަގުތު، ހޯދައި އެއްފަހަރުން ގޯލްގެ ތެރެއަށް ވައްދާލައިގެން ނެވެ.

މިވެސް ކިޔާލަން:  ނަހޫގެ ކްރިސްޓަލް ލައިވްގަ ދެން އޮތީ ނިޢުމާ

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ދިވެހިރާއްޖެ އެވެ. ނަތީޖާ ހަމަހަމަކުރުމަށް ސްރީލަންކާއިން މަސައްކަތްކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އިސްކަންދީ އިތުރު ލަނޑެއް ޖެހުމަށް ވެސް ދިވެހިރާއްޖެއިން ވަނީ މަސައްކަތްކޮށްފަ އެވެ. ދިވެހިރާއްޖެއިން ލީޑު ފުޅާކުރީ 60 ވަނަ މިނިޓްގަ އެވެ. މި ލަނޑު ދިވެހިރާއްޖެއަށް ޖަހައިދިނީ މުޙައްމަދު ޝަމްހާން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ދިވެހިރާއްޖޭ ކުޅުންތެރިއަކު ޖައްސާލި ބޯޅައެއް ތިރިތިރިން ކީޕަރުގެ ދުރުކަނަށް ވައްދާލައިގެން ނެވެ. މި ބޯޅަ ގޯލްގެތެރެއަށް ވަދެފައި ވަނީ ސްރީލަންކާ ކީޕަރުގެ އަތުގައި ޖެހިފަ އެވެ.

ނަތީޖާ ބަދަލުކޮށްލާނެ ގިނަ ފުރުސަތުތަކެއް ލިބުނު، މިހާފުގައި ދިވެހިރާއްޖެއިން ލީޑު އިތުރަށް ފުޅާކުރީ 78 ވަނަ މިނިޓްގައި ނައްސާހް އިބްރާހިމް ނާސިރު ޖަހައިދިން ލަނޑުން ނެވެ. ނައްސާހު މި ލަނޑު ޖަހާފައިވަނީ ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ލަނޑެއް ޖެހޭތޯ ސްރީލަންކާއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ދިވެހިރާއްޖޭގެ ގޯލަށް ނުރައްކާވާވަރުގެ ހަމަލާއެއް އެ ޓީމަށް މި ހާފުގައި އުފެއްދިފައެއް ނުވެ އެވެ.

ދިވެހިރާއްޖެއިން ހަތަރުވަނަ ލަނޑު ޖެހީ 80 ވަނަ މިނިޓްގައި ނައްސާހް އިބްރާހިމް ނާސިރު އެވެ. ނައްސާހު މި ލަނޑު ޖަހާފައިވަނީ ސްރީލަންކާ ޑިފެންޑަރުންނާއި ކީޕަރުގެ މެދަށް ވަދެ އިލާން ހޯދާފައި ގޯލް ކުރިމައްޗަށް ޖައްސާލި ބޯޅައަކުން ނެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދިވެހިރާއްޖެއަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ.

މިވެސް ކިޔާލަން:  މެޓް ގާލާ 2026 ގައި ބައިވެރިވުމުގެ ފުރުސަތުލިބުމުގެ ފަހަތުގައިވަނީ ޝާހްރުކް ޚާން ކަމަށް ކަރަން ބުނެފި

ދިވެހިރާއްޖޭގެ ފަހު މެޗު އޮންނާނީ މި މަހުގެ 6 ވަނަ ދުވަހުގެ މެންދުރުފަހު އެވެ. ރާއްޖެ ގަޑިން 14:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ މިޔަންމާއާ އެވެ. މި މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ދިވެހިރާއްޖެއަށް އޮތްއިރު، އެހެން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ގުރޫޕްގެ އެއްވަނަ ލިބޭނީ މިޔަންމާއަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top