ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ތ. އަތޮޅު މުބާރާތުގެ ފައިނަލަށް ތިމަރަފުށި ދަތުރުކޮށްފި އެވެ. ތިން ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ލީގު ބުރުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ދެ މެޗު ވެސް ކާމިޔާބުކޮށްފައި ވަނީ ތިމަރަފުށްޓެވެ. މި އަތޮޅުގެ ދެވަނަ މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ތިމަރަފުށްޓާއި ކިނިބިދޫ އެވެ.
ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗު ވެސް ތިމަރަފުށިން ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ނެވެ. ފުޓްސަލްގެ ތަރިން ގިނަ ތިމަރަފުށިން ރޭ ވެސް ކުޅެފައިވަނީ މޮޅު ކުޅުމެކެވެ. ރީތި އަވަސް ޕާސްތަކަކާއިއެކު މެޗު ޑޮމިނޭޓްކުރި ތިމަރަފުށިން ގިނަ ވަގުތު ބޯޅަ ގެންގުޅުނުއިރު، މެޗު ފަށައިގެން މާގިނައިރެއް ނުވެ ރަނގަޅު ތިން ހަތަރު ފުރުސަތެއް ވެސް ހޯދި އެވެ. ޑިފެންސިވް ގޭމެއް ކުޅެމުންދިޔަ ކުރިނބީން ވަނީ ތިމަރަފުށީގެ ހަމަލާތައް ހުއްޓުވުމުގައި ހަވަނަ މިނިޓާއި ހަމައަށް ކާމިޔާބު ހޯދާފަ އެވެ.
ތިމަރަފުށިން ލީޑު ނެގީ ފުރަތަމަ ހާފުގެ ހަވަނަ މިނިޓްގަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ތިރިތިރިން ގޯލްގެ ތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަސްވާދު (ގަބޭ) އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ކުރިނބީއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި އުޅެނިކޮށް ތިމަރަފުށިން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. އަށްވަނަ މިނިޓްގައި މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އިބްރާހިމް އަސްވާދު (ގަބޭ) އެވެ.
ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ހޯދި ތިމަރަފުށިން ތިންވަނަ ލަނޑު ޖެހީ، ލަނޑު ޖަހަން ލިބުނު އެތައް ފުރުސަތެއް ބޭނުން ނުކުރެވި ދިޔަ ފަހުން ނެވެ. ޑިފެންސިވް ގޭމެއް ކުޅެމުންދިޔަ ކުރިނބީ ކޮޅަށް ތިމަރަފުށިން ތިންވަނަ ލަނޑު ޖެހީ ވެސް އިބްރާހިމް އަސްވާދު (ގަބޭ) އެވެ. މި ލަނޑު ވެސް ގަބޭ ޖަހާފައި ވަނީ އޭރިޔާ ބޭރުން ނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ތިމަރަފުށިން އެ ޓީމުގެ ލީޑު އިތުރަށް ފުޅާކުރި އެވެ. ތިމަރަފުށީ ކުޅުންތެރިއަކު އޭރިޔާތެރެއަށް ލައިދިން ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކުރިނބީ ކީޕަރުގެ އަތުގައި ޖެހިފައި ދޫވި ވަގުތު އެ ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލީ ތިމަރަފުށީގެ ކެޕްޓަން އާދަމް ނާސިހް (އާދަންނަ) އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުރިނބީން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން މިމްރާހް އެވެ. އޭރިޔާ ބޭރުން މިމްރާހް ފޮނުވާލި ބާރު ބޯޅަ ގޯލްގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފަ އެވެ.
ދެވަނަ ހާފުގައި ވެސް ތިމަރަފުށިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ހާފު ފަށައިގެން މާ ގިނައިރެއް ނުވެ ތިމަރަފުށިން ލީޑު ފުޅާކުރި އެވެ. ކުރިނބީ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލުމަށްފަހު، އަޙްމަދު އަފްލާޒް ފޮނުވާލި ބާރު ބޯޅަ ވަނީ ކީޕަރާއި ގޯލް ދަނޑިއާ ދޭތެރެއިން ދެ ފޫޓެއްހާ ހިސާބު މަތިން ނެވެ. މި ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ތިމަރަފުށިން ހަވަނަ ލަނޑު ޖެހީ ޢަލީ އިޝްރާން ނާސިރު އެވެ. ފަސޭހަކަމާއިއެކު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކުރި ތިމަރަފުށިން އެ ޓީމުގެ ހަތްވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި އިސްމާއިލް މުނީޒް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީ ޓީމުގެ ކެޕްޓަން އާދަމް ނާސިހު (އާދަންނަ) އެވެ.
މި އަތޮޅުގެ މެޗެއް ދެން އޮންނާނީ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ އެވެ. މި މެޗުގައި ބައްދަލުކުރާނީ ކުރިނބީ އާއި ވޭމަންޑޫ އެވެ. މި މެޗުން މޮޅުވެގެން ފައިނަލްގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ކުރިނބީއަށް އޮތްއިރު، އެ ޓީމު މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ވޭމަންޑޫއަށެވެ.
