ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އެންމެ ސޫރަތަކުން އަހަންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނު! – ސަލާހުއްދީން ޕަޓޭލް

– “އަހަންނަށް ހިންދޫ ކަލާނގެތަކާމެދު ސުވާލު އުފެދުނު”

އަހުރެން ބޮޑުވީ ހިންދޫއެއްގެ ގޮތުގަ. އެމީހުން ގަބޫލުކުރާ ގޮތުގައި ކަލާނގެއާ ހަމައަށް ވާސިލުވެވޭނީ ބުދުތަކުގެ މެދުވެރިކަމުން. އެ ބުދުތަކަކީ ވަރަށް ބޮޑެތި، ކުލަގަދަ އަދި ވިދާ ތަސްވީރުތަކެއް. ނަމަވެސް އަހުރެން އެންމެ ބޮޑަށް ހައިރާންވީ، އެ ބުދު ބަހައްޓާފައި ހުރި ގެއަށް ދިޔަ ދުވަހު. އެމީހުން އަހުރެން ގާތު ބުނި، “މިއީ ކަލޭގެ ކަލާނގެ.” އޭނާގެ އުމުރަކީ ކިހާވަރެއް ހެއްޔެވެ؟ ފަހަރުގައި އަށް އަހަރު ނުވަތަ ނުވަ އަހަރު. އޭނާ އަހަންނަށްވުރެ ވެސް ހަގު. އެތަނުގައި ސައި ބާބާ ކިޔާ މީހަކު އުޅުނު. އޭނާގެ ފަހަތުން އުޅޭ މީހުން ތިބޭއިރު، އޭނާގެ އިނގިލިތައް މިހެން ހަލުވައިލުމުން ޖާދޫއެއް ފަދައިން އޭނާގެ އަތުން އަޅި ފައިބާ. އަދި އޭނާގެ އަނގައިން ރަން ބިސްތަކެއް ނެރޭ.

އަހަރެންގެ އަންހެން ކޮއްކޮ ބުންޏެވެ، “އަހަރެންގެ ރަހުމަތްތެރިން އަހަންނަށް ދައުވަތު ދީފި ޕްރޮގްރާމަކަށް. އެއީ އިސްލާމްދީނާ ބެހޭ ޕްރޮގްރާމެއް.” އަހަރެން އެތަނަށް ދިޔައިރު ހުރީ އިންތިހާއަށް ހައިރާންވެފައެވެ. އަހަރެންގެ ހަށިގަނޑާއި ކަށިތަކަށް ދާންދެން ތުރުތުރުލައިގެން ދިޔައެވެ. އެކަހަލަ ވާހަކައެއް މީގެ ކުރިން ދުވަހަކުވެސް އަޑެއް ނާހަމެވެ. އޭގެ ފަހުން ގުދުރަތީ ގޮތުން އަހަންނަށް ގުރުއާނާ ބެހޭ މައުލޫމާތު ލިބުނެވެ. އަދި އެ ހަތަރު އާޔަތް (ސޫރަތުލް އިޚްލާޞް) ކިޔަވައިލުމުން، އަހަރެންގެ ސިކުނޑީގެ ކުރިމަތިން އަލިގަދަ ނޫރެއް ފާޅުވި ފަދަ އިހުސާސެއް ކުރެވުނެވެ. އަދި ހިތަށް އެރިއެވެ، “ޔާ ﷲ!” ދެން މިކަމުގެ އަސަރު އަހަރެންގެ މައިންބަފައިންނަށް ކުރިއެވެ. ތިމާގެ ދަރިފުޅު ދީނުގެ ދުޝްމަނަކަށް ނުވަތަ މުސްލިމަކަށް ވުމަށް ދޫކޮށްލީ ކިހިނެއްތޯ ސުވާލު އުފެދުނެވެ. މިކަމާ މެދު ވިސްނާލުމުން ވެސް އަހަރެންގެ ލޮލުން ކަރުނަ ހިލެއެވެ.

ސަލާހުއްދީން ޕަޓޭލަކީ ކާކު ހެއްޔެވެ؟ ތިޔަބޭފުޅާގެ ދިރިއުޅުމާ ބެހޭ ގޮތުން ކުޑަކޮށް ކިޔައިދެއްވަފާނަންތޯ؟

އަލްހަމްދުލިއްލާހި، އަޅުގަނޑުގެ ނަމަކީ ސަލާހުއްދީން ޕަޓޭލް. އަޅުގަނޑަކީ އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ މީހެއް. އަޅުގަނޑު ބޮޑުވީ ލަންޑަނުގައި. އަޅުގަނޑު އައީ ހިންދޫ ދީނުގެ ތެރެއިން. އަޅުގަނޑުގެ މައިންބަފައިންނަކީ އަސްލު އިންޑިއާ މީހުން. މަންމަ ބޮޑުވީ ޔޫގަންޑާގައި. އަޅުގަނޑު ބޮޑުވީ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި. އެއީ ވަރަށް ޝައުގުވެރި ދުވަސްތަކެއް. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ބައެއް ކަންކަމަކީ ބުއްދިއަށް ގަބޫލުކުރެވޭ ކަންކަން ނޫންކަން އަޅުގަނޑަށް އިހުސާސްވާން ފެށި. އަދި އަޅުގަނޑު އިސްލާމްވީ ޔުނިވާސިޓީގައި ކިޔަވަން އުޅުނު ދުވަސްވަރު.

އަގީދާގެ ގޮތުން ތިޔަބޭފުޅާގެ ދިރިއުޅުން އޭރު އޮތީ ކިހިނެއްތޯ؟ ގަބޫލުކުރެއްވީ ކޮން ކަމެއްތޯ؟

އަޅުގަނޑު ބޮޑުވީ ހިންދޫއެއްގެ ގޮތުގައި. ގިނަ މީހުންނެކޭ އެއްފަދައިން، އާއިލީ އާދަކާދަތަކާ މެދު ސުވާލު އުފެއްދުމެއް ނެތި އެކަންކަމަށް ތަބާވަނީ. ބައްޕަ އަޅުގަނޑުމެން ގޮވައިގެން ފައްޅިއަށް ދޭ. އެ ބުދުތަކަކީ ވަރަށް ބޮޑެތި އެއްޗެހި. ގާތްގަނޑަކަށް 10 ނުވަތަ 12 ފޫޓު ހުރޭ. މައްޗަށް ބަލާލާއިރު ފެންނަނީ ކުލަގަދަ، ވިދާ ތަސްވީރުތަކެއް. ކުޑަކުއްޖެއްގެ ނަޒަރުން ބަލާއިރު، ތެދަށް ބުނާނަމަ އެއީ ވަރަށް ބިރުވެރި މަންޒަރެއް. އެ ބުދުތަކުގެ ތެރެއިން ގިނަ އެއްޗެހި ހުންނަނީ ނޫކުލައިގައި. އެކަމަކު މީހުން ގަބޫލުކުރަނީ އެ ބުދުތަކަކީ ހަށިގަނޑެއްގެ ސިފައިގައި ފާޅުވެދާނެ އެއްޗެހި ކަމަށް. ކަލާނގެއާ ހަމައަށް ވާސިލުވުމަށްޓަކައި އެ ބުދުތައް މެދުވެރިކުރަން ޖެހޭ ކަމަށް އެމީހުން ގަބޫލުކުރޭ. އޭރު އެކަމާ މެދު ސުވާލެއް ނުއުފައްދަން، ހަމައެކަނި ބުނަނީ މިއީ ކާބަފައިންގެ ފަރާތުން އައިސްފައިވާ އާދަކާދަތަކެއް ކަމަށް.

ތިޔަބޭފުޅާގެ ގަބޫލުކުރުންތަކާ މެދު ސުވާލު އުފެދުނީ ކޮން ކަމަކާ ހުރެތޯ؟

އޭރު އަޅުގަނޑު އުޅުނީ ސާނަވީ މަދަރުސާގައި ކަމަށް ވެދާނެ. ޓީވީން ދައްކާ ‘މަހާބާރަތު’ ބަލަމުން ދިޔައިރު، މި ހިޔާލުތަކާ މެދު ސުވާލު އުފެދެން ފެށި. ސަބަބަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ބައެއް ކަންކަން ދިމައެއް ނުވޭ. މިސާލަކަށް ކަލާނގެއަކީ އިންސާނަކަށް ވެ، އިންސާނުންގެ އުނި ސިފަތައް ލިބިގެންވާ ފަރާތަކަށް ވުން. ކަލާނގެއަށް ހުރިހާ ކަމެއް ނޭނގުން ނުވަތަ އެހެން ކަލާނގެއެއްގެ އެހީތެރިކަން ބޭނުންވުން. ކަލާނގެ ބިމަށް އަންނަން ޖެހުމާއި، ބިމުގެ ތެރޭގައާއި ބިމުން ބޭރުގައި ކަލާނގެ ވާންޖެހުން ފަދަ ކަންކަން.

އެއްދުވަހަކު އަޅުގަނޑު ކޮއްކޮއާއެކު ގޭގައި ހުއްޓާ، މައިންބަފައިން އައިސް ބުނީ “މާތް މީހަކު” ދެކިލަން ދާން ހިނގާށޭ. އެކަމަކު އަޅުގަނޑު އެންމެ ހައިރާންވީ އެ ގެއަށް ދެވުމުން. އެއީ އާދައިގެ ގެއެއް. އެ ގޭގައި ކުޑަ އަންހެން ކުއްޖެއްގެ ވަރަށް ގިނަ ފޮޓޯތައް ހުރި. އޭނާ އިނީ ހުދު ހެދުމެއްގަ. ގޭގެ އެކި ތަންތަނުގައި އެ ކުއްޖާގެ ބޮޑެތި ފޮޓޯތައް ހުރި މަންޒަރު ހިތަށް ސިފަކޮށްލައްވާ. ދެން އަޅުގަނޑުމެން ގެންދިޔައީ އެ ގޭގެ ހާއްސަ ކޮޓަރިއަކަށް، އެތަނުގައި އެ ކުއްޖާ އިށީނދެގެން އިނީ. އެމީހުން އަޅުގަނޑު ގާތު ބުނީ “މިއީ ކަލޭގެ ކަލާނގެއޭ.” އޭނާގެ އުމުރަކީ ގާތްގަނޑަކަށް އަށް އަހަރު ނުވަތަ ނުވަ އަހަރު. އަހަންނަށްވުރެ ވެސް އޭނާ ހަގު. އެމީހުން ބުނީ އެ ކުއްޖާގެ ކިބައިން ބަރަކާތަށް އެދި ދުއާކުރަން ޖެހޭނެ ކަމަށް. އަދި އަޅުގަނޑުގެ މައިންބަފައިން އެކަން ވަރަށް ސީރިއަސްކޮށް ނެގި. އެކަމަކު ބޮޑުވަމުން އައިއިރު، އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދުނު، އަހަރެން މި ކުޑަ އަންހެން ކުއްޖާއަށް އަޅުކަން ކުރަނީ ކީއްވެގެން؟ ނަމަވެސް މައިންބަފައިން ދައްކާ ވާހަކައަކަށް ވާތީ އެކަމާ ދެކޮޅެއް ނުހަދަން. އެމީހުން ބުނާ ކޮންމެ ކަމަކީ ހަގީގަތް ކަމަށް ގަބޫލުކޮށްގެން ހުރީ. އެކަމަކު އަހަރެން ފަދަ އިންސާނަކަށް، އަދި އަހަންނަށްވުރެ ހަގު ކުއްޖަކީ އަހަރެން އުފެއްދެވި ފަރާތް ކަމަށް ބުނުމުން، އެއީ ގޯސް ކަމެއް ކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔަ.

މިވެސް ކިޔާލަން:  “ބްރޭކިންގ ބޭޑް” ގެ އެކްޓަރު ޖިއަންކާލޯ އިސްލާމްވެއްޖެ

އަނެއް މިސާލަކީ، ގިނަ ބަޔަކު ދަންނަ ‘ސައި ބާބާ’. އޭނާއަކީ އިންޑިއާގެ ގުރޫއެއް. އިންޑިއާގެ އެތައް މިލިއަން ބަޔަކު އޭނާއަށް ތަބާވޭ. އަހަރެމެންގެ ގޭގައި އޭނާގެ ފޮޓޯއާއި ބުދު ބަހައްޓާފައި ހުރޭ. މައިންބަފައިން އޭނާއަށް އަޅުކަން ކުރޭ. އޭނާ ކުރާ ކަންތައްތަކުގެ ތެރޭގައި، މީހުންގެ ކުރިމަތީގައި އަތުގެ އިނގިލިތައް ހަލުވައިލުމުން އަޅި ފައިބާ. އެއީ ބަރަކާތެއް ކަމަށް އެމީހުން ބުނޭ. އަދި އަނގައިން ރަން ބިސްތަކެއް ނެރޭ. މިއީ ހަގީގަތުގައި މީހުންނަށް އޮޅުވާލުމަށް ކުރާ ކަންކަން. އެ އަޅިތައް ހުންނަނީ އިނގިލިތަކުގެ ތެރޭގައި ފޮރުވާފަ. އަދި ބިސްތައް ވެސް ނެރެނީ އަތްމަތީގެ އުކުޅެއް ބޭނުންކޮށްގެން. ހިންދޫ ދީނުގެ ތެރޭގައި މިފަދަ އޮޅުވާލުންތައް ވަރަށް ގިނަ.

އަޅުގަނޑަށް ވިސްނުނު ގޮތުގައި މި ކަންކަމުގައި އެއްވެސް މާނައެއް ނެތް. ނަމަވެސް ކޮންމެވެސް އަސްލު ހަގީގަތެއް ވާނެކަން އަޅުގަނޑަށް ގަބޫލުކުރެވުނު. އެހެންކަމުން، އަޅުގަނޑު ކަލާނގެއަށް ދަންނަވާއިރު، އޭރު ދަންނަވަނީ އަޅުގަނޑަށް އެނގޭ އަމިއްލަ ބަހުން، އެބަހީ އިނގިރޭސި ބަސް. އަޅުގަނޑު ކަލާނގެއަށް ދަންނަވަން، “މިކަމުގައި އަޅުގަނޑަށް އެހީތެރިވެވޮޑިގަންނަވާށި، ނުވަތަ އަޅުގަނޑަށް ކުރެވުނު ކުށަށް މާފުކޮށްދެއްވާށި.” އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އިންސާނީ ފިތުރަތު. އަޅުގަނޑުމެން އެންމެންގެ ކިބައިގައި ވެސް މި އިހުސާސް ލައްވާފައިވޭ. އަދި އަޅުގަނޑު ގުޅެމުންދިޔައީ އެ ފިތުރަތާ.

އިސްލާމްދީނާ ދިމާލަށް ކުރެއްވި ދަތުރު ފެށުނީ ކިހިނެއްތޯ؟

އަޅުގަނޑު މުސްލިމަކަށް ވުމުގެ ކުރިން، ރަހުމަތްތެރިންނާއެކު ހުކުރު ނަމާދަށް މިސްކިތަށް ދިޔައީމު. މިސްކިތަށް ވަދެ، މީހުން ސަފުތަކަށް އެތުރިގެން ތިބި މަންޒަރު ފެނުނު ހަނދާން އަދިވެސް އެބަހުރި. އެ އަމަލުތައް އަޅުގަނޑަށް ފެނުނީ ވަރަށް ތަފާތު ގޮތަކަށް. ހިންދޫ ދީނާ މުޅިން ތަފާތު. ހާއްސަކޮށް ސަޖިދައަށް ދާއިރު، އަތާއި މޫނު ބިމުގައި ޖައްސައި، މުޅިން ބޯލަނބައި ކިޔަމަންތެރިކަން އަދާކުރާ މަންޒަރު. އަޅުގަނޑުގެ ހަޔާތުގައި ދުވަހަކުވެސް އެފަދަ ކަމެއް ކޮށްފައެއް ނުވޭ. ސަބަބަކީ އަޅުގަނޑު ފައްޅިތަކަށާއި ބުދުދީނުގެ ތަންތަނަށް ވެސް ދިޔައީމު. އެތަންތަނުން އަބަދުވެސް ފެންނަނީ ކޮންމެވެސް ތަސްވީރެއް ނުވަތަ ބުދެއް. ނަމަވެސް މިސްކިތަށް އައުމުން، އެއްވެސް އެއްޗެއް ފެންނާކަށް ނެތް. ހުރިހާ ކަމެއްވެސް ވަރަށް ސާދާ. ކުރިމަތީގައި ހުރީ އިމާމު މީހާ ހުންނަ މިންބަރު. ވަރަށް ސާފުތާހިރު، ސާދާ ތަނެއް. އަދި މިތާ ތިޔަ ކުރަނީ ﷲ އަށް އަޅުކަން. އެއްވެސް ބުދެއް ފެންނަން ނެތުމުން އެކަން ތަފާތުވި ނަމަވެސް، އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތާ ދިމާވާ ކަމެއްކަން އިހުސާސްވި. ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބުނު. އެއްވެސް މީހަކު ފައިސާއަކަށް ނޭދޭ. ކަލާނގެއަށް އެއްޗެއް ދޭންޖެހޭނެއޭ އެއްވެސް މީހަކު ނުބުނޭ. އަޅުކަން ގަބޫލުވުމަށްޓަކައި ކާބޯތަކެތި ހަދިޔާކުރާކަށް ނުޖެހޭ. އެއީ ވަރަށް ރީތި ކަމެއް.

އަޅުގަނޑު އަމިއްލައަށް ދީނާ މެދު ހޯދާ ބަލަން ފެށީމު. ފުރަތަމަ ހީކުރީ އެއީ ހަމައެކަނި ޕާކިސްތާނު މީހުންގެ ދީން ކަމަށް. ނަމަވެސް އެކި ނަސްލުތަކުގެ މީހުން، އަރަބިންނާއި، އެފްރިކާ މީހުންނާއި، ތުރުކީ މީހުން ފެންނަން ފެށި. އަޅުގަނޑު ބޮޑުވިއިރު ތުރުކީ ރަހުމަތްތެރިން ތިބި. މުސްލިމުންނަކީ ވަރަށް އެކުވެރި، ދީލަތި އަދި ސާފުތާހިރު ބައެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރީމު. އެމީހުންނަށް އަޅުގަނޑުގެ ހިތުގައި ލޯތްބެއް އުފެދުނު. އިސްލާމްދީނުގައި އޮންނަނީ ކަލާނގެއީ އެއްކައުވަންތަ، މަހްލޫގުންގެ ތެރެއިންވާ ފަރާތެއް ނޫން ކަމާއި، އަދި އެއީ ދާއިމަށް ދެމިވޮޑިގެންވާ ފަރާތެއް ކަމުގެ ސާފު އަގީދާ. ނަމަވެސް ހިންދޫ ދީނުގައި އޮންނަނީ އެތައް ކަލާނގެތަކެއްގެ ހިޔާލު. އެއީ އިސްލާމްދީނާ މުޅިން އިދިކޮޅު ކަމެއް. ނަސާރާ ދީނުގައި ‘ޓްރިނިޓީ’ (ތިންކައުވަންތަކަން) އޮތް ނަމަވެސް، އަޅުގަނޑަށް ފެނުނު ގޮތުގައި ހިންދޫ ދީނުގައި ވެސް އެފަދަ ކަންކަން ހުރޭ. ގަދީމީ ޔޫނާނީ، ފާރިސީ އަދި ބަބިލޯނިއާގެ ފުރާނަވެރި ވާހަކަތަކަށް ބެލުމުން ވެސް މިފަދަ ހިޔާލުތައް ތަކުރާރުވަމުންދާކަން ފާހަގަކުރެވުނު. އެހެންކަމުން އަޅުގަނޑަށް ވިސްނުނީ، މީހުން ކޮންމެ އެއްޗަކަށް އީމާންވި ނަމަވެސް، މުޅި ކާއިނާތަށް ފެތޭ ހަގީގަތެއް އޮންނާނެ ކަން.

މިވެސް ކިޔާލަން:  އައިރިޝް ލަވަކިޔުންތެރިޔާ ޝިނޭޑް އޯކާނާ އިސްލާމް ވެއްޖެ!

ދެން އަޅުގަނޑަށް އިސްލާމްދީނުގެ އަސާސީ އަގީދާ އެނގުނު. އަދި އަޅުގަނޑު ހައިރާންވި. ކަލާނގެއީ އެއްކައުވަންތަ، މަހްލޫގުންގެ ތެރެއިންވާ ފަރާތެއް ނޫންކަން އެނގުމުން، އަޅުގަނޑުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް، އަޅުގަނޑުގެ ބުއްދި ގަބޫލުކުރާ ހަގީގަތާ ދިމާވާ ދީނަކާ ބައްދަލުވި. އޭގެ ފަހުން އަޅުގަނޑަށް ގުރުއާނާއި ސޫރަތުލް އިހްލާސް އެނގުނު. އެ ހަތަރު އާޔަތް ކިޔަވައިލުމުން، އަޅުގަނޑުގެ ސިކުނޑީގައި ބޮތްކެއް ދިއްލުނު ފަދަ އިހުސާސެއް ކުރެވުނު. އެ އާޔަތްތަކުގައި ބުނަނީ، “ކަލޭގެފާނު ވިދާޅުވާށެވެ: އެއީ އެއްކައުވަންތަ ﷲ އެވެ.” އަޅުގަނޑު ހިތަށް އެރި، އާނ، އަޅުގަނޑު އެއްކައުވަންތަ ކަލާނގެއަށް އީމާންވަން. އެކަލާނގެއީ އެންމެހައި ތަކެއްޗަކުން ފުދިވޮޑިގެންވާ، ދާއިމަށް ދެމިވޮޑިގެންވާ ފަރާތް. ކަލާނގެއަކީ އުފައްދާފައިވާ އެއްޗަކަށް ވެގެން ނުވާނެ. އެކަލާނގެއަށް ދަރިއަކު އުފަންވެފައެއް ނުވޭ. އަދި އެކަލާނގެ އެއްވެސް ފަރާތަކަށް އުފަންވެވޮޑިގެންނެއް ނުވޭ. މާނައަކީ އެކަލާނގެ މައިންބަފައިންނެއް ނުވަތަ ދަރިންނެއް ނުތިބޭ. އަޅުގަނޑު މިއައީ ކަލާނގެތަކާއި، ކަލާނގެ ދަރިންނާއި، ދަރިކަނބަލުން ތިބޭ ކަމަށް ގަބޫލުކުރާ މާހައުލަކުން. ނަމަވެސް އިސްލާމްދީނުގައި ﷲ އީ އުފައްދަވާ ފަރާތް. އެކަލާނގެއާ އެއްފަދަ އެއްވެސް ފަރާތެއް ނުވޭ. އެހެންކަމުން ﷲ އާ މެދު ތިބާގެ ހިތަށް އަންނަ ކޮންމެ ސިފަކުރުމަކީ ﷲ އެއް ނޫން. ސަބަބަކީ ﷲ ވަނީ މަހްލޫގުންގެ ސިފަތަކަށްވުރެ މަތިވެރިވެގެން. އަޅުގަނޑު ހިތަށް އެރި، “ޔާ ﷲ!” މިއީ ދަތުރުގެ ފެށުމެއް. މިއީ ބުއްދިއަށް ގަބޫލުކުރެވޭ ހަމައެކަނި ގޮތް.

ދެން އަޅުގަނޑު ދީނީ ފޮތްތަކާއި ގުރުއާން ކިޔަވަން ފެށީމު. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި ހުރިހާ ކަމެއްވެސް ހިނގަމުން ދިޔައީ އެއްވަގުތެއްގަ. އަޅުގަނޑު ދިޔައީ ދީނާ ގާތްވަމުން. މީހުން އަޅުކަން ކުރާ ގޮތާއި، ސަފު ހަދައިގެން ނަމާދުކުރާ މަންޒަރު ބަލަމުން ދިޔައީމު. އެންމެ ފަހުން ކިޔަވައި ނިމުމުން، އަޅުގަނޑު ގޮތެއް ނިންމަން ޖެހުނު. އަޅުގަނޑު ހިތަށް އެރި، މިކަން ނުކޮށްފިނަމަ އަޅުގަނޑު މި އުޅެނީ ދޮގުވެރި ދިރިއުޅުމެއްގަ. އެހެންވެ، އަޅުގަނޑު އިސްލާމްވާން ނިންމައި ރަހުމަތްތެރިން ގާތު ބުނީމު. އެމީހުން ތިބީ ވަރަށް ބޮޑަށް ހައިރާންވެފަ. އަޅުގަނޑަށް އޭރު އަމަލީ ގޮތުން ކުރަންޖެހޭ ކަންކަން އެހާ ރަނގަޅަކަށް ނޭނގޭ. އެކަމަކު މިއީ ހަގީގަތްކަން އެނގޭ.

ޝަހާދަތް ކިޔައި، އިސްލާމްވި ދުވަހު ކުރެވުނު އިހުސާސް ކިޔައިދެވިދާނެތޯ؟

އެ ދުވަހުގެ މަތިން ހަނދާންވުމުން އަދިވެސް ވަރަށް ބޮޑަށް ޖެހިލުންވޭ. އަޅުގަނޑު ޝަހާދަތް ކިޔުމުން، ކޮނޑުމަތިން ބޮޑު ބުރައެއް އުނިވީ ފަދަ އިހުސާސެއް ކުރެވުނު. ވަރަށް ލުއިވި ކަމުގެ އިހުސާސެއް. ރަހުމަތްތެރިން އަޅުގަނޑުގެ ގައިގައި ބައްދާލި. އެއީ ވަރަށް އަސަރުގަދަ ވަގުތުކޮޅެއް. ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނު.

މައިންބަފައިންގެ ރައްދު ހުރީ ކިހިނެއްތޯ؟

އިސްލާމްވުމުގެ ކުރިން ވެސް އެއީ އަޅުގަނޑު ވިސްނި ކަމެއް. ނަމަވެސް ދޮގު ދިރިއުޅުމެއްގައި އުޅެން ބޭނުން ނުވާތީ، މައިންބަފައިން ގާތު ބުނީމު. އެމީހުން ތިބީ ވަރަށް ދެރަވެފަ. މަންމަ ހުރީ ވަރަށް ރުޅިގަދަވެފަ. ބައްޕައަށް ވިސްނައެއް ނުދެވުނު. ސަބަބަކީ އާއިލާގެ ތެރޭގައި ތަފާތު މީހެއްގެ ގޮތުގައި އަޅުގަނޑު ބެލެވެން ފެށުން. ހިންދޫ މުޖުތަމައަކީ ކުޑަ މުޖުތަމައަކަށް ވުމުން، މި ޚަބަރު ވަރަށް އަވަހަށް ފެތުރިގެން ދިޔަ. އެހެންކަމުން، ގުދުރަތީ ގޮތުން މައިންބަފައިންނަށް އޭގެ އަސަރުކުރި. “ތިމާގެ ދަރިފުޅު ދީނުގެ ދުޝްމަނަކަށް ނުވަތަ މުސްލިމަކަށް ވާން ދޫކޮށްލީ ކިހިނެއް ހެއްޔޭ؟” ބުނެ މީހުން ސުވާލުކުރާނެތީ. އަޅުގަނޑު ދަތުރު ކުރިއަށް ގެންދިޔައީމު. އަދި އަހަރުތަކެއް ފާއިތުވެދިޔައިރު، ޝަހާދަތް ކިޔައިގެން ހުރި ނަމަވެސް، ކޮންމެވެސް ކަމެއް އުނިވާކަމުގެ އިހުސާސް އަޅުގަނޑަށް ކުރެވެމުންދިޔަ. އޭރު އަޅުގަނޑު ފަސްވަގުތު ނަމާދެއް ނުކުރަން. ނަމަވެސް، ﷲ އަޅުގަނޑަށް ނިޝާނެއް ދެއްކެވި. އެއީ ވަރަށް އާދަޔާޚިލާފު ކަމެއް. އެކަމާ މެދު ވިސްނާލުމުން ވެސް އަޅުގަނޑަށް އަސަރުކުރޭ. ސަބަބަކީ އަލަށް އިސްލާމްވާ މީހަކީ އެކަނިވެރި މީހެއް. މަޢާފްކުރައްވާ، އަޅުގަނޑު ރޯން ބޭނުމެއް ނޫން.

އެއީ 2008 ނުވަތަ 2009 ހާ ތަން. އަޅުގަނޑު ދީނީ ވީޑިއޯތައް ބަލައި، އިތުރު މައުލޫމާތު ހޯދަން ފެށީމު. ދެން ﷲ ވަރަށް ބޮޑު ނިޝާނެއް ދެއްކެވި. އަޅުގަނޑަށްވުރެ 10 އަހަރު ހަގު އަންހެން ކޮއްކޮއަކީ އޭރު ހިންދޫ ދީނުގެ ކަންކަން ވަރަށް ބަރާބަރަށް ކުރާ ކުއްޖެއް. އެއްދުވަހަކު އޭނާ ބުނި، “ރަހުމަތްތެރިން އަހަންނަށް އިސްލާމްދީނާ ބެހޭ ޕްރޮގްރާމަކަށް ދައުވަތު ދީފި.” އަޅުގަނޑު ބުނީމު، “އެންމެ ރަނގަޅު، އަޅެ ގޮސްލަބަލަ.” އެމީހުން އެ ޕްރޮގްރާމް ހިންގަނީ ހުކުރު ދުވަހު ހިލޭ ސެޝަނެއް ބޭއްވުމަށްފަހު، ހޮނިހިރު އަދި އާދީއްތަ ދުވަހު ބޮޑު ހޮޓަލެއްގަ.

އަޅުގަނޑު އެތަނަށް ދިޔައިރު ހުރީ ވަރަށް ބޮޑަށް ހައިރާންވެފަ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ކަމެއް ނުދެކެން. އެތަނުގައި ހުރި ޝެއިޚް ގުރުއާނުގެ އާޔަތްތައް ކިޔަވަމުން ދިޔައިރު، އަޅުގަނޑުގެ ހަށިގަނޑާއި ކަށިތަކަށް ދާންދެން ތުރުތުރުލައިގެން ދިޔަ. މީގެ ކުރިން ދުވަހަކުވެސް އެފަދަ އަސަރެއް ނުކުރޭ. އަޅުގަނޑު ހިތަށް އެރި، “ބަލާބަލަ، ދީނަކީ މިއީ.” ހުކުރު ދުވަސް ނިމުނުއިރު އަޅުގަނޑު ހުރީ ވަރަށް އުފަލުން. އެތައް ސަތޭކަ ބަޔަކު އެތަނަށް އައި. އަޅުގަނޑު އެ ޕްރޮގްރާމަކު ރަޖިސްޓްރީއެއް ނުކުރަމު. އެކަމަކު ކޮއްކޮ ރަޖިސްޓްރީ ކުރި. އަޅުގަނޑު ކޮއްކޮ ގާތު ބުނީމު، “ކޮންމެ ސުވާލެއް އޮތަސް ޝެއިޚާ ކުރާތި، އެއްވެސް ކަމަކާ ބިރުނުގަންނާތި.”

މިވެސް ކިޔާލަން:  "ތީ މީގެ ފަހުން މަގޭ ދަރިއެއް ނޫން" - ޖަޕާނު އިމާމެއްގެ ބައްޕަ

ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތު ކޮއްކޮ އަޅުގަނޑަށް މެސެޖެއް ކުރި. އޭނާ ބުނި، “އަހަރެން ސުވާލުތައް ކުރީމު. އަދި އަހަރެން ގޮތެއް ނިންމައިފީމު. އަހަރެން ޝަހާދަތް ކިޔައިފީމު.” ކުއްލިއަކަށް މިވީ ކިހިނެއް؟ ޝެއިޚް ކިޔައިދިން ގޮތުގައި، އޭނާ އެތަނުގައި ތިބި މީހުންނާ މުޚާތަބު ކުރަމުން ދިޔައިރު، ބުރުގާ ނާޅާ ހުރި އަންހެން ކުއްޖަކު ސުވާލުކުރާކަން ފާހަގަވި. އެއީ މުސްލިމް ނޫން ކުއްޖެއްކަން އެނގުމުން، ޝެއިޚް ވަރަށް ވިސްނުންތެރިކަމާއެކު އޭނާއާ ސުވާލުކުރި. އަދި ބުނި، “މި ހުރިހާ ކަމެއް ބުއްދިއަށް ގަބޫލުކުރެވޭނަމަ، އިސްލާމްވުމަށް ހުރަހަކީ ކޮބާ؟” ކޮއްކޮގެ އަތުގައި އެ ސުވާލަށް ދޭނެ ޖަވާބެއް ނެތް. އެހެންކަމުން ހުރިހާ އަންހެން ބޭފުޅުންގެ ކުރިމަތީގައި އޭނާ ޝަހާދަތް ކިޔައި އިސްލާމްވީ.

އަޅުގަނޑު އެންމެ ހައިރާންވީ، އިސްލާމްވުމަށްފަހު އޭނާ ވަގުތުން ބުރުގާ އަޅައި، އަބާޔާ ލާން ފެށުމުން. އޭނާއަކީ ޓީޗަރެއް. ސްކޫލަށް ދިޔުމުން ކުދިން ސުވާލުކުރި، “މިސްއަށް ކިހިނެއްވީ؟ އެއްވެސް މީހަކު މަޖުބޫރުކުރީތަ؟” އޭނާ ބުނި، “ނޫން، މިއީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް.” މިއީ އަޅުގަނޑު ﷲ ގެ ކިބައިން އެދެމުންދިޔަ ދުއާގެ އިޖާބަ. ކޮއްކޮ އިސްލާމްވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އޭނާ ވަގުތުން ދީނުގެ ކަންކަމަށް އަމަލުކުރަން ފެށި.

އެ އަހަރުގެ ޑިސެމްބަރު މަހު، އާ މުސްލިމުންނަށް ބާއްވާ ކޭމްޕަކަށް ދިޔުމަށް ކޮއްކޮ ދައުވަތު ދިން. އަޅުގަނޑު އެތަނަށް ދިޔައީމު. އެތަނުން ތަފާތު ދީންތަކުން އިސްލާމްވި މީހުންނާ ބައްދަލުވި. ސިކު ދީނާއި، ނަސާރާ ދީނާއި، ބުދު ދީނުގެ މީހުން މީގެ ތެރޭގައި ހިމެނޭ. އެއީ ﷲ އަޅުގަނޑަށް މަގުދެއްކެވި ގޮތް. އެއީ އެ ވަގުތު އަޅުގަނޑަށް އެންމެ ބޭނުންވި ކަންތައް.

އިޖާބަވާނެ އެއް ދުއާ ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ، އެދޭނީ ކޮން ކަމަކަށްތޯ؟

ޝައްކެއްވެސް ނެތް ގޮތުގައި، އަލަށް އިސްލާމްވާ ކޮންމެ މީހަކުވެސް ދޭނީ އެއް ޖަވާބެއް. އެއީ މައިންބަފައިންނަށް ހިދާޔަތް ދެއްވުމަށް. ތިމާ ބޮޑުކުރި މައިންބަފައިންނަށް ހިދާޔަތް ނުލިބި އޮތުމަކީ އެންމެ ބޮޑު ހިތާމަ.

ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތުން އެންމެ އަސަރުކުރަނީ ކޮން ކަމަކުންތޯ؟

ރަސޫލާ ﷺ ދިރިއުޅުއްވީ ބުދުތަކުން ފުރިފައިވާ މުޖުތަމައެއްގަ. ކައުބަތުﷲގެ ތެރޭގައި 360 ބުދު ހުރި. އެކަލޭގެފާނު ވަޑައިގަތީ އެތަން ތާހިރުކުރެއްވުމަށް. އެއްކައުވަންތަކަމުގެ މެސެޖާއެކުގަ. އަޅުގަނޑުގެ ހަޔާތުގެ ވާހަކައާ އެކަލޭގެފާނުގެ މަސައްކަތްޕުޅާ ވަރަށް ބޮޑަށް ގުޅޭ. ބުދުތަކާއި ޝިރުކުން އެ ސަރަހައްދު ސާފުކުރެއްވި ގޮތަކީ އަޅުގަނޑު ވަރަށް ލޯބިވާ ވާހަކައެއް.

ހިންދޫ ދީނުގެ އަސާސީ ގަބޫލުކުރުންތަކަކީ ކޮބައިތޯ؟

ހިންދޫ ދީނަކީ އެތައް ކަލާނގެތަކަކަށް އީމާންވާ ދީނެއް. އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އޮޅުން އަރާ. އަޅުކަން ކުރަންވީ ކޮން ކަލާނގެއަކަށްބާ؟ އެތައް ކަލާނގެތަކެއް ތިބޭނަމަ، ކާއިނާތުގެ ކަންކަން ތަރުތީބުން ހިނގާނީ ކިހިނެއް؟ ދެން އޮންނަނީ ‘ރީއިންކާނޭޝަން’ ނުވަތަ އަލުން ދުނިޔެއަށް އުފަންވުމުގެ ގަބޫލުކުރުން. ތިބާ ކުރާ ރަނގަޅު ކަންކަމުގެ ސަބަބުން މަތީ ދަރަޖައެއްގައި އުފަންވެދާނެ. ނުބައިކޮށް އުޅެފިނަމަ، ދަށް ދަރަޖައެއްގެ މަޚްލޫގަކަށް، މިސާލަކަށް ކުރައްޕަކަށް ވެގެން އުފަންވެދާނެ.

މި ގަބޫލުކުރުމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު އިހާނެތިކޮށް ހިތުމުގެ ފުރުސަތު އޮވޭ. ސަބަބަކީ އެމީހުން ގަބޫލުކުރާ ގޮތުގައި އެއީ ކުރީގެ ދިރިއުޅުމުގައި ކުރި ނުބައި ކަންކަމުގެ އަދަބެއް. މީގެ އިތުރުން ‘ކާސްޓް ސިސްޓަމް’ ނުވަތަ ފަންތިތަކަށް ބެހުމުގެ ސަބަބުން ވަރަށް ބޮޑަށް ބާކީކުރުން އޮވޭ.

އަނެއް ކަމަކީ ކަލާނގެ އިންސާނުންގެ ސިފައިގައި ސިފަކުރުން. މިސާލަކަށް ‘ގަނޭޝާ’. އޭނާގެ ހަށިގަނޑު އިންސާނެއްގެ ސިފައިގައި ހުންނައިރު، ބޯ ހުންނަނީ އެތެއްގެ ސިފައިގަ. އޭގެ ފަހަތުގައި އޮންނަނީ ކަލާނގެ އާއިލާގެ ތެރޭގައި ހިނގި ކަމަށް ބުނާ މާރާމާރީއެއްގެ ވާހަކައެއް. ބޮޑުވަމުން އައިއިރު މި ހުރިހާ ވާހަކަތަކަކީ އަޅުގަނޑުގެ ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަތަކަކަށް ނުވި. ކަލާނގެއަކީ އިންސާނެއްގެ ސިފައިގައި ބިމަށް އަންނަންޖެހޭ ފަރާތެއް ނޫންކަމާއި، ކަލާނގެއީ އެންމެހައި ތަކެއްޗަށްވުރެ މަތިވެރި ފަރާތެއްކަން އަޅުގަނޑަށް ވިސްނުނޭ.

ދެވަނަ ކަމަކީ، އިންސާނީ ސިފަތަކުގައި އިލާހަކު ފާޅުވުމާއި، މަޚްލޫޤުންގެ ތެރޭގައި ކަލަކު ވޮޑިގެންވާކަމަށް ދެކޭ ފަލްސަފާއެވެ. މިކަމާ މެދު ފުންކޮށް ވިސްނާލާއިރު، މޭޒެއް ފަދަ ފަރުނީޗަރެއް އުފައްދާ ވަޑާމުގެ މަސައްކަތްކުރާ މީހެއްގެ މިސާލަށް ބަލާލަމާ. އެ ތަކެތި ފަރުމާކޮށް، އެއަށް ބޭނުންވާ ގޮތްތައް ކަނޑައަޅާ ފަރާތަކީ އޭނާ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top