ޓިކްޓޮކްގައި ޒުވާން އަންހެނަކު ދާދި ފަހުން ޝިފާ ލިބުމުގެ މަރުހަލާ ސިފަކޮށްދީފައިވާ ގޮތް އެތައް ހާސް ބަޔަކަށް ކަމުދިޔައެވެ. އޭނާ ބުނެފައިވެއެވެ.
“ޝިފާ ލިބުމަކީ ބިރުގަނެފައިވާ އަދި ރައްކާތެރިކަމަށް އެދޭ ކުޑަކުއްޖާގެ އިޙުސާސްތަކާއި، ރުޅިއައިސްފައިވާ އަދި އިންސާފަށް އެދޭ ފުރާވަރުގެ ކުއްޖާގެ އިޙުސާސްތަކާއި، ވަރުބަލިވެފައިވާ އަދި ހިތްހަމަޖެހުމަށް އެދޭ މިހާރުގެ އަމިއްލަ ނަފްސާ ދެމެދު ކުރެވޭ މެދުނުކެނޑޭ ހަނގުރާމައެކެވެ.”
ޝިފާ ލިބުމުގެ މަރުހަލާއަކީ އޮޅުންބޮޅުން ބޮޑު ކަމެއްގެ ގޮތުގައި އިޙުސާސްކުރެވެނީ މި ސަބަބަށްޓަކައި ކަމަށް ވެދާނެއެވެ.
ތިމާއަށް މިހާރު ރަނގަޅުވަމުންދާ ކަމަށް ޤަބޫލުކުރެވިފައި ވަނިކޮށް، ވަރަށް ކުޑަ ކަމެއް ދިމާވުމުން ވެސް ކުއްލިއަކަށް ކުރިއަށްވުރެ ބޮޑަށް ބިރުގަނެ ނުވަތަ ރުޅިއައިސް، މާ ކުރީގެ ދުވަސްތަކަކަށް އެނބުރި ދެވުނުކަމުގެ އިޙުސާސް ކުރެވިދާނެއެވެ. އެއީ ތިމާ ފަހަތަށް ޖެހުނީ ކަމަށް ހީވެދާނެއެވެ. ނަމަވެސް ޝިފާ ލިބުމަކީ އަބަދުވެސް ސީދާ ރާސްތާއެއްގައި ކުރިއަށްދާ ކަމެއް ނޫނެވެ.
“ކުޑަކުއްޖާގެ ސޫރަ” އަކީ ދުނިޔޭގައި ކަންކަން ހިނގާގޮތް ދެނެގަތުމަށް ބޭނުންވާ ބަސްމަގާއި ހުނަރު ލިބުމުގެ ކުރިން، ދުނިޔެއާމެދު ތަޖުރިބާކުރި ބައެވެ. އެ ކުއްޖާ ދަސްކޮށްފައިވަނީ އަބަދުވެސް ސަމާލުވެ ހުރުމަށާއި، ގޮތްނޭނގޭ ކަންކަމަށް ބިރުގަތުމަށެވެ. ނުވަތަ ލޯތްބާއި ރައްކާތެރިކަމަކީ އެއްވެސް އިންޒާރެއް ނެތި ގެއްލިދާނެ އެއްޗެއް ކަމަށް ޤަބޫލުކުރުމަށެވެ. އެ ކުއްޖާ އަދިވެސް އެދެނީ އެންމެ ކަމަކަށެވެ. ރައްކާތެރިކަމަށެވެ.
ދެން އޮތީ “ފުރާވަރުގެ ކުއްޖާގެ ސޫރަ” އެވެ. އެއީ ކަންކަމަކީ ބޭއިންސާފުން ހިނގާފައިވާ ކަންކަންކަން ދެނެގަނެވޭ ވަރަށް ބޮޑުވެފައިވާ، ނަމަވެސް އެކަންކަން ބަދަލުކުރުމުގެ ބާރު ނެތް އުމުރެވެ. ކުރިން ހުރި ބިރުވެރިކަން ރުޅިވެރިކަމަށް ބަދަލުވެ، އެ ރުޅިވެރިކަން ބޭރުކޮށްލާނެ ރައްކާތެރި މާހައުލެއް ނެތުމުން، އެ އިޙުސާސްތައް ހިތުގެ އަޑީގައި ވަޅުލެވިފައި އޮވެދާނެއެވެ. އޭނާ ބޭނުންވަނީ އިންސާފާއި، ކަންކަން ބަލައިގަތުމާއި، އަދި “އެއީ ރަނގަޅަށް ހިނގި ކަމެއް ނޫން” ކަމަށް މީހަކު ބުނުމަށެވެ.
އަދި އޭގެ ފަހުން އޮތީ “ބޮޑުވެފައިވާ މީހާގެ ސޫރަ” އެވެ. އޭނާ ވަނީ އެ ހުރިހާ ކަމަކުން ސަލާމަތްވެފައެވެ. އޭނާ ވަނީ ކަންކަން ދަސްކޮށްފައެވެ. ފޮތްތައް ކިޔައި، ފަންނީ އެހީތެރިކަން ހޯދައި، ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައަޅައި، އުނދަގޫ ވާހަކަތައް ދައްކައި، ދިރިއުޅުމުގެ ބައިތައް އަލުން ބިނާކޮށްފައެވެ. ނަމަވެސް އޭނާ ހުރީ ވަރުބަލިވެފައެވެ. އޭނާ ވަރުބަލިވެފައިވަނީ ޝިފާ ހޯދުމުގެ މަސައްކަތަކުން ނޫނެވެ. އޭނާ ވަރުބަލިވަނީ ޝިފާ ލިބުމަކީ ވަގުތު ނަގާ ކަމެއްކަން އިޙުސާސް ކުރެވޭތީއެވެ.
މި ތިން ސޫރަ އެދެނީ މުޅިން ތަފާތު ތިން ކަމަކަށެވެ. ކުޑަކުއްޖާ އެދެނީ ރައްކާތެރިކަމަށެވެ. ފުރާވަރުގެ ކުއްޖާ އެދެނީ އިންސާފަށެވެ. އަދި ބޮޑުވެފައިވާ މީހާ އެދެނީ ހިތްހަމަޖެހުމަށެވެ.
އެހެންނަމަވެސް، މި ތިން ބަޔަކީ ވެސް އެއް އިންސާނެއްގެ ބައިތަކެވެ. ޝިފާ ލިބުމަކީ އެއް ބައެއްގެ އަޑު ކަނޑުވާލައިގެން އަނެއް ބަޔަކަށް ހިތްހަމަޖެހުން ހޯދައިދިނުމެއް ނޫނެވެ. އެއީ ބޮޑުވެފައިވާ މީހާގެ ސޫރައަށް އިސްކަންދޭ ހާލު، ކޮންމެ ބައެއްގެ އަޑުވެސް އޯގާތެރިކަމާއެކު އަޑުއަހަން ދަސްކުރުމެވެ.
ވީމާ، ކުރީގެ ޒަޚަމެއްގެ ތަދު އަލުން އިޙުސާސްވާން ފެށުމަކީ ތިމާ ނާކާމިޔާބުވީ ނުވަތަ ފަހަތަށް ޖެހުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ މާނައަކީ ތިމާގެ ނަފްސުގެ ކޮންމެވެސް ބަޔަކަށް އަދިވެސް އަޅާލުމާއި އޯގާތެރިކަން ބޭނުންވަނީއެވެ. ޝިފާ ލިބުމަށް ވަގުތު ނަގާތީ، ތިމާއަށް ކުރެވެނީ ނުބައިކޮށް ކަމަށް ހީނުކުރާށެވެ. ތިމާ ތިޔަ ކުރަނީ ނުހަނު އުނދަގޫ ކަމެކެވެ. އެއީ މާޒީގައި ބޭނުންވި އަޅާލުން މިއަދު އަމިއްލަ ނަފްސަށް ދެމުން، ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މުސްތަޤުބަލެއް ބިނާކުރުމެވެ.
އަދި ބައެއް ފަހަރު ޝިފާ ލިބުމުގެ މަރުހަލާއަކީ މިއީއެވެ. އެއީ އެއްވެސް އަނިޔާއެއް ލިބިފައިނުވާ މީހަކަށް ބަދަލުވުމެއް ނޫނެވެ. އެއީ އަނިޔާ ލިބިފައިވީ ނަމަވެސް، ދެން ދުވަހަކުވެސް އަމިއްލަ ނަފްސު ދޫކޮށްނުލާނެ މީހަކަށް ބަދަލުވުމެވެ.
