މެޑިކަލް ޑްރާމާ ސީރީޒް ‘ހާޓްބީޓްސް’ގެ ދެވަނަ ސީޒަނުގައި އެކްޓަރު ޝިވާންގީ ޖޯޝީ އޭނާގެ ރޯލުން އަލުން ފެނިގެންދާނެއެވެ. ޖުމްލަ 20 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީޒަކީ ތަންމާއި ރަސްތޯގީ ޑައިރެކްޓްކޮށް، އަމޯގް ރަނަދިވޭ އާއި ގަރީމާ ކުންޒްރޫ ލިޔެފައިވާ، ރަސްކް މީޑިއާގެ އުފެއްދުމެކެވެ. މި ސީރީޒްގެ ތަރިންގެ ތެރޭގައި ހަރްޝް ބެނިވާލް، ރޯހަން ގުރުބަކްސާނީ، ޔުވްރާޖް ދުއާ، ނަގިއާ ހާޒީ، އަންކިތު ސިވަޗް އަދި އަދިތީ ޝަރްމާ ހިމެނެއެވެ.
ހޯމަ ދުވަހު އާންމުކުރި ޓްރެއިލާ ފެށިގެންދަނީ ޑރ. އަކްޝަތު (ހަރްޝް ބެނިވާލް) އާއި ޑރ. ސާންޖް (ޝިވާންގީ ޖޯޝީ) ގެ މެދުގައި ހުރި ހައްލުނުވާ މައްސަލަތަކާއި އޭގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުންނެވެ. މި ޓްރެއިލާއިން ‘ވެރިޑިއަން ހޮސްޕިޓަލް’ ތެރޭގައި ހިނގާ ތަފާތު ހާދިސާތަކާއި ކުރިމަތިވާ ގޮންޖެހުންތައް ފެނިގެންދެއެވެ. ޒުވާން ޑޮކްޓަރުން އެމީހުންގެ ކެރިއަރު ބިނާކުރަމުން ދަނިކޮށް، މެޑިކަލް ސްކޭމެއްގެ ސަބަބުން އެމީހުންގެ މުސްތަގުބަލާ ގުޅިފައިވާ އެ މުއައްސަސާގެ އަނދިރި ފަރާތްތަކެއް ހާމަވެގެންދެއެވެ. މި ސީޒަނުގައި ކާމިޔާބީއަށް ކުރާ އުއްމީދާއި، ވަފާތެރިކަމާއި، ލޯތްބާއި ޖަޒުބާތީ ކަންތައްތަކުގެ އިތުރުން ދިރިހުރުމާ ގުޅިފައިވާ ނުރައްކާތެރި ހާދިސާތައް ފެނިގެންދާނެކަން ޓްރެއިލާއިން ހާމަވެއެވެ.
ޕްރައިމް ވީޑިއޯ އިންޑިއާގެ އޭ.ވީ.އޯ.ޑީ ކޮންޓެންޓްގެ ހެޑް އަދި ޑައިރެކްޓަރު އަމޯގް ރަނަދިވޭ ބުނީ، ޕްރައިމް ވީޑިއޯގެ އަމާޒަކީ ބެލުންތެރިންނަށް ތަފާތު އަދި މުނިފޫހިފިލުވައިދޭނެ ފަދަ ވާހަކަތަކެއް ގެނެސްދިނުން ކަމަށެވެ.
“ހާޓްބީޓްސް އަކީ އަބަދުވެސް ހޮސްޕިޓަލުގެ މަސައްކަތްތަކުގެ އިތުރުން އެ މަސައްކަތްތަކުގެ ފަހަތުގައިވާ އިންސާނީ ދިރިއުޅުމާއި، ޖަޒުބާތުތަކާއި، ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ސީރީޒެއް. ދެވަނަ ސީޒަނާއެކު، ކުރީގެ ކެރެކްޓާތަކަށް އަންނަ ބަދަލުތަކާއި އާ ކަންތައްތަކާއެކު މި ސީރީޒް އިތުރަށް ފުރިހަމަވެގެންދާނެ،” އޭނާ ބުންޏެވެ.
ޑރ. އަކްޝަތުގެ ރޯލާ ގުޅޭގޮތުން ހަރްޝް ބެނިވާލް ބުނީ، އަކްޝަތަކީ އަބަދުވެސް އޭނާގެ އިހުސާސްތަކަށް އިސްކަންދޭ މީހެއް ކަމަށާއި، ނަމަވެސް މި ސީޒަނުގައި އެކަން ވަރަށް ބޮޑަށް އިމްތިހާނު ކުރެވިގެންދާނެ ކަމަށެވެ.
“މިފަހަރު އޭނާގެ ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްތަކެއް ވަނީ ނުރައްކަލުގެ ތެރޭގައި. އަހަރެން އެންމެ ބޮޑަށް ބޭނުންވީ ބޭރުފުށުން ނުފެންނަ، އެކަމަކު ހިތުގެ ތެރޭގައި ހިނގާ ހަމަހިމޭން ހަނގުރާމަތައް ދައްކައިދޭން. މިއީ ހަމައެކަނި އޭނާއަށް ދިމާވާ ކަންތައްތަކެއް ނޫން، އެކަމަކު އެ ތަޖުރިބާތަކުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށާއި، އޭނާ ލޯބިވާ މީހުންނަށް ކުރާ އަސަރުތައް ވެސް ފެނިގެންދާނެ،” އޭނާ ކިޔައިދިނެވެ.
ޑރ. ސާންޖްގެ ރޯލުން އެނބުރި އައުމާ ގުޅޭގޮތުން ޝިވާންގީ ޖޯޝީ ބުނީ، ސާންޖްގެ ކެރެކްޓާގައި އޭނާ އެންމެ ގަޔާވަނީ އެއީ ހަމައެކަނި އެންމެ ނިންމުމެއްގެ ނުވަތަ ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ރޯލަކަށް ނުވާތީ ކަމަށެވެ.
“މި ސީޒަނުގައި ފެނިގެންދާނީ އޭނާގެ ވަށައިގެންވާ ކަންތައްތައް އުނދަގޫވި ނަމަވެސް، އޭނާގެ އަމިއްލަ ނިންމުންތަކަށް އޮންނަ އިތުބާރު ބޮޑުވެގެންދާ ތަން. މީގައި ގިނަ ޖަޒުބާތުތަކާއި، ލޯތްބާއި، ޑްރާމާ ހިމެނޭނެ. އަދި އަމިއްލަ ނިންމުންތަކުގައި ސާބިތުވެ ހުންނަން ދަސްވާނެ. ޕްރައިމް ވީޑިއޯއިން ބެލުންތެރިން މި ސީޒަން ބަލާލާނެ ވަގުތަކަށް ކެތްމަދުވެފައި މިހުރީ،”ޝިވާންގީ ބުންޏެވެ.
