ރާއްޖޭގެ ފިލްމީ ދާއިރާގެ ކްއީންގެ ގޮތުގައި މަޝްހޫރުވެފައިވާ އެންމެ ހުނަރުވެރި އެކްޓްރެސް ނިޢުމާ މުޙައްމަދު ލީޑް ރޯލުން ފެނިގެންދާ ފިލްމު “ޕާޓީ”ގެ ޝޫޓިން އެއްކޮށް ނިންމާލާފައި ވާކަން ފިލްމުގެ ޓީމުން ހާމަކޮށްފިއެވެ.
އައިފިލްމްސް އިން ގެނެސްދޭ ފިލްމު “ޕާޓީ”ގެ ޝޫޓިން އެއްކޮށް ނިންމާލާފައިވާކަން ހާމަކޮށްފައިވަނީ ފިލްމުގެ ލީޑުން ފިލްމީ ދާއިރާއާއަށް ‘ކަމް ބެކެއް ހަދާ’ ނިޢުމާ މުޙައްމަދުގެ ބޮޑު ސުވާލެއް ކުރިމަތިކުރުވާ މި ފިލްމުގެ މުހިންމު މަންޒަރަކާ އެކުގައެވެ.
“އެރޭ ޕާޓީގަ މަގޭ ދަރިއަށް ކިހިނެއްހޭ ވީ؟” ނިޢުމާ މުޙައްމަދު
ނުހަނު އަސަރާ ރުޅިވެރިކަމާއެކު ކުރިމަތިކުރުވާ މި ސުވާލުން، މި ފިލްމުގައި ގެނެސްދޭ ‘ނުދައްކާ ވާހަކަ’ އަކީ ކޮން ކަމެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއްކަން އަންދާޒާކޮށްލެވެއެވެ.
View this post on Instagram
ފިލްމު “ޕާޓީ” ލިޔެ ޑައިރެކްޓްކުރާ ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) މުނިއަވަސްއާ މަޢުލޫމާތު ހިއްސާކުރަމުން ބުނީ ފިލްމުގެ ހުރިހާ މަންޒަރުތަކަކާއި ލަވަތަކުގެ ޝޫޓިންވެސް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
“ފިލްމު އެއްކޮށް ޝޫޓްކޮށް ނިމިއްޖެ. ލަވަތައްވެސް ޝޫޓްކޮށް ނިމިއްޖެ. ނުނިމި އޮތީ ޕްރޮމޯޝަނަލް ލަވަ އެކަނި.” އިލްޔާސް ވަހީދު ބުންޏެވެ.
“ޕާޓީ” ލިޔެ ޑައިރެކްޓްކުރަނީ ކާމިޔާބު ފިލްމުތަކެއް ދިވެހި ސިނަމާއަށް ގެނެސްދީފައިވާ ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އެވެ. އައިފިލްމްސް އިން ބުނާ ގޮތުގައި މި ފިލްމަކީ ދިވެހި މުޖުތަމައުގައި ހުރި، ނަމަވެސް އާންމުކޮށް ދައްކަން ޖެހިލުންވާ ނުވަތަ “ނުދައްކާ” ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ދިވެހި މުޖުތަމައުގެ ތެރޭގައި ހިނގާ ތަފާތު ކަންކަމުން އިންސްޕަޔާވެގެން އިއްލެ ތައްޔާރުކުރާ މި ފިލްމަކީ ބެލުންތެރިން ސިއްސުވާލާނެ ފަދަ މޮޅު ވާހަކައަކަށް ވާނެ ކަމަށް އުފެއްދުންތެރިން ގަބޫލުކުރެއެވެ.
އައިފިލްމްސް އިން މީގެ ކުރިން ގެނެސްދީފައިވާ “ބަވަތި” އަދި “ނީނާ” ފަދަ ފިލްމުތަކެކޭ އެއްފަދައިން، “ޕާޓީ” އަކީ ވެސް ފަންނީ ގޮތުން މަތީ ފެންވަރެއްގެ މަސައްކަތްތަކެއް ފެނިގެންދާނެ ފިލްމެއްކަމުގެ ޔަގީންކަން އެ ޓީމުން ދެއެވެ.
